ކ. މާލެ
|
24 ޖޫން 2024 | ހޯމަ 08:47
ބެލްޖިއަމްގެ ކޯޗު ޑޮމެނިކޯ ޓެޑެސްކޯ
ބެލްޖިއަމްގެ ކޯޗު ޑޮމެނިކޯ ޓެޑެސްކޯ
ރޮއިޓާސް
ޔޫރޯ 2024
ރޮމޭނިއާ ކައިރިން މޮޅުވެވުނީ ޓީމުގެ ވިސްނުން ރަނގަޅު ވުމުން: ޓަޑެސްކޯ
މެޗުން ބެލްޖިއަމަށް ތިން ޕޮއިންޓު ހޯދުން ވަރަށް މުހިންމުވެފައި އޮތްއިރު، އެކަން ޙާސިލުވުމުން ހިތްހަމަ ޖެހުމެއް ލިބުނު ކަމަށް ޓަޑެސްކޯ ވަނީ ބުނެފައި.

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ރޮމޭނިއާއާ ދެކޮޅަށް ކުޅުނު މެޗުން ބެލްޖިއަމް އަށް މޮޅުވެވުނީ، ޓީމުގެ ވިސްނުން ރަނގަޅު ވުމުން ކަމަށް އެ ޓީމުގެ ކޯޗު ޑޮމެނިކޯ ޓަޑެސްކޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ބެލްޖިއަމް އިން ރޮމޭނިއާ ބަލި ކުރުމަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ނިކުތްއިރު، ބެލްޖިއަމް އޮތީ މޮޅުވާން މަޖުބޫރުވެފަ އެވެ. އެއީ ފުރަތަމަ މެޗުން ބަލިވެފައި އޮތުމުންނެވެ. ރޮމޭނިއާ އަތުން މޮޅުވެ، ބެލްޖިއަމް އިން ވަނީ މުބާރާތުގައި ކުރިއަށް ދިޔުމުގެ އުންމީދު ހޯދައިފަ އެވެ.

ޓަޑެސްކޯ ބުނީ، ރޮމޭނިއާ އަކީ ވެސް ވަރަށް ރަނގަޅު ޓީމެއް ކަމަށެވެ. އެ މެޗުގައި ވެސް ރޮމޭނިއާ އިން ރަނގަޅަށް ކުޅެން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ބެލްޖިއަމް އަށް ކުރި ހޯދުނީ އެ ޓީމުގެ ވިސްނުން ރަނގަޅުވުމުން ކަމަށް ޓަޑެސްކޯ ބުންޏެވެ. ޚާއްސަކޮށް ބޯޅަ ލިބުމުން ބެލްޖިއަމް އިން ވަނީ ވަރަށް ރަނގަޅަށް އެޓޭކު ކުރުމުގައި މަސައްކަތް ކޮށްފައިކަން އޭނާ ފާހަގަ ކުރި އެވެ. ރޮމޭނިއާއާ ދެކޮޅަށް ކުޅުން ވެގެން ދިޔައީ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ޓަޑެސްކޯ ބުނީ މެޗުން ލިބުނީ ވަރަށް މުހިންމު މޮޅެއް ކަމަށާއި، އެއީ ބެލްޖިއަމް އަށް ހަމަޖެހިލެވޭ ވަރުގެ މޮޅެއް ކަމަށެވެ. ޚާއްސަކޮށް އެ މެޗުން ބެލްޖިއަމަށް ތިން ޕޮއިންޓު ހޯދުން ވަރަށް މުހިންމުވެފައި އޮތްއިރު، އެކަން ޙާސިލުވުމުން ހިތްހަމަ ޖެހުމެއް ލިބުނު ކަމަށް ޓަޑެސްކޯ ވަނީ ބުނެފަ އެވެ. އެ މެޗުގައި ބެލްޖިއަމް އަށް އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ލިބުނު ކަމަށާއި، ބައެއް ފުރުސަތުތައް ގެއްލުނު ކަމަށް އޭނާ ބުންޏެވެ.

މެޗުގައި ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑި ބްރޭނާ ދެއްކި ކުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓަަޑެސްކޯ ބުނީ، އޭނާ އަށް ޑި ބްރޭނާ އިނގޭތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ. ޑި ބްރޭނާ އަކީ އަބަދު ވެސް ވަރަށް ތަފާތު ކުޅުމެއް ދައްކާ ކުޅުންތެރިޔެއް ކަމަށް އޭނާ ބުންޏެވެ. ޔޫރޯ ކޮލިފައިންގައި ބެލްޖިއަމް އިން ކުޅުނު މެޗުތަކުގައި ޑި ބްރޭނާ އަށް ނުކުޅެވުނުއިރު، މިހާރު އޭނާ ޓީމުގައި ހުރުމުން ތަފާތުތަކެއް އިޙުސާސް ކުރެވޭ ކަމަށް ވެސް ޓަޑެސްކޯ ވަނީ ބުނެފަ އެވެ.

ގްރޫޕް އީ ގައި އޮތް ހަތަރު ޓީމު މިވަގުތު ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވާއިރު، މި ގްރޫޕުން ގަދަ 16 ވަނަ ބުރުން ޖާގަ ލިބޭނެ ދެ ޓީމު ޔަގީން ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށްފަހު އެވެ. ފަހު މެޗުގައި ބެލްޖިއަމް ނިކުންނާނީ ޔޫކްރެއިންއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް