އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް 3 ވަނަ ދައުރަކަށް މޯދީ ހުވާކުރެއްވުމުގެ ތާރީޚީ އަދި މުހިންމު ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޑރ މުއިއްޒު ރާއްޖޭގެ މަތީ ފަންތީގެ ވަފުދަކާ އެކު ވަޑައިގެން އުޅުއްވަމުން ގެންދަވަނިކޮށް، ޑރ. މުއިއްޒުގެ ކޮންޓްރޯލްގައި ތިބި މަޖިލިސް މެމްބަރުން ރާއްޖެ އާއި އިންޑިއާ އެކު ހަދާފައިވާ އަސްކަރީ މުހިންމު އެއްބަސްވުންތަކެއް ތަހުގީގު ކުރަން ނިންމާ އެކަން އިސްތިހާރު ކޮށްފިއެވެ.
ޑރ.މުއިއްޒުގެ ޕާޓީގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ ނުވަތަ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ހޯމަ ދުވަހު ވަނީ ރައީސް ސާލިހްގެ ސަރުކާރުން އިންޑިއާ އާ އެކު ހަދާފައިވާ 3 އެއްބަސްވުމަކާ ބެހޭ އިންކުއަރީ އެއް ހެދުމަށް ފާސް ކޮށްފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެ އެއްބަސްވުން ތަކުގެ ސަބަބުން ގައުމީ ސަލާމަތަށާއި މިނިވަން ކަމަށް ބުރޫ އަރާފާނެ ކަމަށް ބެލޭތީ ކަމަށެވެ.
ތަހުގީގު ކުރާ އެއްބަސްވުން ތަކުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބިންގަނޑު އޮތް ގޮތް ދެނެގަތުމަށާއި ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ޗާޓު ކުރެހުމުގައި އެހީތެރިވެ ދިނުމުގެ ގޮތުން ހައިޑްރޮގްރަފީ ސާވޭ އެއް ހެދުމުގެ އެއްބަސްވުމާއި، އެމްއެންޑީއެފް ގެ ކޯސްޓް ގާޑަށް އުތުރު ތިލަފަޅުގައި ބަނދަރެއް ހަދާ ހިންގުމުގެ އެއްބަސްވުމާއި، ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރުމުގެ އެއްބަސްވުން ހިމެނެއެވެ.

މީގެ ތެރޭގައި ހިމެނޭ އުތުރު ތިލަފަޅުގައި ބަނދަރެއް ތަރައްގީ ކުރުމުގެ އެއްބަސްވުމަކީ މިހާތަނަށް އިންޑިއާގެ ހިލޭ އެހީ ހަމަޖެހުނު އެންމެ ބޮޑު މަޝްރޫއު ކަމަށް ވެއެވެ. އެމްއެންޑީއެފް ގެ ކޯސްޓްގާޑް ބޯޓު ފަހަރު އެހެން ގައުމުތަކަށް ގެންގޮސްގެން މަރާމާތު ކުރަން ޖެހުމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ރޭވުނު މި މަޝްރޫއު ފުރިހަމަ ވެގެންދާއިރު، ފަންނީ ގާބިލްކަން ތަރައްގީ ކުރުންވެސް މަޝްރޫއުގައި ހިމެނިފައިވެއެވެ. މަޝްރޫއު ނިމުމުން 15 އަހަރުގެ މުއްދަތަކަށް ބަނދަރު ހިންގާ ބެލެހެއްޓުމުގެ ޒިންމާވެސް އޮތީ އިންޑިއާ އަށް އުފުލަން ޖެހޭ ގޮތަށެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެން ހައިޑްރޮގްރަފީ އެއްބަސްވުން ވަނީ ބާތިލް ކޮށްފައެވެ. އެހެން ކަމުން ޗާޓު ކުރެހުމުގެ މަސައްކަތް އެހިސާބުން އެ ނިމުނީއެވެ. ޑޯނިއާ ފޯރުކޮށް ދިނުމާއި އޮޕަރޭޓް ކުރުމުގެ އެއްބަސްވުން ދެމި އެބައޮތެވެ. ބޯޓު އޮޕަރޭޓް ކުރަން ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އިންޑިއާގެ މަދަނީން ވަނީ ރާއްޖެ ގެނެސްފައި ކަމަށް މުއިއްޒުގެ ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.
މި އެއްބަސްވުން ތަކާއި ބެހޭ އިންކުއަރީ ހެދުމަށް 4 މެމްބަރުންގެ ސަބް ކޮމިޓީއެއް 241 ކޮމިޓީން އެކުލަވާލާ ތަހުގީގު ކުރަން ފަށާއިރު، އިންޑިއާ އާއި ދިވެހި ރާއްޖެ އާ ދެމެދު ޑިފެންސް އެގްރީމެންޓްތައް ހެދި އެ އެގްރީމެންޓުތަކުގެ ދަށުން ރާއްޖޭން އިންޑިއާގެ އެހީ ހޯދާތާ އެތަކެއް އަހަރު ތަކެއް ވެއްޖެކަން ފާހަގަ ކުރެވެއެވެ.
އިންޑިއާ އާ އެކު ޑިފެންސް އެއްބަސްވުންތައް ކޮންމެ ސަރުކާރަކުން ވެސް އައީ ހަދަމުންނެވެ. އަދި ކުރީ ސަރުކާރުން ފަށާފައި ހުންނަ އެއްބަސްވުމުގެ މަސައްކަތްތައް ދެން އަންނަ ސަރުކާރަކުން ވެސް ގެންދިޔައީ ކުރިއަށެވެ. އެއީ ވެރިކަމުގައި ތިބޭ ބަޔަކަށް ސިޔާސީ ގޮތުން ފާޑު ކިޔަމުން ވެރިކަމަށް އައުމުން އެކަން ރަނގަޅުވެ ކުރިއަށް ގެންދާ ބީދައިންނެވެ.
މީގެ އެއް މިސާލަކީ، ރައީސް ނަޝީދުގެ ވެރިކަމުގައި، 2009 ވަނަ އަހަރު ސޮއިކުރެވުނު ޑިފެންސް އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އަސްކަރީ ހޮސްޕިޓަލެއް ގާއިމް ކުރުމާއި، ރާޑަރު ބެހެއްޓުމާއި، ހެލިކޮޕްޓަރު ފޯރުކޮށްދޭން ހަމަ ޖެހިގެން ދިޔައިރު، އަސްކަރީ ހޮސްޕިޓަލްގެ ޚިދުމަތް ފެށުނީ ޑރ ވަހީދު ވެރިކަމުގައި ހުންނަވަނިކޮށްނެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ދެވަނަ ހެލިކޮޕްޓަރުވެސް ރާއްޖެ ގެނައީ ވަހީދުގެ ވެރިކަމުގައިކަން ފާހަގަ ކުރެވެއެވެ.

ރައީސް ޔާމީންގެ ޕީޕީއެމް ސަރުކާރުގެ ދުވަސްވަރު ވެސް އަސްކަރީ އެހީތައް އިންޑިއާ އިން ދިޔައީ ފޯރުކޮށްދެމުންނެވެ. ކޯސްޓަލް ރާޑަރ ސިސްޓަމްގެ އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޔާމީންގެ ވެރިކަމުގައެވެ. 241 ކޮމިޓީން ތަހުގީގު ކުރަން ފަށާ އުތުރު ތިލަފަޅު ގައި އެމްއެންޑީއެފް ކޯސްޓްގާޑަށް ބަނދަރެއް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ޕީޕީއެމް ސަރުކާރުން އިސްނަގައިގެން އެކުލަވާލެވުނު މަޝްރޫއެއްކަން ރެކޯޑްތަކުން ސާފުވެއެވެ. ޑޯނިއާ މަތިންދާ ބޯޓު ހޯދުމަށް އިންޑިއާގައި އެދުނީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ސަރުކާރުންނެވެ.
ރައީސް ސާލިހްގެ ވެރިކަން ފެށުމާއެކު އޭރު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަން އިން ވަނީ ރާއްޖެ އާ އިންޑިއާ ދެމެދު ހަދާފައިވާ އަސްކަރީ ގުޅުންތަކުގެ އެއްބަސްވުންތައް ދުވަހަކުވެސް ސިޔާސީ ނުކުރާ މިންވަރަށް ސިޔާސީ ކޮށްފައެވެ. އިންޑިއާ އިން ރާއްޖެއަށް ދޭ އަސްކަރީ އެހީތަކަކީ ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތައް ގެއްލުންވާ އެއްބަސްވުން ތަކެއްގެ ގޮތުގައި ސިފަކޮށް "އިންޑިއާ އައުޓް" ކެމްޕޭންގެ ނަމުގައި ބޮޑު ކެމްޕޭނެއް ރާއްޖޭގައި 2019 ވަނަ އަހަރުން ފެށިގެން ގެންދިޔައީ ހިންގަމުންނެވެ. ރާއްޖޭގައި އިންޑިއާގެ އެހީގައި ބެހެއްޓި ރާޑަރު ނިޒާމާއި، ޑޯނިއާ އެއްބަސްވުމުގައި ސޮއިކުރުމާއި އުތުރު ތިލަފަޅު ތަރައްގީ ކުރުމުގެ އެއްބަސްވުމާއި، ހައިޑްރޮގްރަޕީ ސާވޭ ހެދުމުގެ އެއްބަސްވުމަކީ ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާ އެއްބަސްވުން ތަކެއް ކަމަށް ބުނަމުން ދިޔައެވެ.

އެހެން ނަމަވެސް އެ އެއްބަސްވުންތައް ރައީސް ސާލިހްގެ ވެރިކަމުގައި ހަގީގަތަކަށް ވެގެން އައި އިރު އޭގެ ކުރިން އޮތް ޕީޕީއެމް ވެރިކަމާ ހަމައިން އެ އެއްބަސްވުން ތަކުގެ މަޝްވަރާތައް ކުރެވި އެތައް މަސައްކަތްތަކެއް ކުރެވިފައި ވާކަން ރެކޯޑްތަކުން ފެންނާން އެބައޮތެވެ. ތަހުގީގު ކުރާ ހުރިހާ އެއްބަސްވުމެއްގައި ވެސް އެކަން ކުރަން ބޭނުންވާ މީހުންގެ ފިންގަރޕްރިންޓް އެ ޑޮކިއުމެންޓް ތަކުގައި ފެންނަން ހުންނާނެއެވެ.
ކުރަން މިއުޅެނީ ހިތުން މާ މޮޅު ސިޔާސީ މަސައްކަތެއް ކަމަށް ބަޔަކަށް ހީވެދާނެއެވެ. އެކަމަކު ކުރެވޭ ކަމުން ދެން ނުކުންނާނެ ނަތީޖާ އެދޭ ގޮތާ ދިމާ ނުވީމާ ހިތައް ވާ ތަދު އަދި މާ ބޮޑުވެދާނެއެވެ. އެއް އަތުން އިންޑިއާ އާ އޮތް ގުޅުން ބަދަހި ކުރަނީއެވެ. އަނެއް އަތުން އެތައް ޒަމާނަކުން އުފެދުނު ގުޅުމުން އުފަންވި ފައިދާތައް ވީދާ ކުދި ކުރަނީއެވެ.