Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕަށް ހުކުމް ކުރުން

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

އެމެރިކާގެ އިންތިޚާބުވެފައިވާ ރައީސަށް އިއްވި ހުކުމަކީ ޝަރުޠެއް ނެތި ދޫކޮށްލުމެވެ. އޭގެ މާނައަކީ އޭނާއަށް ޖަލު ޙުކުމެއް، ޕްރޮބޭޝަނެއް ނުވަތަ ޖޫރިމަނާއެއް ނާންނާނެ ކަމެވެ. އެހެން ނަމަވެސް އޭނާގެ ރެކޯޑް ގައި އެއީ ކުށް ކުރި ފަރާތެއްކަން ރަސްމީ ކޮށް އޮންނާނެއެވެ.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2025 | ހުކުރު 16:36
ހުކުމް އިއްވި އަޑުއެހުމުގައި ޓްރަމްޕް އޭނާގެ ގާނޫނީ ވަކީލު އާ އެކު ވީޑިއޯލިންކް މެދުވެރިކޮށް ބައިވެރިވެވަޑައިގަންނަވަނީ

ހުކުމް އިއްވި އަޑުއެހުމުގައި ޓްރަމްޕް އޭނާގެ ގާނޫނީ ވަކީލު އާ އެކު ވީޑިއޯލިންކް މެދުވެރިކޮށް ބައިވެރިވެވަޑައިގަންނަވަނީ

ޑޮނަލްޑް ޓްރަމްޕަށް ސްޓޯމީ ޑެނިއަލްސްގެ މައްސަލައިގައި އަދަބެއް ނުލިބޭ ގޮތަށް ޙުކުމްކޮށްފިއެވެ.

މި ހުކުމާއެކު ޑޮނަލްޑް ޓްރަމްޕް ވެގެން ގޮސްފައިވަނީ ކުށެއްގެ ޙުކުމެއް އިއްވުނު އެމެރިކާގެ ރައީސްކަން ކުރެއްވި ފުރަތަމަ ފަރާތުގެ ގޮތުގައެވެ. ނަމަވެސް، އެމެރިކާގެ އިންތިޚާބުވެފައިވާ ރައީސަށް ބަރަހަނާ ފިލްމުތަކުގައި މަސައްކަތްކުރާ އަންހެނަކަށް ހަނުހުރުމަށް ޝަރުތުކޮށް ފައިސާ ދިނުމުގެ މައްސަލައިގައި އެއްވެސް އަދަބެއް ލިބިފައެއް ނުވެއެވެ.

ހުކުރު ދުވަހު ފަނޑިޔާރު ޖުއާން މަރޗާން ޓްރަމްޕަށް "ޝަރުޠެއްނެތި ދޫކޮށްލުމަށް" ޙުކުމްކުރެއްވިއެވެ.

ހުކުމް އިއްވީ ޖެނުއަރީ 20 ގައި އައު ދައުރަކަށް ހުވާ ކުރެއްވުމަށް ހަމަ ޖެހިފައިވާ ޓްރަމްޕަށް ޙުކުމް ކުރުން ލަސްކުރުމަށް ޓްރަމްޕްގެ ޤާނޫނީ ޓީމުން ކުރި މަސައްކަތް އެމެރިކާގެ ސުޕްރީމް ކޯޓުން ބަލައިނުގަތުމަށް ނިންމިތާ އެއް ދުވަސް ފަހުންނެވެ.

ކޯޓުގެ މި ނިންމުމުގެ މާނައަކީ ޓްރަމްޕްގެ ކުށުގެ ރެކޯޑުގައި ކުށްކުރެއްވި ކަމުގެ ހުކުމް ފެންނަން އޮތުމެވެ. ނަމަވެސް އޭނާއަށް ޖަލަށްލުމެއް، ޖޫރިމަނާއެއް، ނުވަތަ ޕްރޮބޭޝަން ގެ އަދަބެއް ނުލިބޭނެއެވެ. މިކަމުގެ ސަބަބުން ވައިޓް ހައުސް އަށް ވެންނެވުމަކަށް އެއްވެސް ހުރަހެއް ނެތެވެ.

ޓްރަމްޕްގެ މައްޗަށް އުފުލުނު 34 ކުށުގެ ތުހުމަތުތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ޓްރަމްޕްގެ ކުރީގެ ވަކީލު މައިކަލް ކޯހެން، ޓްރަމްޕްގެ ފުރަތަމަ އިންތިޚާބީ ކެމްޕޭނުގެ ތެރޭގައި ޓްރަމްޕްގެ ފަރާތުން ޑެނިއަލްސްއަށް ދިން 130،000 ޑޮލަރުގެ ފައިސާ ފޮރުވުމަށް ރެކޯޑުތައް އޮޅުވާލުމުގެ މައްޗަށެވެ.

މި މައްސަލައިގައި ޕްރޮސިކިއުޓަރުން ބުނެފައިވަނީ ހަނުހުރުމަށް ފައިސާ ދިނުމުގެ މަޤްޞަދަކީ ޑެނިއަލްސް އާއެކު ޖިންސީ ގުޅުމެއް ޓްރަމްޕް ހިންގެވި ކަމުގެ ތުހުމަތުތައް ފޮރުވުމަށް ކަމަށެވެ. އެއީ ސިޔާސީ ގޮތުން ގެއްލުންވެދާނެ ކަމެއް ކަމަށް ބެލެވޭތީ ކަމަށް ވެސް ޕްރޮސެކިއުޓަރުން ބުނެފައިވެއެވެ.

އޭނާ އަށް ހަނުހުރުމަށް ފައިސާ ދީފައިވަނީ 2016 ގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިންނެވެ. އެ އިންތިޚާބުގައި ޓްރަމްޕް ޑިމޮކްރެޓިކް ޕާޓީގެ ހިލަރީ ކްލިންޓަން ބަލިކޮށް ވައިޓް ހައުސް ކާމިޔާބުކުރެއްވިއެވެ.

ޓްރަމްޕް މި މައްސަލައިގައި ކުށަށް އިޢުތިރާފުނުވެ ދަޢުވާ އަށް ދެކޮޅުހައްދަވާފައިވެއެވެ. އަދި އެއްވެސް ޖިންސީ ގުޅުމެއް އެ އަންހެން މީހާ އާ އެކު ނުބާއްވާ ކަމަށް ވިދާޅުވިއެވެ.

އަދަބެއް ނުލިބޭ ގޮތައް ހުކުމް އިއްވި އިރު ޓްރަމްޕްގެ މައްޗަށް ތުހުމަތު ކުރެވޭ ހުރިހާ ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައިވާތީ މެންހެޓަންގެ ފަނޑިޔާރު ޖުއާން އެމް. މަރޗާން އަށް 4 އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް އޭނާ ޖަލަށްލުމުގެ ފުރުޞަތު އޮތެވެ.

ޓްރަމްޕް ހުކުމް އިއްވި އަޑުއެހުމުގައި ބައިވެރިވެވަޑަގަތީ ވީޑިއޯ ލިންކް މެދުވެރިކޮށެވެ. އަދި ޙުކުމް އިއްވުމުގެ ކުރިން ކޯޓަށް މުޚާޠަބުކޮށް، މި މައްސަލައަކީ އޭނާއަށް "ވަރަށް ނުބައި ތަޖުރިބާއެއް" ކަމުގައި ފަނޑިޔާރަށް ދެންނެވިއެވެ.

ޓްރަމްޕް ވިދާޅުވީ، މި މައްސަލަ ބަލާފައިވަނީ އެކަށީގެންނުވާ ގޮތަކަށް ކަމަށާއި، މައްސަލަ ބެލީ އޭނާގެ ސިޔާސީ ވާދަވެރިންނާ ގުޅުން ހުރި މީހެއް މެދުވެރިކޮށް ކަމަށެވެ. މިގޮތުން ޓްރަމްޕް އިޝާރާތްކުރެއްވީ މެންހެޓަންގެ ޑިސްޓްރިކްޓް އެޓަރނީ އަލްވިން ބްރެގް އަށެވެ.

ޓްރަމްޕް ވިދާޅުވީ: "މިކަން ކޮށްފައިވަނީ އަހަރެންގެ އަބުރު ގެއްލުވާލައި، އިންތިޚާބުގައި ބަލިކުރުވުމަށެވެ."

"މިއީ ސިޔާސީ ގޮތުން އަނިޔާވެރިވުމެކެވެ."

"އަހަރެންނަކީ މުޅިން މަޢުޞޫމު މީހެކެވެ. އަހަރެން އެއްވެސް ކުށެއް ނުކުރަމެވެ."

އޭނާގެ ބަޔާން ނިންމާލަމުން ވިދާޅުވީ: "އަހަރެންނާމެދު ޢަމަލުކޮށްފައިވަނީ ވަރަށް އިންސާފުވެރިނޫން ގޮތަކަށެވެ. އަދި އަހަރެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ."

އެއާއެކު ފަނޑިޔާރު ވިދާޅުވީ "ކުށްވެރިވެފައިވާކަމުގެ ޙުކުމަކާއެކު ޢަދުލުވެރި ނިންމުމެއް ނިންމުމަކީ" އޭނާގެ ޒިންމާއެއް ކަމަށެވެ.

ޕްރޮސިކިއުޓަރ ޖޮޝުއާ ސްޓެއިންގްލާސް މި މައްސަލައިގައި ކުރިން ކޯޓުގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ޓްރަމްޕް "ޤާނޫނުގެ ހުކޫމަތް ނަގާލުމަށް މަސައްކަތްކުރި" ކަމަށް އޭނާ ޤަބޫލުކުރާ ކަމަށެވެ.

"އޭނާ މެދުކެނޑުމެއްނެތި މި ކޯޓާއި، ޕްރޮސިކިއުޓަރުންނާއި އެމީހުންގެ ޢާއިލާތަކާ ދެކޮޅަށް ޙަމަލާދެމުން ގެންގޮސްފައިވެއެވެ،" ސްޓެއިންގްލާސް ބުނެފައިވެއެވެ.

"އޭނާގެ ނުރައްކާތެރި ވާހަކަތަކާއި ޤާނޫނު އަސާސީ އާ ޚިލާފު ޢަމަލުތަކަކީ ޤާނޫނުގެ ޙުކޫމަތައް ދިން ސީދާ ޙަމަލާއެކެވެ. އަދި އޭނާ ޢާންމުކޮށް ޕްރޮސިކިއުޓަރުންނާ ދެކޮޅަށް ބަދަލުހިފުމަށް އިންޒާރުދީފައިވެއެވެ."

ސްޓެއިންގްލާސް ބުނެފައިވަނީ މިއީ "ބިރުދެއްކުމަށް ރޭވިގެން" ކުރެވުނު ކަންކަން ކަމަށެވެ.                     

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު