Advertisement
ކ. މާލެ
|
15 ޖުލައި 2024 | ހޯމަ 15:17
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް
އެމްއެމްއޭ
އިގްތިސާދީ ހާލަތު ސާރުކާރަށް ހާމަކުރުން
މައުލޫމާތުތައް ހިއްސާކުރިން، އިގްތިސާދަށް ކާރިސާއެއް ކުރިމަތިވީ ސަރުކާރުން އެއަށް އަމަލުނުކުރުމުން: ގަވަރުނަރު
އިގްތިސާދުގައި ދައުރުވާ ސަރޕްލަސް ރުފިޔާ ލިކުއިޑިޓީ އިތުރުވުމާ ގުޅިގެން އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރުކުރުމުގެ ހިރާސް އޮތްކަން ފާހަގަކޮށްފައިވާނެ
މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެމް.އީ.ޕީ.ސީ.ސީގެ ހަ ޓެކްނިކަލް ލެވެލް ބައްދަލުވުމާއި، ދެ ޕޮލިސީ ލެވެލް ބައްދަލުވުން ބޭއްވިފައިވޭ
ސަރުކާރާއި ދައުލަތުގެ އެކި ވުޒާރާތަކަށް މައުލޫމާތު ހިއްސާކޮށް އަދި އެކަންކަމާމެދު ލަފާ ހޯދަން

ރާއްޖެ އިގްތިސާދަށް ކާރިސާއެއް ކުރިމަތިވީ ސަރުކާރަށް ދިން އިރުޝާދުތަކާ އެއްގޮތަށް އަމަލުނުކުރުމުން ކަމަށާއި، އެމައުލޫމާތުތައް ހިއްސާނުކުރުމުން ނޫން ކަމަށް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އޮތް މާލިއްޔަތު ކޮމެޓީއަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަޑައިނުގަންނަވައެވެ. ނަމަވެސް ލިޔުމުން ވަނީ ޖަވާބު ދެއްވާފައެވެ. އެކަން އެންގި ސިޓީއާ އެކު ގަވަރުނަރަށް ކުރާ ތުހުމަތުތަކަށް އޭނާ ލިޔުމުން ފޮނުއްވެވި ޖަވާބުތައް ރާއްޖެއެމްވީއަށް ވަނީ ލިބައެވެ.

އެމްއެމްއޭގެ ގާނޫނުގައި ސަރީހަ އިބާރާތުން ބަޔާންކޮށްފައިވާ މައިގަނޑު މަގުސަދުތައް ހާސިލުކުރުމަށްޓަކައި، 17 ނޮވެންބަރު 2023 އިން ފެށިގެން މިވޭތުވެދިޔަ މުއްދަތު ތެރޭގައި، ސަރުކާރަށް ލަފާދިނުމާއި އަދި އެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި އަމަލީގޮތުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައި ނުވާކަމަށް ކުރާ ތުހުމަތުތަކަށް ރައްދުދެއްވައި ގަވަރުނަރު ވިދާޅުވީ އެމްއެމްއޭގެ ގާނޫނު (1981) ގައި ބަޔާންކޮށްފައިވާ މަގުސަދުތައް ކަމުގައިވާ ދެމެހެއްޓެނެވި އިގްތިސާދީ ކުރިއެރުމަށް މަގުފަހިވާ ގޮތެއްގައި ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުމާއި، ފައިނޭންޝަލް ސްޓެބިލިޓީ ދެމެހެއްޓުން އަދި ދިވެހިރާއްޖޭގެ އިގްތިސާދީ ހަމަޖެހުމާއި ކުރިއެރުން ގެނައުމަށް ސަރުކާރަށް އެހީތެރިވުމުގެ މަގުސަދު ހާސިލު ކުރުމަށް އެ އޮތޯރިޓީން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އިގްތިސާދީ އެކި ކާރިސާތަކުގައި އަދި ގޮންޖެހުންތަކުގައި އެމްއެމްއޭގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށާއި ދައުލަތުގެ އެކި ވުޒާރާތަކަށް ފޯރުކޮށްދޭ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާއި މެދު މި އޮތޯރިޓީގެ ލަފާ ހިއްސާކުރުމުގެ އިތުރުން، މި އޮތޯރިޓީގެ ސިޔާސަތުތަކާއި މަސައްކަތްތަކާ ގުޅޭގޮތުން ސަރުކާރާއި ދައުލަތުގެ އެކި ވުޒާރާތަކަށް މައުލޫމާތު ހިއްސާކޮށް އަދި އެކަންކަމާމެދު ލަފާ ހޯދާ ކަމަށެވެ.

Advertisement

އިގްތިސާދާ ގުޅޭ މަސައްކަތްތަކާ ގުޅޭގޮތުން ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް އަންނަ ބަދަލުތައް ގަވާއިދުން ބަލައި ޝާއިއުކޮށް، އިގްތިސާދީ އެކި އިންޑިކޭޓަރތައް ފޯކާސްޓް ކުރުމަކީ މި އޮތޯރިޓީން ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަމަށާއި، އިގްތިސާދީ ފޯކާސްޓްތަކުގެ ބައެއް މަސައްކަތްތައް ކުރިއަށް ގެންދަނީ 2008 ވަނަ އަހަރު ރައީސް އޮފީހުގެ އިރުޝާދުގެ ދަށުން އެކުލަވާލާފައިވާ މެކްރޯ އިކޮނޮމިކް ޕޮލިސީ އެންޑް ކޯރޑިނޭޝަން ކޮމިޓީ (އެމް.އީ.ޕީ.ސީ.ސީ) އާ ގުޅިގެން ކަމަށެވެ. އަދި މި ކޮމިޓީ އަކީ ސަރުކާރުގެ އިގްތިސާދީ މުއައްސަސާތައް ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ކޮމިޓީއަކަށްވާއިރު މުއައްސަސާތައް ތަމްސީލުކުރައްވަނީ އެ މުއައްސަސާއެއްގެ މިނިސްޓަރާއި އިސްވެރިން ކަމަށެވެ. މި ކޮމިޓީގެ ޓެކްނިކަލް ލެވެލްގައި ބައްދަލުވުންތައް ވެސް ބާއްވާ ކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑު ނުވަތަ ޖީޑީޕީ ފޯކާސްޓް ކުރުމުގެ މަސައްކަތަކީ މި އޮތޯރިޓީ އާއި މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން އަންދާޒާކޮށް އެމް.އީ.ޕީ.ސީ.ސީގެ ތެރެއިން ފާސްކުރެވޭ މަސައްކަތެއް ކަމަށާއި، އިގްތިސާދީ ފޯކާސްޓްތަކުގެ އިތުރުން، ކޮމިޓީގެ ތެރެއިން އިގްތިސާދީ މުހިންމު ކަންތައްތަކާއި މެދު މަޝްވަރާ ކުރެވި މުހިންމު ނިންމުންތައް ނިންމާ ކަމަށެވެ. އެގޮތުން، 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެމް.އީ.ޕީ.ސީ.ސީގެ ހަ ޓެކްނިކަލް ލެވެލް ބައްދަލުވުމާއި، ދެ ޕޮލިސީ ލެވެލް ބައްދަލުވުން ބޭއްވިފައިވެއެވެ. މި ޓެކްނިކަލް އަދި ޕޮލިސީ ބައްދަލުވުންތަކުގައި 2023 ވަނަ އަހަރު އުފެއްދުންތެރިކަން މަޑުޖެހުނު ސަބަބުތަކާއި މެދު މަޝްވަރާ ކުރެވުނު ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި މި ބައްދަލުވުންތަކުގައި ސަރުކާރުގެ 2024 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓަޖީއަށް މި އޮތޯރިޓީ އާއި މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން ތައްޔާރުކުރި ޖީޑީޕީގެ އަންދާޒާ އަދި މި އޮތޯރިޓީން ތައްޔާރުކުރި ފަތުރުވެރިކަމުގެ ސިނާއަތާ ބެހޭ އަންދާޒާތައް ހުށަހަޅާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓާއި ސަރުކާރުގެ ފިސްކަލް ސްޓްރެޓަޖީ ގައި ހިއްސާ ކުރެވޭ މިފަދަ އަންދާޒާތަކަކީ ކޮމިޓީ މެންބަރުންނާ ހިއްސާ ކުރެވި، އެކަމާމެދު ބަހުސްކުރެވި، ނިންމޭ ނިންމުންތަކެއްކަން ވެސް ފާހަގަކޮށްފައިވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) - ރާއްޖެއެމްވީ

މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކޮންމެ އަހަރަކު ހުށަހަޅާ ދައުލަތުގެ ބަޖެޓަށް ލަފާދިނުމަކީ ގަވާއިދުން ކުރަމުން އަންނަ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި ގަވަރުނަރު ވިދާޅުވީ މި ލަފާގައި ދައުލަތުގެ ބަޖެޓުގައި ފާހަގަކުރެވޭ ކަންތައްތަކަށް ބަލައި، ކުރު އަދި މެދުރާސްތާއަށް ހުރި މެކްރޯއިކޮނޮމިކް ހިރާސްތައް ފާހަގަކޮށް، ރައުޔު ހުށަހަޅާފައިވާ ކަމަށެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން، 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން މި އޮތޯރިޓީގެ ލަފާ މަޖީލީހަށް 19 ނޮވެންބަރު 2023 ގައި ހުށަހަޅާފައިވާ ކަމަށެވެ. މި ލަފާގައި ދައުލަތުގެ ޑެފިސިޓް އާއި ދަރަނީގެ ހިރާސްތަކަށް ރިއާޔަތްކޮށް އޮތޯރިޓީގެ ރައުޔު ހިއްސާކޮށްފައިވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. މީގެ އިތުރުން، ފާއިތުވި އަހަރުތަކުގެ ބަޖެޓަށް މި އޮތޯރިޓީން ދީފައިވާ ލަފާތަކުގައި ހިމަނާފައިވާ ފަދައިން ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ކުޑަކުރުމަށް އިސްކަންދިނުމަށާއި، ބަޖެޓް ޑެފިސިޓް ފައިނޭންސް ކުރުމަށްޓަކައި ޑޮމެސްޓިކް މާކެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އިލްތިމާސް ކޮށްފައިވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. މީގެ އިތުރުން، އިގްތިސާދުގައި ދައުރުވާ ސަރޕްލަސް ރުފިޔާ ލިކުއިޑިޓީ އިތުރުވުމާ ގުޅިގެން އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރުކުރުމުގެ ހިރާސް އޮތްކަންވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

ގަވަރުނަރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން، މަނިޓައިޒްކުރުން ކުރިއަށް ގެންދިއުމާއި ގުޅިގެން، ޕީބީއޭ އިން އޯވަރޑްރޯ ކޮށްފައިވާ ބެލެންސް ސެކިއުރަޓައިޒް ކުރެވުނު ކޮންމެ ފަހަރަކު، ސެކިއުރިޓައިޒް ކުރުމުގައި ހުރި ހިރާސްތަކާއި، އިގްތިސާދަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާއި، ބޭންކިންގ ނިޒާމުގައި ދައުރުވާ ސަރޕްލަސް ރުފިޔާ ލިކުއިޑިޓީ އިތުރުވެގެން ދިއުމުގެ ސަބަބުން އެކްސްޗޭންޖް ރޭޓަށް އަދި ދައުލަތުގެ ރަސްމީ ރިޒާރވަށް ކުރާނެ ނޭދެވޭ އަސަރުތައް އެކި މަރުހަލާގައި ލިޔުމުންނާއި، މިނިސްޓްރީ އޮފް ފިނޭންސް އަދި މަޖިލީހާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގައި ހިއްސާކޮށްފައިވާ ކަމަށެވެ.

އެގޮތުން، ޕީބީއޭ އިން އޯވަރޑްރޯ ކޮށްފައިވާ ބެލެންސް ތިން ވަނަ ފަހަރަށް ސެކިއުރިޓައިޒް ކުރުމަށް 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ކުރިއަށް ގެންދެވުނު މަސައްކަތުގެ ތެރެއިން، މިނިސްޓްރީ އޮފް ފިނޭންސް އާއެކު ކުރިއަށް ގެންދެވުނު މަޝްވަރާތަކުގައި އެކަންތައްތައް ފާހަގަކޮށް މިނިސްޓްރީއާ ހިއްސާކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގައި ޑޮލަރުގެ އަގު، ކަނޑައަޅާފައިވާ އެކްސްޗޭންޖް ރޭޓް ބޭންޑް ތެރޭގައި ހިފެއްޓުމަށް، މި އޮތޯރިޓީގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށާއި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް އާންމު ފަރުދުންގެ އެކި ބޭނުންތަކަށާއި އަމިއްލަ ވިޔަފާރިތަކުގެ ބޭރު ފައިސާ ބޭނުންތަކަށް ދައުލަތުގެ ރަސްމީ ރިޒަރވުން ބޮޑު ހޭދައެއްކުރާ ކަމަށެވެ. ދައުލަތުގެ ރަސްމީ ރިޒަރވަށް އަންނަ ބަދަލުތަކަކީ އިގްތިސާދީ ހާލަތު އަންގައިދޭ މުހިއްމު އެއް އިންޑިކޭޓަރއަށް ވާއިރު، އިގްތިސާދާ ބެހޭ މުހިންމު މައުލޫމާތު ސަރުކާރާއި ހިއްސާކުރުމުގެ ސިޔާސަތުގެ ދަށުން، ރިޒަރވަށް ދުވަހުން ދުވަހަށް އަންނަ ބަދަލުތަކާއި އަންދާޒާތައް ރައީސް އޮފީހާއި މިނިސްޓްރީ އޮފް ފިނޭންސްއާ ގާވައިދުން މިއޮތޯރިޓީން ޖަނަވަރީ 2019 އިން ފެށިގެން ހިއްސާކުރަމުން ގެންދާ ކަމަށެވެ.

ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދާއި ގުޅޭގޮތުން އާއްމުންނާއި ސަރުކާރުގެ އެކި އިދާރާތަކަށް ބޭނުންވާ ތަފާސްހިސާބު ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި، އާއްމުކުރުމުގެ ގޮތުން  އެމްއެމްއޭއިން ޕަބްލިޝްކުރަމުން ގެންދާ ޑޭޓާ ސީރީސްތައް 2020 ވަނަ އަހަރުން ފެށިގެން އިތުރުކޮށް، 700 އިން 4600 އަށް ވުރެ ގިނަ ޑޭޓާ ސީރީސްތައް އެމްއެމްއޭ އެކިއެކި ޑިސަމިނޭޝަން ޕްލަޓްފޯރމްތަކުގައި މިހާރުވެސް ޕަބްލިޝްކުރަމުން ގެންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް