ކ. މާލެ
|
25 ޖެނުއަރީ 2018 | ބުރާސްފަތި 11:13
ޝެއިހް އިމްރާން އަނބިކަނބަލުންނާއެކު
ޝެއިހް އިމްރާން އަނބިކަނބަލުންނާއެކު
ރާއްޖެ އެމްވީ
ޝެއިހް އިމްރާން އަބްދުﷲ
އަނިޔާގެ ކުރިމަތީ ފަސް ނުޖެހުނު ލީޑަރު ބަންދުގައި 1000 ދުވަސް!
އިމްރާން ހައްޔަރުކުރީ 1 މެއި 2015ގައި
މޭޑޭގެ މުޒާހަރާގެ އިސް މޭތިރިއަކީ އިމްރާން

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ހައްޔަރު ކުރީ 1 މެއި 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާ އަށް ފަހު، "ޓެރަރިސްޓެއް"ގެ ތުހުމަތުގަ އެވެ. ފުލުހުން ނިކުމެ އެދުވަހު އޭނާ ހައްޔަރުކުރީއްސުރެ މިއަދާ ހަމައަށް 1000 ދުވަސް ފުރުނުއިރު އޭނާގެ ހިތްވަރާމެދު އަޖައިބުވެ އަންތަރީސް ނުވާ މީހަކު ނެތެވެ.

މި ސަރުކާރު ގެނައުމަށް މަސައްކަތްތަކެއް އިމްރާން ކުރެއްވި ނަމަވެސް އޭނާ މި ސަރުކާރުގެ ސިޔާސަތާ ދެކޮޅުވެ ރައީސް އަބްދުﷲ ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވުމަށް ފަހު އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވަން ފެއްޓެވީ، ސަރުކާރުގެ ތެރޭގައި ހުންނަވައިގެން ކަންކަން އިސްލާހްކުރެއްވުމަށް ކުރެއްވި މަސައްކަތް ބޭކާރުވުމުންނެވެ. ރައީސް އަބްދުﷲ އެންމެ އިތުބާރު ކުރައްވާ ބޭފުޅަކީ އަދީބުކަން އެނގިވަޑައިގެންވެސް އަދީބު އަރިސް ނުކުރެއްވުމަށް އިމްރާން އެދިވަޑައިގެންނެވި އެވެ. ސަރުކާރުގެ ތެރޭގައި އިމްރާންގެ ބަސްނުވިކި، އަދި ސަރުކާރުގެ އެތެރޭގައި ޖަރީމާތައް އިތުރުވާން ފެށުމުން ހުހޫ ތަނުން ކައިލައިގެން ހުރުމަށް އިމްރާން ބޭނުންފުޅެއް ނުވި އެވެ. ދައުލަތް ހަރާބުގެ މަގަށް ދިޔަ ނުދިނުމަށްޓަކައި އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވަން އިމްރާން ފެއްޓެވި އެވެ. ސިޔާސީ ފިކުރު ތަފާތުވިޔަސް ގައުމަށްޓަކައި ގުޅެން ޖެހުނު ކޮންމެ ބަޔަކާ ގުޅޭނެކަން އިމްރާން ސާބިތުކޮށް ދިނުމުން، އެކަން ސަރުކާރަށް ހަޖަމެއް ނުވި އެވެ.

ގާނޫނާ ހިލާފު ކަންކަމާއި އަނިޔާވެރި އަމަލުތަކުގެ ވާހަކަ ސާފުކޮށް ރައްޔިތުންނަށް ކިޔައި ދެއްވަމުން ގެންދެވީ އެއްވެސް ފަރާތަކަށް ބެލުމެއް ނެތި އެވެ. ސަރުކާރުން ހިންގާ ޖަރީމާތައް ހުއްޓާލުމަށް އޭރު ސަރުކާރުގައި ތިއްބެވި އެންމެ ނުފޫޒުގަދަ ބޭފުޅުނަށް ގޮވާލައްވަމުން ގެންދެވީ ބަދަލުގައި އޭނާއަށް އަމާޒުކޮށް އައިސްދާނެ އެއްވެސް ހަމަލާއަކަށް ބެލުމެއް ނެތި އެވެ. ސަރުކާރުން އެއްލާ ތީރަކުން ޒަހަމްވެދާނެ ކަމަށްޓަކައި ބިރެއް ނެތި އެވެ. ހައްގަށްޓަކައި ކުރަމުންދިޔަ ޖިހާދުގައި އޭނާގެ ވިދާޅުވަމުން ގެންދެވީ ހަނގުރާމައިގެ މައިދާނު ދޫކޮށްލާނެ ހަމަ އެކަނި ގޮތަކީ ހިފައި ހައްޔަރުކޮށް މިނިވަންކަން ނަގާލުން ކަމަށެވެ. ޝަރުއީ ކޯޓުތަކާއި މިނިވަން މުވައްސަސާތައް އޮތީ ސަރުކާރުގެ މުށުތެރޭގައި ކަމަށް ބުނަމުންދަނިކޮށް މޭޑޭ މުޒާހަރާގައި ޒިންމާވާނެ ފަރާތަކީ އަދާލަތު ޕާޓީ ކަމަށް ބުނެ މުޒާހަރާގެ ހުއްދަ އަށް އެދިވަޑައިގެން ފުލުހުންނާ ބައްދަލު ކުރެއްވީ އެއްވެސް ޖެހިލުމެއް ނެތި އެވެ. މޭޑޭ މުޒާހަރާއަށް ނިކުތް ބޮޑު ބިޔަ ލަޝްކަރުގެ ޖަޑިބަކީ ޝެއިހް އިމްރާނެވެ. މޭޑޭ މުޒާހަރާގެ ކަންކަން ހިންގެވުގައި ލަފައާ އިރުޝާދެއް ދެއްވައި އެހެން ޕާޓީތަކުގެ ލީޑަރުންނާއެކު މަޝްވަރާ ކުރެއްވައި ލީޑަރޝިޕް ދައްކައިދިނީ އިމްރާންކަން ހުދު އެހެން ލީޑަރުން ގަބޫލު ކުރައްވަ އެވެ.

އެތައް ހާސް ބަޔަކު މަގުތައް މައްޗަށް ނިކުމެ ސަރުކާރަށް ނޫނެކޭ ބުނަން ކެރުނު ބޮޑު ބިޔަ މުޒާހަރާގެ މޭސްތިރިއަކީ އިމްރާންކަން ސަރުކާރުން ގަބޫލުކުރި އެވެ. ނަތީޖާއަކަށްވީ މޭޑޭ މުޒާހަރާ ނިމުނުތާ އިރުކޮޅެއްގެ ތެރޭގައި އޭނާ ހައްޔަރުކުރުމެވެ. އެއަށްފަހު ޝަރީއަތްކުރެވެމުން ދިޔައީ ބަންދުގައި ބަހައްޓައިގެންނެވެ.

ޝަރީއަތުގައިވެސް އިންސާފުން ބޭރުން ކަންކަން

އިމްރާން މޭޑޭގައި ދެއްކެވި ވާހަކައިގެ ތަހްގީގު ފުލުހުން ހިންގުމަށްފަހު ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް އަށް ފޮނުވުމުން ލަސްތަކެއް ނުވެ ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ. ޓެރަރިޒަމްގެ ދައުވާ އުފުލީ ކީއްވެކަމެއް ހަމަ ބުއްދި ހުރި އިންސާނަކަށް ނުވިސްނޭނެ އެވެ. މޭޑޭ މުޒާހަރާގައި އިމްރާން އެއްވެސް މީހަކަށް އަނިޔާވެރި ނުވުމަށް ތަކުރާރުކޮށް ގޮވާލެއްވެވި އަޑު ދައުލަތަކަށް ނީވުނެވެ. އޭރު ބޮޑެތި ޖަރީމާތައް ހިިންގަމުން ދިޔައީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު ކަމަށް ވިޔަސް އޭނާއަށް ވެސް އަނިޔާއެއް ލިބެން ނޭދޭ ކަމަށް އިމްރާން ވިދާޅުވި ވާހަކަ ފުލުހުންނަށާއި ޕީޖީއަށް ވެސް އިވިވަޑައެއްނުގެންނެވި އެވެ. ހަމަ އެކަނި ހިފީ އެންމެ ޖުމްލައެއްގެ މެދު ތެރޭގަ އެވެ. "ތިޔަ ބޭފުޅުން އެހެން ގޮތަކަށް ތެދުވަނީ އަޅުގަނޑުމެން އެންގީމަ" ކަމަށް ވިދާޅުވި ބަހުގަ އެވެ. ދައުލަތުގެ ވަކީލުން މާނަކުރީ އެހެން ގޮތަކަށް ތެދުވުމަށް ވިދާޅުވުމަކީ އެއީ ޓެރަރިޒަމަށް ބާރު ލިބޭ ޖުމްލައިގެ ގޮތުގަ އެވެ. މައްސަލަ ބެއްލެވި ގާޒީ ވެސް ޝަރީއަތުގައި އެއީ ކޮން މާނައެއްގައި ވިދާޅުވި ވާހަކައެއްތޯ އައްސަވަން އުޅުއްވި ގޮތުން އެކަނި ވެސް އެއީ  ބޭއިންސާފުގެ ޝަރީއަތެއް ކަން އެނގެ އެވެ. މޭޑޭ މުޒާހަރާގައި ތިބި މީހުން މަޣުރިބު ނަމާދަށް ދާން ހިނގައިގެން ވަގުތު ފުލުހުން މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލުމުން މުޒާހަރާގެ ބައިވެރިން އެކި ދިމާ ދިމާލަށް ހާވިޔާވެގެން ދިޔައީ އެވެ.ފުލުހުންނާ އާންމުންނާ ދެމެދު ހިނގި ހަމަ ނުޖެހުންތަކުގެ ޒިންމާ ނަގަން ޖެހޭނީ އިމްރާން ކަމަށް ދައުލަތުން ބުނުންވީ ބޮޑު ޖޯކަކަށެވެ. އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި ސަބަބާއި އަދި އެކުށް އޭނާގެ މައްޗަށް ސާބިތުވާން ޖެހޭނެ ކަަމަށް ބުނެ ދައުލަތުގެ ވަކީލު އެކި ފަހަރު އެކި ވާހަކަ ދެއްކެވި އެވެ. ހަމަނުޖެހުންތައް ހިންގި މީހުން އެ ހަމަނުޖެހުން ހިންގީ އެ ދުވަހުގެ ހަވީރު އިމްރާން ދެއްކެވި ވާހަކައިން ރުޅިވެރިކަން އައިސްގެން ކަމަށް ބުނެ ދައުލަތުން ވާހަކަ ދެއްކެވި އެވެ. މޭޑޭގެ މުޒާހަރާގައި ވާހަކަ ދެއްކެވީ ހަމަ އެކަނި އިމްރާނެއް ނޫނެނެވެ. އަދި ފުލުހުންނާމެދު ހަމަނުޖެހުން ހިންގި އެއްވެސް މީހަކު ހަމަ ނުޖެހުން ހިންގީ އިމްރާން އަންގައިގެން ކަމަށް ދައުލަތަކަށް ބުނެއެއް ނުދެވުނެވެ. ދެކޮޅުނުޖެހޭ އަދި ގާނޫނީ ބުރަދަނެއް ނެތް އެތައް ވާހަކަތަކެއް ދައުލަތުގެ ވަކީލުން ދެއްކިއިރު އޭގެ ކުރިންވެސް މީހުނަށް ހީވި ގޮތަށް އިމްރާން ޖަލަށްލުމަށް ހުކުމް ކުރީ އެވެ.

ކްރިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭ ހުކުމް އިއްވާލީ އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 12 އަހަރަށް ޖަލަށް ލުމަށެވެ. އިމްރާންގެ މައްޗަށް އިއްވި ހުކުމާއި ހިންގެވި ޝަރިއަތަކީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލިފައިވާ ކަމުގެ ހެއްކަކަށް ފުދެ އެވެ. ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުންތައް ހިނގަމުންދިޔައިރުވެސް އިމްރާން ހުންނެވީ ސާބިތު ކަމާއެކުގެ އެވެ. ﷲ ގަންދީ ހުވާކޮށް ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވަމުން ގެންދެވީ ޓެރަރިޒަމްގެ އަމަލެއް ހިންގަވާފައިނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރުމަށްވެސް ބާރު އަޅުއްވާފައިނުވާނެ ކަމަށެވެ. ފަހަރެއްގައިވެސް ރައީސް އަބްދުﷲ ޔާމިނާއި ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ދެއްކެވި ވާހަކައާމެދު ހިތާމަކުރައްވައި، އެ ވާހަކަތަކުން ރެކިވަޑައިގަންނަވާކަން ނޫޅުއްވަ އެވެ.

މިނިވަންކަމެއް ނެތް ޖައްވެއްގައި 1000 ދުވަސް ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް އިދިކޮޅު ފަރާތްތަކާ އެކު އޮތް ގުޅުމަކަށް ބަދަލެއް ނާދެ އެވެ. އަދި ސަރުކާރާ ޑީލެއް ހަދައިގެން އުޅެނީ ކަމަށް ބުނެ ވާހަަކައެއް ދައްކާލާނެ ފުރުސަތެއްވެސް މީހަކަށް ނުދެ އެވެ. އަދި ޖަލު ހުކުމް އިއްވީމަ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ ފިއްލެވީ ކަމަށް ސަރުކާރަށް ބުނާނެ ފުރުސަތެއްވެސް އޭނާ ނުދެއްވަ އެވެ. ހުންނެވީ އެއިރަކު ބެހެއްޓެވި ތަނެއްގަ އެވެ. އިދިކޮޅު ފަރާތްތަކުގެ މަސައްކަތުން ބައިނަލްއަގުވާމީ ޕްރެޝަރުގައި ބައެއް ފަހަރު ގެއަށް ބަދަލު ކުރެއްވި ނަމަވެސް ސަރުކާރުގެ އެއްވެސް މީހަކާ އޭނާ ބައްދަލު ކުރައްވާފައިނުވެ އެވެ. އޭގެ ބަދަލުގައި އަބަދުވެސް ހުންނެވީ ސަރުކާރާ ދެކޮޅަށްކަން އޭނާގެ ބަހާއި އަމަލުން ގެންދެވީ ސާބިތުކޮށްދެއްވަމުންނެވެ. ގޭ ބަންދުގައި ހުންނަވައި، އިމްރާން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއިން އެކަނި ވެސް މިކަން ކަށަވަރުވެ އެވެ.

އޭގެ ފަހުން ޖަލުގައި އިމްރާނަށް އިތުރު ތަކުލީފުތައް ޖެހިވަޑައިގެންނެވި ނަމަވެސް އިދިކޮޅު ޕާޓީތަކުގެ ލީޑަރުންގެ މެސެޖްތައް އާންމު މެމްބަރުންނަށް ލިބޭ ކޮންމެ ފަހަރަކު އިމްރާންގެ މެސެޖެއްވެސް ލިބެ އެވެ. ހިތްވަރު ކުރުމަށާއި މަސައްކަތް ކުރުމަށް އިމްރާން ދެއްވާ މެސެޖްތަކާއި ރައީސް އަބްދުﷲ ޔާމިނަށް ތާއިދު ނުކުރައްވާކަން ހަނދާން ކޮށްދެއްވަ އެވެ.

އިމްރާން އަބަދު ވެސް ހިޔާނާތާއި ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުއްލެވި އެވެ. އޭނާ ހުރަގެއަށް ލިޔަސް ހިތްވަރަކަށް ބަދަލެއް ނައެވެ. ޖަލަށް ލިޔަސް، ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވި މަގުސަދުތަކެއް ވެސް ހާސިލެއް ފުރިހަމައެއް ނުވި އެވެ. ރައީސް ޔާމީން އަރިހަން އެ މަނިކުފާނަށް ތާއިދުކުރައްވަން އިމްރާނާއި އިމްރާންގެ ސަޕޯޓަރުން ދެނެއް ނުދާނެ އެވެ. އިމްރާނަކީ، އަޒުމުވަރުގަދަ، ޖެހިލުންކުޑަ، ހަރުދަނާ ލީޑަރެއްކަން އެންމެ ވެސް ގަބޫލުކުރެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް