ކ. މާލެ
|
18 މާރޗް 2025 | އަންގާރަ 10:39
މިދިޔަ އަހަރު އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ ތެރޭގައި އަވަހާރަކޮށްލި ހިޒްބުاللهގެ ވެރިޔާ، ހަސަން ނަސްރުالله އާއި ހާޝިމް ސަފީއުއްދީންގެ ޖަނާޒާގައި ބައިވެރިވުމަށް އާންމު ރައްޔިތުން އެއްވެ
މިދިޔަ އަހަރު އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ ތެރޭގައި އަވަހާރަކޮށްލި ހިޒްބުاللهގެ ވެރިޔާ، ހަސަން ނަސްރުالله އާއި ހާޝިމް ސަފީއުއްދީންގެ ޖަނާޒާގައި ބައިވެރިވުމަށް އާންމު ރައްޔިތުން އެއްވެ
ރޮއިޓަރސް
އެމެރިކާ
ޙަސަން ނަޞްރުﷲގެ ޖަނާޒާގައި ބައިވެރިވި ޑޮކްޓަރަކު، އެމެރިކާ އިން ޑީޕޯޓު ކޮށްލައިފި
އެމެރިކާގެ ބޮސްޓަން ލޯގަން އެއާޕޯޓުގެ ސެކިއުރިޓީ އިން އޭނާގެ ފޯނު ބަަލައި ފާސް ކުރިއިރު، ހިޒްބުﷲގެ ފޮޓޯތަކެއް ފެނިފައިވާތީ، ކަމާ ގުޅުން ހުރި އިދާރާތަކުން ވަނީ އޭނާ ޑީޕޯޓުކޮށްލާފައި.

އިސްރާއީލް އިން އަވަހާރަ ކޮށްލި، ހިޒްބުﷲ ޖަމާއަތުގެ ޙަސަން ނަޞްރުﷲގެ ޖަނާޒާގައި ބައިވެރިވި ޑޮކްޓަރަކު، އެމެރިކާ އިން ޑީޕޯޓު ކޮށްލައިފި އެވެ.

އެމެރިކާ އިން ޑީޕޯޓު ކޮށްލާފައި ވަނީ، އެ ޤައުމުގެ ބްރައުން ޔުނިވަރސިޓީ ގައި މަސަައްކަތް ކުރަމުން އަންނަ، ލެބަނީސް އަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ރަޝާ އަލަވިއްޔާ އެވެ.

އެމެރިކާގެ ބޮސްޓަން ލޯގަން އެއާޕޯޓުގެ ސެކިއުރިޓީ އިން އޭނާގެ ފޯނު ބަަލައި ފާސް ކުރިއިރު، ހިޒްބުﷲގެ ފޮޓޯ ތަކެއް ފެނިފައިވާތީ، ކަމާ ގުޅުން ހުރި އިދާރާ ތަކުން ވަނީ އޭނާ ޑީޕޯޓު ކޮށްލައިފަ އެވެ. 

އެމެރިކާގެ ހޯމް ލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި، އަލަވިއްޔާ، ލުބުނާންގެ ވެރި ރަށް ބެއިރޫތަށް ދިޔައީ ޙަސަން ނަޞްރުﷲގެ ޖަނާޒާ ގައި ބައިވެރިވުމަށެވެ. 

އަދި އޭނާގެ ފޯނުގައި އިސްރާއީލުން އަވަހާރަކޮށްލި ނަސްރުﷲގެ ޖަނާޒާ ގައި ބައިވެރިވެފައިވާ ކަމުގެ ފޮޓޯ ތަކާއި، ހިޒްބުﷲެ ގެ އިސް ވެރިންގެ ފޮޓޯ އަދި ވީޑިއޯ ހުރިކަމަށް ވަނީ ބުނެފަ އެވެ.

ޕޮލިޓިކޯގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އަލަވިއްޔާ ނަސްރުﷲ އަށް ތާއީދު ކުރަނީ ދީނީ ގޮތުން ކަމަށާއި، އެއީ ސިޔާސީ ގޮތުން ކުރާ ތާއީދެއް ނޫން ކަމަށް ބުނެފައިވެ އެވެ.

އަލަވިއްޔާ އެންމެ ފުރަތަމަ އެމެރިކާ އަށް ދިޔައީ 2018 ވަނަ އަހަރު އެވެ. އެއީ އޯހައިއޯ ސްޓޭޓް ޔުނިވަރސިޓީގައި ނެފްރޮލޮޖީ ފެލޯޝިޕެއް ހެދުމަށެވެ. އޭނާ ވަނީ ޔޭލް އަދި ވޮޝިންޓަން ޔުނިވަރސިޓީ އިން ވެސް ތައުލީމު ހާސިލު ކޮށްފަ އެވެ.

އަލަވިއްޔާގެ ވަކީލުން ޑިޕޯޓޭޝަން އަމުރާ ދެކޮޅަށް މައްސަލައެއް ހުށަހެޅުމުން، ކޯޓަށް އެންގުމަކާ ނުލައި ޑިޕޯޓު ނުކުރުމަށް ފަނޑިޔާރު އަމުރުކުރި ކަމުގައިވީ ނަމަވެސް، ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން އޮފިޝަލުން ވަނީ އޭނާ ފްރާންސް އަށް ފޮނުވާލާފައި އެވެ.

އަދި އެ މައްސަލައިގައި ހޯމަ ދުވަހު ބާއްވަން އޮތް ޝަރީއަތުގެ އަޑު އެހުން ވެސް، އަންނަ ހަފުތާާގެ ދުވަހަކަށް ފަސްކޮށްފައިވާ ކަމަށް ޕޮލިޓިކޯގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.

މި މައްސަލަ އަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، ބިދޭސީންގެ ޢަމަލުތަކާއި ސިޔާސީ ވިސްނުންތަކާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމަށް ބުނެފައިވެ އެވެ.

މީގެ ތެރޭގައި ކޮލަމްބިއާ ޔުނިވާސިޓީގެ ދަރިވަރެއް ކަމަށްވާ، މަހުމޫދު ހަލީލްގެ މައްސަލަ ވެސް ހިމެނެ އެވެ.

- ކޮމެންޓް