ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 13:04
ތުއްތު ކުއްޖަކު ޤުރުޢާން ކިޔަވަނީ - ޤުރުއާނަކީ އުމުރުގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ނޫން، ހިފްޒުކުރުމަށް ވަކި އުމުރެއް ނެތް
ތުއްތު ކުއްޖަކު ޤުރުޢާން ކިޔަވަނީ - ޤުރުއާނަކީ އުމުރުގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ނޫން، ހިފްޒުކުރުމަށް ވަކި އުމުރެއް ނެތް
ނޫރް އެކަޑަމީ
ޙިފްޒުކުރުން
ހާފިޒަކަށް ވާނީ ކިހިނެތް؟ ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރެއް
އުޑުތަކާއި ބިމުގެ ޚާލިޤުގެ ވަޙީބަސްފުޅުތައް ކަމުގައިވާ ޤުރުއާނަކީ އާދައިގެ ގޮތަކަށް ހިތަށް ވައްދައިލެވޭނެ ނުވަތަ ހިތުދަސްކުރެވޭނެ އެއްޗެއް ނޫނެވެ. ނަމަވެސް މި ދަތުރުގައި ފުރިހަމަ އަޒުމަކާއެކު، ނިންމުމަށް ކަނޑައަޅައިގެން ފަށާ މީހަކަށް، ﷲ ހަމަކަށަވަރުން އެކަން ފަސޭހަކޮށްދެއްވާނެއެވެ. އިޚްލާޞްތެރި މީހާގެ ދުލުން ޤުރުއާން ފަސޭހަކަމާއެކު ފަހިވެގެންދާނެއެވެ. އެއީ އިލާހީ ވާގިފުޅުންނެވެ.

ޤުރުއާން ހިތުދަސްކުރާ މީހާއަށް ލިބޭ ޝަރަފާއި، ދަރުމައާއި، މަންފާތައް، ހިފްޒުކުރުމަށް ހޭދަކުރާ ވަގުތާއި މަސައްކަތަށްވުރެ މާ މަތިވެރިވެގެންވެއެވެ. ޤުރުއާން ހިތުދަސްކުރުމަކީ ހަމައެކަނި އިބާދާތެއް ކުރުމެއް ނޫނެވެ. އެއީ ހިތާއި ރޫޙު ބަދަލުކޮށް، މީހާގެ ދިރިއުޅުން އިލާހީ ތެދުމަގާ އެއްގޮތްކޮށް، ރޫޙާނީ ގޮތުން އެންމެ މަތީ ދަރަޖައަށް އަރާދިއުމެވެ.

ޙާފިޒަކަށްވުމުގެ މާތްކަން:

ނަބިއްޔާﷺ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ ޤުރުއާން ދަސްކޮށް، އެ އުނގަންނައިދޭ މީހުންނެވެ." [ޞަޙީޙުލް ބުޚާރީ #5027] ޙަޤީޤީ ޙާފިޒަކީ އެހެން މީހުންނަށް އެންމެ ހެޔޮ، އަދި މާތްކަމުގެ ނަމޫނާއެއްގެ ގޮތުގައި ފެންނާނެ މީހެކެވެ. އަޚްލާޤުގެ ގޮތުން ނަމޫނާއެއް، ވަގުތު ބޭނުންކުރުމުގައި ފަރުވާތެރި، އަދި އަޅުކަމުގައި ޚުޝޫޢަތްތެރިއެކެވެ. އެމީހުންގެ ތެރެއިން އެންމެ މޮޅުވެގެންވަނީ ހިތުދަސްކުރުމާއި، އަބަދުމެ މުރާޖަޢާކުރުމާއި، އުނގަންނައިދިނުމުގެ މާތް ޢަމަލުން ޤުރުއާނާ ގާތްކަން ލިބިފައިވާ މީހުންނެވެ. އެމީހުންގެ ހަފްތާގެ ވިރުދު، ރޭގަނޑުގެ ޤިޔާމް، އަދި ޢިލްމު ފަތުރައިދިނުމުގެ އަޒުމަކީ ހަމައެކަނި ނިންމަންޖެހޭ ކަންކަމެއް ނޫނެވެ. އެއީ މާތްވެގެންވާ މަސައްކަތްތަކެކެވެ. ދުނިޔޭގައިވާ ހުރިހާ މުޞްޙަފެއް ނައްތާލެވުނުކަމަށް ވިސްނާލާށެވެ. ﷲ މި ފޮތް ރައްކާތެރިކުރުމަށް ޚިޔާރުކުރައްވާނީ ޙާފިޒުންނެވެ. ޙާފިޒަކަށް މުޅި ޤުރުއާން ހިތުން ކިޔައިދެވޭނެއެވެ. އެއްބަހެއް ނުދަންނަ ޙާފިޒުންގެ ބަޔަކަށް އެއްތަނަކަށް އެއްވެ، އާޔަތްތައް ތަރުތީބުން ލިޔެ އައު މުޞްޙަފެއް އުފެއްދިދާނެއެވެ. ﷲ ޙާފިޒުންގެ ޛަރީޢާއިން ޤުރުއާން ސާފުކޮށް ރައްކާތެރިކުރައްވައެވެ. އަދި ﷲ ވަރަށް ގިނަ ސިއްރު ގޮތްގޮތުން ޙާފިޒުން ގެއްލުމުން ސަލާމަތްކުރައްވައެވެ. ފާފައެއް ކުރަން އުޅޭއިރު، ޙާފިޒުންނަށް އެމީހުން ހިތުދަސްކޮށްފައިވާ އާޔަތްތައް ހަނދާންވާނެއެވެ. ފާފައެއް ކުރުމަށްފަހު، އެކަމުގެ ހިތާމައިގެ ބުރަދަން ބޮޑުވެގެންދާނެއެވެ. ޙާފިޒުން އެމީހުންގެ ދިރާސާތަކުގައި ބާރަށް މަސައްކަތްކުރާތީ، ވަގުތު ހެޔޮގޮތުގައި ބޭނުންކުރާނެއެވެ. އެހެންކަމުން ފާފަކުރުމަށް ވަގުތެއް ނުލިބޭނެއެވެ. ޙާފިޒުން، ސާފު އުނގެނުމުގެ ލަނޑުދަނޑިތަކަކާއެކު، ދުނިޔަވީ މަންފާތަކަށް ސަމާލުކަން ނުދޭނެއެވެ. ޤުރުއާނުގައި ފުންކޮށް ޝާމިލްވާ މީހުންނަށް ޝަރަފު ލިބިގެންވެއެވެ. އެމީހުންނަކީ ނަބިއްޔުންގެ ވާރިޘުންނެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "ޢިލްމުވެރިންނަކީ ނަބިއްޔުންގެ ވާރިޘުންނެވެ. ހަމަކަށަވަރުން ނަބިއްޔުން ރަން އަދި ރިހި ތަރިކައެއްގެ ގޮތުގައި ނުދެއެވެ. އެހެނެއްކަމަކު އެބޭކަލުން ތަރިކަކުރައްވަނީ ހަމައެކަނި ޢިލްމެވެ." [މުސްނަދުލް ބައްޒާރު 10/68] އެކަލޭގެފާނުގެ އެންމެ ފަހު ވަގުތުތަކުގައި، އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ ﷺ ވިދާޅުވިއެވެ. އެކަލޭގެފާނު ދޫކުރައްވާ ދިޔައީ ޚަޒާނާއެކެވެ. އެއީ ޤުރުއާނެވެ. މިކަމާމެދު ވިސްނާލާށެވެ. ނަބިއްޔާ ﷺ ޚަޒާނާއެއްގެ ގޮތުގައި ސިފަކުރެއްވި، ﷲގެ ބަސްފުޅަށްވުރެ މަތިވެރި ތަރިކައެއް ކޮބައިތޯއެވެ؟ [މުސްނަދު އަޙްމަދު އިބްނު ޙަންބަލް] ޙާފިޒަކަށްވުމުން، ތިބާ ވަންނަނީ 'އިޤްރައު ބިސްމި ރައްބިކަލްލަޛީ ޚަލަޤަ' އާ ހަމައަށް ދެމިގެންދާ މެދުނުކެނޑޭ ސިލްސިލާއަކަށެވެ. ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ١"ކިޔަވާށެވެ! ހައްދަވާ ބޮޑުކުރެއްވި ކަލާނގެ އިސްމުފުޅުންނެވެ." (ޤުރުއާން 96:1)

ޤުރްއާން ހިތުދަސްކުރުމުގެ ދާއިމީ ފައިދާތައް:

މި ދުނިޔޭގައި ހާފިޒަކަށް ވުމުގައި ގުނަން ނުޖެހޭހާ ގިނަ ފައިދާތަކެއް ވެއެވެ. ނަމަވެސް އޭގެ ޙަޤީޤީ އުފާ ލިބެނީ އާޚިރަތުގައެވެ. ޢަބްދުﷲ އިބްނު ޢަމްރު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ޤުރްއާނުގެ އެކުވެރިޔާއަށް (ޤިޔާމަތް ދުވަހު) ބުނެވޭނެއެވެ. ކިޔަވާށެވެ! އަދި މަތިވެރިވާށެވެ! ދުނިޔޭގައި ކިޔެވި ފަދައިން، ހަމަކަށަވަރުން ތިބާގެ ދަރަޖަ ކަނޑައެޅިގެންވަނީ ތިބާ ކިޔަވާ އެންމެ ފަހު އާޔަތަކުންނެވެ." މަޞްދަރު: [ސުނަން އައްތިރްމިޛީ #2914]

ﷲގެ ޙަޟްރަތުގައާއި، މަލާއިކަތުންނާއި، އިންސާނިއްޔަތު މުޅި ޖުމްލަ ކުރިމަތީގައި ހުރެ، ސޫރަތުލް ފާތިޙާއިން ފެށިގެން، ﷲ ބާވައިލެއްވި، އިންސާނިއްޔަތު ބަދަލުކުރި، ފަރުބަދަތައް ވެސް ތެޅިފޮޅިގަންނާނެ، އަލްވަދޫދުވަންތަ ﷲ އަޅުގެ ރަސޫލާއަށް ﷺ އުނގަންނައިދެއްވި ބަސްފުޅުތައް ހިތުން ކިޔަވަމުން މަތިވެރިވަމުން ދިއުން ތަޞައްވުރު ކޮށްލާށެވެ.

މިފަދަ މަތިވެރި ދަރަޖައަކަށް އާދެވުމުން، ތިބާ ލޯބިވާ މީހުންނަށް ޝަފާޢަތްތެރިވާން ފުރުޞަތު ލިބޭނެއެވެ. ޟަޢީފް ޙަދީޘެއްގައި އައިސްފައިވެއެވެ، "ޤުރްއާން ކިޔަވައި، އެ ހިތުދަސްކޮށް، އޭގައި ޙަލާލުކުރެވިފައިވާ ކަންކަން ޙަލާލުކަމުގައި ދެކި، ޙަރާމްކުރެވިފައިވާ ކަންކަން ޙަރާމްކަމުގައި ދެކޭ މީހާ، ﷲ އޭނާ ސުވަރުގެއަށް ވައްދަވާނެއެވެ. އަދި ނަރަކައަށް ޙުކުމްކުރެވިފައިވާ އޭނާގެ އާއިލާގެ ދިހަ މީހުންނަށް ޝަފާޢަތްތެރިވުމަށް އޭނާއަށް ހުއްދަދެއްވާނެއެވެ."

މި ހުރިހާ ކަމެއްގެ ކުރިން ވެސް، ޤުރްއާން ތިބާއަށް އެހީތެރިވެދޭނެއެވެ. "ރޯދައާއި ޤުރްއާން ޤިޔާމަތް ދުވަހު އަޅާއަށް ޝަފާޢަތްތެރިވާނެއެވެ. ރޯދަ ބުނާނެއެވެ: އޭ ރައްބެވެ! އަޅު އޭނާ ދުވާލުގެ ވަގުތު ކެއުމާއި ޝަހުވަތުން މަނާކުރީމެވެ. ފަހެ، އޭނާއަށް ޝަފާޢަތްތެރިވުމުގެ ފުރުޞަތު އަޅަށް ދެއްވާށެވެ. އަދި ޤުރްއާން ބުނާނެއެވެ: އަޅު އޭނާ ރޭގަނޑުގެ ވަގުތު ނިދުމުން މަނާކުރީމެވެ. ފަހެ، އޭނާއަށް ޝަފާޢަތްތެރިވުމުގެ ފުރުޞަތު އަޅަށް ދެއްވާށެވެ. އަދި އެ ދެ ފަރާތަށް ޝަފާޢަތްތެރިވުމުގެ ހުއްދަ ދެއްވޭނެއެވެ." [މުސްނަދު އަޙްމަދު #6626]

