ގައުމުގެ އިގްތިސާދީ މުސްތަގްބަލާއި ރައްޔިތުންގެ ދުޅަހެޔޮ ކަން ރައްކައުތެރިކުރުމަށް ސަރުކާރުން އިތުރު ބަހަނާ ނުދައްކާ މަސައްކަތް ކުރުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީފީ) އިން ޑރ. މުއިއްޒުގެ ސަރުކާރަށް ގޮވާލައިފިއެވެ.
އެމްޑީޕީން ސަރުކާރަށް މިމޭރުމުން ގޮވާލާފައިވަނީ ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީސި ޕްލަސް އިން ސީސީ އަށް ދަށް ކޮށްފައިވާތީ އެ ޕާޓީން ކަންބޮޑުވުން ފާޅު ކޮށް ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބަށްފަހު ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކޮށްފައި ނުވާއިރު މިއީ އެމްޑީޕީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ބައިނަލްއަގްވާމީ އިދާރާތަކުގެ އިތުބާރު އޮތް ކަމާއި އިސްލާހީ ފިޔަވަޅުތައް ތަންފީޒް ކުރާނެ ކަމުގެ ޔަގީންކަން އެ އިދާރާތަކަށް އޮތްކަން ދައްކުވައިދޭ ކަމެއްކަމުގައެވެ.
ބަޔާނުގައި ބުނެފައިވަނީ ވޭތުވެދިޔަ 3 މަހުގެ ތެރޭގައި ދެވަނަ ފަހަރަށް، އަދި އެއްފަހަރާ 3 ދަރަޖަ ތިރިއަށް ކްރެޑޓް ރޭޓިންގ ދަށްކުރުމުން ދައްކުވައިދެނީ މިހާރުގެ ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ސަބަބުން މާލީ ހާލަތު އިންތިހާއަށް ގޯސްވަމުންދާކަން ކަމެވެ.
މާލީ ހާލަތު ގޯސްވަމުންދާ ކަން ރަމްޒް ކޮށްދޭ ކަންކަމުގެ ތެރޭގައި ބަޔާނުގައި ފާހަގަ ކޮށްފައިވަނީ ދައުލަތުގެ ޚަރަދު ބޮޑުވުމާއި، މާލީ އިސްލާހްތައް ލަސްކުރުމާއި، ރާއްޖޭގެ ރަސްމީ ރިޒާވް މެނޭޖް ނުކުރެވި ދަށަށް ދިއުމާއި، ބޭރުން ފައިސާ ހޯދުމަށް ނުކުޅެދިފައިވުމެވެ.
ފިޗް އިން ދިވެހިރާއްގެ ކްރެޑިޓް ރޭޓިންގ ދަށްކުރުމަށް ނިންމި ނިންމުން އިގްތިސާދީ ގޮތުން ކަންބޮޑުވާން ޖެހޭ އެތައް ކަމެއް ފާހަގަ ކޮށްފައިވާކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
މިގޮތުން ފިޗް އިން ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލާލަމުން، ފައިސާގެ ރިޒާވް ބޮޑުތަނުން ދަށަށް ދިއުމާއި، ބޭރުގެ ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާގެ މިންވަރު އިތުރުވުން ހިމެނެއެވެ. އެ ޕާޓީން ދެކޭގޮތުގައި މި މައްސަލަތަކާ ގުޅުން ހުރި ކަންކަން ދެނެގަތުމަކީ މި ހާލަތުގެ ނުރައްކާތެރިކަން ވަޒަންކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ބުނަމުން ފާހަގަ ކޮށްފައިވަނީ، ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ފަތުރުވެރިކަމަށާއި އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްޑީޕީ އިން ދެކޭ ކަމަށެވެ.
"ހާއްސަކޮށް އަވަށްޓެރި އިންޑިއާއާއެކު އޮތް ގުޅުން ހީނަރުވުމުގެ ސަބަބުންނާއި، ސަރުކާރުގެ ވެރންގެ ބަސްމަގުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ނޭދެވޭ އަސަރުކޮށްފައިވާކަން،" ފާހަގަ ކުރާކަމުގައި ބަޔާނުގައި ވެއެވެ.
އޭގެ ނަތީޖާ އެއްގެ ގޮތުން ރާއްޖެއަށް އިންޑިއާ އިން ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ބޮޑު ތަނުން ދަށްވެ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މި އަހަރު ދަށްކުރަން ޖެހިފައިވާކަމަށް އެމްޑީޕީ އިން ބުނެއެވެ.
