ކ. މާލެ
|
22 ޖުލައި 2024 | ހޯމަ 11:28
އޯފީލްޑްސް ލެބޯޓްރީޒް - އޯފީލްޑްސް ލެބޯޓްރީޒްގެ އެންއެކޯއިކް ޗޭމްބަރު ފަރުމާކޮށްފައި ވަނީ 3.3 ފޫޓު ބޯމިނުގެ ފައިބަރގްލާސް އެކޫސްޓިކް ވެޖް ހަރުކޮށްގެން
އޯފީލްޑްސް ލެބޯޓްރީޒް - އޯފީލްޑްސް ލެބޯޓްރީޒްގެ އެންއެކޯއިކް ޗޭމްބަރު ފަރުމާކޮށްފައި ވަނީ 3.3 ފޫޓު ބޯމިނުގެ ފައިބަރގްލާސް އެކޫސްޓިކް ވެޖް ހަރުކޮށްގެން
ޔޫޓިއުބް
އޯފީލްޑްސް ލެބޯޓްރީޒް
ކިތަންމެ ބޭނުންވިޔަސް، އެންމެ ހިމޭން ތަނުގައި ގަޑިއިރެއްވެސް ކެތް ނުވޭ!
ހިމޭންކަމަށް އިންތިހާއަށް ލޯބި ކުރި ކަމުގައި ވީ ނަމަވެސް އޯފީލްޑްސް ލެބޯޓްރީޒްގެ އެންއެކޯއިކް ޗޭމްބަރުގައި ގަޑިއެއްހާއިރުވެސް ކެތްކޮށް ނުލެވޭކަމަށްވެއެވެ. އެންމެ ގިނަވެގެންވެސް އެތަނުގައި މީހަކަށް ކެތްކޮށްލެވުނީ 55 މިނެޓް ވަންދެކަށެވެ.

ހަލަބޮލިވެ، ތޮއްޖެހިފައި އޮތް މާޙައުލެއްގައި ދިރިއުޅުމުގެ ޞަފުޙާތައް ލިޔަން މަޖުބޫރުވެފައި އޮތްއިރު، ހަމަޖެހުމާއި ހިމޭންކަން ލިބިދެނިވި ވެއްޓެއްގައި ޙަޔާތުން އެންމެ ދުވަހެއްވެސް ހޭދަކޮށްލަން ލިބޭނެ ނަމައޭ ހިތަށް ނާރާނެ މީހަކު މަދުވާނެއެވެ. ހުރިހާ ޒިންމާތަކަކުން ބަރީއްއަވެ، އަމިއްލަ ނަފުސާއި، ހިތާއި ސިކުނޑީގައި ދައުރުވާ ޚިޔާލު ތަކައިގެން ހިމޭން ޖައްވެއްގައި ވަގުތު ހޭދަކޮށްލަން ބޭއިޚްތިޔާރުގައި ނަމަވެސް އެދެވެއެވެ. ހިމޭން ކަމަކީ އަގުބޮޑު ރަންގަނޑެއް ފަދަ ކަމެކޭ ޒަމާނުއްސުރެ ބުނެއުޅެއެވެ. ނަމަވެސް، ދުނިޔޭގައި މިވަގުތު އޮތް އެންމެ ހިމޭން މަންޒިލްގެ ތަޖުރިބާ ކުރި މީހުން، މިހާރު ދައްކަނީ މުޅިން ތަފާތު ވާހަކައެކެވެ.

ދުނިޔޭގައި މިވަގުތު އޮތް ހިމޭން ތަނަކީ ކޮބައިތޯ ސުވާލު ކޮށްފި ނަމަ، އެންމެ ގިނަ ބައެއްގެ ޖަވާބަކަށް ވުން ގާތީ ހަނަފަސް ސަހަރާއެއްގެ މެދެވެ. ނުވަތަ ކަނޑުގެ އިންތިހާ ފުނޭ ބުނާ މީހުން ތިބުންވެސް އެކަށީގެންވެއެވެ. ނަމަވެސް ކަން އޮތީ އެހެންނެއް ނޫނެވެ. ދުނިޔޭގައި މިވަގުތު އޮތް އެންމެ ހިމޭން މަންޒިލަކީ މިނެސޯޓާގެ ދިރާސާ ލެބެކެވެ. އޯފީލްޑްސް ލެބޯޓްރީޒްގެ އެންއެކޯއިކް ޗޭމްބަރުގެ ހިމޭން ކަމަކީ ދުލާއި ގަލަމުން ބަޔާންކޮށްދެވޭނެ ކަމެއް ނޫނެވެ. ނަމަވެސް، އެ ޗޭމްބަރު ހިމޭނުން އިންނަ އިރު، އަމިއްލަ މީހާގެ ހަށިގަނޑުގައި ލޭ ދައުރު ކުރާ އަޑާއި، ކަށިތައް ގުޑާ އަޑުވެސް އިވޭހާ އެތަން ހިމޭނެވެ.

އޯފީލްޑްސް ލެބޯޓްރީޒްގެ އެންއެކޯއިކް ޗޭމްބަރު ފަރުމާކޮށްފައި ވަނީ 3.3 ފޫޓު ބޯމިނުގެ ފައިބަރގްލާސް އެކޫސްޓިކް ވެޖް ހަރުކޮށްގެންނެވެ. އެކޫސްޓިކް ވެޖްއަކީ، ސްޓޫޑިއޯ ފަދަ ތަންތަނުގައި އަޑު އެކޯވުން ނުވަތަ ފާރުފަދަ ތަންތަނުގައި ޖެހި، އަނބުރާ ފައްކުރެވިގެން އިވުން ފަދަ ކަންކަން ހުއްޓުވުމަށް ބޭނުން ކުރާ މުށި ޒާތުގެ އެއްޗެކެވެ. އޯފީލްޑްސް ލެބޯޓްރީޒްގެ އެންއެކޯއިކް ޗޭމްބަރުގެ ހަތަރު ފާރުގެ ބޭރުން އަދި އިތުރު 4 ފާރު ހުރެއެވެ. ސްޓީލްއާއި ކޮންކްރީޓުން އިންސިއުލޭޓް ކޮށްފައިވާ އެތަނަކީ، އަޑުތަކުގެ 99.99 ޕަސެންޓް އަޑު، ދަމައިގަނެ، ހިމޭންކޮށްލާ ތަނެކެވެ.

ހިމޭންކަމަށް އިންތިހާއަށް ލޯބި ކުރި ކަމުގައި ވީ ނަމަވެސް އޯފީލްޑްސް ލެބޯޓްރީޒްގެ އެންއެކޯއިކް ޗޭމްބަރުގައި ގަޑިއެއްހާއިރުވެސް ކެތްކޮށް ނުލެވޭކަމަށްވެއެވެ. އެންމެ ގިނަވެގެންވެސް އެތަނުގައި މީހަކަށް ކެތްކޮށްލެވުނީ 55 މިނެޓް ވަންދެކަށެވެ. އޯފީލްޑްސް ލެބޯޓްރީޒްގެ އެންއެކޯއިކް ޗޭމްބަރުގެ ބާނީ، ސްޓީވަން އޯފީލްޑް ބުނީ، އެ ޗޭމްބަރުގައި، ކަނު އަނދިރީގައި މަޑުކޮށްލުމަށް މީހުންނަށް ގޮންޖަހާ ކަމަށެވެ. އަޑު މަޑުވެ، ހިމޭން ވަމުން ދާ ވަރަކަށް، ކަންފަތްވެސް އެ ހިމޭންކަމަށް ހޭނެއެވެ. ޗޭމްބަރުގެ އެތެރެ ހިމޭން ވަމުން ދާ ވަރަކަށް، އަމިއްލަ މީހާގެ ކަންފަތަށް އިވޭ އަޑުތައް އިތުރުވެއެވެ. ހިތުގެ ހިނގުމުގެ އަޑު ނުވަތަ ވިންދުގެ އަޑާއި، ފުއްޕާމޭގެ އަޑާއި، ބަނޑުތެރެއިން ގޮވާ އަޑުތައްވެސް އިވެއެވެ.

އޯފީލްޑް ސިފަ ކުރި ގޮތުގައި، އޯފީލްޑްސް ލެބޯޓްރީޒްގެ އެންއެކޯއިކް ޗޭމްބަރުގައި "އަޑަކަށް ވަނީ ޚުދު އެމީހާ" އެވެ. މާނައަކީ، ބޭރުގެ އަޑުތައް ކެނޑެމުން ދާ ވަރަކަށް، ހީވެސް ނުކުރާ ފަދަ ހަނު ހިމޭން ކަމަކަށް ނަފުސު ހޭނެން މަސައްކަތް ކުރާ ކުރުމުގައި، އެ މީހެއްގެ ނަފުސަށް ސަމާލުކަން ހުއްޓުމެވެ. އަމިއްލަ ސިކުނޑިއާއި ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތްތަކަށް ސަމާލުކަން ހުއްޓުމެވެ. އެފަދަ ހަމަ ހިމޭން ކަމެއްގައި 30 މިނެޓެއްހާއިރު މަޑުކޮށްލަން ވާ އިރަށް، އަސްލެއްނެތް ޚިޔާލީ އަވާމެންދުރުތަކުން މީހާގެ ސިކުނޑި ސުމަކަށް ގެންދަން ފަށައެވެ.

އޯފީލްޑް ކިޔައިދިން ގޮތުގައި، އެންއެކޯއިކް ޗޭމްބަރުގައި ބައިގަޑިއިރަށްވުރެ ގިނަ ވަގުތު ކޮޅަށް ހުރުމަކީވެސް ނުކުރެވޭނެ ކަމެކެވެ. އެންމެ 30 މިނެޓްގެ ތެރޭގައި އިށީނުމަށް މަޖުބޫރު ކުރުވައެވެ. އާންމުކޮށް ތަނެއްގައި މަޑުކޮށްލައިގެން ހުންނަ އުސޫލުން ހުރުމަކަށް ނަފުސު ފުރުޞަތެއް ނުދެއެވެ. ހެލިފެލިވެ އުޅެލުމަށްވެސް އުނދަގޫތަކަކާ ކުރިމަތި ކުރުވައެވެ. ސީދާ އެ ވަގުތަކަށް ވިލުންވެރިވެފައި ހުރުމަށްޓަކައި، އަޑަކީ އިންތިހާއަށް މުހިންމު އެއްޗަކަށް ވާތީއެވެ. ނަމަވެސް އެންއެކޯއިކް ޗޭމްބަރުގައި އެކަހަލަ އެއްވެސް އިޝާރާތެއް ނުލިބޭކަން އޯފީލްޑް ފާހަގަ ކުރިއެވެ.

ފެންނަ ފެނުމާއި އިވޭ އަޑުތަކަކީ މީހާގެ ބެލަންސް ހިފަހައްޓާ، ހެލިފެލިވުމަށް އިރުޝާދުދޭ ހިއްސުތަކެކެވެ. އާންމު ދިރިއުޅުމުގައި އުނިކަމެއް ނެތި އެ ހިއްސުތަކުގެ ބޭނުން ހިފާ މީހަކަށް، މި ޗޭމްބަރުގައި ބައިގަޑިއިރުވެސް ހޭދަކޮށްލެވޭނީ ގޮނޑިއެއްގެ އެހީ ލިބިގެންނެވެ. މި ވަގުތު އޮތް 55 މިނެޓްގެ ރެކޯޑް މުގުރާލަން އެދޭ ކޮންމެ މީހަކަށް އެ ފުރުޞަތު އެބަ އޮތެވެ. ނަމަވެސް، ގަޑިއަކަށް 600 ޑޮލަރުގެ ރޭޓުން ފީއެއް ދައްކައިގެންނެވެ.

އޯފީލްޑްސް ލެބޯޓްރީޒްގެ އެންއެކޯއިކް ޗޭމްބަރުން ލިބިދޭ ޞިއްޙީ ފައިދާތަކެއް ހުރިކަމެއް ނުވަތަ ނޫން ކަމެއްވެސް އަދި ކަށަވަރެއް ނުކުރެވެއެވެ. ކަންކަމާ މެދު ވިސްނާ ގޮތާއި، ކަންކަން ދެކޭ ގޮތް ބަދަލު ކުރުމުގައި މި ޗޭމްބަރުގެ ދައުރަކީ ކޮބައިކަންވެސް އަދި ދެނެގަނެވިފައެއް ނުވެއެވެ. އެންއެކޯއިކް ޗޭމްބަރުތަކަކީ އާންމު ގޮތެއްގައި އެކި ކަހަލަ އުފެއްދުންތަކާ ގުޅޭ ދިރާސާތައް ކުރުމަށް ޚާއްޞަކޮށްފައިވާ ތަންތަނެވެ. މިފަހަރު، ޓެސްޓު މާއްދާއަކީ އިންސާނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް