ކ. މާލެ
|
24 އޯގަސްޓް 2024 | ހޮނިހިރު 09:36
މިޔަރުގެ ވިޔަފާރިއަށް ލައިސަންސް ދޭން ސަރުކާރުން މި ނިންމީ އެންމެ ކުޑަމިނުން ގާނޫނުގައި ބުނާ ކަންކަން ވެސް ފުރިހަމަ ކުރުމެއް ނެތި
މިޔަރުގެ ވިޔަފާރިއަށް ލައިސަންސް ދޭން ސަރުކާރުން މި ނިންމީ އެންމެ ކުޑަމިނުން ގާނޫނުގައި ބުނާ ކަންކަން ވެސް ފުރިހަމަ ކުރުމެއް ނެތި
ރާއްޖެއެމްވީ
މިޔަރުގެ ވިޔަފާރި
ނުބޭނިޔަސް އާމްދަނީ ލިބިލިބި އޮއްވާ، މިޔަރުގެ ވިޔަފާރިއަށް ހުޅުވާލުމަކީ ގޯހުން އެޅޭ ފިޔަވަޅެއް!
ރާއްޖޭގައި އުޅޭ މިޔަރު ބާނައިގެން ނުވިއްކި އަސް، އެއީ އާމްދަނީ ލިބި ލިބި ހުންނަ އެއްޗެކެވެ. މިކަން މިހެން އޮތުމާއެކު މަނާ ކޮށްފައި އޮތް މިޔަރުގެ ވިޔަފާރިއަށް ސަރުކާރުން އަލުން ހުޅުވާލަން އުޅޭތީ އެތައް ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި މިޔަރުގެ ވިޔަފާރިއަށް އަލުން ހުޅުވާލުމަކީ އެއްގޮތަށް ވުރެ ގިނަ ގޮތުން ގެއްލުން ބޮޑު ނިންމުމެކެވެ.
ޚަބަރުގެ އޯޑިއޯ

ދިރާސާތަކުން އެނގޭ ގޮތުގައި 1970 ގެ އަހަރުތަކާ ހަމަޔަށް ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރަމުން އައިސްފައިވަނީ އޭގައި މާ ބޮޑު ވިޔަފާރީގެ ކުލައެއް ޖެހިގެންނެއް ނޫނެވެ. މިޔަރު އޭރު ބޭނީ މިޔަރު ތެލުގެ ބޭނުން ޖެހޭ ފަރާތްތަކުންނެވެ. އެހެން ނަމަވެސް 1970 ގެ ފަހުން ރާއްޖޭން ބޭރުކޮށްގެން އަގުލިބޭ އެއްޗަކަށްވެ މިޔަރުގެ މަސްވެރިކަން ކޮންމެވެސް ވަރަކަށް ކުރަން ފެށިއެވެ. އެހެން ނަމަވެސް އޭރުވެސް އެއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރި މަސްވެރިކަމެއްގެ ގޮތުގައި ފެންނާކަށް ނެތެވެ.

މިޔަރު ހިމާޔަތް ކުރުމާއި ވިޔަފާރި މަނާކުރުން

އާމްދަނީ ހޯދުމުގެ ގޮތުން މިޔަރު ބާނަން ފެށި ހިސާބުން ފަތުވެރިކަމުގެ ދާއިރާ އިން މިކަމާ އިސާހިތަކު ދެބަސްވުންތައް އުފެދި، މިޔަރު ބޭނުމަކީ ފަތުރުވެރިކަމަށް ގެއްލުންވާ ކަމެއްގެ ގޮތުގައި ފާހަގަ ކުރަމުން ދިޔައެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން ދިވެހިރާއްޖޭގައި މިޔަރު ހިމާޔަތް ކުރީ 2010 ވަނަ އަހަރުއެވެ. އަދި ޖެހިގެން އައި 2011 ވަނަ އަހަރު މިޔަރުގެ ވިޔަފާރި ކުރުންވެސް ރާއްޖޭގައި މަނާ ކުރިއެވެ.

އޭގެ ފަހުން މިދިޔަ މުއްދަތުގައި މިޔަރުގެ ވިޔަފާރި އަށް ހުޅުވާލަން އެއްވެސް ސަރުކާރަކުން ވިސްނާފައެއް ނެތެވެ. ރާއްޖެއަކީ މިޔަރަށް އަމާން މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވިއެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން މަނާ ކުރުމާއެކު، އެމަސައްކަތުގައި އުޅުނު މަސްވެރިންވެސް އެހެން ދިމަދިމާލަށް އެނބުރި އެ މަސްވެރިކަމާ ނުލާ ދިރިއުޅޭނެ ގޮތްތައް ހޯދިއެވެ.

ލޭނު މަސްވެރިކަމުގައި މިޔަރު ބޭނުން

މިޔަރު ބޭނުން މަނާ ކޮށްފައި އޮއްވާ، ރާއްޖޭގައި ލޭނު އަޅައިގެން ކަނޑުމަހުގެ މަސްވެރިކަމަށް ހުއްދަ ދިނުމުން އަނެއްކާވެސް ނުސީދާކޮށް މިޔަރު ބޭނޭ ގޮތް މެދުވެރިވިއެވެ. އެކަމަކު އެއީ ގަސްތުގައި ބާނާ މިޔަރަކަށް ނުވެއެވެ. އެއީ "ބައިކެޗް" ގެ ގޮތުގައި ލޭނުގައި ޖެހޭ މިޔަރެވެ. އެހެން ކަމުން މިޔަރުގެ މަސްވެރިކަން ރާއްޖޭގައި މަނާ ކުރިފަހުން ރާއްޖޭގައި ބޭނި މިޔަރުގެ 99.9 އިން ސައްތަ އަކީ ބައިކެޗް ގެ ގޮތުގައި ލޭނު މަސްވެރިކަމުގައި ބޭނި މިޔަރެވެ. އަތުނަނުގައި އަދި ދޮށީގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގައި މިޔަރު ބޭނިފައިވާ ނިސްބަތަކީ ވަރަށް ކުޑަ މިންވަރެކެވެ. އެންމެ 0.06 އިން ސައްތައެވެ.

ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރަން ކުރިން ހުއްދަ ދިން އިރު ވެސް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން 2012 ވަނަ އަހަރު ލޮގް ފޮތް ތައާރުފް ކުރެވުނެވެ. އެ ފޮތުގައި ލޭނުގައި ޖެހޭ މިޔަރު ލިޔަންޖެހެއެވެ.

ތަފާސް ހިސާބުން އެނގޭ ގޮތުގައި 2014 ވަނަ އަހަރާ ހަމަ އަށް އައި އިރު 18 އުޅަނދު ލޭނު މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވަމުން ދިޔައެވެ.

ދިރާސާ އިން އެނގޭ ގޮތުގައި ލޭނު މަސްވެރިކަމުގައި ހަރަކާތްތެރިވި އުޅަނދުތައް އިތުރުވުމާ އެކު ބައިކެޗްގެ ގޮތުގައި ހިފޭ މިޔަރުގެ އަދަދުވެސް ދިޔައީ މައްޗަށެވެ. މިގޮތުން 2013 ވަނަ އަހަރު މިޔަރު ހިފި އަދަދަށް ވުރެ 50 އިން ސައްތަ 2014 ވަނަ އަހަރު ހިފި މިޔަރުގެ އަދަދު މައްޗަށް ދިޔައެވެ.

އޭރުގެ ހޯދުންތަކުން އެނގޭ ގޮތުގައި ލޭނުގައި ޖެހޭ މިޔަރުގެ 62 އިންސައްތަ އަނބުރާ ކަނޑަށް ދޫކޮށްލައެވެ. އެހެން ނަމަވެސް ލޭނު ނަގާ އިރު 31 އިންސައްތަ މިޔަރު ހުންނަނީ މަރުވެފައެވެ.

ބައިކެޗްގެ ގޮތުގައި ޖެހޭ ކަމަށް ރެކޯޑް ކުރެވިފައިވަނީ ހަމަ އެކަނި މިޔަރެއް ނޫނެވެ. ލޮގްފޮތްތަކުގެ ރެކޯޑްތަކުން ލޭނުގައި ވެލާވެސް ޖެހިފައިހުންނަކަން އެނގެއެވެ.

އޭރުގެ ބައިކެޗް މިޔަރާ މިހާރުގެ ބައިކެޗް މިޔަރު ތަފާތު ވާނެ

އޭރު ބައިކެޗްގެ ގޮތުގައި މިޔަރު ޖެހުނަސް އެއިން ކުރެވޭނެ ހުއްދަ ބޭނުމެއް ނޯވެއެވެ. އެއީ މިޔަރުގެ ވިޔަފާރި ރާއްޖޭގައި މަނާ ކޮށްފައި އޮތުމެވެ. އެހެން ކަމުން ލޭނު ނަގާއިރު ދިރުން ހުންނަ މިޔަރު ދޫކޮށްލުން ނޫން ގޮތެއްވެސް ނޯންނާނެއެވެ. މިއާ ޚިލާފަށް އަދުގެ ސަރުކާރުން ލޭނު މަސްވެރިކަމުގެ ގަވައިދަށް ގެނައި ބަދަލާ އެކު ލޭނުގައި ޖެހި މަރުވެފައި ހުންނަ މިޔަރުގެ ވިޔަފާރި ހުއްދަ އެބަކުރެއެވެ. މިޔަރު ޕްރޮސެސް ކުރުމަށް ހުއްދަ އެބަލިބެއެވެ. ލައިސަންސް ލިބިގެން މިޔަރު ކިރޭ ތަންތަން ހުރެއެވެ. މިކަމުގައި ކަންބޮޑުވާ އެއް ސަބަބަކީ މިއީ އެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި މި ހުޅުވާލެވޭ މިޔަރުގެ ވިޔަފާރިއާއެކު ބައިކެޗްގެ ގޮތުގައި މުޅިންވެސް ހުންނާނީ މަރުވެފައި ހުންނަ މިޔަރެވެ. އެއީ ލޭނުގައި ޖެހި މަރުވެފައި ހުންނަ މިޔަރުގެ ވިޔަފާރި ހުއްދަވާތީއެވެ.

މިކަމުގައި ކަންބޮޑުވާ ފަރާތްތަކުން ދެކޭ ގޮތުގައި ކިތަންމެ ހަނިކޮށް ނަމަވެސް މި ހުޅުވާލެވޭ މިޔަރުގެ ވިޔަފާރީގެ ފުރުސަތުން އާޚިރުގައި ދާނީ ފުޅާވަމުންނެވެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ މިޔަރު "ސެންކްޗުއަރީ" އެއްގެ ގޮތުގައި ދުނިޔޭގައި ރާއްޖެއަށް ލިބިފައި އޮތް ރީތި ނަން ގެއްލުމެވެ. ކަނޑުފަޅުގެ ދުޅަހެޔޮ ކަމަށް ބަދަލު އައުމެވެ. އަދި ވަކީން ބޮޑަށް ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރުމެވެ.

މިޔަރު ނުބޭނިއަސް އެއިން ބޮޑު މަންފާ ލިބޭ

ދިރާސާތަކުން ސާފުކޮށް ފެންނަން އޮތް ގޮތުގައި ނުބޭނިޔަސް މިޔަރުން ރާއްޖެއަށް ލިބޭ އާމްދަނީ މަދެއް ނޫނެވެ. ރާއްޖޭގައި 1993 ވަނަ އަހަރު ހެދި ދިރާސާއެއްގައި ހާމަވާ ގޮތުގައި 1992 ވަނަ އަހަރު "ފިޝް ހެޑް" ކިޔާ ސަރަހައްދުގައި އުޅޭ ތިލަ މިޔަރަކަށް އަހަރަކު 33،500 ޑޮލަރު ޖެހިފައިވެއެވެ. މިއީ ޑައިވަރުންގެ މެދުގައި އޭރު އެންމެ މަގްބޫލް ޕޮއިންޓެވެ. އެ ދިރާސާގައި ބުނަނީ ޑައިވް ސައިޓުތަކުން މިޔަރު ބަލަން ދާ މީހުންގެ އަތުން އަހަރަކު އެވްރެޖްކޮށް ތިލަ މިޔަރަކަށް 3،300 ޑޮލަރު ޖެހޭ ކަމަށެވެ. އެއީ އެހާ ދުވަހު އެއް ސަރަހައްދެއްގައި އެ މިޔަރެއް އުޅޭ ކަން ފާހަގަވެފައި ވުމާއެކު، ހަމަ އެ މިޔަރު ބަލަން އެތައް ފަހަރަކު އެއް ތަނަކަށް މީހުން ގޮސް އުޅޭކަން ރިޕޯޓްކޮށްފައި ވާތީއެވެ. މިޔަރެއްގެ އުމުރަކީ 18 އަހަރު ކަމަށް ބަލައިފިނަމަ މިޔަރު ބަލަން ދާ މީހުންގެ އަތުން މިޔަރަކަށް އަހަރަކު ޖެހޭ އަގު މާ މަތިވާނެ ކަމަށް ދިރާސާ ގައި ބުނެފައިވެއެވެ. އޭރުގެ އަގުން ބަލާއިރު ބާނައިގެން ގެންނަ ތިލަ މިޔަރަކަށް ޖެހުނީ އެންމެ ގިނަ ވެގެންވެސް 32 ޑޮލަރެވެ. އެއީ އެއް ފަހަރު ލިބޭ އަގެކެވެ. އެހެން ކަމުގައި ދިރާސާ ހެދި ފަރާތްތަކުން ދެކޭ ގޮތުގައި، މިޔަރެއް މަރާލައިގެން ލިބޭ އެއްޗަކަށް ވުރެ އެ މިޔަރު ދިރިދުނިޔޭގައި އިނުމުން ލިބޭ އެއްޗެއް 100 ގުނަ އިތުރު ކަމުގައަވެ.

މިޔަރުގެ އާބާދީއަށް ގެއްލުން ނުވާނެ ކަން އެނގޭނެ ގޮތެއް ނެތް

ރާއްޖޭގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބައިނަލް އަގްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫން (13/2022) އެއް އެބައޮތެވެ. މިއީ ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީ ވިޔަފާރި ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ ބައިނަލް އަގްވާމީ މުއާހަދާ (ކޮންވެންޝަން އިން ދަ ޓްރޭޑް އޮފް އެންޑެންޖާޑް ސްޕީޝީސް) ގެ މެމްބަރެއްގެ ގޮތުން ރާއްޖޭން އަމަލު ކުރަން ޖެހޭ އުސޫލުތަކުގެ މަތިން ހަދާ އަމަލު ކުރަން ޖެހޭ ގާނޫނެކެވެ. މި ގާނޫނުގެ 17 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައި ބުނާ ގޮތުން ގާނޫނުގެ ޖަދުވަލު 1 ނުވަތަ 2 ގައި ބަޔާން ކުރާ ބާވަތެއް އެކްސްޕޯޓް ކުރުމުގެ ސަބަބުން އެއެއްޗެއްގެ ގުދުރަތީ އާބާދީ އަށް ގެއްލުމެއް ނުލިބޭނެކަން ޔަގީންކޮށް ސާބިތު ކޮށްދޭން ޖެހޭނެއެވެ. އެ ގާނޫނުގެ ޖަދުވަލު 2 ގައި ހިމަނާފައިވާ ލިސްޓުގައި ވާ މިޔަރުގެ ބާވަތްތަކަކީ ބައިކެޗްގެ ގޮތުގައި ލޭނުގައި ޖެހިފައި ހުންނަކަން ފާހަގަ ކުރެވޭ ބާވަތްތަކެވެ. މި ގޮތުން ލޭނުގައި ޖެހިގެން "މަރުވެގެން" އެއްގަމަށް ގެނެސް މިފަދަ ބާވަތްތަކުން ވިޔަފާރި ކުރަން ބަލާއިރު ގާނޫނު ބުނާ އެ ތަކެތީގެ ގުދުރަތީ އާބާދީ އަށް ގެއްލުމެއް ނުލިބޭނެ ކަން ޔަގީންކަން ދޭނީ ކޮން ފަރާތަކުން ހެއްޔެވެ؟ އެފަދަ ދިރާސާ އެއް އަދި ފެންނާކަށް ނެތެވެ.

މިޔަރުގެ ވިޔަފާރިއަށް ލައިސަންސް ދޭން ސަރުކާރުން މި ނިންމީ އެންމެ ކުޑަމިނުން ގާނޫނުގައި ބުނާ ކަންކަން ވެސް ފުރިހަމަ ކުރުމެއް ނެތިއެވެ. ދެން އޮންނާނީ ސަރުކާރުގެ ސިޔާސަތު ދިފާއު ކުރަން ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ގާނޫނު ބަދަލު ކުރުން ކަމަށްވެސް ވެދާނެއެވެ. ބޭނުން ވެއްޖެ ނަމަ އެކަންވެސް ސަރުކާރަށް ކުރެވިދާނެއެވެ. އެހެން ނަމަވެސް މިޔަރުގެ ވިޔަފާރިއަށް ހުޅުވާލައިގެން ލިބޭ ގެއްލުން އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތުން ބޮޑުވާނެ ކަމަށް ކަމުގެ ތަޖުރިބާކާރުން އެދަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް