Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޤަބުރުތަކުގެ ތެރެއިން ހޮވި ކުއްޖާ

ޤަބުރުތަކުގެ ތެރެއިން ހޮވި ޔަތީމު ކުއްޖާގެ ވާހަކަ...

އަސްލެއް ނަސްލެއް ނޭނގި، ފޮސްޓަރ ޢާއިލާއެއްގެ ތެރޭގައި ބޮޑުވެގެން އައި ދުވަސްވަރަކީވެސް މި ޒުވާނާއަށް ހިތްދަތި އެތައް ކަމަކާ ކުރިމަތިލާން ޖެހުނު ދުވަސްވަރެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 8 އެޕްރީލު 2024 | ހޯމަ 07:38
ރުވާންޑާ ގަތުލުއާންމުގައި ތުއްތު ކުއްޖެއްގެ ގޮތުގައި ޔަތީމުވި، އަދުގެ ޒުވާނެއް

ރުވާންޑާ ގަތުލުއާންމުގައި ތުއްތު ކުއްޖެއްގެ ގޮތުގައި ޔަތީމުވި، އަދުގެ ޒުވާނެއް

އޭޕްރިލް 7 ވަނަ ދުވަހަކީ މީގެ 30 އަހަރު ދުވަސް ކުރިން، އެންމެ 3 މަސްދުވަހުގެ ތެރޭގައި ރުވާންޑާގައި އެޔައް ހާސް ބަޔަކު ގަތުލު ކުރި ނަސްލު ދޮވެލުމުގެ ގަތުލުއާންމުގައި މި ދުނިޔެއާ ވަކިވެ ދިޔަ މީހުންގެ ހަނދާނުގައި ފާހަގަ ކުރާ ދުވަހެވެ. މުޅި ދުނިޔެ ސިއްސުވާލި އެ  ގަތުލުއާންމުގައި ތޫތުސީއާއި މެދުމިނު ފިކުރުގެ ހޫތޫ ދަރިކޮޅުން 8 ލައްކަ މީހުންގެ ފުރާނަ ދުއްވާލިއެވެ.

މި އަނިޔާވެރިކަމުން ސަލާމަތްވި މީހުންނަށް އެހީތެރިވުމުގެ ގޮތުން އެކިއެކި ޤާނޫނީ ޝަރީޢަތްތައް މިދިޔަ އަހަރުތަކުގެ ތެރޭގައި ވަނީ ހިންގާފައެވެ.

ނަމަވެސް ރުވާންޑާގެ އެއް ޒުވާނަކަށް މާޒީއާ ސުލްހަ ވުމޭ ބުނާ ބަހުގެ މާނައަކީ، އޭނާގެ އައިޑެންޓިޓީ ނުވަތަ ޝަޚްސީ އަސްލުގެ ސިއްރު އެނގިގެން ދިއުމެވެ.

އުފަން ތާރީޚު ނޭނގުނުތާ، އެއީ ކޮން ޢާއިލާއަކަށް ނިސްބަތްވާ ޒުވާނެއްކަން ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ޢާއިލާ އުޅެނީ ކިހާ ހިސާބެއްގައި ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ބެލެވޭ ގޮތުގައި އޭނާއަކީ ގަތުލުއާންމުގައި މަރުވެދިޔަ މީހުންގެ ހަށިތަކުގެ ތެރޭގައި ވާތީ، ސިފައިންނަށް ފެނުނު އެތައް ސަތޭކަ ކުޑަ ކުދީންނެއްގެ ތެރެއިން ކުއްޖެކެވެ.

ގަތުލުވެ ދިޔަ އާއިލާތަކުން ފުރާނަ ސަލާމަތް ވި ކުދިން އެންމެ ފުރަތަމަ ބަދަލު ކުރީ ޔަތީމުޚާނާތަކަށެވެ. އޭގެ ފަހުން އެ ކުދިންގެ ބެލެނިވެރިކަން، އެހެން ޢާއިލާތަކާ ހަވާލު ކުރިއެވެ. ފޮސްޓަރ އުސޫލުންނެވެ. އޭގެ ފަހުން 30 އަހަރު ފާއިތުވެ ދާ އިރުވެސް، އެ ކުދިން، ނުވަތަ އަދުގެ ޒުވާނުންގެ ހިތްތަކުގައި ޖަވާބު ނުލިބި އޮތް އެތައް ސުވާލެއް ވެއެވެ. އެންމެ ބޮޑު ސުވާލަކީ، ޝަޚްސުގެ އަސްލާ ގުޅޭ ސުވާލުތަކެވެ. އެކަންކަމާ ބެހޭ ގޮތުން ފާޅުގައި ވާހަކަދެއްކުމަކީ އަދިވެސް ރުވާންޑާގައި ފާޑުކިއުމާއި، މަލާމާތާއި ފުރައްސާރަ އަމާޒުވާ ކަމެއް ކަމުން، މި ޒުވާނާގެ ޖަޒުބާތުތައް ބަންޑުން ކުރަމުން ދިޔައީވެސް މޫނު ނުފެންނަ ގޮތަށް އިނދެގެންނެވެ.

އަސްލެއް ނަސްލެއް ނޭނގި، ފޮސްޓަރ ޢާއިލާއެއްގެ ތެރޭގައި ބޮޑުވެގެން އައި ދުވަސްވަރަކީވެސް މި ޒުވާނާއަށް ހިތްދަތި އެތައް ކަމަކާ ކުރިމަތިލާން ޖެހުނު ދުވަސްވަރެކެވެ. އޭނާ އަކީ ހޫތޫންނަށް ނިސްބަތްވާ ކުއްޖެއް ކަމަށް އެ ޢާއިލާއިން ދިޔައީ ތުހުމަތު ކުރަމުންނެވެ. އޭގެ މާނައަކީ އެ ޒުވާނާއަކީ އިންޓަރހާމްވޭ ނުވަތަ، ގަތުލުއާންމުގެ ކުރިންނާއި ގަތުލުއާންމުގެ ތެރޭގައި، ތޫތުސީންނާއި މެދުމިނުގެ ފިކުރުގެ ހޫތޫން މެރި ކަމުގެ ތުހުމަތު ޢަމާޒުވާ ހަނގުރާމަވެރި ޖަމާޢަތާ ގުޅުން އޮތުމެވެ.

ހޫތޫންނަކީ ނިސްބަތުން ބަލާއިރު އިސްކޮޅުން ކުރު ގޮތެއް ހުންނަ ބައެއް ކަމުން، ސްކޫލު މާހައުލުންވެސް މި ޒުވާނާއަށް ކުރިމަތިލާން ޖެހުނީ ފުރައްސާރައިގެ ވޭނާއި ތަކުލީފުގެ ތުރާތަކާއެވެ. ހައި ސްކޫލު ހަޔާތް ފެށިގެން އައި އިރު މި ޒުވާނާވެސް އިސްކޮޅުން ދެމިލައިފިއެވެ. އެއީ ތޫތުސީންގެ ޖިސްމާނީ ޝަޚްސުގައި ހުންނަ ސިފައެއް ކަމަށް ޤަބޫލު ކުރެއެވެ.

މިއަދު އެ ޒުވާނާ ދިރިއުޅެމުން ދަނީ ރުވާންޑާގައެއް ނޫނެވެ. ނަމަވެސް އެ ދަތުރަކީވެސް ފަސޭހަ ދަތުރެއް ނޫނެވެ. ރުވާންޑާއިން ހޯދަން ޖެހޭ ލިޔެކިއުންތައް ހޯދުންވެސްވީ ތަކުލީފަކަށެވެ. ނަމަވެސް، ރުވާންޑާއިން ބޭރުގައި ތިބި ރުވާންޑާ ރައްޔިތުންގެ އެހީތެރިކަން، އެ ޒުވާނާއަށް ލިބެއެވެ. އޭނާ ފަދަ އެތައް ޒުވާނުންނެއް އެބަ ތިއްބެވެ. ޝަޚްސީ އަސްލާއި ނަސްލު ނޭނގޭ ބަޔަކު އެކުވެގެން މިހާރު ވަނީ ފޮތެއްވެސް އެކުލަވާލާފައެވެ. އެ ފޮތުގައި ހިމަނާފައި ވަނީ އަސްލާއި ނަސްލެއް ނޭނގި، ދިރިއުޅުން ކުރިއަށް ގެންދިއުމުގައި ކުރިމަތިލާންޖެހުނު ހިތްދަތި ވާހަކަތަކެވެ. 

ނަސްލު ނައްތާލުމުގެ އަނިޔާވެރިކަން އެޤައުމުން ހަނދާން އައު ކުރަމުންދާއިރު، ހިއުމަން ރައިޓްސް ވޮޗްގެ އެފްރިކާ އެޑްވޮކޭޝަން ޑިރެކްޓަރު، އެލަން ންގާރީ ވިދާޅުވަނީ، ދުނިޔެއިން ރުވާންޑާ މީހުންނަށް ހަމްދަރުދީވެ، ބައިނަލްއަގްވާމީ މުޖުތަމައުއިން ރުވާންޑާގެ އެ މުޖުތަމައު ފެއިލް ކުރި ގޮތާ މެދު އެއްބަސްވާންޖެހޭ ކަމަށެވެ.

1994 ވަނަ އަހަރުގެ އަނިޔާވެރިކަމަށް ފަހު ރުވާންޑާގެ އިޖުތިމާއީ ގިއުގަނޑުތައް ދިރާސާކުރި ފަރާތްތަކުން ބުނާ ގޮތުގައި ގިނަ ރެފިއުޖީންނަށް ޤައުމަށް އެނބުރި ނުދެވޭނެ ކަމަށް އިހުސާސް ކުރެވެއެވެ. ނަމަވެސް ންގާރީ ގަބޫލުކުރައްވާ ގޮތުގައި މި ހަނދާނީ އިހުތިފާލުތަކަކީ، ރުވާންޑާގެ ރައްޔިތުންނަށް ސުލްހަވެ، އުނދަގޫ މާޒީއަކުން ހިތުގައި ލި ޒަޚަމްތަކަށް ޝިފާ ހޯދުމަށް ލިބޭ ފުރުސަތެކެވެ.

މި އަނިޔާވެރިކަމުގެ އަސްލަކީ އިސްތިޢުމާރީ ޒަމާނުގައި ޖަރުމަނާއި އޭގެ ފަހުން ބެލްޖިއަމްގެ ވެރިކަމުން ތޫތުސީ މައިނޯރިޓީއާއި ހޫތޫ މެޖޯރިޓީއާ ދެމެދު ނަސްލީ ބައިބައިވުންތަކުގެ އަނދަވަޅު ފުންވެގެން ދިޔަދިޔުމެވެ.  ޖެހިގެން އައި އަހަރުތަކުގެ ތެރޭގައި މި ނުތަނަވަސްކަން ބޮޑުވެ، 1990 ވަނަ އަހަރު ޔޫގަންޑާއިން ވަދެގެން އައި ތޫތުސީން އިސްވެ އޮވެ ބާޣީންގެ ހަރަކާތެއް ކަމަށްވާ ރުވާންޑާ ޕެޓްރިއޮޓިކް ފްރަންޓް (އާރުޕީއެފް) އިން ރުވާންޑާއަށް އަރައިގަތުމުން ލޭއޮހޮރުވާލާ ދާޚިލީ ހަނގުރާމައަކަށް މަސްރަހު ބަދަލުވިއެވެ. 1993 ވަނަ އަހަރު، "އަރޫޝާ އެއްބަސްވުންތަކުގެ" ސުލްހައިގެ މުއާހަދާގައި ސޮއިކުރި ނަމަވެސް، ނަސްލީ ފިތުނަތައް ދިޔައީ ގަދަވަމުންނެވެ.

ނަސްލު ނައްތާލުމުގެ މަސައްކަތް ފެށުނީ 1994 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ރުވާންޑާގެ އޭރުގެ ރައީސް ޖުވެނަލް ހަބްޔާރިމާނާ އާއި އޭނާގެ ނާޟިރު ނުވަތަ ކައުންޓަޕާޓް، ބުރޫންޑީގެ ސައިޕްރިއަން ންޓަރިޔާމިރާ ދަތުރުކުރި ބޯޓު ވައްޓާލުމުންނެވެ. ދެ ބޭފުޅުންވެސް ނިސްބަތްވަނީ ހޫތޫންނަށެވެ.

ބޯޓު ވައްޓާލި ހަމަލާގައި، ހަބްޔާރިމާނާ އަވަހާރަވީއެވެ. ތުހުމަތު އަމާޒު ކުރީ، ތޫތުސީންނަށެވެ. މައިނޯރިޓީ  ޖަމާޢަތެއްގެ ގޮތުގައި އޮތް  ތޫތުސީން ނައްތާލުމުގެ މަގުސަދުގައި ހޫތޫ ސަރުކާރުގެ ސިފައިންނާއި އެކުވެރި ހަރުކަށި ހަނގުރާމަވެރިން ވަނީ ވަރުގަދަ ހަރަކާތެއް ފަށާފައެވެ. އާބާދީ ބޮޑު ރުވާންޑާގެ ރަށްތަކާއި އަވަށްތަކުގައި އާންމުން މަރާލައި، ދިރިތިއްބާ އަންދާލައި، ވަޅި ހަރައި، ބަޑިޖަހަމުން ދިޔައީ، އެއް އަވަށްޓެރިޔާ އަނެއް އަވަށްޓެރިޔާއާ ދެކޮޅަށް އަރާ، ފަޞީހަތް ކުރާ ބީދައިންނެވެ.

ދުވާލެއްގެ މައްޗަށް 10000 އެއްހާ މީހުން މަރާލައެވެ. ތޫތުސީ އާބާދީގެ 70 ޕަސެންޓް ފޮހެލިއެވެ. ރުވާންޑާގެ ޖުމުލަ އާބާދީގެ 10 ޕަސެންޓް މީހުންގެ ދުވަސް ދުއްވާލިއެވެ. ޖިންސީ އަނިޔާއަކީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރި އިރު، 250،000 އެއްހާ އަންހެނުންނާއި އަންހެން ކުދިންނެއް ރޭޕްގެ ޝިކާރައަކަށް ވިއެވެ. ނަތީޖާއަކަށް ވީ ގަތުލުއާންމާއި ވިދިގެން ކައިވެނިން ބޭރުން، އަމިއްލަ އިޚްތިޔާރެއް ނެތި އެތައް ހާސް ކުދިންނެއް މި ދުނިޔެއަށް އުފަންވުމެވެ.

ގަތުލުއާންމަށް ނިމުން އައީ 1994 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެއީ އާރްޕީއެފްގެ ފައުޖުތަކުން ކިގާލީއަށް އަރާ، ޤައުމުގެ ކޮންޓްރޯލް ނެގި ހިސާބުންނެވެ. ބަދަލު ހިފުމުގެ އޮއެވަރެއްގައި ޖެހިދާނެ ކަމުގެ ބިރަށް، ހޫތޫންގެ އެތައް ބަޔަކު ރުވާންޑާ ދޫކޮށް، އެހެން ޤައުމުތަކަށް ބަދަލުވިއެވެ.  ނަސްލު ނައްތާލުމުގެ ޖަރީމާގެ ސަބަބުން ލިބުނު ގެއްލުންތަކުން ރުވާންޑާގެ އިޖުތިމާޢީ ހަށީގަނޑުގައި ފުން ޒަހަމްތަކެއް ލިޔެއެވެ. ނަތީޖާއެއްގެ ގޮތުން، ުލްހައާއި އިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ފެށުނެވެ.

ދުނިޔެރުވަންޑާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު