އިންޑިއާގެ ވޯޓުލާ އާބާދީގެ އެތައް ބައެއްގެ ނަޒަރުގައި 2014 ވަނަ އަހަރު އެ ގައުމުގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި މޯދީގެ ސަބަބުން އެތައް ކަމެއް ގައުމުގައި ވަނީ ރަނގަޅު ވެފައެވެ. ނަމަވެސް އަނެއް ބައެއްގެ ނަޒަރުގައި ހައްލު ނުވެ ދިގުލީ މައްސަލަތައް ގައުމުގައި ބައިވަރެވެ. 10 އަހަރު ވެރިކަމުގައި ހުންނެވި އިރު ނުކުންނަން ޖެހޭ އެދެވޭ ނަތީޖާ އެއް ނުނިކުމެއެވެ.
އުމުރުފުޅުން 73 އަހަރުގައިވެސް މޯދީ ފެންނަނީ ވަރަށް ހަރަކާތްތެރި ހަކަތަ ހުރި ލީޑަރެއްގެ ގޮތުގައެވެ. މޯދީ އަށް ތާއީދު ކުރާ މީހުންގެ ނަޒަރުގައި އެއީ ވަރުގަދަ ލީޑަރެކެވެ. ވައުދުތައް ފުއްދަވާ ބޭފުޅެކެވެ. މޯދީގެ ސަޕޯޓަރުންގެ ތައުރީފް މި ދެންނެވި ގޮތައް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ އިރު، އަނެއްކޮޅުން އިދި ކޮޅު މީހުން ދެކޭ ގޮތުގައި މޯދީ ވަނީ މީޑިއާގެ މިނިވަން ކަން ހަނިކުރައްވާފައެވެ. އިދިކޮޅު ޚިޔާލުގެ މީހުން ބަންދު ކުރުން އިންޑިއާގައި ވަނީ އިތުރުވެފައެވެ. އެއާ އެކު އިންޑިއާގެ މުސްލިމުން މޯދީގެ ވެރިކަމާ މެދު ހިތްހަމަ އެއް ނުޖެހެއެވެ. އެމީހުންނަށް މޯދީގެ ވެރިކަމަކީ ބިރުވެރި ކަމެކެވެ.
ޚިޔާލު ހޯދުމުގެ ވޯޓުތައް ދައްކާ ގޮތުން އިންތިޚާބު މޯދީ އާއި މޯދީގެ ޕާޓީން ކާމިޔާބު ކުރާނެއެވެ. މޯދީ ވަނީ އޭނާގެ ޕާޓީ ބަހާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ބޮޑު ކާމިޔާބެއް ހޯއްދެވުމުގެ ޓާގެޓެއް ކަނޑައަޅުއްވާފައެވެ. މޯދީގެ އަމާޒަކީ ގާނޫނު ހަދާ މަޖިލީހުގެ 543 ގޮނޑީގެ ތެރެއިން މަދުވެގެން 370 ގޮނޑި ކާމިޔާބު ކުރެއްވުމެވެ. 2019 ވަނަ އަހަރުގެ އިންތިޚާބުގައި ބީޖޭޕީއަށް ކާމިޔާބުވީ 303 ގޮނޑިއެވެ.
ސުޕަރމެޖޯރިޓީއަށް ބީޖޭޕީން އަމާޒު ހިފާފާ ވާއިރު ޕާޓީގެ އެންމެ ބޮޑު ސުޕަރސްޓާރަކީ ވެސް ބޮޑުވަޒީރު މޯދީއެވެ. މޯދީގެ ޕޯސްޓަރުތަކާ ބެނާތަކަކީ ބަލާލި ކޮންމެ ދިމާލަކުން، ދިޔަ ކޮންމެ ތާކުންވެސް އެންމެ އާއްމުކޮށް ފެންނާނެ އެއްޗެވެ. މަގުމަތީގަ އާއި ނޫސްތަކުގަ އާއި ބަސް ހުއްޓި ތަކުގަ އާއި ޓީވީ ތަކުގައި މޯދީގެ އިޝްތިހާރު އެހާ ގިނައެވެ.
އަނެއްކޮޅުން މޯދީގެ ޕީއާރު ޓީމަކީ ލިބޭ ކޮންމެ ފުރުސަތެއްގައި މޯދީ ޕްރޮމޯޓް ކުރުމަށް އެހާ ކުޅަދާނަ ބައެކެވެ.
އޭގެ އެއް މިސާލަކީ ހުސްވި އަހަރު ޖީ-20 ސަމިޓް އިންޑިއާގައި ބޭއްވި އިރު ވެރިރަށް ދިއްލީގެ މަގުތަކުގައި ހުސް މޯދީގެ ޕޯސްޓަރެވެ. ދުނިޔޭ ބާރުގަދަ ގައުމުތަކުގެ ވެރިންނާ އެކު މޯދީގެ ޕޯސްޓަރެއް ނެތް ތަނެއް ދިއްލީގައި ނެތެވެ. މި ސަމިޓަކީ ދައުރުވާ އުސޫލުން ފަހަރަކު ގައުމެއްގައި ބާއްވާ ސަމިޓެއްކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް ޕޯސްޓަރުތަކަށް ބަލާލީމާ ހީވަނީ މޯދީގެ މިންނެތް މަސައްކަތްޕުޅުން އިންޑިއާ އިން ހޯދި ފުރުސަތެއް ހެއްނެވެ. ޖީ-ޓުވެންޓީގެ އިންޑިއާ ސަމިޓް ވެސް ހަދާލީ މޯދީ ޕްރޮމޯޓް ކުރުމުގެ އިވެންޓަކަށެވެ.
އެއް ގޮތަކުން ދަންނަވާ ނަމަ އިންޑިއާގައި އެންމެ އާއްމު މޫނަކީ ބޮޑުވަޒީރު މޯދީއެވެ. މޯދީ އަކީ އެހާ އާއްމު ބޭފުޅެއް ނަމަވެސް ނޫސްވެރިއަކަށްވެސް އާއްމުންގެ މީހަކަށްވެސް އެމަނިކުފާނަށް ސުވާލެއް ކޮށްލެވޭނެ ފުރުސަތު ނުލިބޭ ގޮތައް ކަންކަން ރާވާފައި އޮންނަނީވެސް އެހާ މޮޅަށެވެ. ބޮޑު ވަޒީރު ކަމުގެ މަގާމުގައި 10 އަހަރު ހޭދަ ކުރައްވާ އިރު ދުވަހަކުވެސް ނޫސް ކޮންފަރެންސެއް ނުބާއްވަވައެވެ. އެހެން ކަމުން މޯދީ އަށް ނޫސްވެރިންގެ ފަރާތުން އުނދަގޫ ސުވާލެއް އަމާޒުވާނެ ހަމަ އެއްވެސް ގޮތެއް ވެސް ނޯވެއެވެ. އޭގެ ބޭނުމަކީ މޯދީ އާ ބެހޭ ގޮތުން މީޑިއާ އަށް ނުކުންނަ ވާހަކަ ތަކަކީވެސް ކޮންޓްރޯލް ކުރެވިގެން ނުކުންނަ ވާހަކަ ތަކަށް ހެދުމެވެ. މޯދީ އާ ބެހޭ ގޮތުން ނުކުންނަން ޖެހޭނީ ވެސް މޯދީ ބޭނުންފުޅުވާ ވާހަކައެކެވެ.
އެކަން ސާފުވަނީ، ނޫސްވެރިންނާ ދުރުމިނެއް ބަހައްޓަވައިގެން އުޅުއްވާ އިރު މޯދީ ސޯޝަލް މީޑިއާގައި ރަސްކަން ކުރައްވަމުން ގެންދެވުމެވެ. ސޯޝަލް މީޑިއާގައި ހާމަ ވާނީ މޯދީ ކަމަކާ މެދު ވިދާޅުވާން ބޭނުންފުޅު އެއްޗެކެވެ. އާއްމުންނަށް އޭނާ ބޭނުންފުޅު ކަމެއްގައި ބޭނުންފުޅު މެސެޖެއް ދެއްވުމުގައި އެހެން ކަމުން މޯދީ އުޅުއްވަނީ ވަރަށް ކުރީގައެވެ. އިންސްޓަގްރާމްގައި އެންމެ ފޮލޯވަރުން ގިނަ ސިޔާސީ ލީޑަރަކީ މޯދީއެވެ. އެކްސް ގައި މޯދީގެ ފޮލޯވަރުންގެ އަދަދު އުޅެނީ 97.5 މިލިއަންގައެވެ. މިހުރިހާ ކަމެއްގެ އިތުރުން ރޭޑިއޯ މެދުވެރިކޮށް ދެއްވަން ބޭނުންފުޅުވާ މެސެޖް ކޮންމެ މަހަކު އެއްފަހަރު ދެއްވައެވެ.
މޯދީގެ ބޮޑުވަޒީރު ކަމުގައި އިންޑިއާގެ މުސްލިމުންނަށް އިހާނެތިކޮށް ކަން ކުރާ ވާހަކަ އާއި މުސްލިމުން ބިރުވެރި ކަމެއްގެ ތެރޭގައި ތިބޭ ކަމަށް ދެކެވޭ ވާހަކަ އަކީ މޯދީ އާ ދެކޮޅަށް އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކަ އެވެ.
އެހެން ނަމަވެސް ބީޖީޕީގެ އިސް ވެރިން އެ ވާހަކަތައް ދޮގު ކުރެއެވެ. ބީޖޭޕީގެ ލީޑަރުން ބުނަނީ މޯދީގެ ސަރުކާރުން މުސްލިމުން ބާކީ ނުކުރާ ކަމަށެވެ. ސަރުކާރުން ނިކަމެތިންނަށް ދޭ އެހީ ދިނުމުގައި ވެސް ތަފާތު ކުރުންތައް ނުގެންގުޅޭ ކަމަށެވެ.
އެކަމަކު ކަން އޮތީ އެހެންތޯ ސުވާލު އުފެދެއެވެ. މޯދީގެ 10 އަހަރުގެ ވެރިކަމުގެ ތެރޭގައި ހައްދު ފަހަނަ އަޅާފައިވާ ހިންދޫންގެ އެތައް ނުރައްކާތެރި ހަމަލާއެއް މުސްލިމުންނަށް އަމާޒުކޮށް ދީފައިވާ ކަން ރެކޯޑްތަކުން އެބަފެނެއެވެ. މޯދީގެ ވެރިކަމުގައި މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ގޮތައް ދައްކާ ވާހަކަތަކާއި ލިޔާ ލިޔުންތައް އިންޑިއާގައި ވީ އިތުރެވެ. މިއިން ކަމަކާ ސަރުކާރުން މާ ބޮޑު ފަރުވާލެއް ބަހައްޓާ ތަނެއް ނުފެނެއެވެ. އެއާއެކު ބީޖޭޕީގެ އިސް ފަރާތްތަކުން ކެމްޕޭން ތަކުގައިވެސް މުސްލިމުންނާ ދެކޮޅު ޝުއޫރު ފާޅު ކުރުމަކީ ހިންދޫންގެ ތާއީދު ހޯދުމަށް ގަސްދުގައި ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
އިންތިޚާބުގެ ފޯރި އިންޑިއާގައި ގަދަވެފައިވާ މި ދަނޑިވަޅުގައި، މޯދީގެ ސަޕޯޓަރުން އޭނާ މި އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ގަބޫލު ކުރާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ އިދިކޮޅު ޕާޓީތައް އެއް ގަލަކަށް ނޭރުމެވެ. ބައިބައިވެފައިވާ ބައެއްގެ ގޮތުގައި އިދިކޮޅު ޕާޓީތައް ފެނުމަކީ މޯދީ އަށް އޮތް އެޑްވާންޓޭޖެކެވެ. 10 އަހަރުގެ ވެރިކަމުގެ ތެރޭގައިވެސް މޯދީގެ ސިޔާސަތުތަކަށް އެއް އަޑަކުން އެމީހުންނަކަށް ފާޑު ކިޔޭ ތަނެއް ނައެވެ.
މޯދީގެ ވެރިކަމުގައި ގެންގުޅުއްވި ބައެއް ސިޔާސަތު ތަކަކީ އެތައް ބައެއްގެ ނުރުހުން އަމާޒުވި ސިޔާސަތުތަކެކެވެ. އޭގެ އެއް މިސާލަކީ 2016 ވަނަ އަހަރު މޯދީގެ ސަރުކާރުން ވަގު ފައިސާ އަތުލައިގަތުމުގެ ނަމުގައި ސަރުކާރުން ހިންގި ވަރުގަދަ ކެމްޕޭނެވެ. އޭގެ ސަބަބުން ނުކުތް ނަތީޖާ އަކީ އެތައް ބައެއްގެ ނުރުހުން މޯދީގެ ސަރުކާރަށް އަމާޒު ވުމެވެ. އޭގެ ފަހުން ކޮވިޑްގެ ބަލިމަޑުކަން މެނޭޖް ކުރުމުގައި ވެސް މޯދީގެ ސަރުކާރަށް އާއްމުންގެ ނުރުހުން އަމާޒުވެގެން ދިޔައެވެ. މި ފަދަ ދަނޑިވަޅުތަކުގައިވެސް ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކަށް މޯދީގެ ސަރުކާރު ބަލިކަށި ކޮށްލާނެ ހިތްވަރު އޮތީ ނުދެއްކިފައެވެ.
