ކ. މާލެ
|
16 މެއި 2024 | ބުރާސްފަތި 14:32
ދުބާއީ - ޑުބާއީގެ އިމިގްރޭޝަން ޑިޕާޓްމަންޓާ ގުޅައިގެން ޑުބާއީގައި ޕްރޮޕަޓީތަކަށް އިންވެސްޓް ކޮށްގެން އުޅޭ ޕާކިސްތާނު މީހުންގެ މައުލޫމާތު ހޯދުމަށް އެދިގެން އެކަން ވާ ގޮތެއް ނުވޭ
ދުބާއީ - ޑުބާއީގެ އިމިގްރޭޝަން ޑިޕާޓްމަންޓާ ގުޅައިގެން ޑުބާއީގައި ޕްރޮޕަޓީތަކަށް އިންވެސްޓް ކޮށްގެން އުޅޭ ޕާކިސްތާނު މީހުންގެ މައުލޫމާތު ހޯދުމަށް އެދިގެން އެކަން ވާ ގޮތެއް ނުވޭ
ދުބާއީ ހޮޓަލިއަރމިޑްލްއީސްޓް
މުއްސަނދި ކަމުގެ ބާރު
މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ
ޕާކިސްތާން ބަނގުރޫޓްވެފައި އޮތެއް ކަމަކު ޕާކިސްތާނުގެ ރައްޔިތުންގެ ނަމުގައި ހުރި 23،000 ޕްރޮޕަޓީ 2022 ގެ ނިޔަލަށް ޑުބާއީގައި އެބަހުރި
ބޭރުގައި އިންވެސްޓްކޮށްގެން އުޅޭ މީހުންގެ އަތުން ޓެކްސް ހޯދަން ސަރުކާރުން ބޭނުންވިޔަސް އަނެއް ގައުމުން އެކަމުގައި ދޭން ޖެހޭ އެއްބާރުލުން ނުލިބޭނަމަ އެކަން ކުރެވޭނެ ގޮތެއް ނޯންނާނެ

ވަކި މިނަކަށް ވުރެ މައްޗަށް މުއްސަނދިކަމާ ތަނަވަސްކަން ދިއުމުން ދެން އެފަރާތެއްގެ މައްޗަށް ހިނގާނެ ގާނޫނެއް ގަވައިދެއް އޮންނަ ކަމަކަށް ނުވެއެވެ. މުއްސަނދިކަމުގެ ބޭނުން ހިފައިގެން ގާނޫނަށްވުރެ މަތީގައި ތިބޭ މީހުންނާއި ގައުމުތައް ދުނިޔޭން އެ ދަނީ ފެންނަމުންނެވެ. ޕާކިސްތާނާއި ޑުބާއީ އާ ދެމެދުގެ ޓެކްސް އާ ބެހޭ ގޮތުގައި ހިނގާފައި ހުރި މުއާމަލާތްތަކާއި އާޚިރުގައި ކަން ނިމިގެން ދިޔަ ގޮތަށް ބަލާއިރު ގަދަ މީހާ ގަދަވާ ގޮތް ކިތަންމެ ރަނަގަޅަކަށްވެސް ފެނިގެން ދެއެވެ.

ޕާކިސްތާނަކީ ބަނގުރޫޓުވެފައިވާ ގައުމެކެވެ. މިހާރު ގައުމު އޮތީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އުނގައް ވެއްޓިފައެވެ. ގައުމުގެ ކަންކަން ހިނގަނީ އައިއެމްއެފް އިން ދަރަންޏަށް ދޭ އެތިއެތިކޮޅުންނެވެ.

މައިގަނޑު ސަބަބަކީ ވަންނަން ޖެހޭ އާމްދަނީ ނުވަދުމެވެ. ލިބެން ޖެހޭ ޓެކްސް ނުލިބުމެވެ.

މިކަން މިހިނގާގޮތް، އެމެރިކާގެ ސެންޓަރ ފޯ އެޑްވާންސްޑް ޑިފެންސް ސްޓަޑީޒް އިން އެއްކޮށްފައިވާ މައުލޫމާތުގެ މައްޗަށް ޕާކިސްތާނުގެ ނޫހެއް ކަމަށްވާ ޑޯންގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައިވާ މައުލޫމާތުތަކަށް ބަލާލުމުން އެބަ އެނގެއެވެ. އެ މައުލޫމާތުގައިވާ ގޮތުން ޕާކިސްތާން ބަނގުރޫޓްވެފައި އޮތެއް ކަމަކު ޕާކިސްތާނުގެ ރައްޔިތުންގެ ނަމުގައި ހުރި 23،000 ޕްރޮޕަޓީ 2022 ގެ ނިޔަލަށް ޑުބާއީގައި އެބަހުއްޓެވެ.

މިހާރުގެ ރޭޓުން ބަލާއިރު ޕްރޮޕަޓީގެ ތަކުގެ އަގު އެންމެ ނަގާލާފައިވެސް 12.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ތަޖުރިބާކާރުން އަންދާޒާ ކުރެވެއެވެ.

ޕާކިސްތާން - ޕާކިސްތާނުގެ އޮފިޝަލުން ބުނަނީ ޑުބާއީގައި ޕާކިސްތާނު މީހުން ކޮށްފައިވާ އިންވެސްޓްމަންޓްތަކުން ޕާކިސްތާނަށް ލިބޭ އެކައްޗެއްވެސް ނެތް ކަމަށް

ޕާކިސްތާނުގެ އޮފިޝަލުން ބުނަނީ ޑުބާއީގައި ޕާކިސްތާނު މީހުން ކޮށްފައިވާ އިންވެސްޓްމަންޓްތަކުން ޕާކިސްތާނަށް ލިބޭ އެކައްޗެއްވެސް ނެތެވެ. އެމީހުން ޑުބާއީގައި އިންވެސްޓް ކޮށްގެން އުޅެނީވެސް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށް މަކަރު ހެދުމުގެ ގޮތުންނެވެ.

ޕާކިސްތާނުގެ ގާނޫނުގެ ދަށުން އެ ގައުމުގެ ރައްޔިތުން އެހެން ގައުމުތަކުގައި ކޮށްގެން އުޅޭ އިންވެސްޓްމަންޓްތަކުން ގައުމަށް ހައްގުވާ އެއްޗެއް ހޯދަން އެ ގައުމުން ބޭނުންވެއެވެ. އެކަމަކު އެކަން ކުރާން ބަލާއިރު ކުރެވޭނެ މަގެއް ފެންނާކަށް ނެތެވެ. ޕާކިސްތާނުގެ ފެޑެރަލް ބޯޑް އޮފް ރެވެނިއުގެ ޗެއަރމަން ޑޯން މާލިކް އަމްޖަދް ޑޯން ނޫހަށް ވިދާޅުވެފައިވަނީ، ޑުބާއީގެ އިމިގްރޭޝަން ޑިޕާޓްމަންޓާ ގުޅައިގެން ޑުބާއީގައި ޕްރޮޕަޓީތަކަށް އިންވެސްޓް ކޮށްގެން އުޅޭ ޕާކިސްތާނު މީހުންގެ މައުލޫމާތު ހޯދުމަށް އެދިގެން އެކަން ވާ ގޮތެއް ނުވި ކަމުގައެވެ. ބޭރުގައި އިންވެސްޓްކޮށްގެން އުޅޭ މީހުންގެ އަތުން ޓެކްސް ހޯދަން ސަރުކާރުން ބޭނުންވިޔަސް އަނެއް ގައުމުން އެކަމުގައި ދޭން ޖެހޭ އެއްބާރުލުން ނުލިބޭނަމަ އެކަން ކުރެވޭނެ ގޮތެއް ނޯންނާނެއެވެ.

ފެޑެރަލް ބޯޑް އޮފް ރެވެނިއުގެ ކުރީގެ ޗެއަރމަން ޝައްބާރު ޒައީދީގެ ވާހަކަވެސް ހުރީ ހަމަ އެގޮތަށެވެ. އޭނާ ބުނުއްވާ ގޮތުގައި 2019 ވަނަ އަހަރުވެސް އެ މައުލޫމާތު ހޯއްދަވަން އޭނާ މައްސަކަތް ކުރެއްވިއެވެ.

އޭނާ ބުނުއްވީ ޑުބާއީ އިން އެތާނގައި ރެސިޑެންސް ވިސާގައި އުޅޭ ޕާކިސްތާން ރައްޔިތުންގެ މައުލޫމާތު ހޯދުމަށް އުޅެގެން އެކަންވެސް ނުވިކަމުގައެވެ.

މި މައުލޫމާތު ހޯދަން އުޅުމުން ޔޫއޭއީގެ ޑިޕްލޮމަޓަކު އެކަމާ ނޫޅުމަށް އޭނާ އަށް ދެންނެވި ކަމަށްވިއެވެ. އެކަން އިތުރަށް ކުރިއަށް ގެންދަން އުޅުމުން އެ ޑިޕްލޮމަޓް ދެން ޝަކުވާ ކުރީ އޭރުގެ ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރޭޝީއަށެވެ. އެއާއެކު އެކަން ހަނދާން ނައްތާލުމަށް ޒައިދީއަށް ފޮރިން މިނިސްޓަރ ދެންނެވިއެވެ.

ގޮތް ދޫނުކޮށް ޒައިދީ އެ މައުލޫމާތު ހޯދުމަށް އިތުރަށް ބާރުއަޅަން ފެށުމުން ސީދާ އޭރުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވި ކަމަށްވަނީ "އެމީހުން އަހަރެމެންނަށް މިހާރު އެ ދިނީ 1 ބިލިއަން ޑޮލަރު."

އިމްރާންޚާން އިޝާރާތް ކުރެއްވީ ޕާކިސްތާން ބަނގުރޫޓުވުމާ ގުޅިގެން 2019 ވަނަ އަހަރުގެ ޖަނަވަރީމަހު ޔޫއޭއީން ޕާކިސްތާނަށް ދޭން ނިންމި 3 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖަށް ކަމަށް ޒައިދީ ހާމަކުރެއްވިއެވެ.

ޑޯން ނޫހުގައި ޒައިދީއާ ހަވާލާދީ ބުނެފައިވަނީ، ބަނގުރޫޓުވެފައިވާ އޮތުމާއި، އަބަދު ޔޫއޭއީ ފަދަ ގައުމުތަކުގެ ކިބައިން ފައިސާގެ އެހީއަށް އެދެން ޖެހިފައި އޮންނަ އިރު، އެ ގައުމުތަކުން މައުލޫމާތު ހޯދަން ޕާކިސްތާނަކަށް ނޭދެވޭނެ ކަމަށެވެ.

މީގެ އާޚިރު ނަތީޖާއަކީ ޕާކިސްތާނުގެ ރައްޔިތުންނެއް ކަމަކު ޑުބާއީގައި އިންވެސްޓްކޮށްގެން އުޅޭ އެއްވެސް ރައްޔިތެއްގެ ފަރާތުން ޕާކިސްތާނަށް ޓެކްސްގެ ގޮތުގައި ލިބެނެ ޖެހޭ އެއްވެސް އެއްޗެއް ނުލިބުމެވެ. ލިބޭނީ ކިހިނެއް ހެއްޔެވެ. އެއިން މީހެއްގެ މައުލޫމާތެއްވެސް ހޯދޭނެ ފަދަ ޕާކިސްތާނުގެ ސަރުކާރަކު ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް