ކ. މާލެ
|
15 އޭޕްރިލް 2025 | އަންގާރަ 19:16
ރައީސް މުއިއްޒުގެ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހާއެކު އިސްރާއިލު ރައްޔިތުންނަށް ދެވަނަ ޕާސްޕޯޓް ދައްކައިގެން ރާއްޖެ އާދެވޭނެ
ރައީސް މުއިއްޒުގެ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހާއެކު އިސްރާއިލު ރައްޔިތުންނަށް ދެވަނަ ޕާސްޕޯޓް ދައްކައިގެން ރާއްޖެ އާދެވޭނެ
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
އިޒްރޭލު ޕާސްޕޯޓު މަނާކުރުން - ސަރުކާރުން ކުރި ކަމަކީ ނަތަންޔާހޫ އަށް ވެސް ރާއްޖެއަށް ޗުއްޓީއަށް އާދެވޭ ގޮތަށް ހެދުން
މީކާއިލް ހުށަހެޅި އިސްލާހުގައި އޮތީ އިޒްރޭލު މީހަކަށް ވެއްޖެއްޔާ އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތަސް އެތެރެ ނުވެވޭނެ ގޮތަށް. މި ސަރުކާރުން މަކަރުވެރިކަމާއެކު ބަދަލުކޮށްލީ އިޒްރޭލު ޕާސްޕޯޓުގައި ނާދެވޭނެ ކަމަށް. އެހެން ގައުމެއްގެ ޕާސްޕޯޓު އޮވެއްޖެއްޔާ އާދެވޭނެ ގޮތަށް.

މުޅި ސޯޝަލް މީޑިއާގައި އަނެއްކާވެސް އުތުރި އަރަނީ އެއް ވާހަކައެވެ. އިސްރާއިލު ޕާސްޕޯޓް މަނާކުރި ވާހަކައެވެ. ރައީސް މުއިއްޒުއަކީ ލެޖެންޑެއް ކަމަށެވެ. ތާރީހުގައި ވެސް އެމަނިކުފާނުގެ ނަން ރަން އަކުރުން ފަވާލެވޭނެ ވާހަކައެވެ. އެއީ ގަޓު ހުރީ ރައީސްއެއް ކަމަށެވެ. ޕީއެންސީގައި ތިބި ރައްޔިތުންގެ ފައިސާއިން މުސާރަ ނަގާ ބޮޓުންތައް ދެފައި އެއްތާކު ނުޖެހި ދުވަނީއެވެ. އާ ކުކުޅަކަށް ގާ ބިހެއް އެޅުނީމާ ވާހެން ވެގެންނެވެ.

ނަމަވެސް މި ހުރިހާ ވާހަކައެއް ދައްކަނީ ފޮރުވިފައި އޮތް ބޮޑު ސިއްރެއް ތިލަވެދާނެތީއެވެ. މަޖުބޫރު ވެގެން ކުރި ކަމެއް އެއީ ކެރި ހުރެގެން ކުރިކަމެއްގެ ގޮތުގައި ދައްކާށެވެ. މި ސަރުކާރަކީ ޔަހޫދީ ސަރުކާރެކޭ ބުނަނީ މިހެންވެގެންނެވެ. މިއަދު އެކި ތަންތަނުގައި އިސްރާއިލު ޕާސްޕޯޓް މަނާކުރިކަމަށް ވާހަކަ ދައްކާއިރު، މި ސުރުހީ މީގެ ކުރިންވެސް އެކި ތަންތަނުން ފެނުނެވެ. އެހެންކަމުގައިވާނަމަ ކުރިން ދެއްކި ވާހަކަ ކެންސަލްވީ ކަމަށްވެދާނެއެވެ. ނަމަވެސް ހަގީގަތަކީ ފިނޑިކަމުން އެއިރު ދަޅަ ދައްކާލާ ނިންމާލައިގެން ތިބީއެވެ.

އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ޣައްޒާގެ ރައްޔިތުންގެ ތެރެއިން އެތައް ހާސް ބަޔަކު ޝަހީދުކުރަމުންދާތީ ކުޑަކުޑަ ދިވެހިރާއްޖެއިން އެޅޭނެ އެންމެ ބޮޑު ފިޔަވަޅެއްގެ ގޮތުގައި އިސްރާއިލު ރައްޔިތުންނަށް ރާއްޖެ ނާދެވޭ ގޮތް ހެދުމަށް ރައްޔިތުން ދިޔައީ މި ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ. ނަމަވެސް ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީ އަކަށް މިފަދަ ބިލެއް ވައްދަން ނުކެރުނެވެ. މި މައްސަލައިގައި ސަރުކާރު ފެއިލްވެފައި އޮއްވާ އެމްޑީޕީން އެފަދަ ބިލެއް މަޖިލީހަށް ވެއްދީއެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް 29 މެއި 2024 ގައި ވެއްޓީ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި އޮތީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާކުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅު އެޅުމުގެ ގޮތުން ދިވެހިރާއްޖެއަށް "އިޒްރޭލުގެ ރައްޔިތުން" އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީނަމަވެސް، ސަރުކާރުން މިހާތަނަށް މިކަމުގައި އަމަލުކުރަމުންދާނެ ގޮތެއް ސާފުކޮށްދީފައި ނުވާތީއާއި މިކަން ކުރެވޭނެ ވަކި މުއްދަތެއް ވެސް އެނގެން ނެތުމުން، ސީދާ ގާނޫނަށް ގެންނަ ބަދަލުން "އިޒްރޭލުގެ ރައްޔިތުން" އެތެރެވުން މަނާކުރުމެވެ.

އިމިގްރޭޝަން ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރަން މި ބިލުގައި ހުށަހަޅާފައިވެއެވެ. އިމިގްރޭޝަން ގާނޫނުގެ 8 ވަނަ މާއްދާ (ރާއްޖެއަށް މީހުން އެތެރެވުމުގެ ހުއްދަނެތް މީހުން) ގެ 8 ވަނަ ނަންބަރުގެ ގޮތުގައި އިތުރުކުރަން ބިލުގައި ބުނީ އިޒްރޭލުގެ ފާސްޕޯޓް ގޭންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުން ވެސް ހިމެނޭނެއެވެ.) މިފަދައިންނެވެ.

ކޮންމެއަކަސް މިއޮތީ މުތުލަގަށް މިކަން ކުރެވޭނެ ގޮތަށް ހުށަހަޅާފައެވެ. އިޒްރޭލަކީ ދުނިޔޭގެ އެކި ތަންތަނުން ޔަހޫދީން އައިސް ވަޒަންވެރިވެ އުޅެމުންދާތަނެކެވެ. ގަދަކަމުން ފޭރިގަނެގެން އިސްރާއިލުގެ ނަމުގައި ދައުލަތެއް އުފައްދައިގެން ހުޅަނގުގެ ބާރުވެރިކަމާއެކު ފަލަސްތީނުގެ ފަސްގަނޑުގައި ދިއިރުޅެމުންދާ ޔަހޫދީންގެ ތެރެއިން މެޖޯރިޓީއަކީ ދެ ޕާސްޕޯޓް އޮންނަ މީހުންނެވެ. މީގެ ތެރެއިން އިސްރާއިލުގެ ހަރުކަށި އަދި ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގައި އިސްކޮށް ހުރި ބެންޖަމިން ނަތަންޔާހޫ އަކީ ވެސް ޑުއަލް ސިޓިޒެންޝިޕް ނުވަތަ ދެ ގައުމެއްގެ ޕާސްޕޯޓް އޮތް ފަރާތެކެވެ.

ކަން މިހެން އޮތުމުން ފަލަސްތީނުގައި ޖަރީމާތައް ހިންގާ ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް، ޝަހީދުކޮށްލުމަށްފަހު ވަރުބަލި ފިލުވާލަން ދުނިޔޭގެ އެންމެ މަޝްހޫރު ޗުއްޓީ ހޭދަކުރާ މަންޒިލްހެ ގޮތުގައި ބެލެވިފައިވާ ނަތަންޔާހޫއާއި، އޭނާގެ ހައްދުފަހަނައެޅި ކެބިނެޓުގެ މެންބަރުންނާއި، އިސްރާއިލުގެ އަސްކަރިއްޔާގައި ތިބެގެން ފަލަސްތީނުގެ ކުޑަކުދިންނާއި، އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ގަތުލުކޮށް ޖަރީމާ ހިންގަމުންދާ އަސްކަރީ ފަރާތްތަކަށް ވެސް ދެވަނަ ޕާސްޕޯޓެއްގައި ރާއްޖެއަށް އާދެވިދާނެއެވެ.

ދެ ޕާސްޕޯޓް އޮތް ނަމަވެސް މުތުލަގަށް އިސްރާއިލުގެ މީހަކު ރާއްޖެއަށް އައުން މަނާކުރަން މީކާއިލް ހުށަހެޅުއްވި އިސްލާހުން ފުރުސަތު ލިބިގެންދެއެވެ. ނަމަވެސް މި ސަރުކާރުގެ ވެރިންނާއި އިސްްރާއިލުގެ ބޮޑެތި ވިޔަފާރިވެރިންނާއި އޮންނަ ގުޅުމުގެ އަޑުތައް ފެތުރި އެވާހަކަތައް ތިލަވެފައި އޮއްވާ، މި އިސްލާހު މަޖިލީހުގެ ކޮމިޓީއެއްގައި ހިރަފުސް އަރުވަން 300 ށް ވުރެ ގިނަ ދުވަހު ބޭއްވިއެވެ. އެއްވެސް މަސައްކަތެއް ނުކޮށެވެ.

އެންމެ ފަހުން އަނެއްކާވެސް ރައްޔިތުންގެ ޕްރެޝަރު ބޮޑުވެގެން އެ ބިލުގެ މަސައްކަތް ފަށަން ނިންމިއެވެ. ނަމަވެސް މިފަހަރު ގޮތް ނޭނގޭ ޑީލްތަކެއްގެ ދަށުންނެވެ. ހުޅަނގާއި އިޒްރޭލުގެ ވިޔަފާރިވެރިންނާއި މި ސަރުކާރާއި އޮންނަ ގުޅުމުގެ ތެރެއިން މަކަރުވެރިކަމާއި ހީލަތްތެރިކަމާއެކުއެވެ.

ސަރުކާރުން ކޮމިޓީ މަރުހަލާފައި އިސްލާހު ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު ޝާހިދުއެވެ. އޭނާ ހުށަހެޅުއްވީ އިސްރާއީލުން ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލަން ދެން އިސްރާއިލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށެވެ. ޝާހިދު ވަނީ މި ބިލުގައި އިޒްރޭލު މީހަކު އެހެން ގައުމެއްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރާ ގޮތަށް އޮތް ބައި އުނިކުރުމަށް ނިންމާފައެވެ. މި ދެ އިސްލާހަށް ވެސް ތާއީދުކުރައްވާފައި ވަނީ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު އިސްމާއިލެވެ. ކޮމިޓީން ބިލް ފާސްކޮށްފައި ވަނީ މި އިސްލާހުތަކާއި އެކު ކޮމިޓީ މެމްބަރުންގެ އިއްތިފާގުންނެވެ.

މިއާއެކު އަވަހަށް ތަޅުމަށް މައްސަލަ ފޮނުވާ ފާސްކޮށްލީއެވެ. ފާސްކުރި ބިލުގައި އޮތީ އިމިގްރޭޝަން ގާނޫނުގެ 8 ވަނަ މާއްދާގެ (ނ) ފަހަތަށް (ރ) ގެ ގޮތުގައި އަކުރެއް އިތުރުކުރުމަށެވެ. އެއީ 7 އޮކްޓޯބަރު 2023ން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން، އިޒްރޭލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުމަކީ މަނާކަމެއް ކަމަށެވެ.

މި ސަރުކާރުގެ ޔަހޫދީކަމާއެވެ. މީކާއިލް ހުށަހެޅި އިސްލާހުގައި އޮތީ އިޒްރޭލު މީހަކަށް ވެއްޖެއްޔާ އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތަސް އެތެރެ ނުވެވޭނެ ގޮތަށެވެ. މި ސަރުކާރުން މަކަރުވެރިކަމާއެކު ބަދަލުކޮށްލީ އިޒްރޭލު ޕާސްޕޯޓުގައި ނާދެވޭނެ ކަމަށެވެ. އެހެން ގައުމެއްގެ ޕާސްޕޯޓު އޮވެއްޖެއްޔާ އާދެވޭނެ ގޮތަށެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކިނބުލުގެ ކަރުނަ އަޅަމުންދާ މުއިއްޒުގެ ސަރުކާރުގެ އިސްލާހާއެކު އިޒްރޭލުގެ ރައްޔިތުންނަށް މި ލިބުނީ އީދެކެވެ. ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށްފަހު ވަރުބަލި ފިލުވާލަން އަސްކަރީ މީހުންނާއި ޖައްބާރު ނަތަންޔާހޫއާއި އޭނާގެ ކެބިނެޓުން އެހެން ޕާސްޕޯޓެއް ދައްކައިގެން އަންނަންވީއެވެ. ފަލަސްތީނު މީހުން ޝަހީދުކޮށް މުޅި ޣައްޒާ ސުންނާފަތިކޮށްލާފައިވެސް އައުމުން އެހެން ޕާސްޕޯޓެއް ދައްކާ ހިސާބުން މި ސަރުކާރުން އެމީހުންނަށް ކިޔަން ނިންމީ މަރުހަބާއެވެ.

މިގޮތަށް ސަރުކާރުން ނިންމި ސަބަބެއް ހާމަކުރަންޖެހެއެވެ. އިސްރާއިލު ޕާސްޕޯޓް މަނާކުރެވިއްޖެއެވެ. އެކަމާއި ހައްގު ތައުރީފެވެ. ނަމަވެސް މަކަރުވެރި ހިޔަޅެއް ކަންކުރާ އުސޫލުން އިސްލާހު ގެނައި ކީއްވެގެންކަން ދިވެހިރައްޔިތުން ސާފުކުރަން ބޭނުންވެއެވެ. މިކަމުގެ އަޑީގައި ފޮރުވިފައިވާ ހަގީގަތަކީ ކޮބައިކަން އެނގެން ބޭނުންވެއެވެ. މި ސަރުކާރުން އިސްރާއިލުގެ ރައްޔިތުންނަށާއި، އިސްރާއިލުގެ އަސްކަރިއްޔާގައި ތިބި ޖައްބާރު ނުބައި ނުލަފާ މީހުންނަށް އަންނަން މަގު ކޮށައިދިނީ ކީއްވެގެންކަން ސާފުކޮށްދޭންޖެއެވެ.

ކޮންމެއަކަށް މުޅި ދައުލަތް އަންބޮޑިއަށް ލައިގެން ހުރި ވެރިއަކު ކަންކުރާނެ ގޮތް މިއަދު މި ފެންނަނީއެވެ. މި ސަރުކާރާއި މި ސަރުކާރުގެ މަޖިލިސް މެންބަރުންނާއި ރައީސް މުއިއްޒުގެ ޔަހޫދީ ކަމާއެވެ. އެއްކޮޅުން ދައްކަނީ ފަލަސްތީނު ރައްޔިތުންނަށް އޮތް ލޯތްބެވެ. އަނެއްކޮޅުން ފަލަސްތީނު ރައްޔިތުން ގަތުލުކުރާ މީހުންނަށް މިދެނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން ޓިކެޓެކެވެ.

- ކޮމެންޓް