Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިޒްރޭލް - ހިޒްބުالله ހަނގުރާމަ

އިޒްރޭލް- ހިޒްބުﷲ ހަނގުރާމަ ފެށިގެން އައި ގޮތް

ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ހަނގުރާމަ ފެށުނީ މީގެ ގާތްގަނޑަކަށް 50 ވަރަކަށް އަހަރު ކުރިންނެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2024 | ހޮނިހިރު 14:08
ދެކުނު ލުބުނާނުގެ ކްފާރް ރޫމަން ނަމަކަށް ކިޔާ ސަރަހައްދަށް އިޒްރޭލުގެ ވައިގެ ހަމަލާތަކުން އުފެދޭ ދުން އުދަރެސްމަތިން އަރަމުންދާ މަންޒަރު

ދެކުނު ލުބުނާނުގެ ކްފާރް ރޫމަން ނަމަކަށް ކިޔާ ސަރަހައްދަށް އިޒްރޭލުގެ ވައިގެ ހަމަލާތަކުން އުފެދޭ ދުން އުދަރެސްމަތިން އަރަމުންދާ މަންޒަރު

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި ހަނގުރާމަ ފެށުނީއްސުރެ، އިޒްރޭލާއި ލުބުނާނުގެ ސަރަޙައްދީ ބޯޑަރު ހުރަސްކޮށް އެއްފަރާތުން އަނެއް ފަރާތަށް ދެމުންއައިހަމަލާތައް ފުޅާވެ، މިހާރު ވަނީ ފުރިހަމަ ހަނގުރާމައެއްގެ ސިފަ ޖެހިފައެވެ. މިއާއެކު، މެދުއިރުމަތީގެ ސުލްޙަވެރިކަމަށް އިތުރު ނުރައްކަލެއް ވަނީ ކުރިމަތިވެފައެވެ.

ހަމައެއާއެކު، 2024 ސެޕްޓެމްބަރު 17 ވަނަ ދުވަހުން ފެށިގެން ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ ހަނގުރާމަ ވަނީ އިންތިހާއަށް ގޯސްވެފައެވެ. ޕޭޖަރުތަކެއް ގޮއްވާލުމުން ލުބުނާނުގައި 2,800 އެއްހާ މީހުން ޒަޚަމްވެ، މަދުވެގެން 9 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ. މި ހަމަލާގައި އަނިޔާވި ގިނަ މީހުންނަކީ ހިޒްބުﷲގެ މެންބަރުންނެވެ. އަދި މި ހަމަލާއަކީ އިޒްރޭލުން ދިން ހަމަލާއެއް ކަމަށް ހިޒްބުﷲ އިން ތުހުމަތުކޮށްފައިވެއެވެ.

ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ހަނގުރާމަ ފެށުނީ މީގެ ގާތްގަނޑަކަށް 50 ވަރަކަށް އަހަރު ކުރިންނެވެ.

އިޒްރޭލުން އެންމެ ފުރަތަމަ ލުބުނާނަށް އެރީ 1982 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ބުނެވޭ ގޮތުގައި މިއީ ދެކުނު ލުބުނާނުގެ ފަލަސްތީނު ލިބަރޭޝަން އޯގަނައިޒޭޝަނުން(ޕީއެލްއޯ) އިޒްރޭލަށް ދިން ހަމަލާތަކަށް ޖަވާބުދާރީވުމުގެ ގޮތުން ދިން ހަމަލާއެކެވެ. އޭރުލުބުނާނުގެ އަމިއްލަ ރައްޔިތުންގެ މެދުގައި ހިނގަމުންދިޔަ ހަނގުރާމަ ފެށިތާގާތްގަނޑަކަށް ހަތް އަހަރު ވެދާނެއެވެ.

ލުބުނާނުގައި އިޒްރޭލަށް ރަޙްމަތްތެރިތެރި ސަރުކާރެއް ޤާއިމުކުރުމުގެ މަޤްސަދުގައި ޕީ.އެލް.އޯގެ މައި މަރުކަޒު ހުރި ހިސާބުކަމަށްވާ ބެއިރޫތުގެ ހުޅަނގު ކޮޅާ ހަމައަށް ލުބުނާނުގެ ދެކުނު ސަރަޙައްދު އިޒްރޭލުން ހިފިއެވެ. އަދި އެ ސަރަޙައްދު އެއްކޮށް އިޒްރޭލު އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައެވެ.

