ޝިއުނާ އާއި ޝިފާޒް ވެސް އަންނަ ރޯދަ މަހު ޝިއުނާ ވިހާނެ ކަމަށް ބެލެވިފައި ވުމާއި އެކު އަލަތު ފިރިހެން ދަރިފުޅާއި ބައްދަލުވުމަށް ބާކީ އޮތް ދުވަސްތައް ގުނަމުން އައީ އުފާވެރި އިހްސާސްތަކާ އެކުގައެވެ. އެހެންނަމަވެސް މުޅި އާއިލާގެ ހުވަފެންތައް ވިއްސި ވިހާލިވެގެން ދިޔައީ އެންމެ 24 ގަޑިއިރު ތެރޭގައެވެ. ލޯބިވާ އަނބިމީހާ އާއި އަލަތު ފިރިހެން ދަރިފުޅު މި ދުނިޔެ އާއި ވަކިވެ ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ޝިފާޒް އެދެނީ އޭނާގެ އަނބިމީހާގެ ފުރާނަ ސަލާމަތް ކުރަން އަޅާނުލެވި އިހުމާލުވީ ސަބަބު ހޯދުމެވެ.


ޝިފާޒު ޒާހިރު
ގއ. ވިލިގިލީގައި ދިރިއުޅެމުން އައި ޝިފާޒު ޒާހިރު އާއި ފާތިމަތު ޝިއުނާ އަކީ 2 އަންހެނުން ދަރިންނާ އެކު ސާދާ ދިރިއުޅުމެއް ވޭތުކުރަމުން އައި ދެމަފިރިންނެވެ. އެ ދެމަފިރިންގެ 14 އަހަރުގެ ކައިވެންޏަށް ލިބޭ ފުރަތަމަ ފިރިހެން ދަރިފުޅުގެ އިންތިޒާރުގައި ތިބި އެ ދެ މަފިރިން ދަރިފުޅާއި ބައްދަލުކުރުމަށް އެދި ކުރަމުން އައީ ފޮނި އުންމީދެކެވެ. ޝިއުނާ އާއި ޝިފާޒް ވެސް އަންނަ ރޯދަ މަހު ޝިއުނާ ވިހާނެ ކަމަށް ބެލެވިފައި ވުމާއި އެކު ދަރިފުޅާއި ބައްދަލުވުމަށް ބާކީ އޮތް ދުވަސްތައް ގުނަމުން އައީ އުފާވެރި އިހްސާސްތަކާ އެކުގައެވެ. ހަތަރުމީހުންގެ އާއިލާ އަށް އިތުރުވާ އަލަތު ފިރިހެން ދަރިފުޅާއި ބައްދަލުކުރަން މުޅި އާއިލާ އޮތީ ކެތްމަދުވެފައެވެ.
އެހެންނަމަވެސް މުޅި އާއިލާގެ ހުވަފެންތައް ވިއްސި ވިހާލިވެގެން ދިޔައީ އެންމެ 24ގަޑި އިރު ތެރޭގައެވެ. ލޯބިވާ އަނބިމީހާ އާއި އަލަތު ފިރިހެން ދަރިފުޅު މި ދުނިޔެ އާއި ވަކިވެ ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. އެ ދެމައިންގެ ފުރާނަ ސަލާމަތްކުރުމަށް ފަހު ވަގުތާއި ހަމައަށް އާދޭސް ކުރި ނަމަވެސް ފިރިއެއްގެ ހައިސިއްޔަތުން، ބައްޕައެއްގެ ހައިސިއްޔަތުން ކުރެވޭނެ މާބޮޑުކަމެއް ނެތި ޝިފާޒް ހޭދަކުރަން ޖެހުނީ ހިތްދަތި ވަގުތުތަކެވެ.
ފެބްރުއަރީ މަހުގެ 4 ވަނަ ދުވަސް ޝިފާޒް އާއި އޭނާގެ އާއިލާ އާއި ބައްދަލުކުރީ ހަނދާނުން ނުފިލާނެ ފަދަ ހިތްދަތި ތަޖުރިބާއަކާއި އެކުގައެވެ. އެ ދުވަހު ކަން ހިނގާ ދިޔަ ގޮތް ރާއްޖެއެމްވީ އާއި ހިއްސާކުރަމުން ޝިފާޒް ބުނީ މިދިޔަ އަންގާރަ ދުވަހު މެންދަމުގެ ނިދާފައި އޮއްވާ އޭނާގެ އަނބި މީހާ އަށް ނިދިން ހޭލެވުނީ ކެއްސާ، ނޭވާލާން އުނދަނގޫވާތީ ކަމަށެވެ. ގަޑިން ގާތްގަނޑަކަށް 2:50 ހާއިރު އޭނާގެ އަނބިމީހާ އަށް ދިމާވި ތަކުލީފުތަކާއި އެކު ޝިފާޒް ބެލީ އޭނާގެ ލޯބިވާ އަނބިމީހާ ވީހާވެސް އަވަހަށް ހޮސްޕިޓަލަށް ގެންދެވޭތޯއެވެ. އަވަސްއަވަހަށް އެމްބިއުލާންސް އަށް ގުޅައިގެން ހޮސްޕިޓަލަށް އަނބިމީހާ ގެންދިއުމާއި އެކު އަވަސް ފަރުވާދޭ ކޮޓަރީގައި ޝިއުނާ ބައިންދައިގެން އޮކްސިޖަން ގުޅާ، އޭނާ އަށް ފަރުވާދޭން ފެށިއެވެ.
ޝިފާޒްގެ ވާހަކަތަކުން އެނގުނު ގޮތުގައި އޭރު އެތަނުގައި ހުރީ އާއްމު ބަލިތަކާއި ގުޅޭ ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ އަންހެނެކެވެ. އޭގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތަނަށް އެތެރެހަށީގެ ޑޮކްޓަރ އައި ނަމަވެސް އެ ޑޮކްޓަރާއި ޝިފާޒް އާއި ވާހަކަ ދެކެވިފައި ނުވާތީ އެއީ ޑޮކްޓަރެއްކަން ޝިފާޒް އަށް އޭރު އެނގިފައެއް ނުވެއެވެ. ހޮސްޕިޓަލަށް ގެންދިޔަތާ ދެތިން ގަޑި އިރު ފަހުން އަނބިމީހާ އެޑްމިޓްކުރަން ޖެހޭ ކަމަށް ހޮސްޕިޓަލުން ޝިފާޒް އަށް އެންގިއެވެ. އޭރު ޝިފާޒް އަށް ވިސްނިފައި އޮތީ އާދައިގެ ކެއްސުމެއްގެ ސަބަބުން އަނބި މީހާ އަށް ނޭވާލާން އުނދަނގޫވަނީ ކަމަށެވެ. އެހެންވީ އެ ނޫން ގޮތަކަށް ކަމެއް ގޯސްވާކަން އެއްވެސް ސިފައެއްގައި ހޮސްޕިޓަލުން ބުނެދީފައިނުވުމެވެ.
އޮކްސިޖަން މާސްކް އަޅާފައި ވީ ނަމަވެސް ނޭވާލާން އުނދަނގޫވާތީ އޭނާ އަށް އޮށޯވެ ނޯވެވޭ ކަމަށް ޝިއުނާ އައީ ބުނަމުންނެވެ. އެޑްމިޓްކުރަން ޖެހޭކަން އެންގުމަށް ފަހު އެ ހޮސްޕިޓަލްގެ މަތީ ފަންގިފިލާއަކަށް އޭނާ ބަަލުކުރިއެވެ. އޭނާ އާއި ބަނޑުގައިވާ 8 މަހުގެ ދަރިފުޅުގެ ހާލު ބަލަމުން ދިޔައީ ތަނުގައި ތިބި ނަރުސް ކުދިން ކަމަށް ޝިފާޒް ވަނީ ކިޔާދީފައެވެ. އެއްވެސް ޑޮކްޓަރަކު އޭނާ ބަލާކަށް ފަތިސް ވި އިރު ވެސް ނާދެއެވެ. އަދި ކަމެއް ގޯހުން ހިނގާކަމުގެ ހިލަމެއް ވެސް ޝިފާޒް އަށް ވެފައެއް ނެތެވެ.
