މަސްވެރިންނަށް ދޫކުރަންޖެހޭ 62 މިލިއަން ރުފިޔާ ނުދެވި އެބައޮތް: މިނިސްޓަރު ޝިޔާމް
23 އޭޕްރީލްއިން ފެށިގެން މިއަދާ ހަމައަށް ފައިސާ ދޫކޮށްފައިނުވޭ


ފަރެސްމާތޮޑާ މަސްވެރިން
މަސްވެރިންނަށް ދޫކުރަންޖެހޭ 62 މިލިއަން ރުފިޔާ ނުދެވި އެބައޮތް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ފައިސާ ދޫކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އެގޮތުން 22 އޭޕްރީލްއާ ހަމައަށް މަސްވެރިން ބޭނި މަހަށް ފައިސާ ދޫކޮށްފައިވާ ކަމަށާއި، 23 އޭޕްރީލްއިން ފެށިގެން މިއަދާ ހަމައަށް ފައިސާ ދޫކޮށްފައިނުވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. މިނިސްޓަރު ޝިޔާމް ވިދާޅުވީ މިހާރު ޖުމްލަ 62 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެވިއޮތްއިރު، މި ސަރުކާރުން މިހާތަނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސް ނިމޭ ދުވަސްވަރު މިފްކޯއަށް މާލީ ގޮތުން ދަތިތައް ކުރިމަތިވާ ކަމަށާއި، ނަމަވެސް އުންމީދުކުރަނީ ވީހާ ވެސް އަަވަހަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދޫކުރުން ކަމަށެވެ. ނަމަވެސް އެފައިސާ ދޫކުރާނެ ވަކި ދުވަހެއް މިނިސްޓަރު ޝިޔާމް ވިދާޅެއް ނުވެއެވެ.
މާލީ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ފިނޭންސް މިނިސްޓަރު ކުރައްވާ މަސައްކަތުން މިހާރު އަލިމަގެއް ފެންނަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓާއެކު ހައްލެއް ލިބޭނެ ކަމަށާއި، ނަމަވެސް މިހާރު އޮތް ބަޖެޓާއެކު ކުރިއަށްދާންޖެހޭ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މާލީދަތިކަމާ ހުރެ މަސްވެރިންނަށް ފައިސާ ނުދެވޭ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވާއިރު، ކުރީ ސަރުކާރުގެ ދައުރު ނިމުނުއިރު ވަނީ މިފްކޯއިން މަސްވެރިންނަށް ފައިސާ ދިނުމަށް 100 މިލިއަން ރުފިޔާ އައު ސަރުކާރަށް ހަމަޖައްސާފައެވެ. ކުރީ ސަރުކާރުގައި އާންމުކޮށް ކޮންމެ ހަފްތާއަކު ފައިސާދޫކުރަމުން ދިޔައެވެ.
މަސްވެރިންނަށް ދޫކުރަންޖެހޭ 62 މިލިއަން ރުފިޔާ ނުދެވި އެބައޮތް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވާއިރު، މިސަރުކާރުގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ މީގެ ކުރިން ވެސް ދޫކޮށްފައިވަނީ މަސްވެރިން ރުޅިގަދަވެ، އިހުތިޖާޖަށް ނުކުތުމުންނެވެ. މި އިހުތިޖާޖުގައި ގިނަ އަދަދެއްގެ މަސްވެރިން ވަނީ ބައިވެރިވެ، ނުރުހުން ފާޅުކޮށްފައެވެ. ފައިސާ ނުލިބުމާއި ގުޅިގެން ދިރިއުޅުމުގެ ހާލަތު ދަށްވެ، މަހަށް ފުރޭނެ ގޮތް ވެސް ނެތް ކަމަށް ބައެއް މަސްވެރިން ބުނެފައިވެއެވެ.