މީގެފަހުން އެއްބަސްވުމަކަށް އައުމަށްފަހު، ޕީ.އެލް.އޯ ޓިއުނީޝިއާއަށް ބަދަލުވިއެވެ. ނަމަވެސް، އިޒްރޭލު ސިފައިން ލުބުނާނުގައި ދެމިތިބެ، އެ ޤައުމުގެ އަމިއްލަ ރައްޔިތުންގެމެދުގައި ހިނގަމުންދިޔަ ހަނގުރާމައިގައި އެމީހުންގެ ބަދަލުގައި ހަނގުރާމަ ކުރާ ފަރާތްތަކަށް އެހީތެރިވެދީ، ސަބްރާ އަދި ޝަތީލާގައި ހިނގި ގަތުލުއާންމުގައި ބައިވެރިވިއެވެ. އިޒްރޭލުގެ ސިފައިންނާ ގުޅިގެން، ލުބުނާނުގެ ރައިޓްވިންގް މިލިޝިއާއިންދެ ދުވަހުގެ ތެރޭގައި 2,000 އާއި 3,500 އާ ދެމެދުގެ އަދަދެއްގެ ފަލަސްތީނުރެފިއުޖީންނާއި ލުބުނާނުގެ ރައްޔިތުން މަރާލިއެވެ.

މިއާއެކު، އިޒްރޭލުގެ އިސްތިޢުމާރު ހުއްޓުވުމަށް ލުބުނާނުގައި އެކި ގްރޫޕުތައް އުފެދުނެވެ. އޭގެ ތެރެއިން އެއް ގްރޫޕަކީ ޝިޔާ މުސްލިމުންގެ ޖަމާޢަތުން އުފެދުނު ގްރޫޕެކެވެ. އެގޮތުން، މުސްލިމް ލީޑަރުންގެ ވިސްނުމުން އުފެދުނު ޖަމާޢަތެއް ކަމުގައިވާ ޙިޒްބުﷲ އަކީ އީރާނުގެ އެހީތެރިކަން ލިބިގެން އުފެދުނު ޖަމާއަތެއް ކަމަށާއި، އިޒްރޭލު ފަހަތަށް ޖެއްސުމުގެ މެންޑޭޓް ދެވިފައިވާ ޖަމާޢަތެއް ކަމަށް ބުނެވެއެވެ.

ޙިޒްބުﷲ އަށް ތާއީދު ލިބުނީ ނާއުންމީދުވެފައިވާ ޒުވާނުންނާއި، ބެކާ ވެލީ އާއި ބެއިރޫތުގެ ދެކުނު ފަރާތު ރަށްވެހިންގެ ފަރާތުންނެވެ. މިއީ ގިނަ އަދަދެއްގެ ޝިއާ މުސްލިމުން ދިރިއުޅޭ، އިޖްތިމާޢީ ގޮތުން އެކަހެރިކުރެވިފައިވާ ސަރަޙައްދުތަކެކެވެ. މިއާއެކު، ވަރަށް ބާރު ދުވެއްޔެއްގައި ލުބުނާނުގައި ފާހަގަކޮށްލެވޭ ބާރަކަށް ޙިޒްބުﷲވެގެން ދިޔައެވެ.

1982 އާއި 1986 އާ ދެމެދު، ބޭރު ޤައުމުތަކުގެ ސިފައިންނާ ދެކޮޅަށް ގިނަ ޢަދަދެއްގެ ހަމަލާތައް ދެވުނެވެ. މި ހަމަލާތަކުގެ ޒިންމާ އެކި ގްރޫޕުތަކުން ނަގާފައިވީ ނަމަވެސް، ހުޅަނގުގެ ޤައުމުތަކުން އޭގެ ތެރެއިން ގިނަ ހަމަލާތަކުގެ ތުހުމަތު ކުރީ ޙިޒްބުﷲ އަށެވެ. 1983ވަނަ އަހަރުގެ އޮކްޓޯބަރ 23 ވަނަ ދުވަހު، ވެރިރަށް ބެއިރޫތުގައި ހުރި އެތައް ސިފައިންގެ ބެރަކްސް ތަކަކަށް ބޮން އެޅުމުގެ ސަބަބުން 300ށް ވުރެ ގިނަ ފަރަންސޭސި އަދި އެމެރިކާ ސިފައިން މަރުވިއެވެ.

މިހަމަލާގެ ޒިންމާ އިސްލާމިކް ޖިހާދު ގްރޫޕުން ނެގިއެވެ. ނަމަވެސް، ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިއީ ޙިޒްބުﷲ ގެ ނަމުގައި މަސައްކަތްކުރާ ގްރޫޕެކެވެ.

1985 ވަނަ އަހަރާ ހަމައަށް އައިއިރު، ޙިޒްބުﷲ ގެ ހަނގުރާމަވެރި ބާރު ބޮޑަށް އިތުރުވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން، އެ ޖަމާޢަތާއި އެކުގައި މަސައްކަތްކުރާ އެހެނިހެން ގްރޫޕުތަކާ އެކު، ހިޒްބުﷲ އިން އިޒްރޭލުގެ ސިފައިން ލުބުނާނުގެ ދެކުނުގައިވާ ލިޓާނީ ކޯރާ ހަމައަށް ފަހަތަށް ޖެއްސިއެއެވެ.

އިޒްރޭލުން ދެން އިޢުލާނު ކުރީ ލުބުނާނާއި އިޒްރޭލުގެ ބޯޑަރު ސަރަޙައްދަކީ 'ސެކިއުރިޓީ ޒޯން' އެއް ކަމަށް ބުނެއެވެ. މި ސެކިއުރިޓީ ޒޯން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލީ ކްރިސްޓިއަނުން ގިނަ ޢަދަދަކަށް ހިމެނޭ ސައުތު ލެބަނަން އާމީ (އެސް.އެލް.އޭ) އިންނެވެ. މި ބާރަކީ އާންމުކޮށް ރިޕޯޓުކުރެވޭ ގޮތުގައި އިޒްރޭލަށް ވާގިވެރިވާ ގޮތައް މަސައްކަތްކުރާ ބައެކެވެ.

އަދި މި ބާރުން 2000 ވަނަ އަހަރު އިޒްރޭލު އެ ސަރަޙައްދުން ފައިބައިގެން ދިއުމާ ހަމައަށްވެސް ލުބުނާނުގެ ދެކުނު ސަރަޙައްދު އިސްތިޢުމާރުކުރުމަށް އެހީތެރިވަމުން ދިޔައެވެ.

1992 ވަނަ އަހަރު، ލުބުނާނުގެ ރައްޔިތުންގެ މެދުގައި ހިނގި ހަނގުރާމަ (1975-1992) ނިމުމަށްފަހު، ހިޒްބުﷲ އިން ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ، ލުބުނާނުގެ މަޖިލީހުގެ 128 ގޮނޑީގެ ތެރެއިން 8 ގޮނޑި ކާމިޔާބުކުރިއެވެ. އަދި މިހާރު އެ ޖަމާޢަތާއި އެ ޖަމާޢަތުގެ ބައިވެރިންނަށް މަޖިލީހުން 62 ގޮނޑި ވަނީ ލިބިފައެވެ.

މީގެ އިތުރުން، ހިޒްބުﷲ އިން އެ ޖަމާޢަތުގެ ނުފޫޒު އެންމެ ބޮޑު ސަރަޙައްދުތަކުގައި ފުޅާ ދާއިރާއެއްގައި އިޖްތިމާޢީ ޕްރޮގްރާމްތައް ވެސް ހިންގައެވެ. މިކަމުގެ ސަބަބުން އެ ޖަމާޢަތުގެ ނުފޫޒު އިތުރުވެގެންދެއެވެ.

1993 ވަނަ އަހަރުގެ ޖުލައި މަހު، އިޒްރޭލުން ލުބުނާނަށް ހަމަލާދިނެވެ. އިޒްރޭލުން މި ހަމަލާއަށް ދީފައިވަނީ 'އޮޕަރޭޝަން އެ އެކައުންޓަބިލިޓީ' ގެ ނަމެވެ. ނަމަވެސް ލުބުނާނުގައި މި ހަމަލާ މަޝްހޫރުވެފައިވަނީ 'ހަތް ދުވަހުގެ ހަނގުރާމަ' ގެ ނަމުގައެވެ.

މި ހަމަލާ ދިނީ ހިޒްބުﷲ އިން އުތުރު އިޒްރޭލަށް ހަމަލާދީ، އެތައް ބަޔަކަށް ގެއްލުން ދިނުމުން، އޭގެ ބަދަލު ހިފުމުގެ ގޮތުންކަމަށް އިޒްރޭލުން ބުނެއެވެ. ނަމަވެސް، ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާދިނީ އިޒްރޭލުން ލުބުނާނުގެ ރެފިއުޖީންގެ ކޭމްޕަކަށާއި ސަހަރަކަށްހަމަލާދިނުމުން، އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.

މި ހަނގުރާމައިގެ ސަބަބުން ލުބުނާނުގެ 118 މީހުން މަރުވެ، އިތުރު 500 މީހުން ޒަޚަމްވިއެވެ. އަދި އެތައް ހާސް ޢިމާރާތްތައް ސުންނާފަތިވެގެން ދިޔައެވެ.

އިޒްރޭލުން ލުބުނާނަށް ހަމަލާދިންތާ 3 އަހަރު ފަހުން 1996 ވަނަ އަހަރުގެ އޭޕްރިލް 11 ވަނަ ދުވަހު، އަނެއްކާވެސް އިޒްރޭލުން 17 ދުވަހުގެ ހަނގުރާމައެއް ލުބުނާނުގައި ފެށިއެވެ. މި ހަނގުރާމައިގެ މަޤްޞަދަކީ ލިޓާނީ ކޯރާއި އިޒްރޭލަށް ހަމަލާދެވޭނެ ހިސާބުން ދުރަށް ހިޒްބުﷲ ޖެއްސުމެވެ.

ލުބުނާނުން 'އޭޕްރިލް މަހުގެ އަނިޔާވެރި ޢަމަލުތައް' ގެ ގޮތުގައި ނަން ދީފައިވާ ހަމަލާއަށް އިޒްރޭލުން ކިޔާފައިވަނީ 'އޮޕަރޭޝަން ގްރޭޕްސް އޮފް ރާތު' އެވެ. މިއީ އެމެރިކާގެ ލިޔުންތެރިއެއް ކަމުގައިވާ ޖޯން ސްޓައިންބެކްގެ 1939 ވަނަ އަހަރު ޝާއިޢުކުރި ނޮވެލްއަކަށް އިޝާރާތްކޮށް ކިޔާފައިވާ ނަމެކެވެ. މި ހަމަލާގައި ދެފަރާތުގެ ސިފައިންނާއި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މަރުވެ، ޒަޚަމްވުމުގެ އިތުރުން ލުބުނާނުގެ އަސާސީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

އޭޕްރިލް 18 ވަނަ ދުވަހު، އިޒްރޭލުން ހިފާފައިވާ ލުބުނާނުގެ ދެކުނު ސަރަޙައްދުގައިވާ ޤާނާ އަވަށާއި ކައިރީގައި ހުރި އދ. ގެ މަރުކަޒަކަށް ހަމަލާދިނެވެ. މިއީ ގާތްގަނޑަކަށް 800 އެއްހާ ހިޖުރަކުރި ރައްޔިތުން ހިމާޔަތް ހޯދަމުން އައި މަރުކަޒެކެވެ. މި ހަމަލާގައި 106 ރައްޔިތުން މަރުވިއެވެ. އޭގެ ތެރޭގައި ގާތްގަނޑަކަށް 37 ކުޑަކުދިންމަރުވެ 116 މީހުން ޒަޚަމްވިއެވެ. އަދި އދ. ގެ ވަގުތީ ސުލްޙަ ބެލެހެއްޓުމުގެ ބާރުގެ ތެރެއިން 4 ފިޖީ ސިފައިންނަށް ވެސް ބޮޑެތި ޒަޚަމްތަކެއް ލިބުނެވެ.

ފުލުފުލުގައި ދިން އިޒްރޭލުގެ އުދުވާންތަކަށްފަހު، 2006ވަނަ އަހަރު ހިޒްބުﷲ އިންހަމަލާއެއްދީ އިޒްރޭލުގެ ތިން ސިފައިން މަރާލިއެވެ. އެއީ ވަސީމް ނަޒާލް، އެޔާލް ބެނިން އަދި ޝާނީ ތުރްގެމަން އެވެ. އަދި ދެ ސިފައިން ހައްޔަރުކުރިއެވެ. އެއީ އެހުދް "އުދީ" ގޯލްޑްވަސަރ އަދި އެލްދަދް ރެގެވް އެވެ.

