Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އަޟްހާ އީދު 1445

އީދަށް ދާންވީ ކަމަދޫއަށް

3 ދުވަސްވަންދެން ހާއްސަ ހަރަކާތްތައް ކުރިއަށްދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖޫން 2024 | ހޮނިހިރު 11:37
ކަމަދޫގައި އީދުގެ ހަރަކާތްތައް މިފަހަރުވެސް ފޯރިގަދަވެފައި ހިތްގައިމުވާނެ

ކަމަދޫގައި އީދުގެ ހަރަކާތްތައް މިފަހަރުވެސް ފޯރިގަދަވެފައި ހިތްގައިމުވާނެ

ބ. ކަމަދޫގައި އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަކީ ކާބަފައިންގެ ޒަމާނުއްސުރެ ކުރަމުން އަންނަ އިޖްތިމާއީ ބޮޑު ހަރަކާތެކެވެ. ރަށުގެ އެންމެހައި ރައްޔިތންނާއި ރަށަށް ޒިޔާރާތްކުރާ އެންމެހައި ފަރާތްތަކަށް ބައިވެރިވެވޭނެހެން ރޭވިފައިވާ ކުޅިވަރުތަކާއި ރަށުގައި އިހުޒަމާނުއްސުރެ ކުޅެމުންއަންނަ ސަގާފީ ކުޅިވަރުތަކުގެ މައްޗަށް ރާވާލެވިފައިވާ އީދުގެ ހަރަކާތްތަށް މުޅި ރާއްޖެއަށް މަގުބޫލު ހަރަކާތްތަކަށް ވަނީ ވެފައެވެ.

އީދުގެ އެންމެހައި ކަންކަން ވިލަރެސްކުރުމުގައި ކައުންސިލް އިސްވެ އޮވެ ރަށުގެ ރައްޔިތުންގެ ތެރެއިން ނެގޭ އީދު ކޮމިޓީ ވެގެންދާނީ އީދުގެ އެންމެހައި ކަންކަމުގައި އެންމެ އިސް އާރުކާޓީއަށެވެ.

އަޟްހާ އިދު ކަމަދޫގައި ކަމަދޫގައި ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ކަމަދޫގެ ފަންނުވެރިންގެ މެދުގައި ސަގާފީ ކުޅިވަރު އާލާކުރުމާއި ރަށުގެ އިޖްތިމާއީ އަދި އަހުވަންތަކަމުގެ ރޫހު ރަށުގައި އާލާކުރުމެވެ.

ކަމަދޫ އީދް ލައިވް ބަލާ މީހުންގެ އަދަދު 15،000ން މައްޗަށް އަރައިގެން ދިއުމަކީ ކަމަދޫގެ އީދު ތަޖުރިބާކޮށްލަންޖެހޭ އެއްސަބަބެވެ. އަހަރުން އަހަރަށް މި އަަދަދު އިތުރުވަމުންދިއުމަކީ އަހަރުން އަހަރަށް އީދުގެ ހަރަކާތްތަށް ފުރިހަމަވަމުންދާ ކަމުގެ ހެއްކެކެވެ. ރާއްޖޭގެ ރަށްތަކުން ކަމަދޫގެ އީދު ކުޅިވަރ ނަކަލުކުރުމަށްޓަކައި ކައުންސިލަށް ގުޅައި މައުލޫމާތު ހޯދަމުންދާކަމީ ކަމަދޫ ރައްޔިތުން ފަހަރުވެރިވާނެ ކަމެކެވެ. ރަށަށް އެތައްހާސް މީހުން ކޮންމެ އީދެއްގައި އަރަމުންދާކަމުގެ ނަތީޖާ ރަށުގެ އުމްރާނީ ތަރައްގީގެ ތެރެއިން ފެންނަމުންދެއެވެ.

ކަމަދޫއަކީ ރަށްދެކެ ލޯބިވާ ސާފުތާހިރު، މެހެމާންދާރީ އަދާކުރުމުގައި ނުހަނު ފަރިތަ ފަންނުވެރި ބައެއްކަން ކަމަދޫއަށް ޒިޔާރަތްކުރާ ކޮންމެ ފަރާތަކުން ތަޖުރިބާކުރާނެއެވެ.

އަޟްހާ އީދު ފަދަ ބޮޑު ހަރަކާތެއް ހިނގަމުންދާއިރު އެންމެ ރަނގަޅު ކޮލިޓީގައި ހަރަކާތްތައް ކުރިއަށްގެންދިއުމަކީ އަބަދުވެސް ކަމަދޫގެ ރައްޔިތުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދޭ ކަމެކެވެ. ކަމަދޫ އީދު މުޅި ރާއްޖެއަށް މަޝްހޫރުވެފަައިވުމުން މިއީ އެކަމުގެ ހެއްކެކެވެ. މިކަމަށްޓަކައި އީދު ކޮމިޓީގެ ތެރޭގައި ހާއްސަ ޓީމެއް ހަރަކާތްތެރިވާނެއެވެ.

އިޖްތިމާއީ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި ހުރިހައި އިވެންޓްތަކަކީ ވަރަށް ފުރިހަމަ ޓީމްތަކެއްގެ ކޮންޓްރޯލް ތެރޭގައި ހިނގަމުންދާ ހަރަކާތްތަކެއްކަމުގައި ކައުންސިލުން ކަށަވަރުކުރާނެއެވެ. ނަތީޖާއަކަށް ވެގެންދަނީ ދެޖިންސުގެ މަސްހުނިވުން ނެތި ތަހުޒީރު މާހައުލެއްގައި އީދުގެ އުފާވެރިކަން ކަމަދޫގައި ތަޖުރިބާކުރެވުމެވެ.

މިފަދަ ބޮޑު ހަރަކާތެއް ހިންގުމުގައި ގިނަ ގޮންޖެހުންތަކެއް ހުންނާނެކަން ދަނެ މުޅި އީދުގެ އެންމެހައި ކަންތައްތައް ވިލަރެސް ކުރުމަށް ކައުންސިލުން އަބަދުވެސް ބޮޑު އިސްކަމެއްދެއެވެ. އެގޮތުން އީދު ކޮމިޓީއަކީ މިކަމުގައި ފުރަތަމަ ފަރުވާއެވެ. އެ ކޮމިޓީގެ ތެރޭގައި މަސައްކަތްތައް ރާވާލެވިފައިވާގޮތުން ކަންކަމުގެ ހައްލު ހޯދުމުގައި އެތައް ފަސޭހަތަކެއް ހުރެއެވެ. ޖުމްލަކޮށް މިފަދަ ގިނަ ހާދިސާތަކުގެ ހައްލު ވަނީ ހޯދާފައެވެ.

އަޟްހާ އީދުގެ އެންމެހާ ހަރަކާތްތައް ރާވާލެވިފައިވަނީ އެންމެހައި ފަރާތްތަކަށް ހަރަކާތްތަކުގައި ބައިވެރިވެވޭނެ ގޮތަށްކަން ކަށަވަރު ކުރުމަށްޓަކައި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ދުރާލާ އީދުގެ އައިޓަމްތަކުގެ ލިސްޓެއް ތައްޔާރުކުރެއެވެ. އަދި އެކި އުމުރުފުރައިން ލީޑަރުން ކަނޑައަޅާ އެކި ހަރަކާތްތަކަށް ޓީމްތައް އެކަށައަޅައެވެ. އަދި ކައުންސި އިދާރާއިން އިއުލާންކޮށް ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ޑޯޓުޑޯ ފަދަ ހަރަކާތްތައް ހިންގައެވެ. ދުރާލާ ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަނުން އީދާއި ކުރިމަތިލާއި ރައްޔިތުންތިބެނީ އީދުކުރުމަށް ނުހަނު ބޭނުންވެ އެކުވެރިކަމުގެ ރޫހެއްގައެވެ.

ކަމަދޫ އީދުގެ ހަރަކާތްތައް:

އީދަށް މަރުހަބާ ކިޔުން (އީދު ވިލޭރޭ)

މި ހަރަކާތަކީ ވޭތުވެދިޔަ 10 ވަރަށް އަހަރުން ފެށިގެން ކަމަދޫގައި އީދަށް މަރުހަބާ ކިޔުމުގެ ގޮތުން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. މި ހަރަކަތުގެ އެންމެ ހާއްސަވާ އެއް ސަބަބަކީ މި ހަރަކާތުގެ ތެރެއިން އީދު ސްޓޭޖް ހުޅުވުމާއި ރަަށަށް ހިދުމަތްކޮށްދެއްވާފައިވާ ދޮށީއުމުރުގެ ކޮންމެވެސް ފަރާތެއްގެ އަގުވަޒަންކޮށް، އެފަރާތަށް ހާއްސަ ޝަރަފުވެރި އެވޯޑެއް އެރުވެރިގެން ދިއުމެވެ. މީގެ އިތުރުން ބަނދަރު ސަރަހައްދުގައި މެހެމާނުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ކުރިއަށްގެންދެވޭ ހާއްސަ ސަގާފީ ކުޅިވަރު ހަރަކާތެއް ބަނދަރު ސަރަހައްދުގައި ކުރިއަށްދާނެއެވެ. ހަވާ އެރުވުމާއެކު ކުރިއަށްގެންދެވޭ މި ހަރަކާތުގައި ރަށުގެ 100 އާއި ގަތްކުރާ އަދަދަކަށް މީހުން ބައިވެރިވާނެއެވެ. މި ހަރަކާތުން ރަށުގެ އިޖްތިމާއީ ރޫހު އަދި މެހެމާންދާރީގެ އަސަރާއި ކުލަތަށް މެހެމާނުންނަށް އިހުސާސްކުރެވިގެންދާނެއެވެ.

އީދު ނަމާދު ކުރުން (އީދު ދުވަހުގެ ހެނދުނު)

އީދު ނަމާދުކުރުމަށްޓަކައި ރަށުގެ ކުދި ބޮޑު އެންމެހައި ރައްޔިތުން ކަމަދޫ ބަނދަރުގައިވާ ދޮން ފަސްގަނޑަށް ޖަމާކޮށް ނަމާދުކުރުމުގެ އެންމެހައި ކަންތައްތައް މޫސުން ތަންދޭނަމަ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

އިދު ސައި (އީދު ދުވަހު ހެނދުނު)

ބޮޑު ޖަމާއަތުގައި އީދު ސައިބުއިމުގެ ހަރަކާތަކީ ނުހަނު ކާމިޔާބު ހަރަކާތަކަށް ވެގެންދާ މައިގަނޑު ސަބަބަކީ މި ހަރަކާތުގެ ތެރެއިން ރަށުގައި ދިރިއުޅޭ އެންމެހައި މުސްލިމުން އެކަކު އަނެކަކާއި ބައްދަލުވެ ސަލާން ބަދަލުކޮށް އާއިލާތަކާއެކު ހޭދަކޮށްލެވޭ މިވަގުތުކޮޅު ވެގެންދާނީ އަހަރަކު އެއްފަހަރު އަންނަ އެފަދަ ދެވަނައެއްނުވާ ހާއްސަ ވަގުތުކޮޅަކަށެވެ. މި ހަރަކާތަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިސްވެ އޮވެ ރަށުގެ އެންމެހައި ގޭބިސީތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދެވޭ ހަރަކާތެކެވެ.

އީދު ސަލާމްކުރުން (އީދު ދުވަހު ހެނދުނު)

އީދު ސަލާމްކުރުމުގެ ހަރަކާތަކީ ރަށުގެ ބޮޑެތި މަގުތަކުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްގެންދާނީ ރަށަށް އީދަށް ވަޑައިގަންނަވާފައިވާ މެހެމާނުންނަށް މަރުހަބާ ކިޔުމުގެ ހާއްސަހަރަކާތަކައި އެކުއެވެ. އެގޮތުން މެހެމާނުންގެ ބޮލަށް ގޮންޖެހުން މި ހަރަކާތުގެ ތެރެއިން ކުރިއަށްގެންދެވޭނެެވެ. އީދު ގޮންޖެހުމަކީ އިހު ޒަމާނުގައި މެހެމާނުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ކަމަދޫގައި ކޮށްއުޅުނު ކަމެއްގެ ގޮތުގައި ރަށުގެ ދުވަސްވީ ބޭފުޅުން ބުނެއުޅެއެވެ.

އީދު ދުވަހު މެންދުރުގެ ކެއުން އަވަށްޓެރިންނާއެކު (އީދު ދުވަހުގެ މެންދުރު)

މި ހަރަކާތަކީ ރަށުގެ އެކި ގޭގޭގައި ތައްޔާރުކުރާ މެންދުރުގެ ކެއުން ތަށިބަރީގައި ގޭގެއަށް ހަދިޔާކުރުމުގެ ހަރަކާތެކެވެ. މި ހަރަކާތުގައި ރަށުގެ އިސްރަށްވެހިންގެ ދައުރު ބޮޑުކުރުމަށްވެސްވަނީ ރޭވިފައެވެ. މިގޮތުން ތަށިވަރުތައް ބަދަލުކުރުމުގައި އެގެއްގެ އެންމެ ދުވަސްވީ ބޭފުޅުން ބޭނުންކޮށް ކަނޑައަޅާ ވަކި ހޭޝްޓެގެއް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާކުރެވޭނެއެވެ.

ކަމަދޫގެ ހާއްސަ ބިލެއް ދަފި (އީދު ދުވަހުގެ ހަވީރު)

ބިލެއް ދަތްޕަކީ ކަމަދޫގައި ކުޅެމުން އަންނަ އެންމެ އިހުޒަމާނުގެ އެއް ކުޅިވަރެވެ. އަންހެނުންގެ ހާއްސަ މި ކުޅިވަރަކީ ކަމަދޫގެ މެދު އުމުރުފުރައިގެ ކަނބަލުންގެ ނުހަނު ފުރިހަމަ ހަރަކާތެވެ. މިކަމަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ސަގާފީހެދުމާއި ހާއްސަކޮށް މިކަމަށްބޭނުންކުރާ ލަވަ އަދި ބޭނުންކޮށްގައިވާ ކުޅިތަކަކީ މިހަރަކާތް ކަމަދޫއަށް ހާއްސަވާ އެއް ސިފައެވެ. އަދި މިހަރަކާތް ކަމަދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށްގެންގޮސް ނިންމާނީ ބަނދަރު ސަރަހައްދުގައި ނަގާ ބޮޑު ދަތްޕަކުންނެވެ.

އީދު ޝޯވ (އީދު ދުވަހުގެ ރޭ)

އިދު ޝޯވގެ ތެރެއިން ކަމަދޫގެ ފަންނުވެރިންގެ ފަންނު ދައްކާލުމަކީ ނުހަނު ބޮޑު އިސްކަމެއް ދެވޭ ކަމެއްގެ ގޮތުގައި ކޮންމެ އީދެއްގައިވެސް ވަނީ ވެފައެވެ. ނަމަވެސް ޝޯވ އިތުރަށް ފުރިހަމަކުރުމަށްޓކައި ލައިވް ބޭންޑާއެކު ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.

މިކްސް ދަފި އަދި މާފަތި ނެށުން (އީދު ދެވަނަ ދުވަހުގެ ހެނދުނު)

މިކްސް ދަފި އަދި މާފަތީގެ މި ހަރަކާތަކީ ކަމަދޫގެ ބޮޑެތި މަގުތަށް އަދި ބަނދަރު ސަރަހައްދުގައި ކުރިއަށްގެންދާނެ ހަރަކާތެކެވެ. މި ހަރަކާތުގައި ބައިވެރިވާނީ ކަމަދޫ ދެޖިންސުގެ ޒުވާނުންނެވެ. ސަގާފީ ގިނަ ހަރަކާތްތަކާއި އެކު ކުރިއަށްދާ މިހަރަކާތުން ރަށުގެ ސަގާފި ކުޅިވަރުގެ ކުރިމަގު އުޖާލާކަން ފެނިގެންދެއެވެ. އަދި ޒުވާނުން ދައްކުވައިދޭނީ އިހުޒަމާނުގައި މާފަތި ނެށުމާއި، ފަތިގަނޑު އަދި ދަނޑި ޖެހުމުގެ ހަރަކާތްތަކެވެ.

ފަތް މާލި ނެރުން (އީދު 2 ވަނަ ދުވަހުގެ މެންދުރު)

ދޮންކެޔޮ ފަތް ބޭނުންކޮށްގެން ތައްޔާރުކުރާ މާލިތަކެއް ރަށުގެ މަގުތަކުގައ ބޮޑުބެރުޖަހައި ނަށަމުން ހިނގާ މި ހިނގުމަކީ ކަމަދޫގެ އީދުކުޅިވަރުގެ ފިރިހެނުންގެ އެންމެ ޒަމާންވީ މާލީ ކުޅިވަރުކަން ފާހަގަކުރެވެއެވެ. ހައިބަތު ބޮޑުކޮށް ތައްޔާރުކުރެވިފައިވާ މި މާލިތަކާއެކު ބަނދަރު ސަރަހައްދުގައި ބެރާއެކު ފޯރިގަދަ ވަގުތުތަކެއް ހޭދަކުރާނެއެވެ. މާލިތަކާއި އެކު ފޮޓޯ ނެގުމާއި ނެށުމުގެ ހަރަކާތްތައް ކުރިއަށްދާ ވަގުތު އަންހެން ކަންބަލުންގެ ފަރާތުން ފިނިހިތްޕެވުމެއް ކުޅިވަރު ބެއްލެވުމަށް ވަޑައިގެން ތިއްބަވާ އެންމެހައި ފަރާތްތަކަށް އެ ހަރަކާތްތަކުގެ ތެރެއިން އަރުވާނެއެވެ.

ކޯޑީގެ އަގުކިޔުން (އީދުގެ ދެވަނަ ދުވަހުގެ ހަވީރު)

ކޯޑީގެ އަގަކީ ކޯޑި ހަދަން ހަވާލުވެފައިވާ ފިރިހެން ބޭފުޅުން އެކަމުގެ އުޖޫރައެއްގެ ގޮތުގައި ކިޔާ އަގެކެވެ. މި އަގު ހޯދުމަށް އަންހެން ވެރިން ބެރު ޖަހާފައި ކޯޑި ހަދާ ސަރަހައްދަށްގޮސް ކޯޑި ހަދާ ފިރިހެންވެރިން އަރިހުން ހޯދައެވެ. އަދި މި އަގު ދިނުމަށްފަހު ކޯޑި ނެރުމަށް ތައްޔާރުވާނެއެވެ.

ފިރިހެނުންގެ ކޯޑި ކުޅިވަރު (އީދު ދެވަނަ ދުވަހުގެ ހަވީރު)

ފިރިހެނުންގެ ކޯޑި ކުޅިވަރުން ފެނިގެންދާނީ އިހުގެ ދިވެހި ފިރިހެނުންގެ ސާދާ ކަމާއި ހުނަރުވެރިކަމެވެ. ސަގާފީ ހުދު ހެދުމުގައި ރަށުގެ ކުދި ބޮޑު ފިރިހެނުން، ފިރިހެން މެހެމާނުންނަށްއެކު ނިކުމެ ރަށުގެ ބޮޑެތި މަގުތަކުގައި އެކަމަށް ހާއްސަކުރެވިފައިވާ ލަވަޔާއެކު ނަށާނެއެވެ. އަދި ރަށުގެ އަންހެން ކޮމިޓީއާއި މުއައްސަސާތަކުގެ އަންހެންވެރިންގެ ބޮލަށް އެ ކޯޑި މެދުވެރިކޮށް ގޮންޖަހާނެއެވެ. އެ ފޯރިގަނޑު ނިމިގެންދާނި ބަނދަރު ސަރަހައްދުގައި ބެރުޖަހައި ނަށައި ކޯޑި ރުކުގައި އެލުވުމަށްފަހުގައެވެ.

އީދު ޝޯވް (އީދުގެ ދެވަނަ ދުވަހުގެ ރޭ)

ކަމަދޫގެ މަޝްހޫރު ސަގާފީ ބަނޑިޔާ، ކުރުފަލި، ބޮޑުބެރު އަދި މިނޫންވެސް ތަފާތު ހަރަކާތްތައް ޝޯވގެ ތެރޭގައި ހިމެނިގެންދާނެއެވެ.

އަންހެނުންގެ ކޯޑި ކުޅިވަރު (އީދުގެ 3 ވަނަ ދުވަހުގެ ހެނދުނު)

އަންހެނުންގެ ކޯޑި ކުޅިވަރަކީ ފިރިހެނުންގެ ކޯޑި ކުޅިވަރެކޭ އެއްފަދައިން އަންހެންވެރިންގެ އެންމެ ހާއްސަކުޅިވަރެވެ. މި ހަރަކާތުގައި ކަމަދޫގެ އެންމެހައި އަންހެން ކަނބަލުންގެ އިތުރުން ރަށަށް ޒިޔާރަތްކޮށްފައިވާ އެންމެހައި ކަނބަލުންނަށްވެސް ބައިވެރިވެވޭނެހެން ރާވާލެވިފައިވާ ކުޅިވަރެކެވެ. ރަށުގެ އިސްމަގާމުތަކުގައި ތިއްބަވާ ފިރިހެނުންގެ ބޮލަށް ގޮންޖެހުމާއި ބަނދަރު ސަރަހައްދުގައި ބޮޑުބެރާއިއެކު ފޯރިގަދަ ސަގާފި ހަރަކާތެއް މިކުޅިވަރުގައި ކުރިއަށްދާނެއެވެ.

ކުޑަކުދިންގެ ކުޅިވަރު ހާލި (އީދުގެ 3 ވަނަ ދުވަހުގެ ހެނދުނު)

ކުޑަކުދިންގެ ހަވީރެއްފަދައިން ކުޑަކުދިންގެ ކުޅިވަރު ހާލީގެ މަގުސަދަކީ ރަށުގައި އެވަގުތު ތިބޭ ހުރިހާ ކުޑަކުދިންނަށްޓަކައި ކުޑަކުދިންގެ ހަވީރެއްފަދަ ވަގުތުކޮޅެއް ހޯދައިދިނުމެވެ. އަދި މި ހަރަކާތް ކުރިއަށް ދާނީ ކަމަދޫ ބަނދަރު ސަރަހައްދުގައިވާ ދިވެހި ރުއްގަނޑު ތެރޭގައެވެ. ތަފާތު ގިނަ ކުޅިވަރުތަކެއް ކުދިންނަށާއި، އާއިލާތަކަށް އިންތިޒާމް ކުރެވިފައި ހުންނާނެއެވެ.

ދެލި މާލި ނެރުން (އީދުގެ 3 ވަނަ ދުވަހުގެ މެންދުރު)

ދެލި މާލި ކުޅިވަރު ގުޅިފައިވަނީ ކޯޑިކުޅިވަރާއެވެ. ދެލި މާލި ކުރަހފައި ތިބޭ މީހުންނަކީ ކޯޑި ކެނޑި މީހުންކަމަށްވާތީ އެކަމުގެ އަދަބެއްގެ ގޮތުގައި އެމީހުންގެ ގައިގައި ކުރަހައި ރަށުގެ މަގުތަކައި ހާއްސަލަވަތަކެއް ކިޔާ ނައްޓުވާ ގެންގޮސް މޫދަށް ލެވޭނެއެވެ. އަދި އެ ސަރަހައްދުގައި ފިނި ހިތްޕެވުމާއިއެކު ބޮޑުބެރުގެ ހަރަކާތްތައް ގިނަ މީހުންނަށް ބައިވެރިވެވޭނެހެން ކުުރިއަށްގެންދެވޭނެއެވެ.

ފެން ކުޅި (އީދުގެ 3 ވަނަ ދުވަހުގެ ހަވީރު)

އިރު އޮއްސެންދެން ކުރިއަށްގެންދެވޭ މި ހަރަކާތަކީ ރަށުގައި އެވަގުތު ދިރިއުޅޭ އެންމެންހެން ބައިވެރިވާ އީދު ފުރުވާލުމުގެ ހަރަކާތެކެވެ. ފެންޖެހުމުގައި އިޖްތިމާއީ މިންގަނޑުތައް ހިފެހެއްޓުމާއެކު މުޅިރަށް އެކަމުގައި ބައިވެރިވަނީ އަޖައިބުކުރަވަނިވި ގޮތަކަށެވެ.

ބޮޑު މަހުގެ ކުޅިވަރު (އީދު 3 ވަނަ ދުވަހުގެ ރޭގަނޑު)

ބޮޑުމަހުގެ ކުޅިވަރަކީ ކަމަދޫގެ ބަނދަރު ސަރަހައްދުގައި ކުރިއަށްގެންދާ އިހުގެ ދިރިއުޅުމުގެ ތެރެއިން މަސްވެރިކަމުގެ ހާދސާއެއް ދައްކުވައިދޭ ޑްރާމާއެކެވެ. މި ހަރަކާތުގެ ސެޓް ފަރުމާކުރެވިފައި ހުންނާނީ އިހުޒަމާނުގެ ތަކެތި ބޭނުންކޯށް އޭރުގެ ދިރިއުޅުމުގެ ގޮތްތައް ބެލުންތެރިންނަށް ސިފަވާނެ ގޮތަކަށެވެ. އަދި މި ހަރަކާތް ބެލުމަށް ބަނދަރު ސަރަހައްދު ފުރެންދެން އާއިލާތައް ހަރަކާތްތެރިވާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގޯއްޗާއި ފްލެޓްގެ މައްސަލަ - ދެން ދާންވީ މުއްތަލިބު އަރިހު ސަލާން ޖަހަން؟

ގޯއްޗާއި ފްލެޓްގެ މައްސަލަ - ދެން ދާންވީ މުއްތަލިބު އަރިހު ސަލާން ޖަހަން؟

28 ޑިސެމްބަރު 2024
"ދެން އަންނަ އީދެއްގައި ދާން ބޭނުންވަނީ ކަމަދޫއަށް"

"ދެން އަންނަ އީދެއްގައި ދާން ބޭނުންވަނީ ކަމަދޫއަށް"

18 ޖޫން 2024
"އަހަރެމެންނަށް މިހެން އުޅެވޭކަށް ނެތް، އަހަރެމެން ދާންވީ ކޮންތާކަށް؟"

"އަހަރެމެންނަށް މިހެން އުޅެވޭކަށް ނެތް، އަހަރެމެން ދާންވީ ކޮންތާކަށް؟"

11 އޮކްޓޯބަރު 2023
"މީ އެފަހަރޭ" އާއެކު ފުޓްބޯޅައިގެ އީދަށް އިތުރު ފޯރިއެއް

"މީ އެފަހަރޭ" އާއެކު ފުޓްބޯޅައިގެ އީދަށް އިތުރު ފޯރިއެއް

01 އޮކްޓޯބަރު 2021
ގާޒީ އިސްމާއީލް: އިންސާފު ހޯދަން ދާންވީ ޖިނާއީ އިޖުރާއަތު ނުދަންނަ ފަނޑިޔާރެއްގެ އަރިހަށް؟!

ގާޒީ އިސްމާއީލް: އިންސާފު ހޯދަން ދާންވީ ޖިނާއީ އިޖުރާއަތު ނުދަންނަ ފަނޑިޔާރެއްގެ އަރިހަށް؟!

23 ސެޕްޓެމްބަރު 2020

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު