ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލާގެ ކުޑަދޮރަކުން މިދިޔަ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ފުލުހުން ގިނަ ކަންތައްތަކެއް ފޮރުވަން މައްސައްކަތް ކުރަމުން ގެންދާކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.
ޔުމްނު ވެއްޓުނު ތާ އެތަކެއް ދުވަސް ވެގެން ދިޔައިރުގައި ވެސް އެވާހަތައް އޮތީ ސިއްރުކޮށްފައެވެ. އެ މައްސަލަ ފުލުހުން ބަލަމުން ނުދާކަމަށް ބުނެ ގިނަ ބަޔަކު އައީ ތުހުމަތު ކުރަމުންނެވެ. އެހެން ނަމަވެސް ބައެއް ނުފޫޒުގަދަ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި މި މައްސަލައާއި ގުޅޭ ހެކިތަކާއި އެކު ޕޯސްޓުތައް ކުރަން ފެށިއެވެ.
ހަމަ އެއާއި އެކު ފުލުހުން މިކަމުގެ ހަގީގަތް ފޮރުވުމަށް ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ކަމަށް ބުނެ، އިސްކަންދަރުކޮށީގައި ސިއްރު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އެ ބައްދަލުވުން ބޭއްވީ ކުއްލިގޮތަކަށް ރޭގަނޑު 10 ވެސް ޖެހިފަހުންނެވެ. އެ ބައްދަލުވުމުގައި ފުލުހުން ޔުމްނުގެ އެ މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ. އަދި އެ މައްސަލާގެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ތައް ކަމަށް ބުނެ، މައުލޫމާތުތަކެއް ވެސް ވަނީ ހިއްސާކޮށްފައެވެ.
އެގޮތުން އެ ރޭ އެ ހާދިސާއާއި ގުޅޭ މަންޒަރުތައް ފެންނަ ބައެއް ސީސީޓީވީ ފުޓޭޖް ނޫސްވެރިންނަށް ދައްކާލިއެވެ. ނަމަވެސް އެ ފުޓޭޖުތައް ވެސް ހުރީ އެޑިޓްކޮށް އެގޮތްމިގޮތް ހަދައި އޮޅުވާލަން މަސައްކަތް ކޮށްފައެވެ. ނޫސްވެރިންނަށް ވެސް އޮޅުވާލުމަށެވެ. ވާނުވާއެއް ނޭންގޭ ގޮތަށެވެ.
ކޮންމެއަކަސް ފުލުހުން ބިރުގަނެ، ތެޅިގަތީ މި މައްސަލައިގެ އިންސާފު ހޯދުމަށް ގައުމުގެ ނޫކަށި ފުރައިގެ ޒުވާނުން ނުކުމެ ލޭ ކައްކުވާލީމަ އެވެ، އޭރު އޮޅުވާލަން މަސައްކަތްކުރި ކަންތައްތަކުގެ ތެރެއިން، މިހާރު ހާމަނުކުރެވޭ ކަމެއް ނެތެވެ. ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯ އަށް ދާންދެން ލައިވް ޓީވީގައި އަޅުވައިލީއެވެ. މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު ވެސް ހިފެހެއްޓިއްޖެއެވެ. އެ މީހުން ބަލައި ފާސްކުރަން ވެސް ފަށައިފިއެވެ. ރަނގަޅަށް ވެސް މި ސަރުކާރު ހޭލައިފިއެވެ. ތެޅިފޮޅެން ފަށައިފިއެވެ.
ޒުވާނުން މަގުމައްޗަށް ނުކުތީ ފުލުހުން އެތަކެއް ދޮގުތަކެއް ހަދައި އެތައްކަމެއް ފޮރުވައި މައްސަލަ އޮބާލަން މަސައްކަތް ކުރަމުން އަންނާތީ އެވެ. ޒުވާނުންގެ ކެތްތެރިކަން ކޮޅުންލީ ލައްކަ ވަރުވީމައެވެ. ޒުވާން އުމުރުގެ އަންހެނަކު ވެއްޓެން ދިމާވި އެ ހާދިސާއާ ގުޅޭ އެތައް ސުވާލަކަށް ފުލުހުންގެ ފަރާތުން ޖަވާބު ނުލިބިގެންނެވެ. އަމުދުން އޭގައި ހިމެނޭ، ބާރުގަދަ ބައެއްގެ ދަރިން ނުވަތަ ޒުވާނުންގެ ބަހުން ނަމަ 'ނެޕޯ ބޭބީސް'ތަކާ މެދު ފިޔަވަޅު ނާޅާ ކަމަށް ބުނެއެވެ.
ހަމަ ހަގީގަތުގައި ވެސް ޒުވާނުން މަގުތަކަށް ނުކުތީމާ އެނގުންވިއެވެ. އެ މީހުން އެއްވެ ތިބީ ހެންވޭރު ފުލުސް އޮފީސް ކުރިމަތީގައެވެ. އެތާ ތިބި ފުލުހުންނާ ދިމާއަށް ފަސް ރުފިޔާގެ، ދިހަ ރުފިޔާ އަދި ވިހި ރުފޮޔާގެ ނޫޓުތައް އުކިއެވެ. ފުލުހުންގެ ޔުނީފޯމުގެ އަގެއް ނެތްކަމަށް ބުނެއެވެ. ލާރިއަށް ވިކޭ ބައެއް ކަމަށް ބުނެއެވެ. އަދި އެގޮތަށް ޒުވާނުން ނުވިކޭނެ ކަމަށް ބުނެއެވެ.
ޒުވާނުން އެއްވެ ގޯވާލަމުން ދިޔައީ 'ނެޕޯ ބޭބީސް' ހައްޔަރުކުރުމަށެވެ. އެ މީހުން ބުނަމުން އައީ މިއީ ވިޔާނުދާ ގޮތެއްފޮތެއް ނެތް ސަރުކާރެއް ކަމަށެވެ. އެ ރޭގެ އެ މީހުން މެންދަމު 12 ޖެހީމާ ގެއަށް ދިޔައީ މުޅި ގައުމު ކައްކުވާލާފައެވެ.
ފުރާޅެއް މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮތްކަން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހުކުރު ދުވަހު ހެނދުނު 7:23 ގައެވެ. އޭނާ ދެން ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެ ތަނުގައި އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ވެންޓިލޭޓަރުގައެވެ. ވެންޓިލޭޓަރުން ނެގި ނަމަވެސް އަދިވެސް ހާލު ވަރަށް ދެރައެވެ. ފުރަތަމަ ފެނުންއިރު ކާކުކަން ވެސް ނޭނގެއެވެ. ޒަޚަމުތައް ގިނަކަމުންނެވެ.
އޭރު ފުލުހުން ބުނީ އިމާރާތެއް މަތިން ވެއްޓިފައި އޮތް ޒުވާނަކު ފެނުނު ވާހަކަ އެކަންޏެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މި ހާދިސާގެ ތަފުސީލުތައް އާންމުކުރީ އާންމުންނެވެ. ސޯޝަލް މީޑިއާގެ ތަފާތު އެކި އެކައުންޓުތަކުގައި ޒުވާނުންނެވެ. މުޅި މައްސަލައިގައި ހިމެނޭ އެންމެންގެ ނަމާއި ތަފުސީލުތައް މީސްމީޑިއާއަށް ތިލަވިއިރު ވެސް ފުލުހުން ތިބީ ހަނެވެ. ނޫސްވެރިން ތަކުރާރުކޮށް ކުރި ސުވާލުތަކަށް ބީރުކަންފަތެއް ދީގެންނެވެ.
އެކަމަކު، މީސްމީޑިއާގައި މި މައްސަލައިގެ ތަފާތު ވާހަތައް ދެކެވި، ޒުވާނުންގެ ލޭ ކެކިހޫނުވާން ފަށައިފިއެވެ މީސްމީޑިއާގައި ފާޑުފާޑުގެ ތުހުމަތުތައް އަމާޒުވާން ފަށައިފިއެވެ. ޚާއްސަކޮށް، ހާދިސާގައި ހަރަކާތްތެރިވަނީ ސަރުކާރުގެ ނުފޫޒު ގަދަ އާއިލާތަކަށް ނިސްބަތްވާ ބައެއް ކަމަށް ބުނެއެވެ.
ފުލުހުން ފުރަތަމަ ފަހަރަށް ހާދިސާއާ ގުޅޭ ގޮތުން ވާހަކަދެއްކީ އަންގާރަ ދުވަހުގެ ރޭގަނޑު 10 ވެސް ޖެހި ފަހުން އިސްކަންދަރު ކޮށީގައި 'ބަންދުކޮށްގެން' ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ދުވަހު ދިން ޖަވާބުތަކަށް ވުރެ އާންމުންނަށް ދޫކޮށްލި ސުވާލުތައް މާ ގިނައެވެ. އެ ދުވަހު ހާމަކުރީ ވެސް އަނިޔާވި ކުއްޖާގެ ނަން އެކަންޏެވެ. ދެން ތިބި އެއްވެސް މީހެއްގެ ނަމެއް، ހާދިސާ ހިނގި ތަނެއް، ކުރި ކަމަށް ބުނާ 'ޕާޓީ'ގައި ތިބީ ކޮން ބައެއް ކަމެއް ނުބުނެއެވެ.
ހަމައެކަނި ކުރި ކަމަކީ، ހ. ފެންޓޯނިއާގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނުއިރު ގާތުގައި ހުރި ރައުދު އަހުމަދު ޒިލާލްގެ ޕާސްޕޯޓު ހިފެހެއްޓުމެވެ. ދެން މައްސަލައިގައި ހިމެނޭ އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅައެވެ.
ވެއްޓުނުއިރު ރައުދު ހުރީ ގާތުގައި ނޫންކަން ސާބިތުކޮށްދޭން ވީޑިއޯ ފުޓޭޖް ދެއްކިއެވެ. އެކަމަކު، ތަހުގީގު ބައްޓަންކުރަމުންދިޔަ ގޮތާއި ފުލުހުން އަމަލުކުރި ގޮތުން ދެން އުފެދުނު ސުވާލުތައް މާ ގިނައެވެ. ޚާއްސަކޮށް، ފުލުހުން މި ހިމާހަތްކުރަނ މަސައްކަތް ކުރަމުން އަންނަނީ ކާކުތޯ ކުރާ ސުވާލު މާ ބާރަށް ކުރަން ފެށިއެވެ. ފުލުހުން އަމަލުކުރި ގޮތުންނެވެ.
ފުލުހުން ބުނާ ގޮތުން އަންހެން ކުއްޖަކު ފުރާޅެއް މަތީ އޮތްކަން އެނގުނުއިރު އެއީ ކާކުކަމެއް ނޭނގެއެވެ. ހާދިސާގައި ހިމެނެނީ ކޮން ބައެއްކަމެއް ނޭނގެއެވެ. ފުލުހުން ބުނީ، ޔުމްނުއަށް އޮތީ ވަރަށް ބޮޑަށް އަނިޔާވެފައި ކަމަށެވެ. މޫނުމަތިން އެއީ ކާކުކަން ވެސް ނޭނގެއެވެ.
ޔުމްނުއާއި ރައުދު ހިމެނޭހެން ޖުމުލަ ނުވަ މީހުން ދިޔައީ މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގެކޮޅު، މއ. މާންދޫގޭދެކުނުގެއަށެވެ. އެ ގޭގައި ކުރީ ކީއް ކަމެއް ފުލުހުން ނުބުނެއެވެ. އެ ގޭގައި ހިނގި ކަމެއް ވެސް ނުބަލާ ކަމަށް ފުލުހުން ބުންޏެވެ. އެއީ، ތަހުގީގަށް މުހިންމު ކަމެއް ނޫނޭ ފުލުހުން ބުންޏެވެ.
އެކަމަކު، އެކި މަސްދަރުތަކުން އެނގުނު ގޮތުގައި އެ ގެއަށް ދިޔައީ 'ޕާޓީ'އަކަށެވެ. ޔުމްނުއާއި ރައުދުގެ އިތުރުން އެ ޕާޓީއަށް ހަ މީހުން ދިއައެވެ. އެންމެން މަސްތުގެ ހާލުގައި ތިބެ ޕާޓީ ނިންމާފައި 3:30 އެހާކަންހާއިރު މީގެ ތެރެއިން ހަތަރު މީހަކު ވަނީ ވަކިން ސްޓެލްކޯ އިމާރާތް ކައިރީ ހުރި ގެއަކަށް ގޮސްފައެވެ. އެ ގޭގައި އެ މީހުން މާ ގިނައިރެއް ނުކުރެއެވެ. ހޭދަވީ 15 ވަރަކަށް މިނެޓު ކަމަށް ސީސީޓީވީ ފުޓޭޖާ ހަވާލާދީ ފުލުހުން ބުންޏެވެ. އެ ގެއިން ނުކުމެގެން ދެން އުޅުނީ ފުރާޅުމައްޗަށް ވެއްޓުނު ޔުމްނުއާއި އޭނާއާއި އެކު އުޅުނު ރައުދެވެ.
ދެ ޒުވާނުން ހިނގާލާފައި ގޮސް އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ހ. ފެންޓެނޯއީ ގެއަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ދައްކައެވެ. އެ ފުޓޭޖުން މަންޒަރު ފެންނަ ގޮތުން ބޮޑަށް ގިނަ ބަޔަކަށް ހީވެފައި އޮތީ އެ މީހުން އެ ގޭގައި އުޅުނީ ވަރަށް ގާތްގޯޅިކޮށް ދެ ލޯބިވެރިން ގޮތަށެވެ. އެ ގޭގެ ސިޑިގޮޅި މަތީގައި 4:15 އެހާކަންހާއިރުން ފެށިގެން 4:52 އެހާކަންހާއިރު ޔުމްނު ވެއްޓުމާ ހަމައަށް ދެ މީހުން ވަރަށް ގާތްގޯޅިކޮށް އުޅޭ މަންޒަރު ވީޑިއޯއިން ފެނެއެވެ. އެ ދެމީހުން ބަދުއަހުލާގީ އަމަލު ހިންގާތަން ވެސް ވީޑިއޯއިން ފެނެއެވެ. ވެއްޓުނުއިރު އަންހެން ކުއްޖާ ހުރީ ވެސް ރައުދުގެ ޓީޝާޓު ލައިގެންނެވެ.
ފުރަތަމަ ކަމަކަށް، އެ މީހުން މަސްތުވީ އަމީންގެ އާއިލީ ގެކޮޅު މާންދޫގޭދެކުނުގޭގައި ކަން ފުލުހުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކައިން ވަރަށް ސާފުކޮށް އެނގެއެވެ. އެކަމަކު، އެ ގޭގައި ހިނގި އެއްވެސް ކަމެއް ނުބަލައި ދޫކޮށްނުލާ ކަމަށާއި ތަހުގީގަށް އެ ކަންކަން މުހިންމު ވެސް ނުވާ ކަމަށް ފުލުހުން ފުރަތަމަ ބުންޏެވެ. އެހެންވެސް އެ ޕާޓީގައި ތިބި އެންމެންނާ ސުވާލު ވެސް ނުކުރެއެވެ. ބައެއް މީހުންނާ ސުވާލުކުރިއިރު، ދެ މީހަކު މަސްތުވާތަކެއްޗަށް ޓެސްޓްކުރަން ވެސް ދެކޮޅު ހެދިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ހޫނުވެ، ޒުވާނުން މަގުތައްމައްޗަށް ނުކުމެ ލޭ ކައްކުވާލަންދެން ފުލުހުން އެ ކަމަކާ އަޅައެއް ނުލައެވެ. އެ މައްސަލައިގައި ތުހުމަތުކުރި އެންމެން އެނގި ތިބެއެވެ. އެ މީހުންގެ ޕާސްޕޯޓު ވެސް ހިފެހެއްޓީ ބުރާސްތި ދުވަހުގަ އެވެ. މުޒާހަރާއަށް ފަހު ކަންކަން މާ ބޮޑަށް ހޫނުވެދާނެހެން ހީވީމައެވެ. އެ މީހުން ބަލައި ފާސްކޮށް، ޓެސްޓްކުރަން އެ އުޅެނީ ހާދިސާއަށް ހަވަނައަށްވީ ދުވަހެވެ. ޕާޓީކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ރިކޯޑު އޮތް މީހުން ވެސް ހިމެނެއެވެ.
މުޒާހަރާކޮށް، ދެން މަޑުމަޑުން ނުތިބެވޭނެހެން ހީވީމާ ޕާޓީކުރި މީހުން މަސްތުވާތަކެއްޗަށް ޓެސްޓްކުރަން ކޯޓު އަމުރަކަށް އެދުނީ ވެސް ބުރާސްފަތި ދުވަހުގައެވެ. އެ ކަމެއް ކުރިތާ ހަ ދުވަސް ފަހުންނެވެ. ޔުމްނު ވެއްޓުނުއިރު އޭނައާއި އެއްކޮށް އެވަގުތު އުޅުނު ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަމަވެސް ފުލުހުން އޭނާ ހައްޔަރެއް ނުކުރެއެވެ. އެއީ ކީއްވެތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުން ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު ދެއްވީ ފިނި ޖަވާބެކެވެ. އެއީ، ހައްޔަރުކުރާތާ 30 ދުވަސްތެރޭގައި ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވަން ޖެހޭތީ، އެ މުއްދަތުގައި އެކަން ނުކުރެވިދާނެތީ ހައްޔަރުނުކުރީއެވެ.
އަޅުގަނޑުމެންނަށް ވަގުތަކީ ވަރަށް މުހިންމު އެއްޗެއް. ކަންތައްތައް ކުރުމަށްޓަކައި، ތަހުގީގު ކުރާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުމާއި އަދި ކޯޓު އަމުރު ހޯދުމާއި މި ކަންކަން ކުރުމަކީ ވެސް ވަރަށް ބައިވަރު ވަގުތު ދާ ކަމެއް އެއީ. އަޅުގަނޑާ މި މައްސަލަ ރިވިއުކުރަން ހަވާލުވި ފަހުން މުޅި މި ކޭސްގެ ކަންތައްތައް ބަލަމުން މި ދަނީ. އެއްވެސް ކަހަލަ މިސްޓޭކެއް، އެއްވެސް ކަމެއް ނައްޓައިގެން ގޮސްފައި ހުރިތޯ. އެ މަސައްކަތް ކޮށްފައި އެ ފީޑްބެކް އަޅުގަނޑު މި ދެނީ. މިކަން ނުކޮށް އޮތީ ކީއްވެގެންތޯ، މިކަން ނުކޮށް އޮތްނަމަ މި ކަންތައްތައް ފުރިހަމަކުރަން
ސީޕީ ސުޖާއު![]()
ކޮންމެއަކަސް ޔުމްނުގެ މި ހާދިސާއަށް 48 ގަޑިއިރު ވެގެން ދިޔައިރުގައި ވެސް މި މައްސަލައަށް ފުލުހުން މާ ބޮޑު ސަމާލުކަމެއް ނުދިނުމުން ރާއްޖޭގެ ގިނަ ބަޔަކު ފުލުހުންނަށް ކުރި ތުހުމަތަކީ ޕާޓީކުރި މީހުން ހިމާޔަތްކުރަން އުޅުމުގެ ތުހުމަތެވެ. ސަރުކާރުގެ ބޮޑުންގެ ދަރިންނާއި ތިމާގެ މީހުން ހިމާޔަން ކުރަން އުޅުމުގެ ތުހުމަތެވެ.
ތަކުރާރުކޮށް، މި މައްސަލައިގެ ތެރެއަށް އެއްވެސް ނުފޫޒެއް ނުވަންނަ ކަމަށް ކޮމިޝަނަރު ޝުޖާއު ވިދާޅުވަމުން ގެންދިޔަ ނަމަވެސް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުން ކުރިއަށް ދަނިކޮށް، މިނިސްޓަރ އަމީން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އަށް ގުޅުއްވިކަން ފަޅާއެރުމުން ގިނަ ރައްޔިތުންނަށް މިކަން ވެސް ވަރަށް ސާފުވެއްޖެއެވެ.
ތަހުގީގަށް ނުފޫޒު ނުފޯރުވާނެކަމަށް އަމީން ވިދާޅުވެފައިވާއިރު، މި ތަހުގީގަށް މިނިސްޓަރ އަމީންގެ ނުފޫޒު އޮތްކަމާއި، ހަފްތާއެއްވި އިރު ފުލުހުން މިކަމާއި ގުޅޭ މައުލޫމާތު ހާމަނުކުރުމުން ސިޔާސީ ނުފޫޒު އޮތްކަމަށް އާންމުން އަންނަނީ ބުނަމުންނެވެ.
ޕާޓީއެކޭ ވިދާޅުނުވެ އެއްވުމެއް ގެކޮޅުގައި ހިނގި ކަމަށް އަމީން އެއްބަސްވެލެއްވިއެވެ. އެ ކަމުގައި އޭނާއަށް ބޮޑުބޭބެ ކިޔައި ދެ މީހަކު އުޅުނު ކަމަށް ވެސް އެއްބަސްވިއެވެ. އެކަމަކު، އެއްވެސް ނުފޫޒެއް މައްސަލައަށް ނުފޯރުވާ ކަމަށާއި އެ ހާދިސާގެ މައުލޫމާތު ލިބުނީ ވެސް ހުކުރު ދުވަހު ހަވީރު ކަމަށް އަމީން ވިދާޅުވިއެވެ.
އެ ބޭފުޅާ ކިޔައިދިން ގޮތުގައި މި މައްސަލައަށް އެޓެންޑްވަމުން ދިޔައިރު ހެންވޭރު ފުލުހަށް ނުފޫޒު ވަނެވެ. ހޯމް މިނިސްޓަރު އަލީ އިހުސާނާއި އަމީން އަދި ކޮމިޝަނަރު ވެސް މައްސަލައިގެ ކަންކަން 'ގާތުން ބެލި' ކަމަށް އެ ބޭފުޅާ ތަކުރާރުކޮށް ވިދާޅުވިއެވެ. އެކަމަކު، އެ ތުހުމަތުތައް ފުލުހުން ދޮގުކުރެއެވެ.
ހުކުރު ދުވަހު ހަތަރުދަމު، މައްސަލަ އާންމުންގެ ސަމާލުކަމަށް އަންނަންދެން ވެސް ބެލީ ހެންވޭރު ފުލުހުންނެވެ. އެކަމަކު، އެއީ ފުލުހުން އާންމުކޮށް އަމަލުކުރާ އުސޫލެއް ނޫނެވެ. މި ފަދަ ބޮޑު ހާދިސާއެއް ހިނގުމުން އެ މައްސަލަ ބަލާނީ މޭޖާ ކްރައިމްއިންނެވެ. އެ އުސޫލުން ބޭރުވީ، ނުފޫޒެއްގެ ތެރެއިން އެ ރޭގެ ޕާޓީގައި ތިބި ވަކި ބަޔަކު ހިމާޔަތްކުރަން ކަމަށް އެ ބޭފުޅާ ގަބޫލުކުރެއެވެ.
ފުލުހުން މި މައްސަލަ މިހާ ބޮޑުވަންދެން ވެސް ތިބީ މަޑުންނެވެ. ޒުވާނުން ނުކުމެ ގައުމު ކައްކާލަންދެން ފުލުހުން މަސައްކަތްކުރީ 'ޕާޓީ ކުރި' މީހުންނާއި ޔުމްނުގެ ވެއްޓުމާ ގުޅުމެއް ނެތްކަން ސާބިތުކޮށްދޭށެވެ. މަޖުބޫރުވުމާ ހަމައަށް ވެސް 'ޕާޓީ ކުރި' އެއްވެސް މީހެއްގެ ނަން ވެސް ބުނެލާކަށް ފުލުހުން ބޭނުމެއް ނުވިއެވެ. އެކަން ކުރީ ޒުވާނުން ނުކުމެ މަޖުބޫރުކުރީމައެވެ.
މި މައްސަލާގައި ފުލުހުން ފޮރުވަން އުޅެނީ ކޮންކަމެއްކަން މިއަދު ދިވެހި ރައްޔިތުންނަށް އެނގިސާފުވެއްޖެ އެވެ.