ހިޒްބުﷲ އިން ޝަރުތުކުރީ އިޒްރޭލުގެ ސިފައިން ދޫކޮށްލުމުގެ ބަދަލުގައި ލުބުނާނުގެ ޤައިދީން މިނިވަންކުރުމަށެވެ. ފަހުން ލުބުނާނުގެ 5 ޤައިދީއަކު އިޒްރޭލުން މިނިވަންކުރުމާ ގުޅިގެން، ގޯލްޑްވަސަރ އަދި ރެގެވްގެ ހަށިގަނޑު ދެ އަހަރު ފަހުން އަނބުރާ ފޮނުވާލެވުނެވެ.

މިއަށްފަހު، 34 ދުވަހަށް ދިގުދެމިގެން ދިޔަ 'ޖުލައި ހަނގުރާމަ' ފެށުނެވެ.  މި ހަނގުރާމައިގައި ގާތްގަނޑަކަށް 1,200 ލުބުނާނު ރައްޔިތުން މަރުވެ، 4,400 މީހުން ޒަޚަމްވިއެވެ. އަނެއްކޮޅުން، އިޒްރޭލުން ރިޕޯޓުކުރި ގޮތުގައި އެ ޤައުމުގެ 158 މީހުން މަރުވިއެވެ. މީގެ ތެރެއިން ގިނައީ ސިފައިންނެވެ.

2009 ވަނަ އަހަރު، އިޒްރޭލާ ދެކޮޅުވެރިކަން ދެމެހެއްޓުމާއެކު އީރާނަށް ދެމުންއައި އެހީތެރިކަން ކުރިއަށް ގެންދިޔުމުގެ މަޤްސަދުގައި ޙިޒްބުﷲ އިން އެ ޖަމާޢަތުގެ މެނިފެސްޓޯ އައު ކުރިއެވެ. މި އައު މެނިފެސްޓޯގައި، މަޒްހަބީ މަޞްލަޙަތުތަކުގެ ބަދަލުގައި ޤައުމީ އެއްބައިވަންތަކަން ތަމްސީލުކުރާ ޑިމޮކްރެޓިކް ސަރުކާރެއްގެ ތެރެއަށް އެ ޖަމާޢަތް އެއްކޮށްލުމަށް އެއްބަސްވެވުނެވެ. މިއީ އެ ޖަމާޢަތުން ނެރުނު ދެވަނަ އިޢުލާނެވެ. ފުރަތަމަ އިޢުލާނަކީ 1985 ގައި ނެރުނު 'އޯޕަން ލެޓަރ' އެވެ. މި ސިޓީގައި ބަޔާންކޮށްފައިވާ އެތެރޭގެ މަޤްޞަދުތަކަކީ 2009 ގެ މެނިފެސްޓޯއާ މުޅިން ޚިލާފު މަޤްޞަދުތަކެކެވެ.2009 ގެ މެނިފެސްޓޯގައި އިޒްރޭލާ ދެކޮޅަށް ދެމިތިބުމުގެ ޚިޔާލުތަކަށް އިތުރަށް ބާރުއަޅާފައިވާއިރު، ހިޒްބުﷲގެ ބާރު ލުބުނާނުގެ ހުރިހާ ސަރަހައްދެއްގައިވެސް ފެތުރިގެން ގޮސްފައިވާކަން ދައްކުވައިދިނެވެ.

2012 ވަނަ އަހަރު ހިޒްބުﷲ އިން ސީރިއާގައި ހިނގަމުންދިޔަ ހަނގުރާމައިގައި ބައިވެރިވިއެވެ. މިގޮތުން އެ ޖަމާޢަތުން ތާއީދުކުރީ ދިމިޝްޤުގެ ވެރިކަމަށެވެ. މި ނިންމުމަކީ އެ ޖަމާޢަތަށް ކުރިން ތާއީދުކުރަމުން އައި ގިނަ ޢަރަބި ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި ނިންމުމެކެވެ. އަދި މި ނިންމުމަކީ އެ ޖަމާޢަތުގެ އެއް ބާނީ އަދި ޢިލްމުވެރިއެއް ކަމުގައިވާ ޞުބްޙީ އައް-ޠުފައިލީ ކުށްވެރިކޮށްފައިވާ ނިންމުމެކެވެ.

