Advertisement
ކ. މާލެ
|
20 އޯގަސްޓް 2024 | އަންގާރަ 22:41
ޕެޓިޝަން ބޭރުކޮށްލަން ހުށަހެޅުއްވި ސަރުކާރަށް ނިސްބަތްވާ މެމްބަރު އައިފާން އާއި ހުށަހެޅުއްވުމަށް ތާއިދުކުރެއްވި މެމްބަރު އިބްރާހިމް ޝިފާޒް
ޕެޓިޝަން ބޭރުކޮށްލަން ހުށަހެޅުއްވި ސަރުކާރަށް ނިސްބަތްވާ މެމްބަރު އައިފާން އާއި ހުށަހެޅުއްވުމަށް ތާއިދުކުރެއްވި މެމްބަރު އިބްރާހިމް ޝިފާޒް
ރާއްޖެއެމްވީ
ފްލެޓާ ބެހޭ ޕެޓިޝަން
ފްލެޓް ލިސްޓުގައި ތިބި މީހުން އުނި ނުކުރަން ހުށަހެޅި ޕެޓިޝަން ބޭރުކޮށްލައިފި
ކުރިއަށް ނުގެންދަން ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން
ބޭރު ކޮށްލި ފްލެޓާ ބެހޭ ޕެޓިޝަންގައި 920 މީހުން ސޮއިކޮށްފައިވޭ
ހައުސިންގ މިނިސްޓްރީން ލިސްޓް އިވެލުއޭޓް ކުރުން ކުރިއަށް ގެންދާތީ ޕެޓިޝަން އާ ގުޅިގެން ބަލާނެ ކަމެއް ނެތްކަމަށް ހުށަހެޅި ފާސްވި

ފްލެޓް ލިބޭނެކަމަށް ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ގެޒެޓް ކުރި އެއްވެސް ފަރާތެއްގެ ނަން ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ ޕެޓިޝަންގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދަން ނިންމާ ޕެޓިޝަން ކޮމިޓީން މައްސަލަ ބޭރުކޮށްލައިފިއެވެ.

ޑރ. މުއިއްޒު ސަރުކާރުގެ މެޖޯރިޓީ އޮންނަ ޕެޓިޝަން ކޮމިޓީން މި މައްސަލަ ނުބަލަން ނިންމީ އަންގާރަ ދުވަހުގެ ބައްދަލުވުމުގައެވެ.

މި ޕެޓިޝަންގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދަން ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަދި އެ ކޮމިޓީގެ ނައިބު މުގައްރިރު އަހުމަދު އައިފާނެވެ. އަދި އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ޕީއެންސީ އަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ޝިފާޒެވެ.

މެންބަރު އައިފާން ވިދާޅުވީ، މި ޕެޓިޝަނަކީ 19 ވަނަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށާއި، އަސްލު ހައްގުވެރިންނަށް ފްލެޓް ދޭން އަލުން އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މި ސަރުކާރުގެ ހައުސިންގ މިނިސްޓްރީން ކުރިއަށް ގެންދާތީ ޕެޓިޝަން އާ ގުޅިގެން ބަލާނެ ކަމެއް ނެތް ކަމުގައެވެ.

ކުއްލި އަކަށް ޕެޓިޝަންގެ މައްސަލަ ނުބަލަން ފާސް ކުރިއިރު، މި ޕެޓިޝަނަކީ ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނެއް ކަމުގައި ވިޔަސް، 20 ވަނަ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ކޮމިޓީއަށް ކަމާ ބެހޭ އޮފީސްތަކުގެ މަންދޫބުން ހާޒިރުކޮށް ވަނީ ސުވާލުވެސް ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ބޭރު ކޮށްލި ފްލެޓާ ބެހޭ ޕެޓިޝަންގައި 920 މީހުން ސޮއިކޮށްފައިވެއެވެ. އޭގެ ތެރޭގައި ފްލެޓް ލިބުނު ކަމަށް ލިޔުން ލިބިފައިވާ ފަރާތްތަކާއި އެމީސް މީހުންގެ އާއިލާތަކުގެ މެމްބަރުންވެސް ހިމެނެއެވެ.

Advertisement

ފްލެޓް ލިސްޓް ބަދަލު ނުކުރުމަށް ގޮވާލާ ހުށަހެޅި ޕެޓިޝަން އާ ބެހޭ ގޮތުން މިހާރުގެ ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު ޖުލައި 29 ގައި ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވިދާޅުވީ، މި އަހަރުގެ އޮކްޓޯބަރު މަހު 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމު ކުރާނެ ކަމަށެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުންދާ 4،000 އެޕާޓްމަންޓް ގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.

ރައީސް ސޯލިހް ގެ ސަރުކާރު ނިމުނު އިރު މި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ވަނީ ގެޒެޓް ކޮށްފައެވެ. މީގެ ތެރެއިން 3778 ފަރާތާ އެކު ވަނީ ފްލެޓް ލިބުނު ކަމުގެ އެއްބަސްވުން ވެސް ހަދާފައެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ގެޒެޓް ކުރި ފްލެޓް ލިސްޓަށް ފްލެޓް ލިބޭނެ ކަމަށް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އަދި ވެރިކަމަށް ވަޑައިގަތް ފަހުން ވެސް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.

5 ޑިސެމްބަރ 2023 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސީދާ މި ކަމާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ފައިނަލް ލިސްޓެއް ގެޒެޓު ކުރެވިފައިވުން އެއީ ސަރުކާރުގެ ނިންމުމެއް ކަމަށެވެ. އެހެންކަމުން އެއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އެއްވެސް މީހެއްގެ ހައްގެއް އަތެއް ނުލާނަން، ލިބިފައި އޮތް އެއްޗެއް ރަސްމީ ގެޒެޓް ކުރެވިގެން މީހަކަށް، ލިސްޓެއްގައި ތިމަންނަގެ ނަން އެބަ އޮތޭ ލިބޭ ގޮތަށް، އެއީ ފްލެޓް ވިޔަސް ގޯތި ވިޔަސް، އެ މީހާއަށް އެ ގޯތި ފްލެޓް ލިބޭނެ ކަމަށް ދިވެހި ސަރުކާރުން ގެޒެޓްކޮށްފައި އޮތިއްޔާ އެ މިހާއަށް ލިބޭނެ.
ޑރ މުއިއްޒު

ރައީސް މުއިއްޒު މިހެން އެތައް ތަނެއްގައި ވިދާޅުވެފައިވީ ނަމަވެސް، ޕެޓިޝަން ކޮމިޓީގައި މި ސަރުކާރުގެ ހައުސިންގ މިނިސްޓަރ ހައިދަރު ދެއްކެވި ވާހަކަފުޅުން އެނގޭ ގޮތުގައި މި ސަރުކާރުން ގެންދަނީ، ކުރީ ސަރުކާރުން ގެޒެޓް ކުރި ފްލެޓް ލިބުނު މީހުންގެ ލިސްޓަށް ބެލުމެއް ނެތި، ފްލެޓަށް އެދުނު އެންމެންގެ މުޅި ލިސްޓު އަލުން އިވެލުއޭޓް ކޮށް އައު ލިސްޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް