އެއީ އާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރި


ޝިރީޝްގެ ބައްޕަ އޭނާގެ ދަރިފުޅުގެ ފޮޓޯ ހިފައިގެން
ޝިރީޝް ކުމާރާއި އަނީތާ ރޯރޭ ރާއްޖެއައީ ކައިވެނީގެ އުފާވެރިކަން ހާސިލު ކުރުމަށްޓަކައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމުގެ އުއްމީދުގައެވެ. ޝިރީޝް އަކީ އާއިލާގެ ހުރި ހަމައެކަނި ފިރިހެންދަރިއަށް ވުމުން މުޅި އާއިލާއިންވެސް ޝިރީޝްގެ ކައިވެންޏާމެދު ފޮނި އުއްމީދުތަކެއް ކުރަމުންދިޔައެވެ. ނަމަވެސް ކައިވެންޏަށް އެންމެ 10 ދުވަސް ތެރޭގައި ޝިރީޝް މިދުނިޔެ ދޫކޮށް އޭނާގެ އަނބިމީހާ އަނީތާ ހުވަފަތްވެގެން ދިޔައީ ސިއްހީ އިހުމާލެއްގެ ސަބަބުންނެވެ. އާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރި މިދުނިޔެއާ ވަކިވެގެން ދިޔައީ މުޅި އާއިލާ ހިތާމައިގެ ކަނޑަކަށް ދޫކޮށްލާފައެވެ. ނަމަވެސް ހާދިސާއަށް 3 އަހަރުވެފައިވާއިރު، ޝިރީޝްގެ އާއިލާގެ ފަރާތުން އޭނާގެ ބައްޕަ މިވަނީ އިންސާފު ހޯދުމަށް އެނބުރި ރާއްޖެ އައިސްފައެވެ.
ހާދިސާ ހިނގާ ދިޔަ ގޮތް:
2016 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު އަނީތާއާއި ޝިރީޝް ސަން އަކުއާ ވިލުރީފު ރިސޯޓަށް ދިޔައީ ހަނީމޫންގެ ދުވަސްތައް ރާއްޖޭގައި ހޭދަކޮށްލުމަށްޓަކައެވެ. އެގޮތުން އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންގޮސް 24 ވަނަ ދުވަހުގެ ހެނދުނު ޝިރީޝް ބަނޑުގައި ރިއްސާތީ އުޅެން ފެށިއެވެ. އަނީތާ ބުނާ ގޮތުގައި ފިރިމީހާ ޝިރީޝް ބަނޑުގައި ރިއްސާތީ އުޅެންފެށީ ރޫމް ސާރވިސްއިން ގެނައި ކާއެއްޗެއް ކެއި ފަހުންނެވެ. ވުމާއެކު އެރޭ އެ ދެމަފިރިން ރިސޯޓުގެ ކްލިނިކްގައި ހުންނަ ޑޮކްޓަރަކަށް ދެއްކުމަށް ދިޔައެވެ. ނަމަވެސް ޑޮކްޓަރަށް ދެއްކި ވަގުތުން ފެށިގެން ގޮސް ޝިރީޝް މި ދުނިޔެ ދޫކޮށް ދިއުމާ ހަމައަށް ޑޮކްޓަރުގެ ފަރާތުން އެތަކެއް އިހުމާލެއް ފެނިގެން ދިޔަ ކަމަށް އާއިލާއިން ބުނެއެވެ. އަދި އާއިލާއިން ފާހަގަކުރި ކަންކަމުގެ މައްޗަށް ބަލައި ތަހުޤީޤުކޮށް މިނިސްޓްރީ އޮފް ހެލްތުންވެސް ފާހަގަކުރެވުނު ކަންކަން އާއިލާއާ ހިއްސާކޮށްފައިވެއެވެ.
މިނިސްޓްރީ އޮފް ހެލްތުން ފާހަގަކުރި ކަންކަން:
މަތީގައި ބަޔާންކޮށްފައިވާ ދެ ބޭސް ދޭނަމަ ވަރަށް ގާތުން ބަލައި މޮނިޓަރވެސް ކުރަންޖެހޭއިރު، ޑޮކްޓަރ އެގޮތަށް އެކަން ކޮށްފައިނުވާކަން އާއިލާއިން ފާހަގަކުރެއެވެ. އަދި ބްލަޑް ޕްރެޝަރ ފަދަ ރެކޯޑިންގތައް ޤަވާއިދުން ބަލަހައްޓާފައިނުވާއިރު، އައިވީ ގުޅަންޖެހޭ ނާރު ވަކި ނުވުމުގެ ސަބަބުން އެކަންވެސް ނުކުރާ ކަމަށް ޑޮކްޓަރުގެ ބަޔާނުގައިވެސް ވެއެވެ. އަދި އެފަދަ އެތަކެއް އިހުމާލެއް އާއިލާއިން ފާހަގަކޮށްފައިވެއެވެ.
ދައުވާކުރަނީ ވައިކޭރިއަސް ލައިބިލިޓީގެ ދަށުން :
މިމައްސަލައިގައި ވިލުރީފާ ދެކޮޅަށް ދައުވާކުރަނީ ވައިކޭރިއަސް ލައިބިލިޓީގެ ދަށުންކަމަށް އާއިލާގެ ފަރާތުން ވަކާލާތުކުރާ ގާނޫނީ ވަކީލް ފައްޔާޒު ޝާތިރު ވިދާޅުވިއެވެ. އެގޮތުން ސިއްހީ ގޮތުން ވެވޭ މިފަދަ އިހުމާލުތަކަށް އެކަށީގެންވާ ޤާނޫނީ ފަރުވާ ނުލިބި ގިނަ ކޭސްތަކެއް ފުނިޖެހެމުންދާއިރު، ވައިކޭރިއަސް ލައިބިލިޓީގެ ދަށުން މުވައްޒަފުންގެ ފަރާތުން ވެވޭ އިހުމާލުތަކަށް ވެރިފަރާތުން ޒިންމާކުރެވެއެވެ. އެގޮތުން ވައިކޭރިއަސް ލައިބިލިޓީގެ ދަށުން ޒިންމާ ކުރުވުމަށްޓަކައި 3 ކަމަކަށް ބެލެއެވެ.
އިހްމާލުގެ މައްސަލަތަކަށް ވަކި ގާނޫނެއް އޮންނަންޖެހޭކަމަށް މި މައްސަލަ ބަލާ ވަކީލު ފައްޔާޒު ޝާތިރުވެސް ވިދާޅުވެފައިވެއެވެ. އެގޮތުން ފައްޔާޒު ވިދާޅުވީ، ދާދިފަހުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ މައްސަލައެއްގައި ބަދަލު ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ވެސް އެފަދަ ހާދިސާތައް އިތުރުވަމުންދާއިރު، އިހުމާލުގެ މައްސަލަތަކަށް ވަކި ޤާނޫނެއް ލިޔެވިފައި ނެތުމުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގައި ދާނެ މަގު މިހާރު އޮތީ ހަނިވެފައި ކަމަށް ވިދާޅުވެ ފައްޔާޒު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން މިފަދަ މައްސަލަތަކުގެ ގާނޫނީ އޮނިގަނޑު ފުރިހަމަކުރުމަށްޓަކައި އިހުމާލުގެ ކުށްތަކަށް ވަކި ޤާނޫނެއް އެކަށައަޅުމަށް ފައްޔާޒު ގޮވާލެއްވިއެވެ.
ސިއްހީީ ގޮތުން ވެވޭ އިހުމާލުތަކަށް އެކަށީގެންވާ ޤާނޫނީ ފަރުވާ ނުލިބުމުގެ ސަބަބުން މިފަދަ ހާދިސާތައް ދުވަހެއް ދުވަހަކަށް އިތުރުވާއިރު، އެކަމުގެ ސަބަބުން އާއިލާތަކަށް ލިބިގެންދަނީ ފޫނުބެއްދޭވަރުގެ ގެއްލުން ތަކެކެވެ. ކައިވެންޏަށް އެންމެ 10 ދުވަސްވީއިރު އަނީތާ ހުވަފަތްވެގެން އެ ދިޔައީ ކައިވެންޏަށްފަހު އުފާވެރި މަންޒިލެއްގައި ފޮނި އުއްމީދުތަކެއް ކުރަމުން ދަނިކޮށެވެ. އުފާވެރި މުސްތަޤްބަލެއްގެ ހުވަފެންތައް ދެކެމުންދިޔަ އެ ދެމަފިރިން ރާއްޖޭގައި އެންމެ ފަހުން ނެގި ފޮޓޯއަށް ބަލަމުން ޝިރީޝްގެ ބައްޕަ "ރާއްޖެއެމްވީ" އާ މި ވާހަކަތައް ހިއްސާކުރީ އުއްމީދު ގެއްލި، ކަރުނައިން ފުރިފައި ހުރެގެންނެވެ. ފުރާނައިގެ އަގަކީ ހަމަ އެހާވެސް ކުޑަ އެއްޗެއްތޯ ސުވާލު ކުރަމުންނެވެ.