ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 12:21
އިސްރާއީލް ޕާސްޕޯޓު
އިސްރާއީލް ޕާސްޕޯޓު
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ނަމުން ފަލަސްތީނާއެކު: އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ބިލުގެ ހިލަމެއްނެތި 100 ދުވަސް
އިޒްރޭލު މީހުން ރާއްޖެ އަށް އެތެރެވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމައިފިކަން އިއުލާން ކުރީ 2 ޖޫން 2024 ގައެވެ. ބިލް މަޖިލީހަށް ބަލައިގަނެ 241 ކޮމެޓީއަށް ފޮނުވީ ޖޫން 10 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަދަށް ބިލް ކޮމެޓީގައި އޮންނަތާ ބަރާބަރު 100 ދުވަސް ފުރިހަމަވެގެން ދިޔައީއެވެ. ބިލުގެ ހިލަމެއްތެވެ.

މިސަރުކާރަކީ ފެށުނީންސުރެ މިވީހާ ތަނަށް ކަމަށްވުރެ އަނގަބޮޑު ސަރުކާރެކޭ ރައްޔިތުން ބުނަނީ ބުނަން ވެގެންނެވެ. އިޝްތިހާރު ކޮށްފައި ކަންދެއްކުމުގެ ބޮޑެތި ވާހަކަތައް ދެއްކި ނަމަވެސް ކަންކުރުމުގައި ފަހަތު ފަޔަށް ބުރަވާތީއެވެ. ހާސަރުތައް ދިގުކޮށް ކަންނުކޮށް ބަހަނާ ދައްކާތީއެވެ.

މިބީދައިން ބަލާއިރު އެފަދަ ދިރިހުރި އެއް މިސާލަކީ އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލައެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ވާހަކަ ދައްކާން ފެށީ ކުށެއްނެތި ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށް ޖީލެއް ނައްތާލުމަށް އިޒްރޭލުން ހިންގާ ގަތުލު އާއްމާ ދެކޮޅު ހެދުމަށެވެ. ފަލަސްތީނު މުސްލިމުން ޝަހީދު ކޮށްފައި އަރާމުކޮށްލަން އިޒްރޭލް މީހުން އަންނަ ތަނަކަށް ރާއްޖެ ހެދުމަށް ޖާގަ ނުދިނުމަށެވެ.

މިވާހަކަ އިދިކޮޅު އެމްޑީޕީން ދައްކަން ފަށައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވިއެވެ. އެއީ ސަރުކާރުން ވަރަށް ބޮޑަށް ތާއީދުކޮށް ކޮންމެހެންވެސް ކުރަން ބޭނުންވާ ކަމެއްކަމަށް ދެއްކުމުގެ މަރުހަލާ ފެށުމުގެ ގޮތުން ފުރަތަމަވެސް ބޭއްވީ ކެބިނެޓް މީޓިންގ އެކެވެ. އިޒްރޭލު މީހުން ރާއްޖެ އަށް އެތެރެވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމައިފިކަން އިއުލާން ކުރީ 2 ޖޫން 2024 ގައެވެ. މިއީ އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެ އަށް މަނާކުރުމާ ގުޅޭ ކަމެއްގައި ކެބިނެޓުން ގޮތްތަކެއް ނިންމި ފުރަތަމަ ފަހަރެވެ.

އެދުވަހުގެ ކެނިނެޓް ބައްދަލުވުމަށް ފަހު، ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ކަމަށެވެ. އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

  • ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން
  • ފޮރިން މިނިސްޓަރު މޫސާ ޒަމީރު
  • އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް

އެދުވަހު އިހުސާން ވިދާޅުވީ، ފަލަސްތީނުގެ މައްސަލަ އަށް އަވަސް ހައްލެއް ގެނެސްދިނުމަށް އިތުރު ކަންކަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި؛

  • ފަލަސްތީނުން އެދޭ ކަންކަމަށް ސްޕެޝަލް އެންވޯއީއެއް ކަނޑައަޅަން ނިންމުން.
  • ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އދ. ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމުން.
  • "ފަލަސްތީނާއެކު ދިވެހިން" ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުން
  • ރާއްޖެއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމުން.

އިހުސާން ވިދާޅުވި ގޮތުގައި ސަރުކާރުގެ އެ ނިންމުމަކީ ގިނަ ބަޔަކު އެދޭ އެދުމެއް ކަމަށެވެ. މި ސަރުކާރުން ރައީސް މުއިއްޒު އިސްވެ ނަންގަވަމުން ގެންދަވަނީ އާ ސްޓެންޑާޑްތަކެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުކުރެވޭ ގޮތަށް ހަދަން ނިންމުމަކީ އިންސާނިއްޔަތަށް ނިންމި ނިންމުމެއް ކަމަށެވެ.

ނިންމުން ކިހާ ރީތިހެއްޔެވެ. ވާހަކަތައް ކިހާ ސަޅިހެއްޔެވެ. އެ ނިންމުންތަކާއެކު ދެނެކާ ދެނެއްނެތެވެ. ސަރުކާރުން ލާރިދީގެން ހިންގާ ޗެނަލތަކާއި އޮންލައިން މީޑިއާތަކުން ހުޝާމިދުތައް އޮއްސަން ފެށިއެވެ. ސަރުކާރު ޕްރޮމޯޓްކުރަން ކަނޑައަޅާފައިތިބޭ ކުދިންކޮޅު ސޯޝަލް މީޑިޔާ ފުރާލާވަރަށް ސަރުކާރާއި ރައީސް މުއިއްޒަށް ތައުރީފް އޮއްސަން ފެށިއެވެ.

ބިލް މަޖިލީހަށް ބަލައިގަނެ 241 ކޮމެޓީއަށް ފޮނުވީ ޖޫން 10 ވަނަ ދުވަހުއެވެ. ބިލް އަވަސްކުރުމަށް މަޖިލީހުގެ ބޮޑު މެޖޯރިޓީ އޮންނަ ޕީއެންސީން ބިލާމެދު ވާހަކަ ދެއްކުން މަދުކުރިއެވެ. ޕީއެންސީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެންބަރު ސުޖާއު އެދުވަހު ވިދާޅުވީ "އެބޭފުޅުންގެ ނިޔަތް ވަރަށް ސާފު ކަމަށާއި 75 މެންބަރުން މަޖިލީހުގައި ވާހަކަ ނުދައްކަން ތިއްބަވަނީ ބިލް އަވަސް ކުރުމުގެ ބޭނުމުގައި ކަމަށެވެ. ބިލު ކޮމެޓީއަށް ފޮނުވައިގެން ކޮމެޓީން ގެންނަންޖެހޭ އިސްލާހުތަކާއެކީ އަވަހަށް ފާސްކުރުމުގެ ބޭނުމުގައި،" ކަމަށެވެ.

އަނެއްކާވެސް އަނެއް ސްޓަންޓެވެ. ރައްޔިތުންނަށް ކިހާރީތި ކަމެއްތޯއެވެ. ބިލް އަވަސްކުރުމަށް ކެތްމަދުވެފައެވެ.

އޭގެ ފަހުން މިއަދަށް ބިލް ކޮމެޓީގައި އޮންނަތާ ބަރާބަރު 100 ދުވަސް ފުރިހަމަވެގެން ދިޔައީއެވެ. ބިލުގެ ހިލަމެއްތެވެ. މަޖިލީހުގެ ތަޅުމަށް ފޯރާނެ ދުވަހެއް ނޭނގެއެވެ. ބިލަށް ކުރެވުނު މަސައްކަތެއް ހަތްހަރާމުން ހަރާމެވެ. މަޖިލިސް އެބަހިނގައެވެ. ސަރުކާރުން ބޭނުންވާ ކަންކަން ރެއަކާ ދުވާލުންވެސް މަޖިލީހުން އެހެރަ ގެންދަނީ ނިންމަމުންނެވެ. ޗުއްޓީގައި އޮތް މަޖިލިސް ހުޅުވައިގެން ދައުރުން ބޭރުންވެސް ޖަލްސާތައް ބާއްވަނީއެވެ. ސަރުކާރުން ބޭނުންހާ ކަމެއް ބަރާބަރަށް ނިންމަމުން ގެންދަނީއެވެ. އެކަމަކު އިޒްރޭލް ޕާސްޕޯޓްގެ ބިލް އޮތީ އޮތްގޮތަށެވެ. ހިލަމެއް ނުވީތީ ނޫސްވެރިންވެސް އެވާހަކަ އަހައިފިއެވެ. އިދިކޮޅު އެމްޑީޕީން ކަންބޮޑުވުންވެސް ފާޅުކޮށްފިއެވެ. ސަރުކާރުން ކަހާތަން ހިރުވާވެސް ނުލައެވެ. އަވަސްކުރަން ބަހުސްގައި ބައިވެރިނުވެ ދޫކޮށްލި މެންބަރުން ވީތަނެއްގައެވެ. އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ކެބިނެޓުން ނިންމީތީ އަތްޖެހި ސަރުކާރަށް ތާއީދުކުރާ ދީނީ އިލްމުވެރިންގެ އަޑެއްވެސް އަމުދުން ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް