އޮފީހުގެ އެންމެ އިސްވެރިޔާ އައްޔަން ކޮށް ވަކި ކުރުމުގެ ބާރު މިނިސްޓަރަށް ލިބޭ ގޮތައް މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީސް ގެ ނަމުގައި އައު އޮފީހެއް އުފެއްދުމަށް، ބިލެއް މަޖިލިހަށް ސަރުކާރުން ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު ހުށަހަޅުއްވާ މި ބިލުގެ އިބްތިއާދީ ބަހުސް އަންގާރަ ދުވަުު ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ، ދިވެހިރާއްޖޭ ގައި ފިކުރީ މުދާ ހިމާޔާތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކޮށް ވިޔަފާރީގެ ދާއިރާ ގައި ފަންނުވެރިކަމާއި އިނޮވޭޝަން އަށް ހިތްވަރުދީ އެ ދާއިރާ ކުރިއަރުވައި ގައުމުގެ އިގްތިސާދީ ތަރައްގީ އަށް މަގުފަހި ކުރުމަށްޓަކައި މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމު ކޮށް އެ އޮފީހުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބިލުގައި ބަޔާން ކުރުން ކަމަށެވެ.
މި އޮފީހުން ހިމާޔަތް ކޮށްދޭ ފިކުރީ މުދަލުގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓް އާއި ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިން އާއި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެއެވެ.
މި ގާނޫނު ތަންފީޒު ކުރުމާއެކު އުފެދޭ މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓަރީ ކުރުމާއި، އެފަދަ މުދަލުގެ ދަފްތަރު ބެލެހެއްޓުމާއި، ކަމާ ބެހޭ ބައިނަލް އަގްވާމީ ޖަމްއިއްޔާ ތަކާ ގުޅުން ބަދަހި ކުރުމާއި، ކަމާ ބެހޭ ބައިނަލް އަގްވާމީ މުއާހަދާ ތަކުގައި ބައިވެރިވުމުގެ ކަންކަން ކުރުމާއި، އާންމުން ހޭލުންތެރި ކުރުވުމާއި، ގާނޫނުގެ ދަށުން ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނެގުން ހިމެނެއެވެ.
އޮފީހުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނާނީ ރެޖިސްޓްރާ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީ ކަމަށް ބިލުގައި ވެއެވެ.
މި މަގާމަށް މީހަކު އައްޔަނު ކޮށް ވަކި ކުރާނީ މިނިސްޓަރު ކަމަށް ބުނެފައިވުމާއެކު، އެ އޮފީހުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި ރަޖިސްޓްރަރ އާއި އޮފީހުގެ އެންމެހާ މުވައްޒަފުން އަމަލު ކުރަންވާނީ ސިޔާސީ އަދި އެހެނިހެން ނުފޫޒަށް ލެނބުމަކާ ނުލައި ޕްރޮފެޝަނަލް އިންޑިިޕެންޑެންސް ހިފަހައްޓައގެން ކަމަށް ބިލުގައި ވެއެވެ.
އޭނާގެ މުސާރަ ކަނޑައަޅާނީ މިނިސްޓަރުގެ ލަފާގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށް ބުނެފައިވެއެވެ.
ސިވިލް ސާވިސްގެ ނިޒާމުން ބޭރުން މި އޮފީހުގެ އެންމެ އިސް މަގާމަށް މިނިސްޓަރު އައްޔަން ކުރާ ފަރާތެއް 5 އަހަރު ދުވަހުގެ މުއްދަތައް މަގާމު ދެމި އޮންނާނެ ކަމަށް ބުނެފައިވެއެވެ. އަދި ވަކި ކުރެވޭ ފަރާތެއް ފިޔަވާ އެހެން ފަރާތްތައް ފަސް އަހަރުގެ އިތުރު ދައުރަކަށް ދެމި ހުރެވިދާނެ ކަމަށް ވެސް ބިލުގައި ވެއެވެ.
ބިލުގައި ބުނަނީ، އޮފީހުގެ އޮނިގަނޑު އެކުލަވާލާނީ، މިނިސްޓަރުގެ ލަފާގެ މަތިން ރެޖިސްޓްރާ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީސް ކަމަށެވެ.
އެ އޮފީހަށަ ބޭނުންވާ މުވަައްޒަފުންނާއި ވަސީލަތްތައް މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދޭން ވާނެ ކަމަށް ބިލުގައި ވޭ.