"ޕާކިސްތާނުގެ މަންދޫބު އިސްރާއީލުގެ އަމަލުތަކަށް ހަރުކަށި އިބާރާތުން ފާޑުވިދާޅުވެ، އިސްރާއީލަކީ އަނިޔާވެރި އެއް ކަމަށާއި، ބޯހަރު އިސްތިއުމާރީ ބައެއް ކަމަށް ވިދާޅުވިއެވެ.

އދ.ގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު އާސިމް އިފްތިޚާރު އަހުމަދު 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ.
ބުރާސްފަތި ދުވަހު ސެކިއުރިޓީ ކައުންސިލްގެ ޖަލްސާއެއްގައި ޕާކިސްތާނުން އދ. އަށް ކަނޑައަޅާފައިވާ މަންދޫބު އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުކިޔައި، އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނުތަކަށް އިންތިހާ އަށް ޚިލާފުވަމުން، އަނިޔާ ލިބޭ ބަޔަކަށް އަމިއްލަ އަށް ހެދިގެން އުޅޭ ކަމަށް ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ މަންދޫބު އިސްރާއީލު ހާޒިރުވެ އިން މި ބައްދަލުވުމުގައި، އިސްރާއީލަކީ، އަނިޔާވެރި އެއް ކަމަށާއި، އިސްތިއުމާރު ކުރާ ބައެއް ކަމަށާއި، އދ ގެ ޗާޓަރާއި، ބައިނަލްއަގްވާމީ ގާނޫނުތަކާއި ތަކުރާރު ކޮށް ޚިލާފުވެފައިވާ، ސެކިއުރިޓީ ކައުންސިލުގެ ގަދަރަށް އުނިކަން ގެންނަ ގައުމެއް ކަމަށް ވިދާޅުވިއެވެ. އަދި އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަނިޔާވެރިއެއް، ހިސޯރު ކުރާ ފަރާތެއް، އދ. ގެ ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވާ ފަރާތެއް - އެއީ އިސްރާއީލް - މި މަޖިލިސް ނަހަމަ ގޮތުގައި ބޭނުންކޮށް، މި ކައުންސިލްގެ ޤަދަރަށް އުނިކަން ގެނައުމަކީ، ގަބޫލު ކުރެވޭނެ ކަމެއް ނޫން،" އެމްބެސެޑަރ އާސިމް އިފްތިޚާރު އަޙްމަދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވ އިސްރާއީލަކީ ބޯހަރު އެއްވެސް ބައެއްގެ ލަފައެއް ގަބޫލު ނުކުރާ ބައެއް ކަމުގައެވެ.
"އެއީ އެއްވެސް ބައެއްގެ ބަހެއް އަޑު ނުއަހާ ބައެއް، އެއްވެސް ރަހުމަތްތެރިއަކު ހުރި ނަމަ އެ ރަހުމަތްތެރިޔާގެ ބަސްވެސް އަހާ ބައެއް ނޫން، އެއްވެސް ބަޔަކު ދޭ އެއްވެސް ލަފައެއް ގަބޫލު ކުރާ ބައެއް ނޫން."
އޭގެ އިތުރުން ޕާކިސްތާނުގެ ސަފީރު ވިދާޅުވީ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މެންބަރުނަށާއި، ބައިނަލްއަޤްވާމީ މީޑިއާ އަށާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކަށާއި... އަދި އދ. އާއި އެ ޖަމްއިއްޔާގެ އިސް އޮފިޝަލުންނަކީ އެއްވެސް ބައެއް ނޫން ކަމަށް ދެކި އެ ފަރާތްތަކަށް ބިރުދައްކާ ބައެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޕާކިސްތާނުގެ މަންދޫބު ވިދާޅުވީ، އިސްރާއީލުން މި ހުރިހާ ކަމެއް ކުރަނީ ފުރިހަމަ ހިމާޔަތް ލިބިގެން ކަމަށާއި، ޤާނޫނާ ޚިލާފު ޢަމަލުތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢު އަށް ދެކޮޅުވެރިކަން ދައްކަނީ އެފަދަ ކުއްތަކުން ތަކުރާރުކޮށް ހިމާޔަތްކޮށްދީ އަދި ދިފާޢުކޮށްދޭ ފަރާތްތަކުގެ ރައްކާތެރިކަމުގައި ކަމަށެވެ.
ޕާކިސްތާނުގެ މަންދޫބު މި މޭރުމުން ވާހަކަފުޅު ދެއްކެވީ އިސްރާއީލުން އދ. އަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ޑެނީ ޑެނޮން، އިސްރާއީލުން ދޯހާ އަށް ދިން ހަމަލާ، 2011 ގައި އެމެރިކާގެ ނޭވީ ސީލްސް އިން ޕާކިސްތާނުގައި ހިންގި ޚާއްޞަ އޮޕަރޭޝަނާ އަޅާކިޔުމާ ގުޅިގެން އެވާހަކަ އަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އެ އޮޕަރޭޝަނުގައި އަލް-ޤާޢިދާގެ ލީޑަރު އުސާމާ ބިން ލާދިން މަރާލެވުނެވެ.
"ބިން ލާދިން ޕާކިސްތާނުގައި މަރާލެވުނު އިރު، ނުކުރި ސުވާލަކީ ކީއްވެގެންތޯ ބޭރު ޤައުމެއްގައި ހުރި ޓެރަރިސްޓަކަށް އަމާޒުކުރީ؟،" ޑެނޮން ސެކިއުރިޓީ ކައުންސިލުގެ ބައްދަލުވުމުގައި ބުނެފައިވެއެވެ.
މި ބަހުސް ހިނގީ އަންގާރަ ދުވަހު އިސްރާއީލުން ދޯހާ އަށް ދިން ހަމަލާއާ ގުޅޭގޮތުން ބޭއްވުނު ކުއްލި ބައްދަލުވުމެއްގައެވެ. އިސްރާއީލުން ބުނާ ގޮތުގައި އެ ހަމަލާ އަމާޒު ކުރެވުނީ ހަމާސްގެ ލީޑަރުންނަށެވެ. ނަމަވެސް އޭގެ ސަބަބުން އާންމު ރައްޔިތުންނަށް ގެއްލުން ލިބުނެވެ. އިސްރާއީލުގެ މި ހަމަލާ އަރަބި އަދި އިސްލާމީ ދުނިޔޭގެ އިތުރުން ދުނިޔޭގެ އެތައް ގައުމަކުން ވަނީ ކުށްވެރި ކޮށްފައެވެ.
ބައްދަލުވުމުގައި، ކައުންސިލުން އެ ހަމަލާ ކުށްވެރިކޮށް، ގަތަރުގެ ސިޔާދަތަށާއި ޣައްޒާ އާ ގުޅޭ މަޝްވަރާތަކުގައި މެދުވެރިއެއްގެ ގޮތުގައި ގަތަރުން އަދާކުރާ ދައުރަށް ތާއީދު ކުރާކަން ހާމަކުރާ ބަޔާނެއް ފާސްކުރިއެވެ.