ކ. މާލެ
|
2 އޯގަސްޓް 2024 | ހުކުރު 23:11
އިސްމާއިލް ހަނިއްޔާ ފަސްދާނުލާފައި ވަނީ ގަތަރުގެ ވެރިރަށް ދޯހާގައި
އިސްމާއިލް ހަނިއްޔާ ފަސްދާނުލާފައި ވަނީ ގަތަރުގެ ވެރިރަށް ދޯހާގައި
އެކްސް
ހަނިއްޔާ ފަސްދާނުލުން
ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ފަސްދާނުލައިފި، ކުއްލި ގޮތަކަށް ފަލަސްތީންގެ އަލިގަދަ ތަރިއެއް އޮއްސުނީއެވެ
ކުއްލި ގޮތަކަށް އޮއްސިގެން އެ ދިޔައީ ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި ހިތްވަރު ގަދަ، ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި އާއިލާ އާއި އަމިއްލަ ފުރާނަ ގުރުބާން ކޮށްލި އަލިގަދަ ތަރިއެކެވެ.

ހަމާސް ގެ ސިޔާސީ ގޮފީގެ އެންމެ އިސް ލީޑަރު އިސްމާއީލް ހަނިއްޔާ ގަތަރުގެ ލުސާއިލް ސިޓީގެ ގަބުރުސްތާނުގައި ހުކުރު ދުވަހު ހަވީރު ފަސްދާނުލައިފިއެވެ.

އީރާނުގެ ވެރިރަށް ތެހެރާން އަށް ކުރެއްވި ދަތުރުފުޅުގައި އުޅުއްވަނިކޮށް ބުދަ ދުވަހު ޝަހީދު ކޮށްލި ފަލަސްތީނުގެ ހަނިއްޔާގެ މައްޗަށް ކަށު ނަމާދު ކުރުން އޮތީ ގަތަރުގެ އެންމެ ބޮޑު މިސްކިތް ކަމުގައިވާ އިމާމް މުހައްމަދު ބިން އަބްދުލް އަލް-ވައްހާބް ގައި ހުކުރު ނަމާދަށް ފަހުގައެވެ.

ވަރުގަދަ ސަލާމަތީ ފިޔަވަޅު ތަކާއެކު ކުރިއަށް ދިޔަ ހަނިއްޔާ ގެ ޖަނާޒާގައި އެތައް ހާސް މީހުން ވަނީ ބައިވެރިވެފައިވެއެވެ. ހަނިއްޔާގެ ޖަނާޒާގައި ގަތަރުގެ އަމީރު ޝޭޚް ތަމީމް ބިން ހަމަދު އަލް-ތާނީ ގެ އިތުރުން ހަމާސް ގެ އިސް ވެރިންނާއި، ފަލަސްތީންގެ އެކި ޖަމާއަތްތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގަތެވެ.

ކުއްލި ގޮތަކަށް އޮއްސިގެން އެ ދިޔައީ ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި ހިތްވަރު ގަދަ، ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި އާއިލާ އާއި އަމިއްލަ ފުރާނަ ގުރުބާން ކޮށްލި އަލިގަދަ ތަރިއެކެވެ. އޭނާގެ މުޅި ހަޔާތްޕުޅުގެ ހުރިހާ ވަގުތެއް ހޭދަ ކުރައްވާފައިވަނީ ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގަތް ފައިވާ އަނިޔާވެރި ބާރުގެ އަތްދަށުން ފަލަސްތީން ސަލާމަތް ކުރުމަށެވެ.

1962 ވަނަ އަހަރު އުފަންވި އަދި އަވަހާރަވި އިރު އުމުރުން 62 އަހަރުގެ ހަނިއްޔާ އުފަންވީ ގާޒާ ގެ ރެފިއުޖީ ކޭމްޕެއް ކަމަށް ވާ ޝާތީ ގައެވެ.

ފަލަސްތީނުގެ މިވަންކަމަށް މަސައްކަތް ކުރައްވަން އޭނާ ފެއްޓެވީ 1983 ވަނަ އަހަރު ޔުނިވަރސިޓީ ދަރިވަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ.

1980 ގެ އަހަރުތަކުގައި އެތައް ފަހަރެއްގެ މަތިން އިޒްރޭލު ސިފައިން އޭނާ ހައްޔަރު ކުރިއެވެ. އެތައް ފަހަރެއްގެ މަތިން ބޮޑެތި ހުކުމްތައް ކޮށް ޖަލަށްވެސް ލިއެވެ. ފުރަތަމަ ޖަލު ހުކުމް އައީ ޒުވާން ދުވަސްވަރު އުމުރުން 25 އަހަރުގައެވެ.