ޙާފިޡަކަށް ވުމުން ވާ ގޮތް:

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތަތަކުގައި ނަމާދު އިމާމުވެ ކުރިއަށް ގެންދަނީ ޙާފިޡުންނެވެ. ބައެއް ޙާފިޡުން އިތުރަށް ކިޔަވައި، އިސްލާމީ ޢިލްމުގެ ފުން ކަނޑުތަކަށް ފީނައި، ޢާލިމިއްޔާ، އިސްލާމީ ފިޤުހު އަދި އިސްލާމީ ދިރާސާތަކުގެ ޕީ.އެޗް.ޑީ ފަދަ މަތީ ސަނަދުތައް ޙާޞިލުކުރެއެވެ. އަނެއްބައި ޙާފިޡުން ޤައުމީ އަދި ބައިނަލްއަޤްވާމީ ތިލާވަތުގެ މުބާރާތްތަކުގައި ބައިވެރިވެ، އެބޭފުޅުންގެ ހިތުދަސްކަމުގެ ރީތިކަމާއި ފުރިހަމަކަން ދައްކުވައިދެއެވެ. ގިނަ ޙާފިޡުން ވަނީ ރަށްފުށުގެ މުދައްރިސުންނަށް ވެފައެވެ. އެބޭފުޅުންނަކީ ޙިކުމަތާއި ރޫޙާނީ މަތިވެރިކަމުގެ ނަމޫނާތަކެކެވެ. އެބޭފުޅުން ވަނީ ﷲގެ ބަސްފުޅުތަކުގެ މައްޗަށް ބިނާކޮށް ޢިލްމު އުނގެނުމާއި އަޅުކަން ކުރުމުގެ މަރުކަޒުތަކެއް އުފައްދާފައެވެ. ބައެއް ޙާފިޡުން ޤުރުއާން ކިޔެވުމުގެ އެކި ގޮތްތައް ދަސްކޮށް، އެކި ޤިރާއަތްތަކުގައި މާހިރުވެ، އެބޭފުޅުންގެ ތިލާވަތްތައް ރީތިކަމާއި ތަފާތުކަމުން މުއްސަނދިކުރައްވައެވެ.

މިއިން އެއްވެސް ކަމެއް ނުކުރި ނަމަވެސް، ހުރިހާ ޙާފިޡުންވެސް އެބޭފުޅުންގެ ހިތްޕުޅުތަކާއި ސިކުނޑިތަކުގައި ޤުރުއާން ދެމެހެއްޓުމަށްޓަކައި ޤުރުއާން މުރާޖަޢާކުރުމުގައި ސާބިތުވެ ތިބެންޖެހެއެވެ. އެމީހެއްގެ ހިތުދަސްކަން ވަރުގަދަވެެ ރަނގަޅުވެފައި ހުރިކަން ކަށަވަރުކޮށްދޭ، މަގުދައްކައި އެހީތެރިވެދޭ މުދައްރިސަކު ހުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. "ޤުރުއާނާ ގުޅިފައި ތިބޭށެވެ. އެ ފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ފުރާނަފުޅު ވާ ފަރާތް ގަންދީ ބުނަމެވެ. ހަމަކަށަވަރުން އެ (ޤުރުއާން) ތިޔަބައިމީހުންގެ ކިބައިން ދުރުވެގެން ދިއުން އަވަސްވުން ބޮޑީ، އޮޅުލާފައިވާ ޖަމަލެއް އޭގެ އޮޅުވާލުމުން ދުރުވެގެން ދިއުމަށްވުރެވެސް." [ޞަޙީޙުލް ބުޚާރީ #5033]

މި މާނަފުން މިސާލުން ހަނދާނުގެ ފަނާވަނިވި ޠަބީޢަތާއި އެ ދެމެހެއްޓުމަށް ބޭނުންވާ ފަރުވާތެރިކަން ހަނދާންކޮށްދެއެވެ. ހިތުދަސްކޮށްފައިވާ އެއްޗެއް ގެއްލިދާނެކަމުގެ ބިރުވެރިކަން އިޙްސާސްކުރުމަކީ ޠަބީޢީ އަދި ތަޢުރީފު ލިބިގެންވާ ކަމެކެވެ. އެއީ ﷲގެ ބަސްފުޅުތަކަށް ކުރާ އިޚްލާޞްތެރި އިޙްތިރާމް ދައްކުވައިދޭ ކަމެކެވެ. ނަމަވެސް، މި ބިރުވެރިކަމުގެ ސަބަބުން ތިޔަބައިމީހުން ހުއްޓިނުދާށެވެ. 

ޙަޤީޤަތުގައި، މުރާޖަޢާކުރުމަށް އިހުމާލުވާ ގިނަ ޙާފިޡުންނަށް ހިތުދަސްކޮށްފައިވާ އާޔަތްތައް ހަނދާނުން ފިލައިގެންދާކަން ފެނެއެވެ. ނަމަވެސް، ކެތްތެރިކަމާއި، ފަރުވާތެރިކަމާއި، އިޚްލާޞްތެރި ދުޢާއާއެކު، ގެއްލިފައިވާ އެއްޗެއް އަލުން ހޯދިދާނެއެވެ. އަލުން ހިތުދަސްކުރުމުގެ މަރުޙަލާއަކީ ގޮންޖެހުންތަކެއް ހުރި މަރުޙަލާއެއް ނަމަވެސް، އެއީ ކެނޑިނޭޅި މަސައްކަތްކުރުމުގެ ބާރާއި ﷲގެ ނަޞްރުގެ ދެމިގެންވާ ހެކިއެކެވެ.

މި ދަތުރުގައި، ތިޔަބައިމީހުންގެ ހިތްތައް ޤުރުއާނުގެ ނޫރުން ފުރިގެންވާށެވެ. އަދި ތިޔަބައިމީހުންގެ ރޫޙު އަބަދުވެސް އޭގެ ތިލާވަތާއި ވިސްނުމުގައި މަޝްޣޫލުވެފައި ހުންނާށެވެ. މި އިލާހީ ބަސްފުޅުތަކަކީ ހަމައެކަނި ހަނދާނުގައި ރައްކާކޮށްފައި ބަހައްޓަން ޖެހޭ އެއްޗެއް ނޫނެވެ. އެއީ ދިރިއުޅުމުގައި ޢަމަލުކުރަން ޖެހޭ، ކޮންމެ ވަގުތެއްގައިވެސް ތިޔަބައިމީހުންގެ ވިސްނުމާއި ޢަމަލުތައް ބައްޓަންކުރަން ޖެހޭ އެއްޗެކެވެ.

