"ބައްލަވާ ޤަބޫލުކުރަން ޖެހޭ ހަޤިޤަތަކީ ހަމަ އަމިއްލައަށް ވެސް މަރުވެދާނެ ކަން. މިކަން ތިޔަ ބޭފުޅުންވެސް ޖެހޭނެ ޤަބޫލުކުރައްވަން"
މިއީ ރާއްޖެ ޓީވީގެ ނޫސްވެރިންގެ ބަހެއް ނޫނެވެ. އަދި ކިއެއްތަ، މި ރިޕޯޓު ލިޔުނު ނޫސްވެރިޔާގެ އަމިއްލަ ބަހެއް ވެސް ނޫނެވެ. މިއީ ނިމުނު އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ނ. ހޮޅުދޫގެ ގެއްގެ ގުދަނެއްގެ ތެރެއިން ފުން ޒަޚަމްތަކަކާއި އެކު މަރުވެފައި އޮއްވާ ފެނުނު އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާގެ އުފަން ރަށް، ނ. ހޮޅުދޫ ރައްޔިތުންގެ ބަހެވެ. އެ ރަށުގެ ރައްޔިތުންގެ އަޑެވެ.
ޒަކިއްޔާގެ މަރުގެ ހަޤީޤަތް އަދިވެސް ވަނީ ނޭއްގުމެއްގެ ތެރޭގައެވެ. އެއްބަޔަކު ބުނަމުން ގެންދަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށެވެ. އަދި އަނެއް ބައަކު ބުނަމުން ގެންދަނީ ބައަކު ގަސްތުގައި ޒަކިއްޔާ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ކަމަށެވެ. ކޮންމެއަކަސް މިކަމުގެ ހަޤީޤަތް ވަނީ ނޭނގުމެއްގެ ތެރޭގައެވެ.
ކަން މިހެން ހުރި އިރު، ހޮޅުދޫ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި ޒަކިއްޔާ މަރުވެފައި ވަނީ އަމިއްލައަކަށް ނޫނެވެ. ޒަކިއްޔާ މަރާލާފައި ވަނީ ބަޔަކު ގަސްތުގައެވެ. ރޭވުމެއްގެ ތެރެއިންނެވެ. ޒަކިއްޔާގެ ހަޤީޤަތް އެނގޭ އަދި ދަންނަ ގާތް ރައްޓެހިންގެ ބަހަކީ ވެސް ހަމަ މިއީ އެވެ.
"ޒަކިއްޔާ އަމިއްލަ އަށް މަރުވާނެ ކަމަށް ޤަބޫލު ކުރާނެ އެއްވެސް މީހަކު ނެތް. އަހަރެން މިއީ އޭނާ އާއި ވަރަށް ގާތުން ވަރަށް އެކުގައި އުޅުނު ރައްޓެއްސެއް. ވަރަށް މަޖާކޮށް ހީ ސަމާސާ ވެސް ކޮށް އުޅުނީ. އެބުނާ ނަފުސާނީ އެއްވެސް ނޫން އޭނައެއް. ޒަކިއްޔާ މަރުވެފައި އޮތް ގޮތުން ވެސް އެނގޭ އެއީ ބަޔަކު ރޭވުމަކުން ހިންގާފައި ހުރި ބޮޑު ގަތުލެއްކަން.
ޒަކިއްޔާގެ ގާތް ރަޙުމަތްރެވިއެއް![]()
ޒަކިއްޔާގެ ގޮތް ނޭނގޭ މަރާއި ގުޅިގެން މުޅި ހޮޅުދޫގެ ރައްޔިތުން އަދިވެސް ބިރުވެރިކަމެއްގެ ތެރޭގައި ތިބިއިރު، އެރަށުގެ ރައްޔިތުން ތިބީ އެ މަރަށް އިންސާފެއް ލިބޭނޭ ދުވަހެއްގެ އިންތިޒާރުގަ އެވެ.
ޒަކިއްޔާގެ މަރަށް އެތަކެއް ދުވަހެއް ފާއިތުވެގެން ދިޔައިރުގައި ވެސް އަދިވެސް މި މަރަށް އިންސާފެއް ލިބޭނެ ފަދަ ރަނގަޅު ތަހުޤީޤެއް ހިންގިފައެއް ނުވެއެވެ. ކަން މިހެން ހުރިއިރު، ޒަކިއްޔާގެ މަރުގެ ތުހުމަތުގައި މިހާތަނަށް އަދިވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. މިކަމުގެ ސަބަބެއްގެ ގޮތުގައި އެ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ކުރާ އެއް ތުހުމަތަކީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ހުރިހާ ހެކިތަކެއް ފުލުހުން ނައްތާލާފައި ވުމެވެ. ހެކިނައްތާލީ ސީދާ ގަސްތުގައި ޒަކިއްޔާގެ މަރުގެ އެ މައްސަލަ އޮއްބާލަން ކަމަށް ހޮޅުދޫގެ ރައްޔިތުން ދަނީ ބުނަމުންނެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުން ފުލުހަށް ވެސް ހުށަހެޅިން. އެހެން ނަމަވެސް އެކަމަށް އެކަށީގެންވާ ޖަވާބެއް ނުލިބުނު. ވަރަށް މަސައްކަތް ކުރިން ފުލުހުން މިކަމަށް އެއްވެސް އެހީތެރިކަމެއް ނުދިން." ހޮޅުދޫގެ ޒުވާނަކު ކިޔައިދިނެވެ.
ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން ގެންދަނީ ޒަކިއްޔާގެ އާއިލާއިންނެވެ. އެ އާއިލާއިން ވެސް އަދި ހޮޅުދޫ ރައްޔިތުންވެސް ޒަކިއްޔާގެ މަރާއި ގުޅިގެން ހުރި ގިނަ ކަންބޮޑުވުން ތަކެއް ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. ނަމަވެސް އަދިވެސް ފުލުހުން މި ކަމަށް އެކަށީގެންވާ ޖަވާބެއް ނުދޭ ކަމަށް އެމީހުން ދަނީ ބުނަމުންނެވެ.
ޒަކިއްޔާގެ މަރާ ގުޅޭ ގޮތުން ފުލުހުން އެންމެ ފަހުން މައުލޫމާތު ދީފައިވަނީ 18 ސެޕްޓެންބަރ 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ޒަކިއްޔާ ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނަގާފައިވާ ކަމަށާއި، އޮޓޮޕްސީ ނުހަދަން ނިންމީ ޑޮކްޓަރުންގެ ފަރާތުން ބޭނުންވާ ރައުޔު ލިބުމުން ކަމަށެވެ. އެދުވަހު ވެސް ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލް ހާމަކޮށްފައިނުވެ އެވެ.
މިއަދާއި ހަމައަށް ވެސް ޒަކިއްޔާގެ މަރާއި ގުޅިގެން ފުލުހުން މާ އެދެވޭ ޖަވާބެއް ދީފައި ނުވާކަމަށް ހޮޅުދޫ ރައްޔިތުން ބުނަމުން އަންނައިރު، ޒަކިއްޔާގެ މަރާއި ގުޅިގެން އެކަމުގެ ކަންބޮޑުވުންތަކުގެ އަޑު އުފުލައި އިހުތިޖާހުތަކެއް ވެސް އެ ރަށުގައި ވަނީ ކޮށްފަ އެވެ. އަދި އެ އިހުތިޖާޖުތަކާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ ހޮޅުދޫއަށް ވަޑައިގެންފަ އެވެ. ނަމަވެސް މިނިސްޓަރ އިހުސާން އެ ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވީ ހޮޅުދޫގެ ރައްޔިތުންގެ ހިތް ތަކަށް އިތުރު ބިރުވެރިކަމަކާއި ނުތަނަސްކަމެއް ގެނުވާފަދަ ވާހަކަތަކެއް ކަމަށް ރާއްޖެ އެމްވީ އާއި ވާހަދެއްކި ބައެއް ބޭފުޅުން ވިދާޅުވި އެވެ.
ޒަކިއްޔާގެ މަރާއި ގުޅިގެން ހޮޅުދޫއަށް މިނިސްޓަރު ވަޑައިގަތް، އެހެން ނަމަވެސް މިނިސްޓަރު ވެސް ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަފުޅެއް. ރަށުގެ ރައްޔިތުން މުޅިން މާޔޫސް ކުރުވާފަދަ ވާހަކަތަކެއް. މިނިސްޓަރު ވެސް އަޅުގަނޑުމެންނަށް ބާރު އެޅުއްވީ ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ގަބޫލު ކޮށް ލައިގެން ތިބުމަށް. މިއީ މިނިސްޓަރަކު ދައްކަން ހެޔޮވާ ވަރުގެ ވާހަކަތަކެއް ތޯ..؟
ޒަކިއްޔާގެ އާއިލާއަށް ނިސްބަތްވާ ހޮޅުދޫގެ ޒުވާނެއް![]()
މިއީ ހަޤީޤަތުގައި މިނިސްޓަރ އަލީ އިހުސާން ދައްކަވައިގެން ވާނޭ ވާހަކަތަކެއް ނޫންނެވެ. ހޮޅުދޫ ރައްޔިތުން ޤަބޫލުކޮށްގެން ތިބީ މިނިސްޓަރު އިހުސާން އެ ރަށަށް ވަޑައިގަތީ ޒަކިއްޔާގެ މަރާއި ގުޅިގެން ބިރުވެރިކަމެއްގެ ތެރޭގައި ތިބި ހޮޅުދޫ ރައްޔިތުންގެ ހިތްތަކަށް ތަސައްލީއެއް ލިބިގެން ދާނޭ ކަމުގައެވެ. އެހެން ނަމަވެސް ކަންވެގެން ދިއައީ މުޅިން ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ.
މިނިސްޓަރު އިހުސާން މަސައްކަތް ކުރެއްވީ ޒަކިއްޔާ އަމިއްލަ އަށް މަރުވި ކަމަށް ހޮޅުދޫގެ ރައްޔިތުންގެ ހިތްތަކަށް ވެއްދެވުމަށް ފަހު މުޅި މަސައްލަ އަށް ފަސްއަޅައި ފިރުވުމަށް ކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި ހޮޅުދޫގައި ކުރި މުޒާހަރާތަކާއި ގުޅިގެން އިހުސާން އެ ރަށަށް ދެ ފަހަރެއްގެ މަތިން ވަޑައިތަވެ. އަދި ޒަކިއްޔާގެ އާއިލާ ބޭފުޅުންނާއި ވެސް ބައްދަލުކޮށް އެކަމާއި ގުޅޭ ގިނަ ވާހަކަތަކެއް ދެއްކި ކަމަށް އެ އާއިލާއިން ބުނެއެވެ.
އަދި މިނިސްޓަރު އިހުސާން ވެސް މަސައްކަތް ކުރެއްވީ ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމުގެ ވަސްވާސްތައް އާއިލާގެ އެމީޙުންގެ ހިތްތަކަށް ވެއްދުމަށް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
"ތިބޭފުޅުން ވެސް ޤަބޫލު ކުރައްވަން ޖެހޭނެ ނޫންތޯ ޒަކިއްޔާ ވެސް ހަމަ އަމިއްލަ އަށް ވެސް މަރުވެދާނެ ކަން. ހަމަ ވެދާނެ ނޫންތޯ. ގަބޫލު ކުރައްވަންތޯ. ކީއްވެގެންތޯ ޤަބޫލު ނުކުރައްވަނީ"
މިއީ މިނިސްޓަރު އިހުސާން ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވިދާޅި ކަމަށް ބުނާ ވާހަފުޅެވެ.
ހޮޅުދޫގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ ޒަކިއްޔާގެ މަރަށް އިންސާފު ލިބުމެވެ. އެ މަސައްކަތް ހުއްޓާނުލައި އެ ރަށުހެ ރައްޔިތުނޖް އަދިވެސް ގެންދަނީ ކުރަމުންނެވެ.
ޒަޚަމްތަކަކާއި އެކު މަރުވެފައި އޮތް ޒަކިއްޔާ ހަށިގަނޑު ފެނުނީ އެގެއަށް ކުނި ނަގަން ވަތް މުނިސިޕަލް މުވައްޒަފުންތަކަކަށެވެ. ހަށިގަނޑު ފެނުނުއިރު ކަރުގައި ވަޅި އަޅާފައިވާއިރު، ކައިރީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ 10 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ ހެނދުނު 10:10 ހާއިރެވެ.