ނޭޕާލުގެ އެތައް ހާސް ޒުވާނުން އެ ގައުމުގެ މައި ސިޓީތަކުގެ މަގުތަކަށް، މީސް މީޑިއާ މަނާ ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތައް ނައްތާލުމަށާއި، ސިޔާސީ މީހުންގެ "ނެޕޯ ކިޑްސް" ގެ އަދަދު އިތުރުވަމުން ދާތީ ޖަވާބުދާރީ ވުމަށް ގޮވާލައި މެސެޖުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ވަނީ ނުކުމެފައެވެ. އޭގެ އިތުރުން މަގުތަކަށް ނުކުތް ނޭޕާލުގެ ޒުވާނުން ވަނީ ފުޅާ ދާއިރާއެއްގައި ސަރުކާރުން ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތު ކޮށްފައެވެ.
ނޭޕާލް ސަރުކާރުން ފޭސްބުކް އަދި އެހެނިހެން މުހިންމު މީސްމީޑިއާގެ ޕްލެޓްފޯމްތައް މަނާ ކުރުމަށް އެޅި ފިޔަވަޅުތަކާ މެދު ރުޅިއައިސްގެން ފެށި މި ހަރަކާތް ބަދަލު ވެގެން ދިޔައީ މުޅި ޤައުމަށް ފެތުރުނު ޒުވާނުންގެ ވަރުގަދަ އިހުތިޖާޖަކަށެވެ. މިހާތަނަށް މި ހަރަކާތުގައި މަދުވެގެން 19 މީހުން މަަރުވެ، ސަތޭކަ އަކަށްވުރެ ގިނަ މީހުންނަށް އަނިޔާވެ، އަދި ހަމަޖެހުން އިއާދަ ކުރުމަށް ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވިއެވެ.
ނޭޕާލުގެ މީޑިއާ އިން ސިފަ ކުރާ ގޮތުގައި އެ ގައުމަށް ދިމާވެގެން އުޅެނީ ހަަމައެކަނި މީސްމީޑިއާ އާ މަނާ ކުރުމުގެ މައްސަލައެއް ނޫނެވެ. މިއީ ސަރުކާރުގެ ތެރޭގައި އަށަގަނެފައި އޮތް ކަރަޕްޝަނާއި، ސަރުކާރުގެ އިތުބާރު ގެއްލުމާއި، އަދި އަޑު ނުއުފުލައި ތިބުމަށް އިންކާރު ކުރާ ޖީލަކާ ގުޅޭ ގޮތުން ހިނގަމުންދާ ކަންތައްތަކެކެވެ.
މި ހަރަކާތުގެ ފެށުމަކަށްވީ ސަރުކާރުން "މީސް މީޑިއާގެ ނެޓްވަރކްތައް ބޭނުން ކުރުން މޮނިޓަރ ކުރުމުގެ ޑިރެކްޓިވް، 2023" ގެ ދަށުން ސަރުކާރުން ނެރުނު ސިޔާސަތެކެވެ. މި އިރުޝާދުގެ ދަށުން ނޭޕާލުގައި ބޭނުން ކުރާ ގައުމުގެ އެތެރޭގެ އަދި ބޭރުގެ ހުރިހާ ޕްލެޓްފޯމްތަކެއް މުއާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީ ގައި ރަޖިސްޓަރީ ކުރުން ލާޒިމު ކުރިއެވެ.
މެޓާ (ފޭސްބުކް، އިންސްޓަގްރާމް، ވަޓްސްއެޕް)، އަލްފަބެޓް (ޔޫޓިއުބް)، އެކްސް، އަދި އެހެނިހެން ޕްލެޓްފޯމްތައް ރަޖިސްޓަރީ ކުރަން ދިން 7 ދުވަހުގެ ސުންގަޑިއަށް އެ ފަރާތްތަކުން އަޅާނުލުމުން، ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ.
"ލިސްޓު ކުރެވިފައިވާ 5 ޕްލެޓްފޯމާއި ރަޖިސްޓަރީ ކުރުމުގެ މަރުހަލާގައިވާ 2 ޕްލެޓްފޯމް ފިޔަވައި އެހެން ހުރިހާ ޕްލެޓްފޯމްތަކެއް ނޭޕާލް ތެރޭގައި ބޭނުން ނުކުރެވޭގޮތް ހެދޭނެ،" ކަމަށް ސަރުކާރުން ބުންޏެވެ.
ބުރާސްފަތި ދުވަހުގެ ރޭ މެންދަމު، މުއާސަލާތާއި، ވިޔަފާރި އާއި، އަދި ތަޢުލީމަށް މުހިންމު 26 މީސް މީޑިއާ ޕްލެޓްފޯމް ސަރުކާރުގެ ހަރުކަށި ސިޔާސަތުގެ ދަށުން ބަންދު ކުރިއެވެ. ނޭޕާލުގެ ޑިޖިޓަލް ދުނިޔެ އަށް ބަރޯސާވެފައިވާ ޖެން ޒީ އަށް މިކަން މާނަ ކުރެވުނީ ސަރުކާރު މިހާރު ހައްދުފަހަނަ އަޅާ ދިޔައީ ކަމުގައެވެ.
ޖެން ޒީ ގެ ނުތަނަވަސް ކަމަކީ ހަމައެކަނި އިންސްޓަގްރާމްގެ ރީލްސް ގެއްލުމެއް ނޫނެވެ. މިއީ އަހަރުތަކެއް ވަންދެން ހިނގަމުން އައި ކޮރަޕްޝަނާއި، ނެޕޮޓިޒަމާއި، އަދި ނުފުއްދޭ ވަޢުދުތަކާ ގުޅޭ ކަމެކެވެ. މީސް މީޑިއާ މަނާ ކުރުމުގެ ކުރިން އޮންލައިން ގައި ވަރަށް ބޮޑަށް ފެތުރުނު "ނެޕޯ ކިޑް" މޫވްމަންޓުން ހާމަކޮށް ދިނީ ސިޔާސީ މީހުންގެ ދަރިންގެ މުއްސަނދި ދިރިއުޅުމެވެ. އެމީހުންގެ ދަރިން އުފަލުގައި އުޅޭ އިރު، އާންމު ޒުވާނުން އާމްދަނީ ހޯދަން ގައުމު ދޫކޮށް ކުޑަ އުޖޫރަ އަކަށް ބޭރު ޤައުމުތަކަށް ވަޒީފާ އަށް ދާންޖެހޭ ކަމަށް މި މޫވްމަންޓުން ހާމަ ކޮށްދިނެވެ.
"ނެޕޯ ކިޑުން އިންސްޓަގްރާމާއި ޓިކްޓޮކްގައި އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ، އެކަމަކު އެ ފައިސާ އަންނަނީ ކޮންތާކުން ކަމެއް ބުނެއެއް ނުދޭ." މީސް މީޑިއާ މަނާ ކުރުމުގެ ކުރިން ޓިކްޓޮކް ޕޯސްޓެއްގައި ބުނެފައިވެއެވެ.
ޒުވާނުންގެ ހިތުގެ މިފަދަ އުދާސްތައް ބޭރު ކުރަމުން އައި މީސް މީޑިއާގެ ޕްލެޓްފޯމުތައް ކުއްލިއަކަށް ބަންދު ކުރުމުން، ޒުވާނުން މަގުތަކަށް ނުކުތެވެ.
މީސް މީޑިއާ މަނާ ކޮށްފައި އޮތް އިރު ވެސް، މަގުމަތީގެ ހަރަކާތްތައް އިންތިޒާމު ކުރުމުގައި މީސް މީޑިއާގެ ދައުރު އަޖައިބުވާ ފަދަ ގޮތަކަށް ޒުވާނުން ބޭނުން ކުރިއެވެ. ވީޕީއެން ތަކާއި އެންކްރިޕްޓް ކުރެވިފައިވާ އެޕްތައް މެދުވެރިކޮށް މުޒާހަރާތައް ރޭވުނެވެ. އަދި ރެޑިޓް ތްރެޑްތަކުން ޒުވާނުންނަށް "އޮންލައިން ރުޅިވެރިކަމުން ހަޤީޤީ ދުނިޔޭގެ ޢަމަލުތަކަށް ބަދަލުވުމަށް" ގޮވާލިއެވެ.
އެންމެ ފުރަތަމަ ޒުވާނުންގެ ނުތަނަވަސްކަން އުފެއްދި "ނެޕޯ ކިޑް" ކެމްޕޭން މިހާރު ވެސް ދަނީ ފެތުރެމުންނެވެ. މި ކެމްޕޭނުން ސިޔާސީ އާއިލާތަކުގެ މުއްސަނދި ކަމާއި ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ ވަޒީފާ ނެތުމާއި ވަޒީފާ އަށް ބޭރު ގައުމުތަކަށް ދާން މަޖުބޫރުވުމާ އަޅާކިޔާފައެވެ.
އާޚިރުގައި މިކަންކަން ގޮސް ގުޅެނީ ލާމަރުކަޒު ކުރާނޭ ކަމަށް ވެފައިވާ ވައުދުތަކާއި، ފާާގަތިކަމާއި ތަނަވަސްކަން ގެނެސްދޭނެ ކަމަށާއި، އަދި ދެފުއް ފެންނާނެ ވެރިކަމުގެ ނިޒާމެއް ގެންދާނެ ކަމަށް ބުނެ ސިޔާސީ މީހުން ވެފައިވާ ވައުދުތަކެވެ. މިވާހަކަތައް ގޮސް ޖެހެނީ މިފަދަ ވައުދުތަކުގެ ތެރެއިން ބޮޑުވެފައިވާ ޖީލެއްގެ ކަންފަތުގައެވެ - މިހާރު އެމީހުންނަށް ފެންނަނީ މިއީ ނުފުއްދޭނެ ވައުދުތަކުގެ ގޮތުގައެވެ.
ނިއު ބަނޭޝްވަރު ގައި ސުލްޙަވެރި ރެލީއެއްގެ ގޮތުގައި ފެށުނު މުޒާހަރާ މެންދުރުން އިރު ތިރިވިއިރު ގޯސްވެ މުޒާހަރާ ކުރާ ފަރާތްތަކުން ބެރިކޭޑްތައް ފަހަނައަޅައި ގޮސް ޕާލިމެންޓު ސަރަޙައްދަށް ވަދެގަތެވެ. ފުލުހުން ރައްދު ދިނީ ފެން ޖަހައި، ކަރުނަގޭސް ޖަހައި، ރަބަރު ވަޒަން ޖަހައި - އަދި އެންމެ ފަހުން އަސްލު ވަޒަނުންނެވެ. އެއާއެކު މުޒާހަރާ ކުރާ މީހުންގެ ރުޅިވެރިކަން ފަޅައިގެން ދިޔައެވެ. ސަލާމަތީ ބާރުތަކުން މުޒާހަރާ ހޫނުވެފައިވާ ނޭޕާލުގެ އެކި ސަރަޙައްދު ތަކުގައި މިފަދަ ޢަމަލުތައް ހިންގިއެވެ.
މަސްރަހު ގޯސްވެ ސަރުކާރުން ވެރިރަށް ކަތުމަންޑޫގައި ކާފިއު ހިންގިއެވެ. ފަހުން މިކަން ބޮޑެތި އެހެން ސިޓީ ތަކަށް ވެސް ފުޅާ ކުރެވުނެވެ. އަދި އިހުތިޖާޖު ކުރި ފަރާތްތަކުން ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީގެ އުފަން އަވަށުގައި ހުންނަ އޭނާގެ ގެއަށް ގައު އުކުމާ ގުޅިގެން، އޭނާގެ އުފަން ރަށް ކަމުގައިވާ ދަމަކް އަށް ވެސް ކަރފިއު ފުޅާކުރެވުނެވެ.
ފުލުހުން ގިނަ ތަންތަނުގައި އަސްލު ވަޒަން ބޭނުން ކުރުމާ ގުޅިގެން އެ ގައުމުގެ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް ނުރުހުން ފާޅުކޮށް ހާލަތާ އެކަށީގެންވާ ގޮތެއްގައި ބާރުގެ ބޭނުން ކުރުމަށް ގޮވާލިއެވެ:
"ސުލްޙަވެރިކަމާއެކު މުޒާހަރާ ކުރުމުގެ ޙައްޤަކީ ޤާނޫނު އަސާސީ އާއި ބައިނަލްއަޤްވާމީ ޤާނޫނުން ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. މި ހައްގުތައް ބޭނުން ކުރަމުންދާ ބަޔަކާ ދެކޮޅަށް ހައްދުފަހަނައަޅައި ބާރުގެ ބޭނުންކުރުމަކީ ހިތާމަހުރި ކަމެކެވެ." އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވެއެވެ.
ކުރީގެ ހަރަކާތްތަކާ ޚިލާފަށް، މި އިހްތިޖާޖަކީ ސިޔާސީ ޕާޓީތަކާ ގުޅިފައިވާ ކަމެއް ނޫނެވެ. މިއީ ދިރުން ހުރިއެހެން ނަމަވެސް ވަކި ލީޑަރެއް ނެތް ހަރަކާތެކެވެ - އެހެން ނަމަވެސް ހަރަކާތައް މަޝްހޫރު އަދި ނުފޫޒު ގަދަ އެތައް ފަރާތަކުން ތާއީދު ކޮށްފައިވެއެވެ. އެ ގޮތުން ގައުމުގެ މަޝްހޫރު ފިލްމީ ތަރިން ފާޅުގައި މި ހަރަކާތައް ތާއީދު ކޮށްފައިވެއެވެ.
ޒުވާނުންގެ އިހުތިޖާޖަށް ތާއީދު ކުރެއްވި ކަތުމަންޑޫގެ މޭޔަރު ބަލެންދްރާ ޝާހް ވިދާޅުވިއެވެ:
"މި ރެލީ އަކީ ފާޅުކަން ބޮޑު ގޮތެއްގައި ޖެން ޒީން ގެ އަމިއްލަ ހަރަކާތެކެވެ. އެމީހުންނަށް އަހަރެންވެސް ދޮށީ މީހެއްގެ ގޮތުގައި ފެނިދާނެއެވެ. އެމީހުންގެ އަޑުތަކަށް އިޖާބަދޭން ޖެހެއެވެ."
ޓިކްޓޮކް ސްޓާރުންނާއި، ލަވަކިޔުންތެރިންނާއި، އަދި ފިލްމީ ތަރިން މި ހަރަކާތުގައި ބައިވެރިވެ، ހަމަޖެހުމާއި އެއްބައިވަންތަ ކަމަށް ގޮވާލިއެވެ.
ޖެން ޒީން ބޮޑުވެފައި ވަނީ ސްމާޓް ފޯނުތަކާއި، ދުނިޔޭގެ ޓްރެންޑުތަކާއި، އަދި ފެޑެރަލް ނިޒާމުގެ ހުވަފެނާއި، ފާގަތި ނޭޕާލެއްގެ ސިޔާސީ ވަޢުދުތަކުގެ ތެރެއިންނެވެ. އެމީހުންނަށް ޑިޖިޓަލް މިނިވަން ކަމަކީ އަމިއްލަ މިނިވަން ކަމެވެ. މިފަދަ މުހިންމު ވަސީލަތްތަކަށް ނުވަދެވޭ ގޮތް ހެދުމަކީ މުޅި ޖީލެއްގެ އަޑު ކަނޑުވާލުން ކަމުގައި އެމީހުންނަށް އިހުސާސް ކުރެވުނެވެ.
ސިޔާސީ ތަޖުރިބާކާރުން އިންޒާރު ދެނީ ސަރުކާރުން "އެއްބަސްވާށޭ ނޫނީ ބަންދު ކުރާނަމޭ" ބުނާ އުސޫލުގެ ސަބަބުން ނުކުންނަ ނަތީޖާ ގޯސްވާނެ ކަމުގައެވެ. މިކަމުގެ ސަބަބުން ވީޕީއެންތަކާއި ރެގިއުލޭޓް ނުކުރެވޭ އެޕްތަކުގެ ޑިޖިޓަލް ބްލެކް މާކެޓެއް އުފެދިދާނެ ކަމަށް ބުނެފައިވެއެވެ.
"މިއީ ހަމައެކަނި ފޭސްބުކް އާ ބެހޭ ކަމެއް ނޫނެވެ. މިއީ ޑިމޮކްރަސީއެއްގައި މަޢުލޫމާތު ކޮންޓްރޯލް ކުރުމުގެ ބާރު ލިބިގެންވަނީ ކާކަށްތޯ ކުރެވޭ ސުވާލާ ގުޅޭ ކަމެކެވެ،" ތަޖުރިބާކާރަކުު ވިދާޅުވިއެވެ.
މަސްރަހް ގޯސްވެ، ނޭޕާލުގެ ދާޚިލީ ވަޒީރު ރާމޭޝް ލޭކަކް ވަނީ އިސްތިޢުފާ ދެއްވާފައެވެ. އޭނާ އިސްތިޢުފާ ހުށަހެޅުއްވީ ހޯމަ ދުވަހުގެ ހަވީރު ބޮޑުވަޒީރުގެ ގެ ބާލުވާޓަރުގައި ބޭއްވުނު ކެބިނެޓް ބައްދަލުވުމެއްގައި ބޮޑުވަޒީރު ކޭ ޕީ ޝަރްމާ އޯލީއަށެވެ.
ކެބިނެޓް ބައްދަލުވުމުގައި މީސްމީޑިއާގެ މައްޗަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލުމުގެ މަސައްކަތް ފަށާފައިވެއެވެ. އެހެން ނަމަވެސް މުޒާހަރާކުރާ ފަރާތްތަކުން ބުނަނީ ބޮޑުވަޒީރު އިސްތިޢުފާ ދެއްވުން ނޫން ގޮތެއް މިހާރަކު ދެން ނެތް ކަމުގައެވެ.