ޙިފްޒުކުރުމުގެ ދަތުރުގައި ދިމާވާ ހުރަސްތައް ފަހަނައަޅައި ދިއުން:

ޙިފްޒުކުރުމުގެ މި ދަތުރަށް ނުކުތުމަށް ތިބާ ވިސްނާ ހިނދު، ޝައިޠާނާ ވަސްވާސްތަކާއި ޝައްކުތައް އުފައްދާނެއެވެ. "ތިބާއަކީ މިސާލަކަށް ބަލާ މީހަކަށް ވާނެއެވެ. އެކަމަކު ތިބާއަކީ މުނާފިޤެކެވެ." އޭނާ ތިބާގެ އުނިކަންތައްތައް ފާހަގަކޮށް، ޙާފިޒެއްގެ މަޤާމަށް ތިބާ އެކަށީގެންވޭތޯ ސުވާލު އުފައްދާނެއެވެ. މިއީ އޭނާގެ އެންމެ ވަރުގަދަ އެއް ހުރަހެވެ. މިއީ ހިޖާބު އެޅުމަށް ހިތްވަރު ދޭ މީހަކަށް އެކަށީގެންވާ ވަރަށް ތަޤުވާވެރިއެއް ނޫން ކަމަށް ބުނެ ހުރަސް އެޅުމާ އެއްފަދައެވެ. ޙަޤީޤަތުގައި ޙާފިޒަކަށް ވުމުން ނުވަތަ ހިޖާބު އެޅުމުން ސަމާލުކަން ލިބިދާނެއެވެ. އެކަމަކު މީގެ މުހިންމުކަން ބޮޑީ އެކަމުން ﷲ އާ ގާތްވުމެވެ. އެކަލާނގެ ބަސްފުޅުތަކާއެކު ފުންކޮށް ގުޅުން ބަދަހިކުުރުމަކީ މިންނުކުރެވޭހާ މަތިވެރި ކަމެކެވެ.

އާދަމުގެ ދަރިންނާ މެދު ރުޅިވެރިކަން އޮންނަ އެ ދުޝްމިނާ، ޤުރުއާން ދަސްކުރުމަށް ހިތްވަރުދޭ ކޮންމެ މީހަކަށްވެސް ހުރަސް އަޅަން މަަސައްކަތް ކުރާނެއެވެ. އެހާ ބޮޑު ފޮތެއް ހިތުުދަސްކުރުމަކީ ތިބާއަށް ކުޅަދާނަވެގެންވާ ކަމެއް ނޫން ކަމަށް ޝައިޠާނާ ބުނެފާނެއެވެ. ތިބާގެ ބިޒީ ދިރިއުޅުމާއި، އާއިލީ ޒިންމާތަކާއި، މުޖުތަމަޢުގެ އުންމީދުތަކާއި، މާލީ ބޭނުންތަކާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް ހަނދާންކޮށްދޭނެއެވެ. ތިބާ ކާމިޔާބު ވެއްޖެނަމަ ރިޔާއަށް ޖެހިދާނެ ކަމަށް ޝައިޠާނާ ބުނެފާނެއެވެ. މިއީވެސް ޙާފިޒަކަށް ވުމުގެ ބޮޑެތި ފައިދާތަކުން ތިބާ ދުރުކުރުމަށް ކުރާ މަސައްކަތެކެވެ.

ބޮޑެތި ފާފަތަކާއި ކުދި ފާފަތައްވެސް ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތަށް ހުރަހަކަށް ވެދާނެކަން ވިސްނާށެވެ. ފާފައިގައި ޖެހިފައިވާ ނަފުސަކަށް ޤުރުއާނުގެ ނޫރު ފަސޭހައިން ލިބިގަނެވޭނެ ނޫނެވެ.

އިބްނުލް ޤައްޔިމް ރިވާކުރެއްވި ގޮތުގައި، އިމާމް ޝާފިޢީ (ﷲ ގެ ރަޙުމަތް ލެއްވި) މާލިކުގެ ކުރިމަތީގައި އިށީނދެ އޭނާއަށް ކިޔައިދިން ހިނދު، މާލިކު އޭނާގެ ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއި، ފުރިހަމަ ފަހުމަށް ތަޢުރީފުކުރެއްވިއެވެ. މާލިކު ވިދާޅުވިއެވެ: "ހަމަޔަޤީނުންވެސް އަހަރެން ދެކެނީ ﷲ ތިބާގެ ހިތުގައި ނޫރެއް ލައްވާފައިވާ ކަމަށެވެ. އެހެންވީމާ، އުރެދުމުގެ އަނދިރިކަމުން އެ ނޫރު ނިއްވާނުލާށެވެ." [އަލް-ޖަވާބުލް ކާފީ 1/52]

ތިބާގެ ނިޔަތް ޚާލިޞްކުރާށެވެ. ފާފަތައް ދޫކޮށްލާށެވެ. އަދި ނަތީޖާ ﷲ އަށް ދޫކޮށްލާށެވެ.

މި ދަތުރުގައި އިޚްލާޞްތެރިކަމުން ފުރިގެންވާ ހިތަކާއެކު، އަދި ﷲ އަށް އަމާޒުވެފައިވާ ވިސްނުމަކާއެކު ބައިވެރިވާށެވެ. ޙާފިޒެއްގެ މަގަކީ ރޫޙާނީ ގޮތުން ވަރަށް ބޮޑަށް ކުރިއެރުން ލިބޭ އަދި އެއާ އެއްވަރުވާނެ އަޖުރެއް ނެތް މަގެކެވެ. ޝައްކުގެ ވަސްވާސްތަކާ ދެކޮޅަށް މި ދަތުރުގައި އަޅާ ކޮންމެ ފިޔަވަޅަކުން ތިބާ ﷲ އާ ގާތްވެ، ޤުރުއާނުގެ އަބަދުގެ އަބަދަށް ދެމިގެންވާ ބަސްފުޅުތައް ތިބާގެ ވުޖޫދުގެ ކޮންމެ ދިމާލެއްގައި ހަރުލައެވެ.

ޙާފިޡަކަށް ވުމުގެ ސަވާބު:

މި މަސައްކަތުގެ ސަވާބު، ދުނިޔެއާއި އާޚިރަތުގައި، މިންނެތް ވަރުގަދައެވެ. މި ދުނިޔޭގައި، އޭގެ ސަވާބަކީ ފުން ހިތްހަމަޖެހުމެކެވެ. އަދި ހަޔާތުގެ ކޮންމެ ވަގުތެއްގައިވެސް މަގުދައްކައިދޭ، ﷲގެ ބަސްފުޅުތައް އެނގުމުން ލިބޭ ދެމިހުންނަ ހިތްހަމަޖެހުމެކެވެ. ޤުރުއާނުގެ ބަސްފުޅުތަކުން ނަފްސު ހަމަޖެހި، ދިރިއުޅުމުގެ އުނދަގޫތަކާއި ދަތިތަކުގައި އަބަދުމެ އެކުވެރިއެއްގެ ގޮތުގައި ދެމިހުރެއެވެ. އެއްވެސް އިމްތިޙާނެއް ޙާފިޡަކަށް ކުރިމަތިވިޔަސް، އެކަމެއް ފަހަނައަޅައި ދިއުމަށް ބޭނުންވާ އާޔަތް އޭނާއަށް ފެނޭނެއެވެ. އާޚިރަތުގައި، ސަވާބުތައް މާ މަތިވެރިއެވެ. މަތިވެރި ދަރަޖަތަކާއި، ލޯބިވާ މީހުންނަށް ޝަފާޢަތްތެރިވުމުގެ ބާރާއި، ފުރިހަމަ އަދި ނިމުމެއް ނެތް އަބަދީ އުފަލުގެ ޙާލަތެކެވެ. ޤުރުއާން ހިތުދަސްކުރުމަކީ އަމިއްލަ ނަފްސަށް ﷲގެ ރުއްސެވުމާއި ވާގިވެރިކަން ޔަޤީންކުރުމެވެ. ޙާފިޡަކަށް ވުމުގެ މަސައްކަތުގައި ލިބޭ ސަވާބު ގުނާލެވޭވަރަށްވުރެ ގިނައެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. "ﷲގެ ފޮތުން އެންމެ އަކުރެއް ކިޔެވި މީހަކަށްވެސް (އެއް) ހެޔޮކަމެއް ލިބޭނެއެވެ. އަދި އެ ހެޔޮކަން ދިހަ ގުނައަށް އިތުރުވާނެއެވެ. އަހަރެން ނުބުނަން الم އަކީ އެންމެ އަކުރެކޭ. އެކަމަކު ا އަކީ އަކުރެކެވެ. ل އަކީ އަކުރެކެވެ. އަދި م އަކީ އަކުރެކެވެ." [ޖާމިޢުއް ތިރްމިޛީ #2910] ހިތުދަސްކުރަން ދަސްކުރާ ދަރިވަރެއްގެ ކޮންމެ ބަހެއްވެސް ސަވާބުގެ ޚަޒާނާއެކެވެ. މުރާޖަޢާކުރެވޭ ކޮންމެ ޞަފްޙާއަކާއި، ތަކުރާރުކުރެވޭ ކޮންމެ އާޔަތަކާއި، ކިޔެވޭ ކޮންމެ އަކުރެއް، މި ހުރިހާ ކަމެއްވެސް ގުނައި، ޢަމަލުތަކުގެ ފޮތުގައި ލިޔެވި، ﷲ އަމިއްލަފުޅަށް އަޅާއަށް ރައްދުކުރައްވާނެއެވެ. މި ހެޔޮ ޢަމަލުތަކުން ކުދިކުދި ފާފަތައް ފުހެވި، ނަފްސު އަލިގަދަ ރޫޙާނީ ނޫރަކުން އަލިކުރުވައެވެ. ނިމިގެންދާއިރު، ޙާފިޡަކަށް ވުމުގެ ސަވާބަކީ ހަމައެކަނި ފޮތެއް ހިތުދަސްކުރުމެއް ނޫނެވެ. އެއީ ހަޔާތެއް ބަދަލުވެގެން ދިއުމެވެ.

ޤްރުއާން ހިތުދަސްކުރުމަށް ކިހާ ދުވަހެއް ނަގާނެ ހެއްޔެވެ؟

ހާފިޒަކަށް ވުމުގެ ދަތުރަކީ ވަރަށް އަމިއްލަ ދަތުރެކެވެ. އަދި މީހެއްގެ ޤާބިލުކަމާއި ޤުރުއާނަށް ހޭދަކުރާ ވަގުތަށް ބަލައި ވަރަށް ބޮޑަށް ތަފާތުވެއެވެ. ބައެއް މީހުން ފަށަނީ ކުޑައިރު، ސިކުނޑި އެންމެ ބޮޑަށް ދަސްކުރެވޭ އުމުރުގައެވެ. ގިނަ މައިންބަފައިން އެމީހުންގެ ކުޑަކުދިން ފުލްޓައިމް ޕްރޮގްރާމްތަކުގައި ބައިވެރިކުރުވައެވެ. މިގޮތުން 3 އަހަރު ތެރޭގައި ހިތުދަސްކުރުން ފުރިހަމަކުރެވެއެވެ. އަނެއްބައި މީހުންނަށް މުޅި އުމުރު ނަގައި، 70 އަހަރުގައި ނިންމާލެވެއެވެ. ބައެއް ޒުވާނުން އެހެނިހެން ކަންކަން ހުއްޓާލައި، އެތައް އަހަރެއް ވަންދެން އަޅުކަންތެރިކަމާއެކު ދިރާސާކުރުމަށް ހޭދަކުރެއެވެ. އަދި މިސްކިތްތަކުގައި ނުވަތަ ސްކޫލް ނިމުމަށްފަހު ހިންގާ ކްލާސްތަކުގައި ބައިވެރިވާ ކުދިންނަށް ހިފްޒު ހާސިލުކުރުމަށް 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެއް ނަގައެވެ. އެންމެ ކުރު މުއްދަތެއް އެނގިފައެއް ނުވެއެވެ. އެތައް ހާފިޒުންނެއް ފެންނަން ނެތް ތަންތާގައި، މަޑުމައިތިރި މާހައުލުތަކުގައި ހިތުދަސްކުރަމުން ދެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހާފިޒުން ފަށަނީ މަންމަގެ އުރަމަތީގައި، ހިނގަން ދަސްވުމުގެ ކުރިން ބަހެއް ނުވަތަ ދެބަސް ކިޔަވަމުންނެވެ. އަހަރެމެން ބޭނުންކުރިޔަސް ނުކުރިޔަސް ވަގުތު ފާއިތުވަމުންދާނެއެވެ. ތިބާއަށް ޚިޔާރުކުރެވިދާނެއެވެ. މިއަދު ފަށައި، 3 އަހަރު ފަހުން، ތިބާގެ ހިތާއި ސިކުނޑީގައި ޤުރުއާނުގެ ކިހާ މިންވަރެއްތޯ ހިތުދަސްވެފައިވާކަމާމެދު އަޖައިބުވެ ހައިރާންވުމެވެ. ނުވަތަ މިހާރު ހުރިގޮތަށް ހުރެ، އެއްވެސް ކުރިއެރުމެއް ނެތި، ބަދަލެއް ނައިސް ހުރިތަން ފެނުމެވެ. ނިންމުން އޮތީ ހަމައެކަނި ތިބާގެ އަތްމަތީގައެވެ.

ޤުރުއާން ހިތުދަސްކުރާނެ ގޮތް:

ޤުރުއާން ހިތުދަސްކުރުމަށް އެކި ގޮތްތައް ވެއެވެ. މިގޮތްތަކުގެ ތެރެއިން ކޮންމެ ގޮތަކީވެސް އެކި ކިޔެވުމުގެ އުސްލޫތަކަށާއި އެކި އިސްލާމީ މަދްރަސާތަކަށް އަމާޒުކުރެވިފައިވާ ގޮތްތަކެކެވެ.

ދަތުރު ފެށުން:

އެންމެ ފަހު ޖުޒްއުއިން ފެށިގެން ކުރިއަށް:އެންމެ ފަހު ޖުޒްއުއިން ފަށައިގެން ފަހަތަށް ދާގޮތަށް ކުރިއަށް ގެންދިއުން. މިގޮތުން ދަރިވަރުން ހިތްވަރުދިނުމުގެ ގޮތުން 30 ވަނަ ޖުޒްއުއިން ފަށައެވެ. މިއީ ގިނަ މީހުންނަށް މީގެ ބައެއް އެނގޭ ޖުޒްއުއަކަށްވާތީ، އާޝިނާ ކަމެއްގެ ގޮތުގައި ފަށައި، ދެން 29 ވަނަ ޖުޒްއު، 28 ވަނަ ޖުޒްއު މިގޮތަށް ކުރިއަށް ދެވިދާނެއެވެ.

ސޫރަތުލް ބަޤަރާއިން ފެށުން:ސޫރަތުލް ބަޤަރާއިން ފެށުން، މިއީ އެންމެ ބޮޑު ސޫރަތެވެ. މިއީ ގާތްގަނޑަކަށް ދެ ޖުޒްއުއާ އެއްވަރުގެ ސޫރަތެކެވެ. މިގޮތުން އެންމެ ބޮޑު ސޫރަތް ފުރަތަމަ ހިތުދަސްކުރުމުން، އޭގެ ފަހުން ބާކީ ހުރި ބައިތައް ފަސޭހަވެގެންދާނެއެވެ.

އުޘްމާނީ ގޮތް:ކޮންމެ ޖުޒްއުއެއްގެ އެންމެ ފަހު ޞަފްޙާ ހިތުދަސްކުރުމަށް ފަހު، ދެވަނައަށް އެންމެ ފަހު ޞަފްޙާ ހިތުދަސްކުރުމެވެ. މިގޮތަށް ކުރިއަށް ގެންދިއުމެވެ. މިގޮތުން ދަރިވަރުންނަށް ކޮންމެ ޖުޒްއުއަކުން ކުޑަކުޑަ ބައެއް ހިތުދަސްކުރެވި، މުޅި ޤުރުއާން އެއްފަހަރާ ހިތުދަސްކުރެވޭނެއެވެ.

ދުނިޔޭގެ އެކި ތަންތާނގައި އެކި މުއައްސަސާތަކުން ތަފާތު އުނގެނުމުގެ އުސްލޫބުތަކަށް އަމާޒުކޮށްގެން އެކި ގޮތްގޮތް ބޭނުންކުރެއެވެ.

އަޑުއަހައިގެން އުނގެނޭ މީހުން:ތާރީޚީގޮތުން، އަނގަބަހުން ކިޔައިދިނުމުގެ އާދަކާދަ ވަނީ އަޑުއެހުމުގެ ޒަރީއާއިން ހިތުދަސްކުރުމުގެ މައްޗަށް ބިނާވެފައެވެ. އަދި މިއީ ޞަޙާބީން ޤުރުއާން ހިތުދަސްކުރެއްވި ގޮތެވެ. ތިމާގެ ޠަބީޢީ ނޭވާލުމާ ގުޅޭ ރާގަކަށް ކިޔަވާ ޤާރިއެއް ޚިޔާރުކުރާށެވެ. ނަމާދުގައި އާންމުކޮށް ކިޔެވޭ ސޫރަތްތަކުން ފަށާށެވެ. މިސާލަކަށް މުލްކު، ރަޙްމާން، ވާޤިޢާ، ސަޖްދާ އަދި ކަހްފު ފަދަ ސޫރަތްތަކެވެ. އޭގެ ފަހުން ދަތި އަދި ދިގު ސޫރަތްތަކަށް ކުރިއަށް ދާށެވެ. މި އާދަކާދައިގެ ގޮތަކީ އަޑުއަހައި، ތަކުރާރުކޮށް ކިޔަވައި ހިތުދަސްކުރުމެވެ. އަބޫ އުމާމާ މި ގޮތަށް ހިތްވަރުދެއްވައި ވިދާޅުވިއެވެ، "ޤުރުއާން ކިޔަވާށެވެ. އަދި ލިޔެފައިވާ ކޮޕީތަކަށް ބަރޯސާވެ މަކަރުވެރިނުވާށެވެ. ހަމަކަށަވަރުން، ޤުރުއާން ހިތުދަސްކޮށްފައިވާ ހިތަކަށް އަﷲ އެއްވެސް ޢަޛާބެއް ނުދެއްވާނެއެވެ." [މުޞައްނަފް އިބްނު އަބީ ޝައިބާ 34044] އަތުން އުނގެނޭ މީހުން: އާދައިގެ ތަސްބީޙަކުން، ކޮންމެ އާޔަތެއް 33 ފަހަރު (ނުވަތަ ތަސްބީޙުގެ އަދަދަށް ބަލައި 100 ފަހަރު) ކިޔަވާށެވެ. ކޮންމެ ފަހަރަކު ކިޔަވާއިރު އެއް ކުނި ޖައްސާށެވެ. ލިޔުމަށް ބަލައިގެން އެއް ބުރު ނިންމުމަށްފަހު، ނުބަލައި އަނެއްކާވެސް ތަކުރާރުކުރާށެވެ.

ފެނިގެން އުނގެނޭ މީހުން:ޢަރަބި ބަހުގެ އަހުލުވެރިންނަށް، ޚާއްޞަކޮށް ޅަ ކުދިންނަށް، ފެންނަ އެހީތަކުން ހިތުދަސްކުރުން ފަސޭހަވެދާނެއެވެ. ކަރުދާހެއްގައި އާޔަތްތައް ލިޔެ، މަޢުލޫމާތު ހަނދާންބެހެއްޓުމަށް އެހީވާނެ ކުރެހުންތަކާއި ނިޝާންތައް ކުރަހާށެވެ. ޤުރުއާނުގައިވާ ވާހަކަ ކިޔައިދިނުމުގެ ޚާއްޞަ އުސްލޫބަކީ ޢަރަބި ބަހުގެ އަހުލުވެރިންނަށް ހިތުދަސްކުރުން ވަރުގަދަކުރުމަށް ބޭނުންކުރެވިދާނެ ކަމެކެވެ. އަނެއް ގޮތަކީ ހަނދާނުން ޤުރުއާނުގެ ޞަފްޙާތައް ނޯޓު ފޮތެއްގައި އަލުން ލިޔުމެވެ. މިއީ ތަޖްވީދުގެ ޢިލްމު އިތުރުކޮށްދޭ، އަދި ހިތްހަމަޖެހުމާއި ގޮންޖެހުން ލިބޭނެ ކަމެކެވެ.

މަތީ ފެންވަރުގައި އުނގެނޭ މީހުން:ޞަފްޙާ ނުވަތަ ޖުޒްއުގެ ލަނޑުދަނޑިތަކުގެ ބަދަލުގައި، ވަގުތުގެ މައްޗަށް ބިނާކޮށް ލަނޑުދަނޑިތައް ކަނޑައަޅާށެވެ. އިމްތިޙާނަކަށް ތައްޔާރުވާ ފަދައިން ހަފްތާ ބަންދެއްގެ މުއްދަތު ފަދަ ވަކި މުއްދަތެއް ހަމައެކަނި ޤުރުއާން ހިތުދަސްކުރުމަށް ޚާއްޞަކުރާށެވެ. ނުވަތަ އަހަރެއްގެ މުއްދަތުގައި، ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 4 ގަޑީއިރު ފަދަ ވަކި ވަގުތެއް، ވަރުގަދަ ދިރާސާއަށް ކަނޑައަޅާށެވެ. މި ތަރުޖަމާގައި ޤުރުއާން ހިތުދަސްކުރުމުގެ އެކި ގޮތްތަކާއި އުކުޅުތައް ބަޔާންކޮށްދީފައިވާނެއެވެ. މިއީ އެކި ބާވަތުގެ އުނގެނުމުގެ އުސްލޫތަކަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ގޮތްތަކެކެވެ. ކޮންމެ މީހަކަށްވެސް އެންމެ ރަނގަޅަށް ފެތޭ ގޮތް ޚިޔާރުކުރެވިދާނެއެވެ.

ޢަމަލީ ގޮތްތައް:

ސަބަގަކީ އައު ހިތުދަސްކުރާ ބައެކެވެ. އާންމު ގޮތެއްގައި، ފަށާ ދަރިވަރަކަށް މިއީ ޞަފްޙާއެއްގެ ދެބައިކުޅަ އެއްބައެވެ. އަދި ކުރިއަރާފައިވާ ދަރިވަރަކަށް މިއީ ގާތްގަނޑަކަށް 4 ޞަފްޙާއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ގިނަ މަދްރަސާތަކުގައި އާންމުކޮށް ގެންގުޅޭ އުޞޫލެކެވެ. ކަލޭގެފާނުގެ ޤާބިލިއްޔަތާ އެކަށޭނަ ސަބަގެއް އުސްތާޛާއެކު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ދެން އޮތް ސަބަގަކަށް ދިއުމުގެ ކުރިން ކޮންމެ ސަބަގެއްވެސް ފުރިހަމައަށް ދަސްކުރަންވާނެއެވެ.

6446 އުޞޫލު:

  • މުޞްޙަފަށް ބަލައިގެން އާޔަތެއް 6 ފަހަރު ކިޔާށެވެ.
  • މުޞްޙަފަށް ނުބަލައި އާޔަތް 4 ފަހަރު ކިޔާށެވެ.
  • މުޞްޙަފަށް ބަލައިގެން އަނެއްކާވެސް އާޔަތް 4 ފަހަރު ކިޔާށެވެ.
  • މުޞްޙަފަށް ނުބަލައި އަނެއްކާވެސް 6 ފަހަރު ކިޔާށެވެ.

10-3 އުޞޫލު:

  • މުޞްޙަފަށް ބަލައިގެން އާޔަތެއް 10 ފަހަރު ކިޔާށެވެ.
  • މުޞްޙަފަށް ނުބަލައި އާޔަތް 3 ފަހަރު ކިޔާށެވެ.
  • އެއްވެސް ކުށެއް ނެތްނަމަ، ދެން އޮތް އާޔަތަށް ދާށެވެ.
  • އެގޮތަށް ތަކުރާރުކުރާށެވެ، 10 ފަހަރު ބަލައިގެން، 3 ފަހަރު ނުބަލައި އެއަށްފަހު، ކުރީގެ އާޔަތާއި އައު އާޔަތް މުޞްޙަފަށް ނުބަލައި އެއްކޮށް ކިޔާށެވެ.

ކީރިތި ޤުރްއާން ހިތުދަސްކުރުމަށް އެންމެ ރަނގަޅު ވަގުތު:

ހެނދުނު، ޚާއްޞަކޮށް ފަތިސް ނަމާދަށްފަހު، އެވަގުތުގެ ބަރަކާތުގެ ސަބަބުން ހިތުދަސްކުރުމަށް ވަރަށް ބޮޑަށް އެދެވިގެންވެއެވެ. ޞަޚްރު ބިން އަލަލްޣާމިދީ ރިވާކުރެއްވި ގޮތުގައި، ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: "އޭ ﷲއެވެ! އަޅުގަނޑުގެ އުއްމަތުގެ ހެނދުނުގައި ބަރަކާތްލައްވާނދޭވެ." [ސުނަން އައްތިރްމިޛީ #1212] ތަހައްޖުދު ވަގުތު، ޤިޔާމް ނަމާދުގައި މުރާޖަޢާކުރުމަށް ބޭނުންކުރެވޭ، އެއީވެސް ފައިދާހުރި ވަގުތެކެވެ. ނަމަވެސް، އެންމެ ރަނގަޅު ވަގުތު ތަފާތުވާނީ ކޮންމެ މީހެއްގެ އަމިއްލަ ތާވަލާއި ގޭގެ މާޙައުލު މަޑުމައިތިރިވެފައިވާ ވަގުތަކަށް ބަލައިގެންނެވެ.

ޙާފިޡަކަށް ވުމަށް އެންމެ ރަނގަޅީ ކޮން އުމުރެއްގައި ހެއްޔެވެ؟

ގިނަފަހަރަށް ލަފާދެވެނީ ހަނދާން ބަހައްޓަން ފަސޭހަ ޅަ އުމުރުގައި ފެށުމަށެވެ. ނަމަވެސް، އަޅުގަނޑުމެން ހަނދާންކުރަންވީ ރަސޫލާ ﷺ އަށް ފުރަތަމަ ވަޙީ ލިބިވަޑައިގަތީ 40 އަހަރުފުޅުގައި ކަމެވެ. ޤުރުއާނާ ގުޅޭގޮތުން ބަލާއިރު، އުމުރަކީ ދެވަނަ ދަރަޖައިގެ ކަމެކެވެ. ޙިފްޡުކުރަން ފެށުމަށް އެންމެ ރަނގަޅު އުމުރަކީ މިހާރު ތިޔަ ހުންނެވި އުމުރެވެ. ޅައުމުރުގައި ވިޔަސް ނުވަތަ ދޮށީ އުމުރުގައި ވިޔަސް މެއެވެ. ޤުރުއާނަކީ އުމުރުގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ނޫނެވެ. އޭގެ އުނގަންނައިދޭ ކަންތައްތަކާއި ބަރަކާތްތަކަކީ ޒަމާންތަކަށް ނުޖެހޭ، އެ އެދޭ އެންމެންނަށް ލިބެންހުރި އެއްޗެކެވެ. މި މާތްވެގެންވާ މަސައްކަތް ފެށުމުގައި، އަޅުގަނޑުމެންނަށް ހަނދާންވަނީ ޙާފިޡަކަށް ވުމުގެ ދަތުރަކީ ހަމައެކަނި ބަސްތައް ހަނދާންކުރުމެއް ނޫން ކަމެވެ. އެއީ ﷲގެ ހިދާޔަތާއެކު ފުން ގުޅުމެއް އުފެއްދުމެވެ. އެއީ ރޫޙު މުއްސަނދިކޮށް، އީމާންކަން ވަރުގަދަކޮށް، އަދި މިންނެތް ބަރަކާތްތައް ގެނެސްދޭ ދަތުރެކެވެ. ކޮންމެ ތަނަކުން ފެށިކަމުގައި ވިޔަސް، ޙިފްޡުކުރުމަށް އެޅޭ ކޮންމެ ފިޔަވަޅަކީ ﷲއާ ދިމާއަށް އެޅޭ ފިޔަވަޅެކެވެ. ހަނދުމަފުޅު ބަހައްޓަވާށެވެ، އަﷲ ވަޙީކުރެއްވިއެވެ، "ތިމަން އިލާހުގެ އަރިހަށް ހިނގާފައި އަންނަ މީހާގެ ގާތަށް ތިމަން އިލާހު ދުވެފައި ދާހުށީމެވެ." [ޙަދީޘް ޤުދުސީ؛ ޞަޙީޙު މުސްލިމް #2687]

ޤުރުއާން ހިތުދަސްކުރުމަށް ކިޔާ ދުޢާ

ވަޙީ ބާވައިލެއްވުމަށްފަހު އެ ހަނދާންނެތިދާނެކަމުގެ އިހުސާސް ނަބިއްޔާ ﷺ ގެ ހިތްޕުޅުގައި ކުރެއްވިއެވެ. ނަމަވެސް ﷲ އެކަލޭގެފާނަށް ޔަޤީންކަން ދެއްވިއެވެ: "ތިމަން ﷲ ކަލޭގެފާނަށް ކިޔަވައިދެއްވާހުށީމެވެ. ފަހެ ކަލޭގެފާނު ހަނދުމަފުޅު ނެތިވަޑައިނުގަންނަވާނެއެވެ." (ޤުރުއާން 87:6) މި އާޔަތުން ބާރުއަޅައިދެނީ ޤުރުއާން ރައްކާތެރިކުރެއްވީ ނަބިއްޔާ ﷺ ނޫންކަމެވެ. "މުޅި ޤުރުއާން ލަފުޒުން ލަފުޒަށް ކަލޭގެފާނުގެ ހަނދާނުގައި ރައްކާތެރިކުރެއްވުމަކީ ކަލޭގެފާނުގެ އަމިއްލަ ބާރެއްގެ ސަބަބުން ވީކަމެއް ނޫނެވެ. އެއީ ﷲ ގެ ދަރުމައާއި ވާގިވެރިކަމުގެ ނަތީޖާއެކެވެ. އެހެންނޫންނަމަ، ﷲ އިރާދަކުރައްވާނަމަ، އެކަން ހަނދާންނެތުމަށް މަގުފަހިކުރެއްވިދާނެއެވެ." [ތަފްހީމުލް ޤުރުއާން] ﷲ އަޅަމެންގެ ނަބިއްޔާ ﷺ އަށް ވަޙީކުރައްވައެވެ: "[އޭ ނަބިއްޔާއެވެ!] ވަޙީގެ އަންގަވާ އެއްޗެއް ކަލޭގެފާނަށް ފުރިހަމައަށް އިއްވަވައި ނިމުމުގެ ކުރިން، އަވަސްވެވަޑައިގެން ކިޔަވާވިދާޅުވުމަށް އަވަސްވެވަޑައި ނުގަންނަވާށެވެ! އަދި ދަންނަވާށެވެ. އޭ އަޅުގެ ވެރި ރައްބެވެ! އަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެ!" (ޤުރުއާން 20:114) އެހެންކަމުން، މަޝްހޫރު ދުޢާއެއް ކަމުގައިވަނީ ޤުރުއާނުގައިވާ މި ދުޢާއެވެ: وَقُل رَّبِّ زِدْنِى عِلْمًۭا "އޭ އަޅުގެ ވެރި ރައްބެވެ! އަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެ!”

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް