އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ރީ-ރަޖިސްޓްރޭޝަން ފޯމްތަކުގެ މައުލޫމާތު ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހުން ބޭނުންކުރަމުން އަންނަ ކަމުގެ ޝަކުވާތައް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކޮމިޝަނުގެ ރައީސާ ހިއްސާ ކުރައްވައިފިއެވެ.
މިކަމާ ގުޅޭ ގޮތުން އެމްޑީޕީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމު ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވައިލި މުއްދަތުގައި ސްރީލަންކާ އިން 1،000 އަށް ވުރެ ގިނަ ފޯމު އިލެކްޝަންސް ކޮމިޝަނުގެ އޮފީހަށް ހުށަހެޅުމުގެ ކަންކަން ކުރީ އެމްޑީޕީ "އަޓިގެ" ޖަގަހައިން ކަމަށެވެ. އެގޮތުން ފޯމުތައް ހިފައިގެން ދިޔައީ ހުވަދުއަތޮޅު ރައްޔިތުންނަށް މާލޭގައި ހުޅުވި "އަޓިގެ" ޖަހަގައިގައި އިސްކޮށް ހަރަކާތްތެރިވެ ވެވަޑައިގަންނަވާ ތިނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ގަސަމް ކަމަށެވެ. އަދި އެ ފޯމްތަކުގައި ގަސަމްގެ ފޯނު ނަންބަރު ހިމެނިފައިވާކަން ފޯމު ހުށަހެޅި ފަރާތަށް ފިޔަވައި ދެން އެނގޭނީ އިލެކްޝަންސް ކޮމިޝަނަށް ކަމަށާއި ނަމަވެސް އެ ފޯމްތަކުގެ މައުލޫމާތު ހޯދުމަށް ގަސަމްގެ ނަންބަރަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ގުޅަމުން ގެންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާ ބައްދަލުކުރައްވަމުން ގެންދަވަނިކޮށް ވެސް ގަސަމް އަށް ރައީސް ޔާމީންގެ އޮފީހުން ދެ ފަހަރެއްގެ މަތިން ގުޅައި މައުލޫމާތު ސާފުކުރިއެވެ. އަދި ނޫސްވެރިންނާ ބައްދަލުކުރަމުން ދަނިކޮށް ވެސް ރައީސް ޔާމީނުގެ އޮފީހުން ގުޅާފައި ވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޑޭޓާ ބޭސްއަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގެ ބާރު ފޯރުވާކަން ކުރިން ވެސް އެނގޭ ކަމަށާއި މިހާރު އިތުރަށް އެކަން ހާމަވެއްޖެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، އެމްޑީޕީން ކޮލަމްބޯގައި ރަޖިސްޓަރކުރި ފަރާތްތަކުގެ ފޯމު ގެނެސްފައިވާ އިރު ރީ-ރަޖިސްޓަރކުރާ މީހާއާ ގުޅޭނެ ނަންބަރުގެ ގޮތުގައި ލަންކާ ނަންބަރު ޖަހާފައިވުމުން އޭގެ ބަދަލުގައި ލޯކަލް ނަންބަރެއް ޖަހަން އެދުމުން ގަސަމްގެ ނަންބަރު ޖެހީ ކަމަށެވެ. އެހެން ނަމަވެސް ކޮލަމްބޯގެ ފޯމުގައި ހުރި މައުލޫމާތުތައް އޮޅުން ފިލުވުމަށް ގަސަމް އަށް ރެއިން ފެށިގެން ރައީސް ޔާމީން ކެމްޕެއިން އޮފީހުން ގުޅަމުންދާ ކަމަށާއި އެ މައުލޫމާތުތައް އެ އޮފީހަށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"މީހަކު ރަޖިސްޓްރީވެފައިވާ ގޮތް ސާފުކުރަން ރައީސް ޔާމީން ކެމްޕެއިން އޮފީހުން މިގުޅަނީ. އަޅުގަނޑުމެން މިދެންނެވި މައުލޫމާތަކީ އިލެކްޝަންސް ކޮމިޝަނުން ނޫން އެހެން ތަނަކަށް އެނގޭނެ މައުލޫމާތެއް ނޫން. އަޅުގަނޑުމެންނަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް، ސާބިތު ވެއްޖެ އިލެކްޝަންސްގެ ހުރިހާ ޑޭޓާ ރައީސް ޔާމީން އޮފީހަށް އެނގެކަން" އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އަލީ ނިޔާޒް ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުނުކޮށްފި ނަމަ، އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށާއި މުލިއާގެއިން އިލެކްޝަންސްގެ ޑޭޓާއަށް ކޮޅުއަޅާފައިވާކަން ޔަގީން ކަމަށެވެ. މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ އެ ތުހުމަތުކޮށްފައެވެ.
"އަޅުގަނޑުމެން ބަލަން ބޭނުން ކޮޅުއަޅާފައި ވަނީ ކިހާ ހިސާބަކަށް ކަމަށާއި މިކަމަށް އެކްސެސް ވަނީ ކޮންބައެއްތޯ. މިކަމުގެ ފުރިހަމަ ހެއްކާ އެއްކޮށް ރައީސަށް ހުށަހަޅާފައިވާނެ. އީސީގެ ރައީސް ވެސް އިނީ ކޮސްވެފައި. އަދި އެމައުލުމާތްތައް މީޑިއާއަށް ހާމަކުރައްވާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަންގެ މައްސަލަ އަބަދު ވެސް އޮތް ކަމަށާއި އެލިސްޓް އަދިވެސް އާންމުނުކުރާ އިރު އޭގެ އިލެކްޝަންސް ކޮމިޝަނުގެ ޑޭޓާ ބޭސްގައި ހުރި ވަކިވަކި ފަރުދުންގެ މައުލޫމާތު ރައީސް ޔާމީންގެ ކެމްޕެއިން އަށް ގެންގޮސްފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ގަސަމްއާ ގުޅި ކޯލްގެ ސްކްރިޕްޓް
ކޯލަރ: އައްސަލާމް އަލައިކުމް. ހައްވާ ހަބީބާއާ ދިމާވެދާނެތޯ؟
ގަސަމް: ކިހިނެތްތޯވީ؟ ކޮން ފަރާތަކުންތޯ؟
ކޯލަރ: މިއީ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން.
ގަސަމް: އާދެ. ކިހިނެއްތޯވީ؟
ކޯލަރ: މިއީ ރަޖިސްޓަރ ވެފައިވާ ތަން ޗެކް ކޮއްލަންވެގެން. ވޯޓުލާތަން ޔަގީން ކޮށްލަންވެގެން. ތިކޮޅުން ދީފައިވާ ލިސްޓުގައި ވަނީ ސްރީލަންކާގައި ރަޖިސްޓަރވާ ކަމަށް.
ގަސަމް: އެލިސްޓުގައި ވެސް އިނނީ ސްރީލަންކާގައި؟ ކިހިނެއްތޯ ސްރީލަންކާގައި އިންކަން އެނގުނީ؟
ކޯލަރ: މިކޮޅަށް ލިބިފައިވާ ލިސްޓެއްގައި އިންނަނީ އެގޮތަށް.
ގަސަމް: އަޅުގަނޑުގެ ފޯނު ނަންބަރު ވެސް އެބައިންތޯ؟. ކިހިނެތްތޯ އަޅުގަނޑުގެ ނަންބަރު ލިބުނީ.އިލެކްޝަންސް އަށް ހުށަހެޅި ފޯމެއްގައި އަޅުގަނޑުގެ ނަންބަރު ދީފައިވާނެ. އިލެކްޝަނުންތޯތީ؟
ކޯލަރ: ނޫނޭ. މިއީ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން.
މިކަމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު، ވިދާޅުވީ، މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށާއި މިކަން ބެލުމައްޓަކައި ރަޖިސްޓްރޭޝަންގެ ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުން މިހާރުން މިހާރަށް ސަސްޕެންޑްކުރަންޖެހޭ ކަމަށެވެ.