ޝިފާޒް ކިޔާދިން ގޮތުގައި އަނބިމީހާ އެ ތަނުގައި ބާއްވާފައި އޮއްވާ އެހެން މާބަނޑު މީހަކު ބެލުމަށް 6 ޖަހާކަށް ހާއިރު އެތަނުގެ ގައިނީ ޑޮކްޓަރ ވޯޑަށް ވަނެވެ. ނަމަވެސް އޭރުވެސް ޝިއުނާގެ ހާލުބަލާކަށް އެ ޑޮކްޓަރު ވެސް ނާދެއެވެ. އެހެންނަމަވެސް އާއްމުކޮށް ބަލި މީހުން ބަލާ ގަޑީގައި (7:30 އާއި 08:00 އާއި ދެމެދު) ރައުންޑަށް ދާ ގަޑީގައި ޝިއުނާގެ ހާލާއި މެދު ޑޮކްޓަރ ސުވާލުކޮށްފައިވާ ކަމަށް ޝިފާޒް ބުންނެވެ. ގޯހެއް ވެގެން އުޅޭކަމަށް އަންގާފައި ނުވުމާއި އެކު ޝިފާޒް ހުރީ އަނބިމީހާ އަށް ބޭނުންވާ އަވަސް ފަރުވާ ދިނުމަށް ފަހު އޭނާ ގޮވައިގެން ގެއަށް ދެވޭނެ ކަމުގެ އުންމީދުގައެވެ.
އެންމެ ފުރަތަމަ ކަމެއް ގޯސްވެގެން އުޅޭކަން ޝިފާޒަށް ރޭކާލި ހިސާބަކީ ހެނދުނު 10:00 ޖަހަނިކޮށް ޝިފާޒްގެ އަނބިމީހާގެ އެކްސްރޭ އެއް ނަގަން އޭނާގެ ހުއްދައަށް ހޮސްޕިޓަލުން އެދުނު ހިސާބުންނެވެ. ޝިއުނާ މާލެ ގެންދަން ޖެހޭ ކަން އަންގާ އާސަންދައިިގެ އިންތިޒާމްތައް ހަމަޖައްސަން އެންގި ހިސާބުން ސީރިއަސްކަމެއް ވެގެން އުޅޭކަން އޭނާ އަށް ރޭކާލިއެވެ.
ﷲގެ އިރާދަފުޅުން އެކްސްރޭ ނެގުމުގެ ކަންކަން ދިޔައީ ވަރަށް އޮމާންކޮށެވެ. އެހެންނަމަވެސް އަނބިމީހާގެ ގައިގައި އަޅަމުން ދިޔަ ވޭނާއި ތަކުލީފަށް ކުޑަވެސް ލުޔެއް ނާދެއެވެ. ވަގުތު ހިނގަމުން ދިޔަ ވަރަކަށް ޝިފާޒްގެ ހާސްކަން އިތުރުވީ އޭނާގެ އަނބި މީހާ ޝިއުނާ ތަހައްމަލްކުރަމުން ދިޔަ ނޭވާލުމުގެ އުނދަނގޫތަކާއި، މެޔަށް ތަދުވުމުގެ ވޭނަށް ލުޔެއް ނުލިބޭކަން ލޯމަތިން ފެންނާތީއެވެ. އެ ހިސާބުން، އަނބިމީހާ އާއި ދަރިފުޅުގެ ހާލަތާއި މެދު ޝިފާޒްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އަންގާރަ ދުވަހުގެ ރޭ ދަންވަރު ހޮސްޕިޓަލަށް ގެންދިޔަ ގޮތަށް އޭނާގެ އަނބިމީހާ އަށް އެއްވެސް އެއްޗެއް ކާންދެވޭ ގޮތެއް ނުވުމާއި، އެހާ ހިސާބަށް ވެސް އައިވީ އެއްވެސް ގުޅާފައި ނުވުމާއި އެކު އަނބީމާ އާއި ދަރިފުޅުގެ ދުޅަހެޔޮކަމާއި މެދު ޝިފާޒްގެ ހާސްކަންވީ ހައްތަހާ އިތުރެވެ.
އަނބިމީހާ އާއި ދަރިފުޅުގެ ސަލާމަތަށް ޓަކައި ކުރެވެން ހުރި ކަމެއް ކުރެވޭތޯ އޭރުވެސް ޝިފާޒް ދިޔައީ މަސައްކަތް ކުރަމުންނެވެ. ހޮސްޕިޓަލްގެ ކައުންޓަރަށް ގޮސް އާސަންދަ ހަމަޖެހިއްޖެތޯ އަވަސް އަވަަހަށް ބަލާ ސާފުކުރެވޭތޯ ބެލިއެވެ. އަނބިމީހާ އަށް ނިދޭނެ ގޮތެއް ވޭތޯ، އިންޖެކްޝަނެއް ޖަހައިގެން ވެސް ކުރެވިދާނެ ކަމެއް އޮތްތޯ ނަރުހުން ކައިރީގައި ސުވާލުކުރިއެވެ. ތަކުރާރުކޮށް ކުރި މަސައްކަތްތަކާއި އެކު ޝިއުނާ އަށް އާސަންދަ ހަމަޖެހޭވަރުވީ މެންދުރުން އަނބުރާ 3 ޖަހަން ކައިރިވެފައި ވަނިކޮށެވެ. އެ ހިސާބުން ވެސް ޝިފާޒަށް ހިންދެމިލެވޭ ވަރެއް ނުވިއެވެ. އާސަންދަ ހަމަޖެހުމާއި އެކު އަނބިމީހާ ވަގުތުން ފަރުވާ އަށް މާލެއަށް ފުރުވާލުމުގެ އިންތިޒާމްތައް ހަމަޖެހޭނެ ކަމަށް އޭނާ އުންމީދުކުރި ކަމަށް ވީނަމަވެސް ކަން ވެގެން ދިޔައީ އެއާއި މުޅިން ޚިލާފަށެވެ.
އަނބިމީހާ މާލެ ފުރުވާނެ ގޮތެއް ވޭތޯ، އެ އިންތިޒާމްތައް ހަމަޖައްސަން ގަނަ ތެޅެމުން ދިޔަ ގޮތް ޝިފާޒްގެ ވާހަކައިން ސާފުވިއެވެ. ޝިއުނާ މާލެ ފޮނުވޭނެ އަލި މަގެއް ނުފެނި ވަނިކޮށް، ގއ.ވިލިގިލީ ހޮސްޕިޓަލްގެ ހޭނައްތާ ޑޮކްޓަރާއި، ގައިނީ ޑޮކްޓަރ އަދި އެތެރެހަށީގެ ޑޮކްޓަރ ޝިފާޒް އާއި ވާހަކަދައްކަން ބޭނުން ކަމަށް ބުނުމުން އެތަނަށް ދިޔަ އިރު ހުރިހާ ޑޮކްޓަރުން ވެސް ތިބީ ވަރަށް ބޮޑަށް ހާސްވެފައި ކަމަށް ޝިފާޒް ކިޔާދިނެވެ. އެ މީހުން ދިނީ ޝިފާޒް އިތުރަަށް މާޔޫސްކޮށްލާ ފަދަ ޚަބަރެކެވެ. އެ ހޮސްޕިޓަލުގއިގައި ކުޑަކުދިންނާއި ބެހޭ ޑޮކްޓަރެއް ނެތްތަނުގައި އޮޕަރޭޝަން ކޮށްގެން ކުއްޖާ ނަގައިފި ނަމަ ކުއްޖާ ނަގާފައި ލާނެ އެއްޗެއް ނެތްކަމަށް އެމީހުން ބުންޏެވެ.
ޑޮކްޓަރުން އިރުޝާދު ދިނީ ހާލަތަށް ބެލުމަށް ފަހު ޝިއުނާގެ ސިޒޭރިއަން ހެދުމަށެވެ. އެހެންނަމަވެސް އެއީ ވަރަށް ނާޒުކު އޮޕަރޭޝަނެއް ކަމަށް ވުމާއި އެކު އަނބިމީހާގެ ހާލަތު ހުރި ގޮތުން އޮޕަރެޝަނަށް ފަހު އޭނާ ހޭނޭރުމުގެ ފުރުސަތު އޮތްތޯ ޝިފާޒް ވަނީ ޑޮކްޓަރުންނާއި ސުވާލުކޮށްފައެވެ. ޑޮކްޓަރުންނާއި ވާހަކަދައްކަން ޝިފާޒް ހުއްޓާ އޭނާގެ އަނބިމީހާ ހޭނެތިގެން އެނދުމައްޗަށް ވެއްޓުނެވެ. ޝިއުނާގެ ޚަބަރު ހުސްވީއެވެ.
ހޮސްޕިޓަލުން އެދުނު ގޮތަށް ޝިއުނާ ވެންޓިލޭޓަރަށް ލާން ޝިފާޒް ވަގުތުން ހުއްދަ ދިނެވެ. އަނބިމީހާގެ ހާލަތު ލޯކުރީ މަތީގައި ގޯސްވަމުން ދިޔަ އިރުއިރުކޮޅާ ޝިފާޒް ދިޔައީ ފްލައިޓް ހަމަޖެހުނުތޯ ބަލަމުންނެވެ. ދެން ޖެހިގެން އައީ ޝިފާޒްގެ ހަޔާތުގައި ވެސް އޭނާ ނިންމާނެ އެންމެ ދަތި އުނދަނގޫ ނިންމުން ނިންމަން ޖެހުނު ވަގުތުކޮޅެވެ. އެއީ 14 އަހަރުވީ އަނބިމީހާ އާއި އަލަތު ފިރިހެން ދަރިފުޅާއި ދެމީހުންގެ ތެރެއިން އެކަކު ޚިޔާރުކުރަން ޖެހުނު ވަގުތެވެ. ހާލަތުގެ ނާޒުކުކަމާއި ހިނގަމުންދިޔަ ކޮންމެ ސިކުންތަކާއި އެކު ދެމައިންގެ ފުރާނަ އަށް އޮތް ނުރައްކާ ބޮޑުވެދާނެތީ ޝިފާޒް އަށް އަވަހަށް ގޮތެއް ނިންމަން މަޖުބޫރުވިއެވެ. ބަރު ހިތަކާއި އެކު، އަލަތު ފިރިހެން ދަރިފުޅާއި ބައްދަލުވާން ކުރި އުންމީދުތަކަށް ފަސްދީފަ ނަމަވެސް ޝިފާޒް ނިންމީ އޭނާގެ އަނބިމީހާ ސަލާމަތް ކުރުމަށެވެ. އެއީ ދެ ދަރިންގެ ހައްގުގައި އަނބި މީހާ ސަލާމަތްކުރުން މުހިންމުކަމަށް އޭނާގެ ޒަމީރަށް ޤަބޫލުކުރެވުމުންނެވެ.
7.15 އަށް ފްލައިޓް އަންނާނެ ކަމަށް ބުނެގެން ފުރަން ތައްޔާރުވެގެން ޝިފާޒް ހުއްޓާ މޯލްޑިވިއަންގައި މަސައްކަތް ކުރާ މީހަކު އޭނާ ފްލައިޓް ކެންސަލް ކުރީ ކީއްވެތޯ ސުވާލު ކުރުމުން ޝިފާޒް އަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އެހިސާބުން ބެލި ބެލުމުން ޑޮކްޓަރ އަންގައިގެން ފްލައިޓް ކެންސަލް ކުރި ކަމަށް ހޮސްޕިޓަލްގެ ކައުންޓަރ އިން އޭނާ އަށް އަންގާފައިވާ ކަަމަށް އޭނާ ވަނީ ބުނެފައެވެ. އޭގެ ފަހުން 11 ޖަހާ އިރު ޑޮކްޓަރުންގެ ޓީމަކާއި އެކު ޑޮކްޓަރުން އަންނަ ކަމަށް އޭނާ އަށް 9 ޖެހި އިރު ހޮސްޕިޓަލުން އެންގި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެތައް ގަޑި އިރު ތަކެއް ވަންދެން ކުރި މަސައްކަތަށް ފަހު ފްލައިޓް އަންނާނެ ކަމުގެ ޔަގީންކަން ލިބުމުން އެ މިންވަރަށް ވެސް ޝުކުރު ކުރިކަމަށް އޭނާ ވަނީ ބުނެފައެވެ.
ފުރަން ދިޔައީ ޝިފާޒްގެ އިތުރުން އޭނާގެ ދޮންތައާއި ވެސް އެކުގައެވެ. ފްލައިޓް ކައިރި އަށް ގޮސް ކުޑަ ދަރިފުޅު ފްލައިޓަށް އަރުވާފައި 50 ވަރަކަށް މިނިޓްވި ކަމަށް އޭނާ ވަނީ ބުނެފައެވެ. 12:00 ޖެހި އިރު އޭނާގެ އަނބިމީހާ ފްލައިޓަށް އެރުވުމަށް ފަހު އެހީތެރިން އަރުވާނެ ކަމަށް އެންގި ނަމަވެސް އެތައް އިރެއް ވި އިރު ވެސް ފްލައިޓަށް އޭނާ އަރުވާފައި ނުވާ ކަމަށް ޝިފާޒް ވަނީ ބުނެފައެވެ. އެހެން ނަމަވެސް އޭރު ބައެއް މީހުން ހާސްކަމާއި އެކު ދުވާ މަންޒަރު ފެންނާތީ ކަމެއް ގޯސްވީތޯ ސުވާލުކުރުމުން ހުރިހާ ކަމެއް ރަނގަޅު ކަމަށް ޑޮކްޓަރުން އެންގި ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެތައް ގޮތަކުން ސުވާލުކޮށް، ސާފުކުރުމުން ޝިފާޒް އަށް އެނގުނީ ފުރަތަމަ ނުފުރި ލަސްވީ ދަރިފުޅު ލާން ބޭނުންވާ ވެންޓިލޭޓަރަށް ކަރަންޓު ނައިސްގެން ކަމެވެ. އެހެން ނަމަވެސް އެކަން އެެހެންވީ ސަބަބެއް އެއްވެސް ފަރާތަކުން ސާފުކޮށް ޝިފާޒް އަށް ކިޔާދީފައެއް ނުވެއެވެ. 1 ޖެހި އިރު ވެސް ފުރޭގޮތް ނުވުމުން މާޔޫސްވެ، ވެގެން އުޅޭ ގޮތް ސާފުކޮށްދިނުމަށް ޝިފާޒް ވަނީ އެދިފައެވެ. އޭރު ރަންވޭ ކައިރީގައި ފްލައިޓްގެ ސިޑި ކައިރިއަށް ވާ ގޮތަށް އޭނާގެ އަނބި މީހާ ބާއްވާފައި އޮތް ކަމަށް ޝިފާޒް ވަނީ ބުނެފައެވެ. އޭނާގެ ދޮންތަ ހުރީ އޭރު ފްލައިޓްގައި ކުޑަ ދަރިފުޅު ކައިރީގައެވެ.
އެ ހިސާބަށް ކަންކަން ދިޔަ އިރު އޭނާގެ އަނބިމީހާ މަރާއި ހަނގުރާމަ ކުރަނީއެވެ. އޭނާ އަށް ނޭވާ ނުލެވިގެން ދިޔައީ ސީޕީއާރު ދެމުންކަން ޝިފާޒަށް އެނގުމުން ހަދާނެ ގޮތް ހުސްވިއެވެ. އާދޭސްކޮށްކޮށް ފުރޭނެ ގޮތެއް ނުވެ ވަނިކޮށް އަބިމީހާ މި ދުނިޔާ އަލްވަދާއުކިޔައިފިއެވެ. ޕައިލެޓް އައިސް އޮކްސިޖަން ފުޅިއާއި އެކު ފުރޭނެ ކަމަށް ބުނި އިރު އަނބިމީހާ ނިޔާވެއްޖެއެވެ. އަދި ޖެހިގެން އައި ހިނދުކޮޅު ތެރޭގައި ދަރިފުޅު ވެސް ނިޔާވިކަން އެނގުނެވެ. 24 ގަޑި އިރު ތެރޭގައި ޝިފާޒްގެ މުޅި ދުނިޔެ ބަދަލުކޮށްލިއެވެ.
ފަރުވާ ހޯދަން ހޮސްޕިޓަލަށް ދިޔަ އަނބިމީހާ އާއި އޭނާގެ ބަނޑުގައި އޮތް އަލަތު ފިރިހެން ދަރިފުޅުގެ ފުރާނަ މި ދުނިޔެ އާއި ދޫކުރި ހިތްދަތި ހާދިސާ އަށް ފަހު ދިރިއުޅުމާއި ގެން ކުރިއަށް ދިއުން ޝިފާޒް އަށް ވެފައި ވަނީ ދަތި އުނދަނގޫ ކަމަަކަށެވެ. ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅަށް ކާއެއްޗެއްވެސް ކެވޭ ވަރަށް ވުރެ ހާލަތު ދެރަ ވުމާއި އެކު އޭނާގެ ޖިސްމާނީ އަދި ނަފްސާނީ ހާލަތު ދެނެގަތުމަށް މާލެ އަށް މިހާރު ވަނީ ފޮނުވާފައެވެ. ދެ ދަރިން ގޮވައިގެން މަޔަކާއި ނުލާ އުޅެން ޖެހުމުގެ ތަކުލީފު އުފުލަންޖެހިފައިވާ އިރު ޝިފާޒް އެދެނީ އޭނާގެ އަނބިމީހާގެ ފުރާނަ ސަލާމަތް ކުރަން އަޅާނުލެވި އިހުމާލުވީ ސަބަބު ހޯދުމެވެ. އޭނާގެ އަނބިމީހާ އާއި ދަރިފުޅުގެ ހަށިގަނޑުގައި އެޅި ވޭން އެހެން މީހެއްގެ ގައިގައި ނޭޅުމެވެ. އޭނާ އާއި އޭނާގެ އާއިލާ އިން އުފުލި ހިތާމަ އާއި ވޭން އެހެން ދެވަނަ މީހަކު އުފުލަން ނުޖެހުމެވެ.