ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސާނަޔަކަ ދިވެހިރާއްޖެ އަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުން ހުކުރު ދުވަހު ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސާނަޔަކަ، ދިވެހިރާއްޖެ އަށް ވަޑައިގަންނަވާނީ މިހިނގާ ޖުލައި މަހުގެ 28 އިން 30 އަށެވެ. ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަގެ މިދަތުރުފުޅަކީ، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު އާ، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ އާއި ދެ ބޭފުޅުން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. ހަމައެއާއިއެކު ދެ ޤައުމުން އެކި ދާއިރާ ތަކުން އެއްބާރުލުން އިތުރު ކުރުމަށް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައި ވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
ދިވެހިރާއްޖެ އާއި ސްރީ ލަންކާ އާ ދެމެދު ޚާރިޖީ ގުޅުން ގާއިމު ކުރެވުނީ 26 ޖުލައި 1965 ގައެވެ. އަދި މިއަހަރަކީ ދިވެހިރާއްޖެ އާއި ސްރީލަންކާ އާ ދެމެދު ޚާރިޖީ ގުޅުން ޤާއިމު ކުރިތާ 60 އަހަރު ފުރޭ އަހަރެވެ.