ބޭކާރު އަދި ރޭވުމެއްނެތް ސަރުކާރުން ކުރާ ޚަރަދުތަކުގެ ސަބަބުން ރިޒާވް ހީނަރުވާ ކަން ފާހަގަ ކުރަމުން ބަޔާނުގައި ބުނެފައިވަނީ، މިއަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް ޖުމުލަކޮށް އަންނަ ކުރިއެރުމާއެކު، ޑޮލަރުން ލިބޭ އާދަނީ 15 އިންސައްތަ އިތުރުވެފައިވީ ނަމަވެސް ދައުލަތުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުންނާއި ރިޒާވް ސަޕޯޓް ކުރުމަށް ބޭނުންވާ ފައިނޭންސިންގ ހޯދުމަށް ސަރުކާރަށް ނުކުޅެދުމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވް މި އަހަރު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށެވެ. މިގޮތުން، ދަތި ދަނޑިވަޅެއްގައި މި ވަގުތު ސަރުކާރުން ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް ކޮށްފައިވާކަން އެމްޑީޕީ އިން ވަނީ ފާހަގަ ކޮށްފައެވެ.
މީގެ ތެރޭގއި، ބަޖެޓުގައި ނެތް 37 މިލިއަން ޑޮލަރު އަސްކަރީ ޑްރޯންތަކއް ގަތުމަށް ޚަރަދުކުރުމާއި، ޑެޓް ސްޓްރެޓަޖީ އާ ޚިލާފަށް، އިންޑިއާ ސަރުކާރާއެކީ ވާހަކަ ނުދައްކަންވެގެން، 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް އިންޑިއާ އަށް އަނބުރާ ދެއްކުމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވް އަށް ކޮށްފައިވާ އަސަރު ފާހަގަ ކުރާ ކަމަށް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން މަލީދާއިރާގެ އިސްލާހްތައް ލަސްކޮށް ކުރީ ސަރުކާރުން ފަށައިފައިވާ މާލީ ދާއިރާގެ އިސްލާހީ މަސައްކަތްތައް މި ސަރުކާރުން ކުރިއަށް ނުގެންގޮސް ވަނީ މަޑުޖައްސާފައިވާ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.
މި ނުރައްކާތައް ކުޑަކުރުމަށް ވަގުތުން ފިޔަވޅު އަޅަން ފެށުމަށް އެމްޑީޕީން ސަރުކާރަށް ވަނީ ގޮވާލާފައެވެ. މީގެ ތެރޭގައި ބޭކާރު ޚަރަދުތައް ހުއްޓައިލުމަށާއި އަދި މި ވަގުތަށް މުހިންމު ނޫން ހުރިހާ ހަރަދުތައް މަދުކުރުމަށާއި، މާލީ އިސްލާހުތައް ނުވަތަ ފިސްކަލް ރިފޯމް އަވަސް ކުރުމަށާއި، އަދި ރަހުމަތްތެރި ގައުމުތަކުންނާއި ބައިނަލްއަގްވާމީ އިދާރާތަކުން ބޭރު ފައިސާ ހޯދުން އަވަސް ކުރުމަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، ދައުލަތުގެ މާލީ ހިސާބުތައް އާންމު ކުރުމަށް އަލުން ފެށުމަށާއި ރައްޔިތުންނަށް ތެދު ހާމަކުރުމަށާއި ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ދިއުމަށް ވަނީ ގޮވާލާފައެވެ.
އެމްޑީޕީން ބުނެފައިވަނީ އަވަހަށް ފިޔަވަޅު ނޭޅިއްޖެނަމަ، މާލީ ހާލަތު އިތުރަށް ދަށަށް ދިއުމާއި ޑެޓް ރޭޓންގ އިތުރަށް ދަށަށް ދިއުމާއި، އަދި އިގްތިސާދީ ހާލަތު އިތުރަށް ހީނަރުވުމުގެ ހީރާސް ބޮޑުކަން އެ ޕާޓީން ފާހަގަ ކުރާ ކަމަށެވެ.
ކްރެޑިޓް ރޭޓިން މަތިކުރުމަށް ފިޗް އިން ފާހަގަކޮށްފައިވާ ކަންކަން ތަންފީޒް ކުރުން އަވަސް ކުރުމަށް ވެސް އެމްޑީޕީން ސަރުކާރަށް ގޮވާލާފައިވެއެވެ.