ކ. މާލެ
|
7 މެއި 2025 | ބުދަ 15:39
އިންޑިއާ އިން ދިން މިސައިލް ހަމަލާގައި ޕާކިސްތާނުގެ ބަހާވަލްޕޫރުގެ މިސްކިތަކަށް ގެއްލުން ވެފައި
އިންޑިއާ އިން ދިން މިސައިލް ހަމަލާގައި ޕާކިސްތާނުގެ ބަހާވަލްޕޫރުގެ މިސްކިތަކަށް ގެއްލުން ވެފައި
އޭޕީ
އިންޑިއާ-ޕާކިސްތާނު ހަމަނުޖެހުން
އިންޑިއާ އިން ޕާކިސްތާނަށް ދިން ހަމަލާ – މިހާތަނަށް ސާފުވެފައިވާ ކަންކަން
ބުދަ ދުވަހުގެ ފަތިހު އިންޑިއާ އިން ޕާކިސްތާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ވަނީ ދީފައެވެ. އިންޑިއާގެ ހަމަލާތައް މި އައީ ޕާކިސްތާނުން ކަޝްމީރުގެ ޕަހަލްގަމް އަށް ހަނގުރާމަވެރިން ހަމަލާ ދިންތާ ގާތްގަނޑަކަށް ދެ ހަފްތާ ގެ މުއްދަތު ފާއިތުވެފައިވަނިކޮށްނެވެ.

އިންޑިއާ އިން ޕާކިސްތާނުގެ ބައެއް ސަރަހައްދު ތަކަށާއި ޕާކިސްތާނުގެ ކޮންޓްރޯލް އޮންނަ ކަޝްމީރުގެ ބައެއް ސަރަހައްދުތަކަށް ބުދަ ވިލޭރޭ ދަންވަރު ވަނީ މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި މަދުވެގެން 8 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 3 އަހަރުގެ ކުއްޖަކު ވެސް ހިމެނެއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާ އިން ބުނެފައިވަނީ ޕާކިސްތާނުގެ 6 ސިޓީ އަކަށް މިސައިލް ހަމަލާ އެރި ކަމަށެވެ. އޭގެ ތެރޭގައި ޕަންޖާބު ޕްރޮވިންސްގެ 4 ސަރަހައްދު ހިމެނެއެވެ. މިއީ ޕާކިސްތާނުގެ އެންމެ ބައިބޯ ސަރަހައްދެވެ. އިތުރަށް ހަމަލާ އެރީ މުޒައްފަރު އާބާދު އަށާއި ކޮޓްލީ އަށެވެ. މިއީ ޕާކިސްތާނުގެ ކޮންޓްރޯލްގެ ދަށުގައިވާ ކަޝްމީރުގެ ދެ ސަރަހައްދެކެވެ.

އިންޑިއާ އިން ބުނީ އޮޕަރޭޝަން "ސިންދޫރު" ގެ ނަމުގައި ދިން ހަމަލާތައް އަމާޒު ކުރީ "ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ" ހުރި 9 ތަނަކަށެވެ.

އިންޑިއާ އިން މިހަމަލާ ދިން އިރު އޭގެ 15 ދުވަސް ކުރިން އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދެއް ކަމަށްވާ ފަތުރުވެރިކަމަށް މަޝްހޫރު ޕަހަލްގަމް އަށް ވަނީ ނުރައްކާތެރި ހަމަލާ އެއް ދީފައެވެ. އޭޕްރީލް 22 ގައި މިހަމަލާ ދިނީ ހަތިޔާރު އެޅި ގްރޫޕަކުންނެވެ. އިންޑިއާ އިން ބުނީ އެއީ ޕާކިސްތާނުން ވާގިވެރިވާ ބައެއް ކަމަށެވެ. އެހެން ނަމަވެސް ޕާކިސްތާނު ސަރުކާރުން އެކަން ދޮގު ކުރެއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް އަހްމަދު ޝަރީފް ޗައުދަރީ ބުދަ ދުވަހު ހެނދުނު ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ، އިންޑިއާ އިން ހަމަލާ ދިނީ ބުދަ ވިލޭރޭ މެންދަމު 1:00 ގައި ކަމަށާއި އެންމެ ވަރުގަދަ ހަމަލާ އަމާޒުވީ ޕަންޖާބު ސިޓީގެ އަހްމަދުޕޫރު ޝަރްގިޔާ އަށް ކަމުގައެވެ. އެތަނުގައި މިސްކިތަކަށް ހަމަލާ އެރި ކަމަށާއި އެ ހަމަލާގައި 5 މީހުން މަރުވި ކަމަށެވެ. އޭގެ ތެރޭގައި 3 އަހަރުގެ ތުއްތު ކުއްޖަކު ހިމެނޭ ކަމުގައެވެ.

މުޒައްފަރު އާބާދު އާށާއި ކޮޓްލީ އަށް އަމާޒުވި ހަމަލާގައިވެސް 2 މިސްކިތައް ގެއްލުންވި ކަމަށް އޭނާ ވިދާޅުވިއެވެ. މިހަމާލާގައި 16 އަހަރުގެ އަންހެން ކުއްޖަކާއި، 18 އަހަރުގެ ފިރިހެން ކުއްޖަކު މަރުވި މީހުންގެ ތެރޭގައި ހިމެނޭކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އިންޑިއާގެ ހަމަލާގައި މަރުވީ ޖުމްލަ 8 މީހުން ކަމަށާއި 35 މީހުން ޒަޚަމްވި ކަމަށް ވެސް ޕާކިސްތާނުގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

ހަމަލާގެ ސަބަބުން ޕަންޖާބު ޕްރޮވިންސް ގައި ސްޓޭޓް އޮފް އިމަޖެންސީ ވަނީ އިއުލާނު ކޮށްފައެވެ. ބުދަ ދުވަހު ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުން ބުނީ ކީކޭ؟

ހަމަލާތަކާ އެކު އިންޑިއާގެ ހަނގުރާމަމަތީ 5 ބޯޓު ވައްޓާލި ކަމަށްވެސް ޕާކިސްތާނުގެ އެކި ފަރާތްތަކުން ބުނަމުން ގެންދިޔައެވެ. އިންފޮމޭޝަން މިނިސްޓަރ އަތާއުﷲ ތަރާރު އަދި ޑިފެންސް މިނިސްޓަރ ޚަވާޖާ އާސިފް ބައިނަލް އަގްވާމީ މީޑިއާތަކާ ދެއްކެވި ވާހަކައިގައި އިންޑިއާގެ އެތައް ހަނގުރާމަމަތީ ބޯޓެއް ޕާކިސްތާނުން ވައްޓާލި ކަމަށް ވިދާޅުވިއެވެ.

އަނެއްކޮޅުން، ޕާކިސްތާނުން ބުނީ އިންޑިއާ އިން ހުރިހާ ހަމަލާއެއްވެސް ދީފައިވަނީ އިންޑިއާގެ ވައިގެ ސަރަހައްދުން ކަމަށެވެ. އެހެން ކަމަށް ވާނަމަ ވައްޓާލި ބޯޓުތަކަށް ހަމަލާ ދީފައިވާނީ އެ ބޯޓުތައް އިންޑިއާގެ ސަރަހައްދުގައި ވަނިކޮށްނެވެ.

އިންޑިއާގެ ބޯޓުތަކެއް ވައްޓާލި ކަމަށް ޕާކިސްތާނުން ބުނާ ބުނުމަށް އިންޑިއާ އިން ރަސްމީ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އޭގެ ބަދަލުގައި ބުނެފައިވަނީ ހަމަލާ އަށް ފަހު ހުރިހާ ބޯޓެއްވެސް އެނބުރި ރައްކައުތެރިކަމާއެކު އައި ވާހަކައެވެ.

ޕާކިސްތާނަށް ހަމަލާ ދިނީ ކީއްވެ؟

ނިއުކްލިއަރ ދެ ބާރުގެ ގޮތުގައި ބެލޭ އިންޑިއާ އާއި ޕާކިސްތާނުގައި މިހިނގާ ހަމަ ނުޖެހުންތައް ފެށުނީ އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ޕަހަލްގަމް ސަރަހައްދުގެ ބައިސަރާން ވާދީގައި އުޅެމުންދިޔަ ފަތުރުވެރިން ތަކަކަށް ބަޑި ހިފައިގެން ހުރި މީހަކު ދިން ހަމަލާ އެއްގައި 26 މީހުން މަރުވުމާ ގުޅިގެންނެވެ. މީގެ ތެރެއިން 25 މީހުންނަކީ ފަތުރުވެރިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހަމަލާ ދިން އިރު އިންޑިއާ އިން ގެންދަނީ، ކަޝްމީރުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ޕާކިސްތާނުން ހަތިޔާރުދީ ތަމްރީން ދޭ ކަމަށް ބުނެ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ. ޕާކިސްތާނުން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ. ޕާކިސްތާނުން ބުނަމުން ގޮސްފައިވަނީ، ކަޝްމީރުގެ ގްރޫޕް ތަކަށް އެ ގައުމުން ދެމުން އައިސްފައިވަނީ ހަމައެކަނި ޑިޕްލޮމެޓިކް އެހީތެރިކަން ކަމުގައެވެ.

ރެސިސްޓެންސް ފްރޮންޓް ކިޔާ ގްރޫޕަކުން މި ހަމަލާ ދިނުމާ ގުޅިގެން އިންޑިއާ އިން ބުނެފައިވަނީ އެ ގްރޫޕަކީ ޕާކިސްތާނުން މަދަދުވެރިވާ ގްރޫޕެއް ކަމަށެވެ. އެހެން ނަމަވެސް އެ ހަމަލާ ކުށްވެރި ކުރުމާއެކު އެއީ ޕާކިސްތާނާ އެއްވެސް ގުޅުމެއް ނެތް ޖަމާއަތެއް ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ. އަދި އެ ހަމަލާއާ ބެހޭ ގޮތުން ދެފުށް ފެންނަ އިންސާފުވެރި ތަހުގީގެއް ހިންގުމަށް ވެސް ޕާކިސްތާނުން ގޮވާލިއެވެ.

ޕަހަލްގަމް ހާދިސާ އާ ގުޅިގެން ހިނގި ކަންކަން

އިންޑަސް ވޯޓަރ ޓްރީޓީ އަށް އަމަލު ކުރުން އިންޑިއާ އިން ހުއްޓާލި (މިއީ އިންޑިއާގެ ތެރެއިން ދަތުރުކުރާ 6 ކޯރަކުން އަންނަ ފެން ޕާކިސްތާނާ އެކު ހިއްސާ ކުރުމަށް ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެކެވެ)

ޕާކިސްތާނުގެ ރައްޔިތުންނަށް އިންޑިއާ އިން ދީފައިވާ ވިސާ ބާތިލު ކުރުން

ދެ ގައުމުން އަނެއް ގައުމުގެ ޑިޕްލޮމެޓުން ބޭރު ކޮށްލުން

ދެ ގައުމުގެ ބޯޑަރ ބަންދު ކުރުން

ދެ ގައުމުން އަނެއް ގައުމުގެ ރައްޔިތުން ބޭރު ކުރުން

ދެ ގައުމުން ވައިގެ ސަރަހައްދު އަނެއް ގައުމަށް ބަންދުކުރުން

އިންޑިއާގެ ކޮންޓްރޯލުގެ ދަށުގައިވާ ކަޝްމީރުން 2000 ށް ވުރެ ގިނަ މީހުން ޓެރަރިޒަމް އަށް ތުހުމަތު ކޮށް އިންޑިއާ އިން ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ އިތުރުން ހަނގުރާމަވެރިން ކަމަށް ތުހުމަތު ކުރާ ބައެއް ފަރާތްތަކުގެ ގެދޮރުވެސް ވަނީ ތަޅާ ސުންނާފަތި ކޮށްފައެވެ.

- ކޮމެންޓް