މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން އިންތިޒާމު ކުރި 11 ވަނަ ނޫސްވެރިކަމުގެ އިނާމަށް އިންސާފުކޮށްދެއްވި ފަނޑިޔާރުން ސޮއިކޮށް ނެރުއްވި ކަމަށް ބުނާ ބަޔާނުގައި "ދޮގު" ހިމެނޭ ކަމަށާއި އެ ބަޔާނުގައި ހަގީގަތް އޮޅޭ ގޮތަށް ވާހަކަތަކެއް ހިމަނާފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
ކަން ހިނގާފައިވާ ގޮތް ސާފުކޮށް ދިނުމުގެ ގޮތުން އެމްއެމްސީން ހޯމަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިނާމުގެ އިންސާފުވެރިކަމާއި އިތުބާރު ހިފެހެއްޓުމަށް އިނާމަށް ހުށަހެޅުންތައް ހުށަހެޅުމުން އެކަމަށް ކަނޑައަޅާފައިވާ އިދާރީ މުވައްޒަފު އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެންމެހައި ތަކެތި ހަމައަށް ހުށަހަޅާފައިވޭތޯ ބެލުމަށްފަހު އެ ތަކެތި ސިޓީ އުރައެއްގައި ބަންދުކުރުމަށްފަހު ފޮނުވަނީ އެޕްލިކޭޝަން ހުށަހަޅާފައިވާ ކެޓަގަރީއަކާ ގުޅޭ ފަނޑިޔާރުންގެ ޕެނަލަށް ކަމަށާއި އިނާމަށް ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމެއް ކައުންސިލްގެ ރައީސް، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލްގެ މެމްބަރުންނަށް ހިއްސާއެއް ނުކުރާނެ ކަމަށެވެ.
އެމްއެމްސީން މިހެން ބުނިއިރު، ފަނޑިޔާރުން ނެރެފައިވާ ކަމަށް ބުނާ ލިޔުމުގައި ނޫސްވެރިކަމުގެ އިނާމުގެ އިންސާފުވެރިކަމާއި ކައުންސިލްގެ މިނިވަންކަމާ މެދު ހަގީގަތާ ޚިލާފު ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.
ފަނޑިޔާރުންގެ ބަޔާނުގައި ކޮންފައިވާ ތުހުމަތު ތަކަށް ރައްދު ދެމުން އެމްއެމްސީން ބުނެފައިވަނީ، ފަނޑިޔާރުން ނެރެފައިވާ ކަމަށް ބުނާ ލިޔުމުގައި 28 ސެޕްޓެމްބަރު 2023ގައި ޝާއިއުކުރި އެމްއެމްސީ ގެ ނޫސްބަޔާނާ ހަވާލާދީ ފަނޑިޔާރުން ބުނެފައިވަނީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެމްއެމްސީން ބުނީ އެ ބަޔާން ނެރެން ޖެހުނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ކެންޑިޑޭޓުންނަށް އަމާޒުކޮށް ބައެއް މީޑިއާތަކުން ނޫސްވެރިކަމުގެ މިންގަނޑުތަކާ ޚިލާފު ކޮންޓެންޓް ޝާއިއުކުރާ ކަމަށް ތުހުމަތުކޮށް ލިބެމުންދިޔަ ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ.
"އެއީ ވަކި ނޫހަކުން އާންމުކުރި ވަކި ކޮންޓެންޓަކަށް އަމާޒުކޮށް ނެރުނު ބަޔާނެއް ނޫން. އެއީ މައުލޫމާތު ފެތުރުމުގައި ޖުމްލަކޮށް މީޑިއާތަކުން ސަމާލުވުމަށް އިރުޝާދުދީ ނެރުނު ބަޔާނެއް." އެމްއެމްސީގެ ބަޔާނުގައި ވެއެވެ.
އެމްއެމްސީން ފާހަގަ ކުރި އަނެއް ކަމަކީ، މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ޖާގަ ފަނޑިޔާރުންނަށް ދިނުމުގެ ގޮތުން ނޫސްވެރިކަމުގެ އިނާމަށް ހުށަހަޅާ ހުށަހެޅުމަކީ ޝަރުތުހަމަ ނުވާ ހުށަހެޅުމެއް ކަމަށް ކަނޑައެޅުމާއި ހުށަހެޅުމެއް ޑިސްކޮލިފައިކުރުމުގެ ފުރިހަމަ ބާރު، އިނާމު ދިނުމުގެ އުސޫލުގެ 28 ވަނަ މާއްދާގެ (ށ)ގެ ދަށުން ލިބިގެންވަނީ ހަމައެކަނި ފަނޑިޔާރުންގެ ޕެނަލަށް ކަމަށެވެ.
އެގޮތުން 11 ވަނަ ނޫސްވެރިކަމުގެ އިނާމުގެ އިޖުތިމާއީ ދާއިރާ އާއި ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް ހުށަހަޅާފައިވާ ބައެއް ހުށަހެޅުންތައް އެކަމާ ގުޅޭ ފަނޑިޔާރުންގެ ޕެނަލުން ވަނީ ޑިސްކޮލިފައިކޮށްފައި ކަން އެމްއެމްސީން ފާހަގަ ކުރެއެވެ.
"އިނާމު ދިނުމުގެ ހަފްލާގައި އެވޯޑްތައް ހަވާލުކުރުމާ ހަމައަށް ފަނޑިޔާރުންގެ ފަރާތުން އެއްވެސް ކަންބޮޑުވުމެއް އަދި ޝަކުވާއެއް މި ކައުންސިލަށް ހުށަހަޅުއްވާފައެއް ނުވޭ. އަދި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާގައި ފަނޑިޔާރުންގެ ފަރާތުން ވާހަކަފުޅު ދެއްކެވި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ވާހަކަފުޅުގައި ވެސް މި އަހަރުގެ އެވޯޑުގެ މިނިވަންކަމާއި އިންސާފުވެރިކަމާއި ފުރިހަމަކަން ފާހަގަކުރައްވައި އެކަންކަމަށް ތައުރީފް ކުރެއްވި،" އެމްއެމްސީން ބުނެފައިވެއެވެ.
އެމްއެމްސީން މި ބަޔާން ނެރުނު އިރު މިފަހަރު ތަހުގީގީ ދާއިރާއިން އެވޯޑް ލިބުނު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮން މަންމަ، ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖީ ސްކީލާން މުއިއްޒުގެ މައްޗަށް ކުރާ ސީރިއަސް ތުހުމަތު ތަކާއި، އޭނާ ޑރ. މުއިއްޒުގެ ނުފޫޒުގައި ރާއްޖޭން ޑިޕޯޓު ކޮށްލި ގޮތުގެ މައްޗަށް "އަދަދު" ނޫހުން، ތައްޔާރު ކުރި "ސްކީލާން" ގެ ވީޑިއޯ ކޮޅެއް އެ ހަފްލާގެ ތެރެއިން ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ދެއްކިގެން މައްސަލަ ވަރަށް ހޫނުވެ، އެމްއެމްސީގެ ރައީސްގެ މަގާމުގައި ހުންނެވި ޓީވީއެމްގެ މުވައްޒަފެއް ކަމުގައިވާ އަހްމަދު މުސްތަފާ ކުއްލި ގޮތަކަށް ވަޒީފާއިންވެސް ވަކި ކުރިއެވެ.
ނަމަވެސް ހަމަ އެހާ ކުއްލި ގޮތަކަށް އޭނާގެ މަގާމު ޖެހިގެން އައި ދުވަހު ޕީއެސްއެމް އިން އިއާދަކޮށްފައިވާ އިރު، އެވޯޑު ލިބުނު "ސްކީލާން" ތަހުގީގީ ވީޑިއޯ ރިޕޯޓާ ގުޅޭގޮތުން ފަނޑިޔާރުން އުފެއްދި ސުވާލުތަކަށް ކައުންސިލުން ޒިންމާދާރުކަމާ އެކު ޖަވާބުދީފައި ނުވާ ކަމަށް، ފަނޑިޔާރުން ނެރެފައިވާ ކަމަށް ބުނާ ލިޔުމުގައި ފާހަގަކޮށްފައިވާއިރު، އެ ހުށަހެޅުމާ މެދު އެއްވެސް ސުވާލެއް އުފައްދައި ފަނޑިޔާރުންގެ ފަރާތުން އެއްވެސް ކަމެއް ކައުންސިލަށް ހުށަހަޅާފައިނުވާ ކަމަށް އެމްއެމްސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
"އިނާމަށް ހުށަހެޅި ހުށަހެޅުންތަކާ މެދު އެއްވެސް ގޮތެއް ނިންމަން ކައުންސިލާ މަޝްވަރާކުރާކަށް ނުޖެހޭނެ. އެކަން ނިންމުމުގެ ބާރު ހަމައެކަނި ލިބިގެންވަނީ ފަނޑިޔާރުންނަށް." އިތުރަށް މިކަން ސާފުކޮށްދިނުމުގެ ގޮތުން އެމްއެމްސީން ބުނެފައިވެއެވެ.
އޯޑިއޯ ވީޑިއޯ ކެޓަގަރީން ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާގެ ރުބްރިކްގައި ތަހުގީގީ ނަޒަރަކުން އެ އުފެއްދުމަށް އިންސާފުކުރަން ހަނިކޮށްފައިވާ ކަމަށް ފަނޑިޔާރުން ނެރެފައިވާ ކަމަށް ބުނާ ލިޔުމުގައި ބުނާ ބުނުންވެސް އެމްއެމްސީން ވަނީ ދޮގު ކޮށްފައެވެ. އެ ކައުންސިލުން ބުނީ، "އެފަދަ ކަންބޮޑުވުމެއް ފަނޑިޔާރުންގެ ފަރާތުން ކައުންސިލާ ހިއްސާކޮށްފައިނުވާ،" ކަމަށެވެ.
ހުށަހެޅިފައިވާ ހުރިހާ އުފެއްދުންތައް އެވޯޑްތަކުގެ ޖުމްލަ ފަނޑިޔާރުންގެ ޕެނަލަށް އެމްއެމްސީ އިން ހުށަހަޅާފައިނުވާ ކަމަށް ބުނާއިރު، އެމްއެމްސީ އިން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން ކޮންމެ ހުށަހެޅުމަކީ ހުރިހާ ފަނޑިޔާރުންނާ ހިއްސާކުރަންޖެހޭނެ އެއްޗެއް ނޫން ކަމަށާއި، ކޮންމެ ހުށަހެޅުމެއް ވެސް ފޮނުވަންޖެހެނީ އެ ހުށަހެޅުމަކާ ގުޅޭ ފަނޑިޔާރުންގެ ޕެނަލަށް ކަމަށް ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލުގެ 27 ވަނަ މާއްދާގެ (ހ)ގައި ބަޔާން ކޮށްފައިވާ ކަމަށްވެސް އެމްއެމްސީން ބުނެއެވެ.
އެމްއެމްސީ އިން ފާހަގަ ކުރާ ގޮތުގައި މައްސަލަ އުފެދުނު "ސްކީލާން" ތަހުގީގީ ވީޑިއޯ އުފެއްދުމަށް އެވޯޑް ލިބިފައި ވަނީ، ފަނޑިޔާރުންނަށް ނޭނގި ކަމަށް ދޭހަވާގޮތަށް ފަނޑިޔާރުން ނެރެފައިވާ ކަމަށް ބުނާ ލިޔުމުގައި ފާހަގަކޮށްފައިވާއިރު، ސްކީލާން ތަހުގީގީ ވީޑިއޯ ރިޕޯޓަށް އެވޯޑް ދީފައި ވަނީ އެކަމާ ގުޅޭ ޕެނަލްގައި ހިމެނޭ ހުރިހާ ފަނޑިޔާރުން ސޮއިކޮށް ކައުންސިލަށް ހުށަހެޅި މާކްސް ޝީޓްތަކުން އެވޯޑް ލިބޭ މިންވަރަށް މާކްސް ލިބިފައިވާތީ ކަމަށެވެ.
"އެއްވެސް ދާއިރާއަކުން އެވޯޑް ދިނުމުގައި އިނާމު ދިނުމުގެ އުސޫލާ ޚިލާފަށް އެއްވެސް ކަމެއް މި ކައުންސިލުން ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ." އެމްއެމްސީގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.
"ސްކީލާން" އަށް އެވޯޑު ދިން މައްސަލަ ބަލަން އެންޓި ކަރަޕްޝަން ކޮމިޝަނުން ވަނީ ކުއްލި ގޮތަކަށް ތަހުގީގު ފަށާ، އެމްއެމްސީ އަށް ޒިޔާރަތްވެސް ކޮށްފައެވެ.