1987 ވަނަ އަހަރު ޔުނިވަރސިޓީ އިން އޭނާ ގްރެޖުއޭޓްވި އަހަރު ވެގެން ދިޔައީ އިޒްރޭލާ ދެކޮޅަށް ފަލަސްތީންގެ ރައްޔިތުން ތެދުވި ފުރަތަމަ އިންތިފާޟާ ގެ އަހަރަށެވެ. އަދި އެއީ ހަމާސް އުފަންވި އަހަރުވެސް މެއެވެ.

ޖަލުން މިނިވަން ކުރުމަށް ފަހު ހަނިއްޔާ ފަލަސްތީނުގައި ބަހައްޓާކަށް އިޒްރޭލުން ބޭނުމެއް ނުވިއެވެ. އިޒްރޭލުން ހަނިއްޔާ އަރުވާލީ ދެކުނު ލުބުނާނަށެވެ. އެތަނުގައި ހޭދަ ކުރި އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް ހަނިއްޔާ ގެންދެވީ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި ހުއްޓުމެއް ނެތި އަޑު އުފުލަމުންނެވެ. އޭގެ ނަތިޖާއެއްގެ ގޮތުން ހަނިއްޔާ އާއި އޭނާ އާ އެކު ދެކުނު ލުބުނާނަށް އަރުވާލި ފަލަސްތީނުގެ އެކްޓިވިސްޓުންނަށް ބައިނަލް އަގްވާމީ މީޑިއާ ގެ ސަމާލުކަން ލިބުނެވެ.

ޕެލަސްޓީނިއަން ލިބަރޭޝަން އޮގަނައިޒޭޝަން އާއި އިޒްރޭލާ ދެމެދު ސޮއިކުރެވުނު އޮސްލޯ އެކޯޑަށްފަހު އުމުރުން 31 އަހަރުގައި ހަނިއްޔާ އެނބުރި ފަލަސްތީނަށް ވަޑައިގަތުމަށްފަހު އިސްލާމިކް ޔުނިވަރސިޓީގެ ޑީން ގެ މަގާމު ގައި ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ.

ހަމާސްގެ ހަރަކާތްތަކުގައި ހަނިއްޔާ އޭރުވެސް ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ. ހަމާސްގެ އެއް ބާނީ ކަމުގައިވާ ޝޭޚް އަހްމަދު ޔާސީން ގެ އިރުޝާދާ އެކު މަސައްކަތް ކުރައްވަމުން ގެންދެވިއެވެ.

2001 ވަނަ އަހަރު ފަލަސްތީނުގެ ދެވަނަ އިންތިފާޟާގެ ރޫހު ފެތުރިގަތް އިރު ހަނިއްޔާ ހުންނެވީ ހަމާސްގެ ސިޔާސީ ލީޑަރޝިޕްގެ އެންމެ އިސް ސަފުގައެވެ.

އޭރުވެސް އިޒްރޭލުން އެންމެ ޖެހިލުންވާ އެއް ފަރާތަކީ ހަނިއްޔާއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ފުރާނައަށް އަމާޒުކޮށް އިޒްރޭލުން ގެންދިޔައީ ހަމަލާތައް ރާވަމުންނެވެ. ހަނިއްޔާ އަވަހާރަކޮށްލުމުގެ ފުރަތަމަ ހަމަލާ އޭނާ އަށް އިޒްރޭލުން ދިނީ 2003 ވަނަ އަހަރުއެވެ. ގާޒާ ގައި ހަނިއްޔާ އާއި ޔާސީން ބައްދަލު ކުރައްވަމުން ގެންދެވި އެޕާޓްމަންޓް ބްލޮކަކަށް އިޒްރޭލް ސިފައިން ބޮން އެޅިއެވެ. އޭގެ ހަމަސް ފަހުން ފަތިސް ނަމާދުން ނިމިގެން ގެއަށް ވަޑައިގެންނެވި މަގުމަތީގައި ޝޭޚް ޔާސީން އަށް އިޒްރޭލުން ހެލިކޮޕްޓަރެއްގައި ހަމަލާދީ ޝަހީދު ކޮށްލިއެވެ.

2006 ވަނަ އަހަރު އުމުރުން 44 އަހަރުގައި ހަނިއްޔާގެ ލީޑަރޝިޕްގެ ދަށުން ފަތަހް ޖަމާއަތުގެ މައްޗަށް ބަރުލަމާނީ އިންތިޚާބުގައި ހަމާސް އިން ކުރި ހޯދިއެވެ.

2006 ވަނަ އަހަރު ބީބީސީ އަށް ދިން އިންޓަވިއުއެއް ގައި ހަނިއްޔާ ވިދާޅުވެފައިވަނީ ހަމާސް އަކީ ފަލަސްތީނުގެ ހައްގުގައި ހުޅުވާލެވިފައިވާ ގޮތެއްގައި މަސައްކަތް ކުރާ، ތަސައްރަފް ފުދިފައިވާ ސިޔާސީ ހަރަކާތެއް ކަމަށެވެ.

2006 ވަނަ އަހަރު ޕެލެސްޓައިން އޮތޯރިޓީގެ ދަށުން އުފެދުނު ސަރކާރުގެ ބޮޑު ވަޒީރުގެ މަގާމުގައި ދުވަސްކޮޅަކު އޭނާ ވަނީ ފަލަސްތީނަށް ޚިދުމަތް ކުރައްވާފައެވެ. އެހެން ނަމަވެސް މަހްމޫދު އައްބާސް އޭނާ ބޮޑު ވަޒީރު ކަމުން ދުރުކުރެއްވި ހިސާބުން ހަމާސް އިން ވަކިން ގާޒާ ގައި ސަރުކާރެއް އުފެއްދިއެވެ. އެއާއެކު ގާޒާ ގައި ވަކި ސަރުކާރެއް އުފެއްދުމާއެކު އިޒްރޭލުން ގާޒާ ވަށައިގެން ހިސޯރުކޮށް ބަންދުކުރިއެވެ.

2018 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އިން ހަމާސް އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ، ހަމާސް އަކީ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށް ބުނެ ޓެރަރިސްޓް ޖަމާއަތެއް ގެ ލޭބަލް އެޅުވިއެވެ. އެއާ އެކު ހަމާސްގެ ލީޑަރުންނަށް ދަތުރުފަތުރު ކުރުމުގައި ފިއްތުންތައް ކުރިމަތިކުރުވިއެވެ.

2019 ވަނަ އަހަރު ގާޒާ ގައި ހުންނަ ހަމާސްގެ އެންމެ އިސްވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ގައުމުން ބޭރަށް ދިރިއުޅުން ބަދަލު ކުރެއްވުމަށްފަހު، ހަމާސް ގެ ސިޔާސީ އެންމެ އިސް ލީޑަރުގެ ގޮތުން ގައުމުން ބޭރުގައި ހުންނަވައިގެން އޭނާ ގެންދެވީ ޑިޕްލޮމެޓިކް މަސައްކަތް ކުރައްވަމުންނެވެ. ގިނަ ބަޔަކު ހަނިއްޔާ ސިފަ ކުރަނީ ފަލަސްތީންގެ ޑިޕްލޮމަސީގެ މޫނުގެ ގޮތުގައެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުގެ ފަހުން އިޒްރޭލުން ވަނީ ފަލަސްތީނުގެ 39،445 މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާ އަންހެނުންނާއި މުސްކުޅިންގެ އަދަދު ނުހަނު ގިނައެވެ. ޚުދު ހަނިއްޔާގެ އަމިއްލަ އާއިލާގެ އެތައް މެމްބަރުންނެއް ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި ވަނީ ޝަހީދުވެފައެވެ. އޭޕްރީލް މަހު ގާޒާ އަށް ބޮން އަޅާ ދިން ހަމަލާއެއްގައި ހަނިއްޔާގެ ތިން ފިރިހެން ކުދިންނާއި ކާފަ ކިޔާ ހަތަރު ކުދިން ވަނީ ޝަހީދުވެފައެވެ.

ހަނިއްޔާ ޝަހީދު ކޮށްލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އީރާނުގެ ރޫހާނީ ލީޑަރ އަލީ ޚާމަނާއީ އާ ބައްދަލު ކުރެއްވިއެވެ. ޓީވީން ވަގުތުން ދެއްކި އެ ބައްދަލުވުމުގައި ހަނިއްޔާ ވިދާޅުވީ، "ދިރުން ދެއްވަނީވެސް މަރުގަންނަވަނީވެސް ﷲ އެވެ. ﷲ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގަންނަވައެވެ..އެއް ލީޑަރަކު ގެއްލުމާއެކު އަނެއް ލީޑަރު ފާޅުވާނެއެވެ." ހަނިއްޔާ ދެއްކެވި މި ވާހަކަ ކޮޅު ވެގެން ދިޔައީ އޭނާ އެންމެ ފަހުން މި ދުނިޔޭގައި ވިދާޅުވި ބަސްފުޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް