ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 09:46
އުމަރު ފެނިފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހު، މިހާރު އޭނާގެ ޢުމުރުން 40ގެ އަހަރުތައް ގުނަމުންދަނީ
ގެއްލުނު ކުއްޖެއް ފުނުން
ދަރިފުޅުގެ އިންތިޒާރުގައި އިން މަންމަ ވަކިވެ ދިޔަތާ އަހަރުތަކެއް ފަހުން ޢުމަރު މި ފެނުނީ ހަމަ ޝައްކު ކުރެވުނު ތަނުން!
ޢުމަރު ފެނުނީ، އެނާ ރަހީނު ކުރި މީހާގެ ގޭތެރޭގައި ޖަހާފައިވާ ހުއި ފުންޏެއްގެ ދަށުގައި ހަދާފައި ވާ، ކަންބަޅި ބަކަރި ގެންގުޅޭ ޒާތުގެ ކޮއްޓެއްގެ ތެރެއިން
ޢުމަރު ގެއްލުނު ދުވަސްވަރަކީ އަލްޖަޒާއިރުގެ ދާޚިލީ ކޯޅުންގަނޑު އިންތިހާއަށް ގޯސްވެ، 2 ލައްކައެއްހާ މީހުންގެ ފުރާނަ ގެއްލި، 20000 އެއްހާ މީހުން ރަހީނުގެ ޝިކާރައަކަށް ވީ ދުވަސްވަރު

ވީ ނުވީއެއް ނޭނގި މީހުން ގެއްލުމަކީ ޒަމާނުއްސުރެ ހިނގަމުން އަންނަ ހިތްދަތި ކަމެކެވެ. އެއްވެސް މީހަކީ، އޭނާ ލޯބިވާ މީހަކު ނުވަތަ އެކުވެރިއެއް ކަމުގައިވިއަސް، ނޫނީ ދަންނަ މީހަކަށްވެސް އެފަދަ ކަމެއް މެދުވެރިވާން އެދޭނެ މީހެއް ނޫނެވެ. ކޮންމެ ގޮތެއް ވަރިހަމަ ވާ މީހުން ނުއުޅެއެކޭ ނުބުނާނަމެވެ. މީހަކަށް ވީ ގޮތެއް ނޭނގި، ޚަބަރެއް ނުލިބި އެތައް ދުވަހެއް، ހަފުތާއެއް، މަހެއް ފާއިތުވަމުން ގޮސް އަހަރުތަކަކަށް ބަދަލުވާ ހިސާބުން ބައެއް މީހުން ހޯދުން ހުއްޓާ ނުލާ ވާހަކައެއްވެސް ނޫނެވެ.

އެއީ 1998 ވަނަ އަހަރެވެ. ދުވަސްވަރަކީ އަލްޖަޒާއިރުގައި ދާޚިލީ ހަނގުރާމައިގެ ހޫނު އެންމެ ގަދަވި ދުވަސްވަރެވެ. ޢުމުރުން 17 އަހަރުގެ ޢުމަރު ބިން ޢުމްރާންއަށް ވީ ނުވީ އެއް ނޭނގި ގެއްލުނެވެ. އެންމެ ފަހުން ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ ގެއިންނެވެ. އެ ދުވަސްވަރު މަސްރަހު އޮތް ގޮތުން، ޢުމަރު ހޯދުމަށް މާ ބޮޑު މަސައްކަތްތަކެއް ކުރެވުނު ކަމަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. ނަމަވެސް ޒަމާންތައް ފާއިތުވަމުން ގޮސް، އަދުގެ ހާލަތު ބަދަލުވެއްޖެއެވެ. އޭގެ 24 އަހަރު ފަހެވެ. ދުވަހަކީ، ދިރިހުއްޓާ ޢުމަރު އަނެއްކާވެސް ފެނުނު ދުވަހެވެ. އޭނާ ގެއްލުމުގެ ކުރިން އެންމެ ފަހުން ފެނުނު ގެއާ މާ ދުރަކުން ނޫނެވެ. ޢުމަރު ފެނުނީ، އޭނާގެ ގެއާ ގާތްގަނޑަށް 200 މީޓަރު ދުރުގައި ހުންނަ އަވަށްޓެރިއެއްގެ ގޭގައި ބަންދުވާ ގޮތަށް ހަދާފައި ހުންނަ ތަނެއްގެ ތެރެއިންނެވެ.

ޢުމަރު ގެއްލުނު ދުވަސްވަރަކީ އަލްޖަޒާއިރުގެ ދާޚިލީ ކޯޅުންގަނޑު އިންތިހާއަށް ގޯސްވެ، 2 ލައްކައެއްހާ މީހުންގެ ފުރާނަ ގެއްލި، 20000 އެއްހާ މީހުން ރަހީނުގެ ޝިކާރައަކަށް ވީ ދުވަސްވަރެވެ. ޢުމަރުގެ ޢާއިލާގެ ގިނަ މެންބަރުންނާއި އޭނާގެ ރައްޓެހިން ހިމެނުނީ އެ ކޯޅުންގަނޑުގައި މަރުވެ ދިޔަ މީހުންނާއި ރަހީނުގެ ޝިކާރައަކަށް ވީ މީހުންގެ ތެރޭގައެވެ. ޢުމަރަށް ވީ ގޮތެއް ނޭނގުނެވެ. އޭނާ ފެނޭތޯ ބެލުމަށް ކަމާ ބެހޭ ފަރާތްތަކުން ކުރިއަށް ގެންދިޔަ މަސައްކަތް، ދުވަސްކޮޅަކަށް ފަހު ހުއްޓާލިއެވެ. ނަމަވެސް، އުންމީދު ކަނޑާ ނުލި ހަމަ އެކަނި މީހަކީ ބަނޑު އަޅާ ވިހޭ މައިމީހާއެވެ. އެންމެ ހިނދު ކޮޅަކަށްވެސް އެ މަންމަގެ ހިތުން އުންމީދުގެ އަލިކަން ފިލާ ނުދެއެވެ. ނަމަވެސް، އެ މަންމަ ވަނީ 2013 ވަނަ އަހަރު، މި ދުނިޔެއާ ވަކިވެ ގޮސްފައެވެ. ޢުމަރަށް ވީ ގޮތެއް އެނގޭނެ ދުވަހެއް ލަފާކޮށްލަންވެސް އޭރަކު ނޭނގެއެވެ.

ޢުމަރުގެ ޙަޤީޤަތް ހާމަ ވާން ފެށީ މެއި މަހަށް ފެށުމާ އެކުގައިހެންނެވެ. އެއީ ޢުމަރުގެ އަވަށްޓެރިއެއްގެ އަޚެކެވެ. ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި އެ މީހާ ވަނީ، ފުރާވަރު ޢުމުރުގެ ދުވަސްތައް ގުނަމުން ދިޔަ ޢުމަރު ރަހީނު ކުރުމުގައި، އެ މީހާގެ ބޭބެގެ ދައުރެއް އޮތް ކަމަށް ޝައްކު ކުރެވޭ ކަމަށް ބުނެފައެވެ.

ސޯޝަލް މީޑިއާގައި އެ ވާހަކަ ހާމަ ކުރީ، ވާރުތައިގެ މައްސަލައެއްގައި ދެބެންގެ މެދުގައި ހައިޖާނުގަނޑެއް އުފެދުމުގެ ސަބަބުންނެވެ. އެކަކު އަނެކަކުގެ ސިއްރުތައް ކަޝްފު ކުރަމުން ގޮހެވެ. އުންމީދަކަށް ވީ، އަނެކާ ހައްޔަރު ކުރުމެވެ. ރޭވުން ކާމިޔާބު ވާ ގޮތް ވީ، ޢުމުރުގެ ތިމާގެ މީހަކަށް، އެ ޕޯސްޓް ފެނުނު ހިސާބުންނެވެ. އެހާ ހިސާބުން ފުލުހުންނަށް މައްސަލަ ހުށަހެޅިއެވެ. އަދި އަވަށްޓެރިޔާގެ ގެދޮރު ބަލާ ފާސް ކުރުމަށް، އަލްޖަޒާއިރުގެ ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހުން ޢަމުރު ނެރުނެވެ.

ދުވަހަކީ މެއި މަހުގެ 12 ވަނަ ދުވަހެވެ. މިހާރު ޢުމުރުން 40ގެ އަހަރުތައް ގުނަމުންދާ ޢުމަރު ބިން ޢުމްރާން ދިރިހުއްޓާ ފެނުނު ދުވަހެވެ. ހަމަ އެ ބުނި އަވަށްޓެރިޔާގެ ގޭތެރެއިންނެވެ. ޢުމަރު ފެނުނީ، އެ ގޭތެރޭގައި ޖަހާފައިވާ ހުއި ފުންޏެއްގެ ދަށުގައި ހަދާފައި ވާ، ކަންބަޅި ބަކަރި ގެންގުޅޭ ޒާތުގެ ކޮއްޓެއްގެ ތެރެއިންނެވެ. މައްސަލާގައި ތުހުމަތު ޢަމާޒު ވަނީ ޢުމުރުން 61 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ ނަމުގެ ފެށޭ އަކުރުތައް ފިޔަވާ އިތުރު ވަނަވަރެއް ނޭނގެއެވެ. އެމީހަކަށް ރިޢާޔަތް ކުރަން ޖެހެނީ ބީއޭގެ ނަމުންނެވެ. ފުލުހުންގެ ރެއިޑް ކުރިއަށް ދަނިކޮށް އޭނާ ވަނީ ފިލަން ދުއްވައިގެންފައެވެ. ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބީއޭއަށް ހުރަސް އަޅާފައެވެ. އަދި މިހާރު އޭނާ ހުރީ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައެވެ. ޢުމަރު ރަހީނުކޮށް، ބަންދުކޮށްފައި އިން ގޮޅިއަށް ފުލުހުން ވަންނަން ދިޔަ ހިސާބުން، ޢުމުރުގެ މޫނުމަތިން ފެންނަން ފެށީ ސުވާލު މާކުގެ އަސަރުތަކެވެ. ޢުމަރު ބެލި ޑޮކްޓަރުން ވަނީ އޭނާގެ ހަށިގަނޑުގައި ޖިސްމާނީ އަދި ނަފްސާނީ މައްސަލަތަކެއް ހުރި ކަމަށް ބުނެފައެވެ.

ޢުމަރުގެ އެހެން އަވަށްޓެރިން ކިޔައި ދިން ގޮތުގައި ބީއޭއަކީ މުޅިންވެސް އެކަނި-އެކަނި އުޅުނު މީހެކެވެ. އެ ގެއަށް ވަދެނުކުތުމުގެ ހުއްދައެއް އެއްވެސް މީހަކަށް ނޯވެއެވެ. އެއީ އެކަނި ދިރިއުޅެމުން ދިޔަ މީހަކަށް ވީ ނަމަވެސް، ކާބޯތަކެތި އޯޑަރު ކޮށް ހަދާ އިރު، 2 މީހެއްގެ ކެއުމަށް އޯޑަރު ދޭ ކަންވެސް، ބައެއް އަވަށްޓެރިންނަށް އޮތީ ފާހަގަ ކުރެވިފައެވެ. ބީއޭ ވަނީ، ޢުމަރު ގެންގުޅުނު ކުއްތާއެއްވެސް މަރާލާފައި ކަމަށް އަވަށްޓެރިން ތުހުމަތު ކުރެއެވެ. ޢުމަރު ރަހީނު ކުރި ދުވަސްކޮޅު، ބީއޭގެ ގޭ ކައިރިން އެ ކުއްތާ ދުރަށް ނުގޮސް އިންނަ ކަމަށާ، ފަހުން އެ ކުއްތާވެސް ނުފެންނަ ކަމަށް އަވަށްޓެރިން ބުނެއެވެ.

ޢުމަރަށް ވީ ގޮތެއް ދެނެގަތުމުގެ ތަހުޤީޤު އަދިވެސް ދަނީ ކުރިއަށެވެ. ނަމަވެސް، ބިންގަރާހެއްގައި ހަދާފައި ވާ ޖަލުގައި އޭނާ ބަންދުކޮށްފައި އިން އިރު، ދާދި ކައިރިން ޢާއިލާ މެންބަރުން ދާ މަންޒަރު ފެންނަ ކަމަށް ޢުމަރު ވަނީ ފުލުހުން ގާތު ބުނެފައެވެ. ނަމަވެސް އޭނާ ރަހީނު ކުރި މީހާ ހެދި ސިހުރެއްގެ ސަބަބުން، އެހީއަށް އެދި ނުގޮވުނީ ކަމަށްވެސް ޢުމަރު ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް