ރަފާ ސިޓީ އަކީ އިޒްރޭލުގެ އަނިޔާވެރިކަން މި ވަގުތު އެންމެ ބޮޑަށް އަމާޒުވެފައިވާ ފަލަސްތީނުގެ ސިޓީއެވެ.
ރަފާ އަށް ހަމަލާ ނުދިނުމަށް ބައިނަލް އަގްވާމީ ގޮވާލުން ތަކަށް ބެލުމެއް ނެތި އިޒްރޭލުން ރަފާ އަށް އަރާ މައުސޫމް އެތައް މުސްލިމުންނެއް މަރަމުން އެ ގެންދަނީ އެވެ.
ރަފާ ސިޓީ އަކީ ނިސްބަތުން މާ ބޮޑު ތަނެއް ނޫނެވެ. ސިޓީގެ ބޮޑު މިނަކީ ގާތްގަނޑަކަށް 24 އަކަ މޭލެވެ. އިޒްރޭލުން ވައިގެ މަގުންނާ އެއްގަމު މަގުން ރަފާ ސިޓީއަށް ހަމަލާ ދޭން ފެށި އިރު ހަނގުރާމައިން ސަލާމާތް ވާން ގާޒާގެ އެކި ތަންތަނުން އައި މީހުންނާއެކު މި ކުޑަ ސިޓީ ވަނީ 1.7 މިލިއަން މީހުންނާ އެކު ތޮއް ޖެހިފައެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މައުސޫމް އެތައް ބަޔަކު މަރުވަމުންދާ އިރު މިހާތަނަށް ކަމަކަށްވާ ކަހަލަ ފިޔަވަޅެއް އިޒްރޭލާ ދެކޮޅަށް އަޅަން ކެރުނު ހަމަ އެކަނި ގައުމަކީ ތުރުކީއެވެ. ތުރުކީން އިޒްރޭލާ އެކު އޮންނަ ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލި އެވެ. އިޒްރޭލާ ތުރުކީ އާ ދެމެދު ކުރެވޭ ވިޔަފާރީގެ އަގަކީ ގާތްގަނޑަކަށް އަހަރަކަށް 9.5 ބިލިއަން އެމެރިކާ ޑޮލަރެވެ. އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ މުސްލިމުން މަރަމުންދާ އިރު މިއީ ވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި މާ ކުޑަ ފިޔަވަޅެކެވެ.
މުސްލިމް ގައުމުތަކަށް މި މަންޒަރުތައް ނުފެންނަ ކަހަލައެވެ. ވަމުން މިދާ ގޮތް ނީވޭ ފަދައެވެ. ކުށެއް ނެތި އިޒްރޭލުން މަރާލި މީހުންގެ އަދަދު 40،000ން މައްޗަށް ދިޔައިރު އިސްލާމީ ގައުމުތައް ކޮބާހެއްޔެވެ؟
1973 ވަނަ އަހަރުގެ އިޒްރޭލް ހަނގުރާމައިގައި އަރަބި އިސްލާމީ ގައުމުތަކުން ކަންކުރިތަން ފެނުނީ މިހާރު މިފެންނަ ގޮތާ ވަރަށް ތަފާތު ކޮށްނެވެ. އިޒްރޭލުގެ ހަމަލާ ތަކަށް ރައްދު ދިނުމުގެ ގޮތުން އަރަބި ގައުމު ތަކުން ގުޅިގެން ދުނިޔެއަށް ތެޔޮ ލިބުން ދަތި ކޮށްލިއެވެ. ނަތީޖާ އެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި 2.90 ޑޮލަރަށް ހުރި ތެޔޮ ފީފާ އެއްގެ އަގު 11.65 ޑޮލަރަށް އުފުލިގެން ދިޔައެވެ. މުޅި ދުނިޔެ އިގްތިސާދީ ފުން ވަޅުގަނޑަކަށް ވެއްޓެން މާ ގިނަ ވަގުތެއް ނުނެގިއެވެ. ނަތީޖާ އެއްގެ ގޮތުން އެމެރިކާ އަށާއި އޭރުގެ ސޯވިއެޓް ޔޫނިއަން އަށް މަޖުބޫރުވީ މައްސަލަ ހައްލު ކުރަން އެކުގައި މަސައްކަތް ކުރަން ފެށުމެވެ.
ދުނިޔޭގެ ތެލުގެ ރިޒާވްގެ 45 އިން ސައްތަ ހުރި ކަމަށް ބެލެނީ ޖީސީސީ ގައުމުތަކުގައެވެ. ދުނިޔޭން އެކްސްޕޯޓް ކުރާ ތެލުގެ 25 އިން ސައްތަ އަކީ މި ގައުމުތަކުން އުފައްދާ ތެލެވެ. އަނެއް ކޮޅުން އީރާނަކީ ނެޗުރަލް ގޭސް 3 ވަނަ އަށް އެންމެ ގިނައިން އުފައްދާ ގައުމެވެ. ގަތަރަކީ ދުނިޔޭގެ 6 ވަނަ އެވެ.
މިހިސާބުން އަދި ނިމުނީ އެއް ނޫނެވެ. މިސްރުގެ ސަރުކާރުން ހިންގާ ބަލަހައްޓާ ސުއޭޒް ކެނެލަކީ ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު ދޮރެވެ. ސުއޭޒް ކެނޭލް ހުރަސް ކޮށް އަހަރަކު 11 ޓްރިލިއަން ޑޮލަރުގެ މުދާ އުފުލާ ކަމަށް އަންދާޒާ ކުރެވެއެވެ. އެއީ މުޅި ދުނިޔޭގައި އާގު ބޯޓު ފަހަރުން އުފުލާ މުދަލުގެ 30 އިން ސައްތަ އެވެ. 2021 ވަނަ އަހަރު ދިމާވި ހާދިސާ އެއްގައި އެ ކެނެލް އެންމެ 6 ދުވަހުގެ މުއްދަތައް ބަންދު ކުރަން ޖެހުމުން ދުނިޔޭގެ ވިޔަފާރި އަށް ދުވާލަކަށް 9.6 ބިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށް ލޮއިޑްސް އިންޝުއަރެންސްގެ ހިސާބު ތަކުން އަންދާޒާ ކޮށްފައިވެއެވެ. މިކަންކަން މިހެން ހުރި އިރު އިސްލާމީ ގައުމުތަކުން ނުފޫޒާއި ބާރު ކެނޑިގެން ދިޔައީ ކަމަށް ގަބޫލު ކުރަން ދައްޗެވެ.
އިޒްރޭލުގެ އަނިޔާވެރި ކަމާ ދެކޮޅަށް އެމެރިކާގެ ޔުނިވަރސިޓީ ތަކުގެ ދަރިވަރުން އެކުދިންގެ ކިޔެވުން ގުރުބާން ކޮށްލުމަށްފަހު ގެންދަނީ އިހްތިޖާޖް ކުރަމުންނެވެ. ބައެއް މީހުންގެ ނަޒަރުގައި ކިޔަވާ ކުދިން މިދައްކާ ހިތްވަރުވެސް ބާރުގަދަ މުއްސަނދި އަރަބި ލީޑަރުންނަށް ދައްކާލަން ކެރިވަޑައެއް ނުގަތެވެ.
ހަމަ ނުޖެހުންތައް ފެށުމާ ހިސާބުން އަރަބި ގައުމުތަކުން މައްސަލަ އަށް އިޖާބަ ދިނީ ވަރަށް އާދައިގެ ގޮތަކަށެވެ. އޯއައިސީ ގެ ބައްދަލުވެއް ބާއްވާ ގައުމުތަކުން ފަލަސްތީންގެ މައްސަލައިގައި އާއްމުކޮށް ދޭ ޒާތުގެ ބަޔާން ތަކެއް ދިނުމަށް ފަހު އެނބުރި އެ ބައެއްގެ މަސައްކަތައް އެބަޔަކު ރުޖޫއަ ވީއެވެ. ފެންނަ މަންޒަރު ތަކަށް ބަލާއިރު، މެދު އިރުމަތީގެ ގައުމު ތަކުގައި ފަލަސްތީނަށް އޮންނަ ތާއީދު ފެންނަނީ ދުވަހެއް ދުވަހަކަށް ދަށަށް ދާތަނެވެ. ފަލަސްތީން ރައްޔިތުންގެ ހައްގުގައި ބާއްވާ ބޮޑެތި އެއްވުން ތަކާއި މުޒާހަރާތައް މަދުވެ، ފެންނަނީ ރޫހު މަރުވެފައިވާ ތަނެވެ. ހަގީގަތަކީ މެދު އިރުމަތީގެ ގިނަ ގައުމުތަކުގައި މިފަދަ މުޒާހަރާތައް ބޭއްވުން އޮންނަނީ މަނާ ކޮށްފައެވެ. މުޒާހަރާ އެއް ބޭއްވިއަސް ބާއްވަނީ ސަރުކާރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެންނެވެ. ގާޒާ އަށް ތާއީދުކޮށް މިސްރުގައި ދާދި ފަހުން ބޭއްވި މުޒާހަރާގައިވެސް އެތައް ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ. ހައްޔަރު ކުރީ ފަލަސްތީނާ މެދު މިސްރު ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަކަށް ހިތްހަމަ ނުޖެހި ފާޑު ކީމައެވެ. އަރަބި އެހެން ގައުމު ތަކުގައިވެސް ކަން އޮތީ މިހެންނެވެ. އިޒްރޭލުގެ އަނިޔާވެރި ކަމާ މެދު އިސްލާމީ ގައުމުތަކަށް ވުރެ އެ ނޫން ގައުމުތަކުން މާ ބޮޑަށް ކެރިގެން ފިޔަވަޅު އަޅާތަން އެބަފެނެއެވެ. އޭގެ ހެއްކަކީ، އިޒްރޭލާ ގުޅުން ގާއިމް ކޮށްފައިވާ އަރަބި ގައުމު ތަކުގެ ތެރެއިން، އިޒްރޭލުގައި ހުންނަ ސަފީރު ގައުމަށް އަނބުރާ ގެންނަން ކެރުނީ ބަހުރެއިނަށް އެކަންޏެވެ. ޔޫއޭއީ އިން އަދި މޮރޮކޯ އިން އެކަން ނުކުރި އިރު، ދުނިޔޭ އެހެން 10 ގައުމަކުން އިޒްރޭލަށް ނުރުހުން ފާޅު ކުރުމުގެ ގޮތުން އެ ގައުމުތަކުގެ ސަފީރުން ގައުމަށް ވަނީ ގެނެސްފައެވެ. އޭގެ ތެރޭގައި ޗިލީ، ބޮލީވިއާ، ތުރުކީ، ދެކުނު އެފްރިކާ އަދި ޗާޑް ހިމެނެއެވެ.
ހަނގުރާމަ ހޫނުވެ ދިގުލާ ދިއުމުން އެންމެ ފަހުން އިޒްރޭލުގެ އަމަލު ތަކަކީ ގަތުލު އާއްމެއް ކަމަށް ސިފަކޮށް، އެކަން ކުށްވެރި ކޮށް ސައުދީ އަރަބިއްޔާ އިން ވަނީ ދާދި ފަހުން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލަށް ގޮވާލާ ބައިނަލް އަގްވާމީ މުޖްތަމައުން އިޒްރޭލުގެ އަމަލުތައް ހުއްޓުވުމަށް ގޮވާލާފައިވެއެވެ.
ސައުދީން އިޒްރޭލުގެ ހަމާލާތަކާ ދެކޮޅަށް ބަޔާނެއް ނެރުނުއިރު، ސައުދީ އަރަބިއްޔާގައި މި ފާއިތުވި 6 މަސް ދުވަހު ސޯޝަލް މީޑިއާގައި އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާ ތަކާ ދެކޮޅަށް ޕޯސްޓް ޖެހުން ސައުދީ ރައްޔިތުންނަށް އޮތީ މަނާ ކޮށްފައެވެ. އޭގެ އިތުރުން ހުސްވި ޑިސެމްބަރު މަހު ސައުދީގައި ބޭއްވި ރެޑް ސީ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލްގައި ފަލަސްތީން ރަމްޒް ކޮށްދޭ ގޮޅި ޖެހި ސްކާފް އެޅުންވެސް އޮތީ މަނާ ކޮށްފައެވެ. މިކަންކަން މިހެން ހިނގަމުން ދިޔައިރު 2024 ވަނަ އަހަރު ފެށުމާއެކު އިވެން ފެށީ ސައުދީ އަރަބިއްޔާ އިން އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމް ކުރަން މަސައްކަތް ކުރާ ކަމުގެ ވާހަކަތަކެވެ.
އަރަބި ވެރިންގެ ލޯމަތީގައި ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ކާނާ އާއި ބޯފެން ނުލިބި މަރުވަނީއެވެ. ރޮކެޓާ ބޮމުގެ ހަމަލާތަކުގައި މަރުވަނީއެވެ. ބަލިވެ ބޭސް ނުކުރެވި މަރުވަނީއެވެ. މި ވަރަށް ފަލަސްތީން ރައްޔިތުންނަށް އަނިޔާ ކުރަމުން ދާއިރު، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް މައްސަލަ ހިފައިގެން ދާން ޖެހުނީ ވެސް ދެކުނު އެފްރިކާ އަށެވެ. މުސްލިމުންގެ ހައްގުގައި އެވަރު ކޮށްލަން ކެރުނު މުސްލިމުންގެ ލީޑަރަކު ފެންނާކަށް ނެތެވެ.
އަރަބި ލީޑަރުން މި މައްސަލައިގައި މަޑުން ތިއްބަވާ އެއް ސަބަބަކީ އިޒްރޭލާ ހަނގުރާމަ ކުރާ ހަމާސް ޖަމާއަތާ އަރަބި ގިނަ ގައުމު ތަކުގެ ވެރިންނާ ދެމެދު އޮންނަ ނުތަނަވަސް ކަމެވެ. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ހަމާސް ޖަމާއަތުގެ ފިކުރަކީ މުސްލިމް ބްރަދަރހުޑް ގެ ފިކުރެވެ. އެއީ އަރަބި ލީޑަރުން ވަރަށް ޖެހިލުންވެ ވަޑައިގަންނަވާ ފިކުރެކެވެ. އަނެއް ސަބަބަކީ އެ ޖަމާއަތަށް އީރާނުން އެހީތެރިވާ ކަމަށް ގަބޫލު ކުރުމެވެ. ބައެއް އަރަބި ލީޑަރުން ދެކެވަޑައިގަންނަވާ ގޮތުގައި ހަމާސް އަކީ އިޒްރޭލަށް ވުރެ އަދި މާ ނުބައި ބައެކެވެ. އެހެން ކަމުން ހަމާސް އުޅޭ ކަމެއްގެ ތެރެއަށް އެ ބޭފުޅުން ވަންނަވަން ބޭނުންފުޅު ނުވަނީ ކަމަށް ވެދާނެއެވެ. އަނެއް ކޮޅުން އަރަބި ލީޑަރުން އިޒްރޭލަށް ވުރެ ބޮޑަށް އީރާނު ދެކެ މާ ބޮޑަށް ޖެހިލުންވެ ވަޑައިގަންނަވައެވެ. އެހެން ކަމުން އިޒްރޭލާ ސިއްރިއްޔާތުގައި ގުޅިގެން އީރާނާ ދެކޮޅަށް މަސައްކަތް ކުރެއްވުން އެބޭފުޅުންނަށް މާ ބޮޑަށްވެސް ވަނީ ރަނގަޅު ކަމަކަށެވެ. ހަގީގަތަކީ އަރަބި ބައެއް ގައުމުތަކުން ސިއްރު ގުޅުމުގެ ތެރެއިން އިޒްރޭލާ އެކު މަސައްކަތް ކުރާތާ ކިތަންމެ އަހަރެއް ވެއްޖެއެވެ. އަރަބި ލީޑަރުންގެ ނަޒަރުގައި އެބޭފުޅުންގެ އާއިލީ ވެރިކަން ދެމެހެއްޓުމަށް އިޒްރޭލާ އެމެރިކާގެ އެހީތެރިކަން ފަލަސްތީންގެ މައްސަލައިގެ ތެރެއަށް ވަދެގެން އިޒްރޭލާ އެމެރިކާގެ ނުރުހުން ލިބުމަށް ވުރެ މާ މޮޅުވެފައި ރަނގަޅެވެ.