ނަމަވެސް، ހިޒްބުﷲ އަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ހަނގުރާމައިގައި ބައިވެރިވުމުގެ ސަބަބުން ހަތިޔާރުއެޅި ގްރޫޕުތައް، ޚާއްޞަކޮށް އައި.އެސް.އައި.އެލް (އައިސިސް) އިން ލުބުނާނަށް ވަނުން ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރެވުނެވެ. އަދި މީގެ އިތުރުން، ހިޒްބުﷲ އަށް ހަނގުރާމައިގެ މައިދާނުގެ ތަޖުރިބާތައް ލިބުނެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހު 7 ވަނަ ދުވަހު، ޙިޒްބުﷲ އިން ޣައްޒާގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އިޒްރޭލަށް ރޮކެޓް ޙަމަލާއެއް ދިނެވެ. މިހަމަލާ ދިނީ ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާއަކަށްފަހު، އިޒްރޭލުން ޣައްޒާއަށް ބޮންއަޅަމުން ދިޔަ ދަނޑިވަޅެއްގައެވެ. ހަމާސްގެ ހަމަލާގައި ގާތްގަނޑަކަށް 1,139 މީހުން މަރުވެ، 250 އެއްހާ މީހުން ހައްޔަރުކުރެވުނެވެ. އެއަށްފަހު، ޙިޒްބުﷲ ގެ ޙަމަލާއަށް އިޒްރޭލުން ބަދަލު ހިފުމުގެ ގޮތުން ސިލްސިލާ ހަމަލާތައް ދޭން ފެށިއެވެ.

ލުބުނާނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، ލުބުނާނުގައި 97,000 މީހުން އެމީހުންގެ ގެދޮރުން ނުކުތުމަށް މަޖުބޫރުވެފައިވެއެވެ. އަދި 566 މީހުން މަރުވެފައިވެއެވެ. އިޒްރޭލުން ލުބުނާނަށާއި ސީރިއާގައި ޙަމަލާތަކާއި ގަތުލުއާންމު ހިންގާފައިވެއެވެ. މިހަމަލާތަކުގައި، ޙިޒްބުﷲ އާއި ޙަމާސްގެ އެތައް އިސް ލީޑަރުންތަކެއް މަރާލާފައިފައިވެއެވެ.

ހަމައެއާއެކު، ޖުލައި 28 ވަނަ ދުވަހު، އިޒްރޭލުން ހިފާފައިވާ ގޯލަން ހެއިޓްސްގައި ހުރި ފުޓްބޯޅަ ދަނޑަކަށް ދިން ހަމަލާއެއްގައި 12 ސީރިއާ ކުޑަކުދިންނާއި ޒުވާނުން މަރުވިއެވެ. މިއާއެކު، މެދުއިރުމަތީގެ ހަމަނުޖެހުން އިތުރަށް ގޯސްވެގެން ދިޔައެވެ. އިޒްރޭލާއި ޙިޒްބުﷲ އިން މި ހާދިސާގެ ޒިންމާ ނަގަން އިންކާރުކުރިއެވެ. ނަމަވެސް، މި ހިތާމަވެރި ހާދިސާއަކީ އޭގެ ދުވަސްކޮޅެއް ފަހުން ބެއިރޫތުގެ ދެކުނު ސަރަޙައްދުގައި ޙިޒްބުﷲ ގެ ކޮމާންންޑަރު ފުއާދު ޝުކުރު އަވަހާރަކޮށްލުމުގެ ސަބަބުން ދިން ހަމަލާއެއްކަމުގައި އިޒްރޭލުން ތުހުމަތުކުރެއެވެ. ފުއާދު ޝުކުރު އަވަހާރަކޮށްލުމާއި، އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް އިޒްރޭލުން ޙަމާސްގެ ސިޔާސީ ލީޑަރު އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުމުގެ ސަބަބުން، މުޅި ސަރަޙައްދު މިހާރު ވަނީ ނުރައްކާތެރި ޙާލަތަކަށް ގޮސްފައެވެ.

އޯގަސްޓް މަހުގެ ފަހުކޮޅު، ޙިޒްބުﷲ އިން އިޒްރޭލަށް ރޮކެޓް ޙަމަލާއެއް ދިނެވެ. މިއީ ފުއާދު ޝުކުރު އަވަހާރަކޮށްލުމަށް އެ ޖަމާޢަތުން ދޭން ނިންމި ޖަވާބުގެ ފުރަތަމަ މަރުޙަލާކަމަށް ހިޒްބުﷲ އިން ބުނެއެވެ.

2024 ވަނަ އަހަރުގެ ސެޕްޓެމްބަރ 17 ވަނަ ދުވަހު، ލުބުނާނުގައި ޕޭޖަރުތަކެއް ގޮއްވާލެވުނެވެ. މި ހާދިސާ އަކީ އިޒްރޭލުން ހިންގި ޖަރީމާއެއް ކަމަށާއި މި ގޮވުންތަކުގެ "ފުރިހަމަ ޒިންމާ" އިޒްރޭލުން ނަގަންޖެހޭނެ ކަމަށް ހިޒްބުﷲ އިން ބުނެފައިވެއެވެ.

މި ހާދިސާގައި މަދުވެގެން 9 މީހުން މަރުވެ، 2،800 މީހުންނަށް އެކި ވަރުގެ އަނިޔާވިއެވެ. އަނިޔާވި މީހުންގެ ތެރެއިން މަދުވެގެން 200 މީހުންގެ ޙާލަތު ވަރަށް ނުރައްކާތެރި ކަމަށް ލުބްނާނުގެ ސިއްހީ އޮފިޝަލުން ވަނީ ބުނެފައެވެ.

މަރުވި މީހުންގެ ތެރޭގައި 9 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ޒުވާން ފިރިހެން ކުއްޖަކު ހިމެނެއެވެ. ލުބުނާނުގައި ހުންނަވާ އީރާނުގެ ސަފީރު މުޖްތަބާ އަމާނީވެސް ވަނީ މި ހާދިސާގައި ޒަޚަމްވެފައެވެ. އޭނާގެ އަނބިކަނބަލުން އެކްސް (ކުރީގެ ޓްވިޓަރ) ގައި ވަނީ ޕޭޖަރު ގޮވުމުގެ ހާދިސާގައި ސަފީރު ޒަޚަމްވިކަން ކަށަވަރުކޮށްދެއްވާފައެވެ.

ހިޒްބުﷲ ގެ އިސްވެރިޔާ ޙަސަން ނަޞްރުﷲ އަވަހާރަކޮށްލުމާއި، އަދި އޭގެ ކުރިން ޙަމާސްގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން 2024 އޮކްޓޫބަރު 01 ވަނަ ދުވަހު އީރާނުން އިޒްރޭލަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދިނެވެ.

އީރާނުގެ އަސްކަރިއްޔާ އިން ބުނެފައިވަނީ މި އޮޕަރޭޝަންގައި ތެލް އަވީވްގައި ހުރި އިޒްރޭލުގެ ތިން އަސްކަރީ މަރުކަޒަކަށް ހަމަލާދެވުނު ކަމަށާއި، ހަމަލާގެ 90 އިން ސައްތަ އަމާޒަށް ވާސިލުވި ކަމަށެވެ.

އެހެންނަމަވެސް، އިޒްރޭލުގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ "ގިނަ އަދަދެއްގެ" މިސައިލްތައް މަތަ ކުރެވިފައިވާ ކަމަށެވެ.

ހަމަލާއާ ގުޅިގެން، ރިވޮލިއުޝަނަރީ ގާޑްސްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އީރާނުން އިޒްރޭލަށް އެތައް މިސައިލް ހަމަލާދީފައިވާނެ ކަމަށާއި އިޒްރޭލުން ބަދަލު ހިފައިފިނަމަ، ތެހުރާނުގެ ޖަވާބު "އިތުރަށް ނުރައްކާވެ، އިޒްރޭލު ފުނޑުފުނޑުކޮށްލާނެ" ކަމަށެވެ. ނަމަވެސް، އިޒްރޭލުން ބުނެފައިވަނީ މިހަމަލާގެ ނަތީޖާ އީރާނަށް 'ހިތި' ވާނެ ކަމަށެވެ.

ހަމާސް-އިސްރާއިލް ހަނގުރާމަހިޒްބުﷲއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު