ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 16:08
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން
ރޮއިޓާސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ގާޒާ އަށް ސުލްހަ ގެނައުމުގެ ނަމުގައި އެމެރިކާ އިން ހަދާ ދޮގާއި މަކަރު
ބްލިންކަން ގެންދަވަނީ ހަގީގަތް އޮޅުވާލައްވާ އިޒްރޭލް ގެ މޫނުމަތި ރީތި ކުރައްވަން މަސައްކަތް ކުރަމުން
ސުލްހަ ގެނައުމުގެ ނަމުގައި މި ކުރެވޭ މަސައްކަތަކީ އެއްވެސް މާނައެއް އިޚްލާސްތެރި ކަމެއް ނެތް ހަމަ އެކަނި ކަން ދެއްކުމަށް ކުރެވޭ މަސައްކަތެއްކަން ހާމަވޭ
މި ދަތުރުފުޅުގައި ސަރަހައްދުގެ ގައުމުތަކުގެ އެންމެ އިސްވެރިންނާ ބްލިންކަން ބައްދަލު ކުރައްވާ ސުލްހައިގެ ހުށަހެޅުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރެއްވި

ހުސްވި ހަފްތާގެ ތެރޭގައި ގާޒާ އަށް ސުލްހަ ގެނައުމުގެ މަސައްކަތް ކުރެއްވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން މެދު އިރުމައްޗަށް ދަތުރުފުޅެއް ކުރެއްވިއެވެ.

މި ދަތުރުފުޅުގައި ސަރަހައްދުގެ ގައުމުތަކުގެ އެންމެ އިސްވެރިންނާ ބްލިންކަން ބައްދަލު ކުރައްވާ ސުލްހައިގެ ހުށަހެޅުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރެއްވިއެވެ.

މި ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މި ދިޔަ ބުދަ ދުވަހު ގަތަރުގެ ވެރި ރަށް ދޯހާގައި ބްލިންކަން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ.

އެ ބައްދަލުވުމުގައި އެމެރިކާއިން ހުށަހަޅާފައިވާ ގާޒާގެ ސުލްހައިގެ ޕްލޭނާ ބެހޭ ގޮތުން ބްލިންކަން ދެއްކެވި ވާހަކަފުޅު ތަކުގައި އަދި ފަހުން އޮތް ސުވާލާ ޖަވާބުގެ ބައިގައި ބްލިންކަން ދެއްކެވި އެތައް ވާހަކަފުޅަކުން ސުލްހަ ގެނައުމުގެ ނަމުގައި އެމެރިކާ އިން ކުރަން މިއުޅެނީ ތެދުވެރި އިހްލާސްތެރި މަސައްކަތެއްތޯ ސުވާލު އުފެދެއެވެ.

ފުރަތަމަ ކަމަކަށް ބްލިންކަން ވިދާޅުވީ، އެމެރިކާގެ ރައީސް ބައިޑްން މެއި 31 ގައި ހާމަ ކުރެއްވި 3 މަރުހަލާގެ ސުލްހައިގެ ޕްލޭނަކީ އިޒްރޭލުގެ ހުށަހެޅުމެއް ކަމަށެވެ. އެހެން ކަމުން އިޒްރޭލުން ފުރިހަމަ އަށް އެ ޕްލޭނަށް އެއްބަސްވާ ކަމަށެވެ.

ސުލްހައިގެ ޕްލޭނަށް އިޒްރޭލުން އެއްބަސް ކުރުމަށް އެމެރިކާ އިން އިޒްރޭލަށް ޕްރެޝަރ ކުރާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ބްލިންކަން ވިދާޅުވީ އެއީ ކުރަން ބޭނުން ކަމެއް ނޫން ކަމަށެވެ. އެއީ އިޒްރޭލުން ޕްލޭން ބަލައިގަނެފައި ވާތީ ކަމަށްވެސް ބްލިންކަން ވިދާޅުވިއެވެ.

އެއީ ކަނޑައެޅިގެން ބްލިންކަން ހެއްދެވި އިތުރުފުޅެކެވެ.

ހަގީގަތަކީ މިއީ އެމެރިކާގެ ރައީސް ހުށަހެޅުއްވި ޑީލެކެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތި ވަމުން އަންނަ އިރު، ގާޒާ ގައި އެމެރިކާ އިން ގެންގުޅޭ ސިޔާސަތު ފެއިލް ވަމުން އަންނަ ކަން ބައިޑްން އަށް އެނގިވަޑައިގަންނަވާތީ، އޮގަސްޓް މަހަށް ރޭވިފައިވާ ޑިމޮކްރަޓިކް ޕާޓީގެ ނޭޝަނަލް ކޮންވެންޝަންގެ ކުރިން ގާޒާގެ މައްސަލަ އަށް ކޮންމެވެސް ހައްލެއް ގެންނަން ހައްލު ބައިޑްން ބޭނުންފުޅު ވާނެއެވެ.

އެހެން ކަމުން އަވަހަށް ގޮތެއް ހޯއްދެވުމުގެ ވިސްނުން ފުޅުގައި ނަމަވެސް ޚުދު ބައިޑްން އަށް ވެސް މިއީ އިޒްރޭލުގެ ހުށަހެޅުމެއް ކަމަށް ވިދާޅުވެވިފައި އެބަވެއެވެ.

އެކަމަކު ކަނޑައެޅިގެން އެއީ ހަގީގަތެއް ނޫނެވެ.

އޭގެ ހެއްކަކީ، އިޒްރޭލްގެ ހުށަހެޅުމެއް ކަމަށް ވިދާޅުވެ، ބައިޑްން ސުލްހައިގެ އެއްބަސްވުން އިއުލާން ކުރެއްވި ފަހުން 2 ހަފްތާ އަށް ވުރެ ގިނަ ދުވަސް ފާއިތުވީ އިރުވެސް އިޒްރޭލުން އެ ހުށަހެޅުން ގަބޫލު ކުރާކަން ހާމަ ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އިޒްރޭލުން ކަންކުރީ ދިމާ އިދިކޮޅަށެވެ.

ފާއިތުވި 2 ހަފްތާއެއް ދުވަހުގެ ތެރޭގައި އިޒްރޭލުން އެތައް ފަހަރެއްގެ މަތިން ބުނެފައިވަނީ ބައިޑްންގެ ހުށަހެޅުން އިޒްރޭލުން ގަބޫލު ނުކުރާނެ ކަމަށެވެ.

އޭގެ އިތުރުން ނަތަންޔާހޫވެސް އަދި އިޒްރޭލުގެ އެހެން އޮފިޝަލުންވެސް ބުނަމުން އަންނަނީ ގާޒާ ގައި ހިންގަމުންދާ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

އދ. ގައި ހުންނަ އިޒްރޭލްގެ މަންދޫބު ބެން-ނަފްޓާލީ އަދި މާ ސާފުކޮށް އިޒްރޭލުގެ ޕޮސިޝަން ވަނީ ކިޔައިދީފައެވެ. އޭނާ ބުނެފައިވަނީ، އިޒްރޭލުން ކުރިއަށް ގެންދާ ހަނގުރާމައިގެ މަގްސަދު ބަދަލު ނުވާ ކަމަށާއި، ހަމާސް މުޅިން ނެތިކޮށްލެވެންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

އިތުރަށް އޭނާ ބުނެފައިވަނީ އިޒްރޭލުން މާނައެއް ނެތް އަދި ނިމުމެއް ނެތް މަޝްވަރާތަކެއް ގައި ބައިވެރިއެއް ނުވާނެ ކަމަށެވެ.

ހަގީގަތަކީ އިޒްރޭލުން ކުރަމުންދާ ކަމަކީ އެމީހުންގެ ހިތުގައި އޮތް ޖުމްލަ ކާމިޔާބު ހާސިލް ވަންދެން ގާޒާ ސުންނާފަތި ކުރަމުން ގެންދިއުމެވެ.

ފަލަސްތީން އިސްރާއީލް ހަނގުރާމަ - އިޒްރޭލުން ކުރިއަށް ގެންދާ ހަނގުރާމައިގެ މަގްސަދު ބަދަލު ނުވާ ކަމަށާއި، ހަމާސް މުޅިން ނެތިކޮށްލެވެންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ބެން-ނަފްޓާލީ ވިދާޅުވެފައިވޭ - އޭޕީ

އެ ޖުމްލަ ކާމިޔާބަކީ ހަމާސް މުޅިން ނައްތާލެވެންދެން ހަނގުރާމަ ކުރިއަށް ގެންދިއުން ކަމަށް ވާއިރު، އޭގެ އެންމެ ފުޅާ މާނައިގައި އިޒްރޭލުން އެބުނަނީ މުޅި ގާޒާ ސުންނާފަތި ކޮށް ގާޒާގައި ބާކީ ތިބި ފަލަސްތީން ރައްޔިތުން އެ ރަށުން ނެރެ އަވައްޓެރި މިސްރަށް ނުވަތަ އުރުދުން އަށް ފޮނުވާލާ ގަޒާގެ ބިން އިޒްރޭލުގެ އެއްޗަކަށް ހަދާލުމެވެ.

ކޮންމެ ގޮތެއްގައިވެސް ބައިޑްން އެ ވިދާޅުވާ ސުލްހައިގެ ޕްލޭންގެ 2 ވަނަ މަރުހަލާގައި ހިމެނޭ ހަނގުރާމަ ދާއިމީ ގޮތެއްގައި މުޅިން ހުއްޓާލުމަކީ އިޒްރޭލުން ކުރާނެ ކަމެއް ނޫނެވެ.

އަނެއްކޮޅުން ބައިޑްންގެ ހުށަހެޅުއްވުމުގެ ލިޔުމަށް ވިސްނާއިރު، އޭގައި ބަސްތައް ތަރުތީބު ކުރެވިފައި އޮތީ ހުށަހެޅުމުގެ ފުރަތަމަ މަރުހަލާ ނިމޭތަނުން ދެ ވަނަ މަރުހަލާ އާ ހަމައިން އިޒްރޭލަށް ބޯދަމައިގަނެވޭ ގޮތަށެވެ.

އެއީ އެ ހުށަހެޅުމުގައި ވާ ގޮތުން ދެ ވަނަ މަރުހަލާ އަށް ދެވޭނީ، ފުރަތަމަ މަރުހަލާ ނިމުނު ކަމަށް އިޒްރޭލުން އެއްބަސް ވެގެން ކަމަށް ވާތީއެވެ.

އޭގެ މާނައަކީ ފުރަތަމަ މަރުހަލާ އާ ހަމައިން ރުޅި ހަދާލާ، ދެވަނަ މަރުހަލާ އާ ހަމައަށް ދާން އިޒްރޭލުން އެއްބަސް ނުވާ ހިސާބުން ހަނގުރާމަ ހުއްޓާލުމުގެ ވާހަކަ އެ ހިސާބުން އެ ނިމުނީއެވެ.

މިހާ ލުއި ގޮތަކަށް އިޒްރޭލަށް މިކަން އޮތަސް، އިޒްރޭލުގެ ވެރިން ބުނަމުން އައިސްފައިވަނީ ބައިޑްންގެ ހުށަހެޅުއްވުމަކީ އެމީހުން އެއްބަސްވާ ހުށަހެޅުމެއް ނޫން ކަމަށެވެ.

ބްލިންކަން ދެން ހެއްދެވި އިތުރުފުޅަކީ، ހަމާސް އިން މި ހުށަހެޅުމާ މެދު ދެކޭ ގޮތްކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅެވެ.

ނޫސްވެރިން ގާތު ބްލިންކަން ވިދާޅުވީ، ބައިޑްންގެ ހުށަހެޅުއްވުމަކީ މެއި މަހުގެ 6 ވަނަ ދުވަހު ހަމާސް އިން ހުށަހެޅި ހުށަހެޅުމާ ދާދި އެއްގޮތް ހުށަހެޅުމެއް ކަމަށެވެ.

ބްލިންކަންގެ ވާހަކަފުޅުގައި ހަމާސް ގޯސްކޮށް، އިޚްލާސްތެރި ކަމެއް ނެތް ކަމަށް ވިދާޅުވެ، ކުރިން ހަމާސް އިން އެއްބަސްވި ކަންކަމަށް ވެސް މިހާރު އެއްބަސް ނުވާ ކަމަށް ވިދާޅުވިއެވެ.

އެކަމަކު އެއީވެސް ހަގީގަތެއް ނޫނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން - ރޮއިޓާސް

މެއި 6 ގައި ހަމާސް އިން ހުށަހެޅި ހުށަހެޅުމަކީ ބައިޑަން ހުށަހެޅުއްވި ގޮތާ ވަރަށް ތަފާތު ހުށަހެޅުމެކެވެ.

ހަމާސްގެ ހުށަހެޅުމުގައި އެހާ ފަސޭހައިން އެއްބަސްވުމުގެ ދެވަނަ މަރުހަލާ އާ ހަމައިން އިޒްރޭލަށް ބޯ ދަމައިގަތުން ފަސޭހައެއް ނުވެއެވެ. ހަމަ އެއާއެކު ހަމާސްގެ ހުށަހެޅުމުގައި ގާނޫނާ ޚިލާފަށް ގާޒާ ހިސާރުކޮށްގެން އިޒްރޭލުން ތިބި ތިބުން ވަގުތުން ނިމުމަކަށް ގެނައުން ހިމެނެއެވެ.

ބްލިންކަން ވިދާޅުވީ، ބައިޑްންގެ ހުށަހެޅުއްވުމަށް ހަމާސް އިން އެތައް ބައިވަރު ބަދަލުތައް ގެންނަން ބުނެފައިވާ ކަމަށެވެ.

ހަގީގަތުގައި ހަމާސް އިން ކުރި ކަމަކީ އެ ޖަމާއަތުން މެއި 6 ގައި ހުށަހެޅި ހުށަހެޅުމާ ބައިޑްންގެ ހުށަހެޅުން ވީހާވެސް އެއްގޮތް ކުރެވޭތޯ ބެލުމެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން ހަގީގީ މާނައިގައި ހަނގުރާމަ ނިމުމަކަށް ގެނައުމެވެ.

ހަމާސް އިން ހުށަހެޅި ފާހަގަ ކުރެވޭ ބޮޑު ބަދަލަކަށް އޮތީ، އިޒްރޭލު ސިފައިން މެއި 30 ގައި ހިފި "ފިލެޑެލްފީ ކޮރިޑޯ" އިން އިޒްރޭލު ސިފައިން ފޭބުމެވެ. މި ނުކުތާ ބްލިންކަން އަށް އެނގިވަޑައިގަންނަވާ ކަމަކަށް ނުހެއްދެވިއެވެ.

ތިންވަނަ ކަމަކަށް ބްލިންކަން ވިދާޅުވީ، މުޅި ދުނިޔެ ބައިޑްންގެ ހުށަހެޅުއްވުމުގެ ފަހަތުގައި ވާކަމަށާއި، ހުށަހެޅުން ހަގީގަތަކަށް ނުވެގެން އުޅޭ ހަމައެކަނި ސަބަބަކީ ހަމާސް އިން އެ ހުށަހެޅުމަށް އެއްބަސް ނުވުން ކަމަށެވެ.

މިއީ ވެސް ހަގީގަތް އޮޅުވާލެއްވުމެވެ.

މި ފާއިތުވެ ދިޔަ މަސްތަކުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމަށް ހަމާސް އިން ބައިނަލް އަގްވާމީ މުޖްތަމައުގެ ތާއީދާ އެކު ހުށަހެޅި ކިތަންމެ ހުށަހެޅުމެއް ހަގީގަތަކަށް ނުވެ ދިޔައީ އެމެރިކާ އާއި އިޒްރޭލުން އެ ކަންކަމަށް ދެކޮޅު ހެދުމުގެ ސަބަބުންނެވެ.

ބައިޑްންގެ ހުށަހެޅުއްވުމުގެ ފަހަތުގައި މުޅި ދުނިޔެ އޮތް ކަމަށް ބްލިންކަން ވިދާޅުވީ، އދ.ގެ ސެކިއުރިޓީ ކައުންސިލުން އެ ހުށަހެޅުން ފާސް ކުރުމުން ކަމަށް ވެދާނެއެވެ.

އެހެން ނަމަވެސް ހަގީގަތަކީ، ގައުމުތަކުން މި ހުށަހެޅުމަށް ތާއީދު ކުރީ މި ނޫން އިތުރު ގޮތެއް ނެތިގެންނެވެ. އެއީ ކޮންމެހެން މި ހުށަހެޅުމަކީ ފުރިހަމަ އެއްޗަކަށް ވެގެންނެއް ނޫނެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް ކުރިން ހުށަހެޅި ހުށަހެޅުން ތަކަށް ވުރެ ރަނގަޅު ވެގެންނެއް ވެސް ނޫނެވެ.

އެމެރިކާގެ ބާރުގަދަ ކަން ދެއްކުމުގެ ސިފަ ހުންނަ ގޮތުން، އެހެން ހުށަހެޅުމަކަށް ފުރުސަތު އެމެރިކާ އިން ނުދޭނެ ކަން އެނގުމާއެކު ކިރިޔާވެސް ވަގުތީ ގޮތުން ނަމަވެސް ހަނގުރާމައިން ދުރައް ދެވިދާނެ ގޮތަކީ މި ގޮތް ކަމަށް ގައުމުތަކަށް ވިސްނޭތީ އެ ގޮތައް އެއްބަސްވީއެވެ.

މިކަން މިހެން އޮތް އިރުވެސް ބައިޑްންގެ ހުށަހެޅުމަށް ރިޒަވޭޝަން ހުރި ކަމަށް، ރަޝިއާ އާއި، ޗައިނާ އާއި، މޯލްޓާ އާއި، އަލްޖީރީއާ އިން ވަނީ ބުނެފައެވެ.

މި ހަގީގަތް މިހެން އޮތް އިރު ބައިޑްންގެ ހުށަހެޅުއްވުމަށް މުޅި ދުނިޔެ ތާއީދު ކުރާ ކަމަށް ބްލިންކަން ވިދާޅުވެ ދެއްކެވި ވާހަކަފުޅަކީ އިތުރުފުޅެއް ކަން އެނގެއެވެ.

ހަތަރު ވަނަ ކަމަކީ ބައިޑްންގެ ހުށަހެޅުން ހަގީގަތަކަށް ނުވެ ލަސްވަނީ ހަމާސް އިން ގޮތެއް ނުނިންމާ 12 ދުވަސް ވަންދެން ދިގު ދެންމުމުގެ ސަބަބުން ކަމަށް ބްލިންކަން ވިދާޅުވުމެވެ.

12 ދުވަސް ވަންދެން ހަމާސްގެ ޖަވާބަކަށް އިންތިޒާރު ކުރެވިއްޖެ ކަމަށް ނޫސް ކޮންފަރެންސް ގައި މަދުވެގެން 5 ފަހަރު ބްލިންކަން ވިދާޅުވިއެވެ.

ބްލިންކަންގެ މަގްސަދަކީ، ގާޒާގެ ރައްޔިތުން އުފުލަމުންދާ ތަކުލީފަށް ނިމުމެއް ނައިސް ދިގުލައިގެން ދަނީ ހަމާސްގެ ސަބަބުންކަން ހާމަ ކުރެއްވުން ކަމަށް ވެދާނެއެވެ.

ބްލިންކަން މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު ކަން ހިނގަދިޔަ ގޮތުގެ ހަގީގަތައް ބަލާއިރު މި ކަމުގައިވެސް ބްލިންކަން އުޅުއްވީ އޮޅުވާލައްވާށެވެ.

ބައިޑްން ސުލްހައިގެ ހުށަހެޅުން އިއުލާން ކުރެއްވީ މެއި މަހުގެ 31 ގައެވެ. އެކަމަކު އެއީ ހަމައެކަނި އަނގަބަހުންނެވެ. ލިޔުމުން އެއްޗެއް ހަމާސް އަށް ފޮނުވި ކަމަށް ވަނީ އޭގެ އަދި އެތައް ދުވަހެއް ފަހުންނެވެ.

ހަމާސް އަށް ލިޔުމުން މި ހުށަހެޅުން ލިބުނު ތާރީޚެއް ސާފުކޮށް އެނގޭކަށް ނެތެވެ. އެހެން ނަމަވެސް ކަމާ ގުޅޭ ޚަބަރު ތަކުން ސާފުކޮށް އެނގޭ ގޮތުގައި ޖޫން މަހުގެ 5 އާ ހަމައަށް އައި އިރުވެސް ހަމާސް އަށް ބައިޑްންގެ ހުށަހެޅުއްވުން ލިޔުމުން ލިބިފައެއް ނުވެއެވެ.

ޔަގީނުންވެސް ހަމާސް އިން ވަނީ ބައިޑްންގެ ހުށަހެޅުއްވުމަށް ޖޫން މަހުގެ 11 ވަނަ ދުވަހު ޖަވާބު ދީފައެވެ. އެހެން ކަމުން ޖޫން 6 ގައި ލިޔުންތައް ލިބުނު ކަމަށް ބެލިއަސް 5 ދުވަސް ތެރޭ ހަމާސް އިން އެ އޮތީ ޖަވާބު ދީފައެވެ. ބްލިންކަން ވިދާޅުވި 12 ދުވަހުގެ މުއްދަތު މިކަމުގައި ހޭދަވީ ކިހިނެއް ކަމެއް ނޭގުނެވެ.

މައިގަނޑު ގޮތެއްގައި އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓްގެ ގޮތުގައި ބެލޭ އެ ގައުމުގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅާ ރާގު ހުރީ ހުރިހާ ބަދުނާމެއް ހަމާސްގެ ބޮލުގައި އެޅުވުމަށެވެ. އޭގެ ފޮރުވިފައިވާ މަގުސަދަކީ ގާޒާގައި ހިނގަމުންދާ ލޭ އޮހޮރުވުންތަކުގެ މަންޒަރުން އިޒްރޭލު ދުރުކޮށް ފޯކަސް ހަމާސް އާ ދިމާލަށް ގެނައުމެވެ.

ސުލްހަ ގެނައުމުގެ ނަމުގައި މި ކުރެވޭ މަސައްކަތަކީ އެއްވެސް މާނައެއް އިޚްލާސްތެރި ކަމެއް ނެތް ހަމަ އެކަނި ކަން ދެއްކުމަށް ކުރެވޭ މަސައްކަތެއްކަން ދެން ފެންނާނީ މިހާ ސާފުކޮށްނެވެ.

ދެން އެންމެ ފަހުން އެމެރިކާ އިން ބުނަން އޮންނާނީ ގާޒާ އަށް ސުލްހަ ގެނައުމަށް ލައްކަ މަސައްކަތް ކުރެވުނު ކަމަށެވެ. އެކަން ކާމިޔާބު ނުވީ ހަމާސްގެ ސަބަބުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް