ކ. މާލެ
|
5 ޖޫން 2025 | ބުރާސްފަތި 20:36
އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް ހުށަހެޅި ގަރާރަށް ވޯޓު ލަނީ - 4 ޖޫން 2025
އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް ހުށަހެޅި ގަރާރަށް ވޯޓު ލަނީ - 4 ޖޫން 2025
އޭއެފްޕީ
ޣައްޒާ ހަނގުރާމަ
ޣައްޒާ ގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ހުށަހެޅި ގަރާރު އެމެރިކާ އިން ފެއިލް ކޮށްލައިފި
ބުދަ ދުވަހު ނެގި ވޯޓުގައި ގަރާރު ފާސްކުރަން 14 ގައުމުން ވޯޓު ދިން އިރު ގަރާރު ބަލައި ނުގަންނަން ވޯޓު ދިނީ އެންމެ ގައުމަކުންނެވެ. އެއީ އެމެރިކާ އެވެ.

ޣައްޒާ ގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދ ގެ ސަލާމަތީ މަޖިލިހަށް ހުށަހެޅި ގަރާރެއް އެމެރިކާ އިން ވީޓޯ ކޮށް ފެއިލް ކޮށްލައިފިއެވެ.

މި ގަރާރު ފެއިލު ކޮށްލުމަށް ފަހު އެމެރިކާގެ ޚާރިޖީ ވަޒީރު ވަނީ އެކަން ދިފާއު ވެސް ކުރައްވާފައެވެ.

ކޮންމެ ދުވަހަކު އެއްވެސް ކުށެއް ނެތް ފަލަސްތީނުގެ އެތައް ބަޔަކު އިސްރާއީލުގެ ހަމަލާތަކުގައި މަރުވަމުން ދާއިރު، އެމެރިކާ އިން ކަން ކުރި ގޮތުން ސެކިއުރިޓީ ކައުންސިލްގެ މެންބަރުން ބުދަ ދުވަހު އެމެރިކާ އަށް ވަނީ ފާޑު ކިޔާފައެވެ.

ގަރާރުގައި ގޮވާލާފައިވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށާއި އެއްވެސް ހުރަހެއްނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ.

ބަހަނާ ދައްކަމުން އެމެރިކާ އިން ބުނެފައިވަނީ މި ޤަރާރުގެ ސަބަބުން މިހާރު ކުރިއަށްދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ހުރަސްއެޅޭ ކަމަށެވެ.

މިއީ ނޮވެމްބަރު މަހުން ފެށިގެން 15 މެންބަރުންގެ މި މަޖިލީހުން މި މައްސަލައާ ގުޅޭގޮތުން ނެގި ފުރަތަމަ ވޯޓެވެ. މީގެ ކުރިން ވެސް އިސްރާއީލްގެ އެންމެ ގާތް އެކުވެރިޔާ - އެމެރިކާ އިން ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ކޮންމެ ގަރާރަކަށް ހުރަސް އަޅާފައެވެ.

ބުދަ ދުވަހު ނެގި ވޯޓުގައި ގަރާރު ފާސްކުރަން 14 ގައުމުން ވޯޓު ދިން އިރު ގަރާރު ބަލައި ނުގަންނަން ވޯޓު ދިނީ އެންމެ ގައުމަކުންނެވެ. އެއީ އެމެރިކާ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ވޯޓުގެ ފަހުން ވިދާޅުވީ އިސްރާއީލާއި ހަމާސް އާ އެއްހަމައެއް ގައި ދެކޭ ނުވަތަ އިސްރާއީލްގެ ދިފާއީ ޙައްޤު ބަލައި ނުގަންނަ އެއްވެސް ގަރާރަކަށް ވޮޝިންގްޓަނުން ތާއީދު ނުކުރާނެ ކަމަށެވެ.

"އެމެރިކާ އިން ޔޫއެން ގައި އިސްރާއީލާ އެކު ދެމި އޮންނާނެ އެވެ." އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވިއެވެ.

ހުށަހެޅުނު ޤަރާރުގައި "ޣައްޒާގައި ވަގުތުން، ޝަރުތެއްނެތި އަދި ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ހުރިހާ ފަރާތްތަކުން އިޙްތިރާމްކުރުމަށް" ގޮވާލާފައިވެއެވެ.

މީގެ އިތުރުން، "ހަމާސް އާއި އެހެނިހެން ގްރޫޕްތަކުން ހިފަހައްޓާފައިވާ ހުރިހާ ރަހީނުން ވަގުތުން، އަދި ޝަރުތެއްނެތި ދޫކޮށްލުމަށް" ގޮވާލާފައިވެއެވެ. އަދި ޣައްޒާ އަށް އިންސާނީ އެހީ ވެއްދުމަށް އޮތް ހުރިހާ ހުރަހެއް ނައްތާލުމަށް ވެސް ގޮވާލާފައިވެއެވެ.

"މި ވީޓޯއަކީ އެމެރިކާގެ އަޚްލާޤީ ރެކޯޑުގައި ޖެހުނު އިތުރު ލައްގަނޑެކެވެ،" ހަމާސް އިން ބަޔާނެއްގައި ބުނެފައިވެއެވެ. އަދި ހަމާސް ގެ ބަޔާނުގައި "ނަސްލު ނައްތާލުމަށް ޤާނޫނީ ހައިސިއްޔަތު ދިނުމާއި، އަނިޔާވެރިކަމަށް ތާއީދު ކުރުމާއި، ބަނޑުހައިހޫނުކަމާއި، ހަލާކުކުރުމާއި، ގިނަ ބަޔަކު މެރުމަށް ހުއްޖަތު ދެއްކުމުގެ" ތުހުމަތު އެމެރިކާ އަށް ކޮށްފައިވެއެވެ.

ޕާކިސްތާނުގެ ޔޫއެން އެމްބެސެޑަރު އާސިމް އަޙްމަދު ވިދާޅުވެފައިވަނީ ފާސްނުވި މި ޤަރާރަކީ "މި ކައުންސިލްގެ ޟަމީރުގައި އަޚްލާޤީ ލައްގަނޑެއްގެ ގޮތުގައި ދެމިއޮންނާނެ އެއްޗެއް އެކަނި ނޫންކަމަށާއި، މިއީ އަންނަން އޮތް ޖީލުތަކަށް އަސަރުކުރާނެ ނިންމުމެއް" ކަމަށެވެ.

ޗައިނާގެ ޔޫއެން އެމްބެސެޑަރު ފޫ ކޮންގް ވިދާޅުވެފައިވަނީ: "މިއަދުގެ ވޯޓުގެ ނަތީޖާ އިން އަނެއްކާވެސް ހާމަވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކައުންސިލް ނުކުޅެދުނު މައިގަނޑު ސަބަބަކީ އެމެރިކާ އިން ތަކުރާރުކޮށް ހުރަސްއެޅުން" ކަމަށެވެ.

މި ވީޓޯ އަކީ އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގަތުމަށް ފަހު އދ ގައި ޣައްޒާގެ މައްސަލަ ގައި އެމެރިކާގެ ވިސްނުން ހުރި ގޮތް ދައްކުވައިދިން ފުރަތަމަ މެސެޖެވެ.

އެމެރިކާ އިން އިސްރާއީލު ރުއްސުމަށް މި މައްސަލަ ވީޓޯ ކުރި ނަމަވެސް އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިސްރާއީލަށް ކުރާ ޕްރެޝަރު ދަނީ އިތުރުވަމުންނެވެ.

ފާޑު ކިޔުން އިތުރުވެގެން ދިޔައީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެންނެވެ. އިސްރާއީލުން 3 މަސް ދުވަހަށްވުރެ ގިނަ ދުވަހު އެހީ ވެއްދުން މަނާކުރުމަށްފަހު މެއި މަހުގެ މެދުތެރޭގައި އެހީ ހިފައިގެން ދަތުރު ކުރާ މަދު އަދަދެއްގެ ޔޫއެން ވެހިކަލްތައް ވެއްދުމަށް ހުއްދަ ދީފައިވެއެވެ.

އދ އިން ފާއިތުވި މަހު އިންޒާރު ދީފައިވަނީ ބަންދުކޮށްފައިވާ ފަލަސްޠީނުގެ މި ސަރަޙައްދުގެ މުޅި އާބާދީ އަށް ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިހާރު ވައްދަމުންދާ މަދު އަދަދުގެ އެހީ އަކީ އިންސާނީ ބޭނުންތައް ފުއްދުމަށް އެއްގޮތަކަށްވެސް ފުދޭ މިންވަރެއް ނޫން ކަމަށް ބުނެފައިވެއެވެ.

"އަޅުގަނޑުމެންގެ ގިނަ މީހުން އެއް ވިސްނުމަކަށް އައިސްފައިވާކަން ފެންނަ ނަމަވެސް، ކައުންސިލަށް އޭގެ ޒިންމާ އަދާކުރުމަށް ހުރަސްއެޅިފައިވެއެވެ،" ފްރާންސްގެ ޔޫއެން އެމްބެސެޑަރު ޖެރޯމް ބޮނަފޮންޓް ވިދާޅުވިއެވެ.

ސެކިއުރިޓީ ކައުންސިލްގެ ވޯޓަށްފަހު ފަލަސްޠީނުގެ ޔޫއެން އެމްބެސެޑަރު ރިޔާޟް މަންސޫރު ވިދާޅުވެފައިވަނީ ޖެނެރަލް އެސެމްބްލީގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ޤަރާރެއް ފާސްކުރުމަށް އޭނާ އެދޭނެ ކަމަށެވެ.

ނަމަވެސް އިސްރާއީލްގެ ޔޫއެން އެމްބެސެޑަރު ޑެނީ ޑެނޮން ވިދާޅުވެފައިވަނީ ޖެނެރަލް އެސެމްބްލީގައި މި ޤަރާރަށް ވޯޓަށް އެހުމުގެ ފަލަސްޠީނުގެ ޕްލޭނަކީ ބޭކާރު ކަމެއް ކަމަށެވެ. އަދި ޤައުމުތަކަށް "އިތުރަށް ހަކަތަ އިސްރާފު ނުކުރުމަށް" އޭނާ ގޮވާލާފައިވެއެވެ.

- ކޮމެންޓް