އޭގެ ބަދަލުގައި މޯދީގެ ސްޓްރެޓަޖީ އަކަށް ވެފައި އޮންނަނީ ނުރަނގަޅު ކަންކަމާ ސީދާ އެމަނިކުފާނާ ގުޅުމެއް ނެތް ކަން ދެއްކެވުމެވެ. އެކަން ކަމުގެ ޒިންމާ ކޮންމެވެސް އެހެން ފަރާތަކާ ނުވަތަ ސަބަބަކާ މަތި ކޮށް އެމަނިކުފާނު ރީތި ކޮށް އެކަމަކާ ދުރަށް ވަޑައިގަތުމެވެ.
މި އިންތިޚާބުގައި އަދި ފެންނަނީ ކުރިއަށް ވުރެ ބޮޑަށް އިދިކޮޅު ޕާޓީތައް އެއް މިސްރާބަކަށް މަސައްކަތް ކުރާތަނެވެ. ޕާޓިތަކުން އެކައްޗެއް ކިޔާ އެއް މެސެޖެއް ދެމުންދާ ތަނެވެ. އެއީ އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާ މިހުންނަށް ލިބިގެންދާ ކޮންމެވެސް ވަރެއްގެ ހިތްވަރެކެވެ.
މޯދީގެ ސަޕޯޓަރުންގެ ނަޒަރުގައި އެއީ ސައުވީސް ގަޑީއިރު ހަފްތާގެ ހުރިހާ ދުވަހެއްގައި ރައްޔިތުންގެ ޚިދުމަތުގައި ހުންނަވާ ލީޑަރެކެވެ. އަނބިކަނބަލަކު އަދި ދަރިކަލަކުވެސް ނެތް ބޮޑު ވަޒީރު އަމިއްލަ އާއިލާއަކަށް ވަގުތެއް ހޯއްދަވާކަށް ޖެހިވަޑައެއް ނުގަންނަވައެވެ. ބޮޑުވަޒީރުގެ ހުރިހާ ވަގުތަކީ ޚިދުމަތުގެ ވަގުތެވެ.
މީޑިއާ އިން އަބަދާ އަބަދު މޯދީގެ މަންޒަރުތައް ދައްކަމުން ގެންދާ ގޮތުން މީހުންނަށް ސިފަ ކުރެވެނީވެސް ހުއްޓުމެއްނެތި އަބަދުވެސް މަސައްކަތުގައި އުޅުއްވާ ވެރިއެއްގެ ގޮތުގައެވެ. ކޮންމެވެސް މަޝްރޫއެއް ފައްޓަވާ ތަނާއި، ބޭރު ގައުމުތަކުގެ ލީޑަރުންނާ ބައްދަލު ކުރައްވާ ތަނާއި، ކޮންމެވެސް ސްޓޭޓަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ތަނާއި މިހެން ގޮސް އަވަދި ނެތި އުޅުއްވާ ލީޑަރެއްގެ މަންޒަރު ތަކުން އިންޑިއާގެ ޓީވީތަކުގެ ވަގުތު އޮންނަނީ ފުރިފައެވެ.
ގައުމުން ބޭރަށް ކުރައްވާ ދަތުރުފުޅު ތަކުގައިވެސް މީޑިއާ ސްޓްރެޓަޖީ އޮންނަތަން ފެންނަނީ ވަރަށް ބޮޑަށް ރޭވިފައެވެ. އެ ގައުމެއްގައި އުޅޭ އިންޑިއާ ދަރިކޮޅުގެ މީހުންނާ ބައްދަލު ކުރެއްވުން އޭގެ ތެރޭގައި ހިމެނިފައި އޮވެއެވެ. ބޮޑު ކްރައުޑެއްގެ ތެރޭގައި ހުންނަވާ ޖޯޝުގައި މޯދީ ވާހަކަފުޅު ދައްކަވާ މަންޒަރުތައް އަބަދާ އަބަދު ލޯކަލް ޗެނެލް ތަކުގައި ހުންނާނީ އަޅުވާފައެވެ. ދައްކަމުންދާނީ އެ ގައުމުތަކުގައި ވެސް މޯދީ އަށް އޮތް ތާއީދު އޮހޭ މަންޒަރެވެ. ގައުމުގައިވެސް މޯދީއަށް ތާއީދެވެ. ބޭރު ގައުމަކަށް ވަޑައިގަތަސް ހަމަ އެހާ ތާއިދެވެ.
އިންޑިއާގެ ސިޔާސީ މަސްރަހް އިންތިޒާމް ވެފައި އޮތް ގޮތުންނާއި، މޯދީގެ އިމޭޖް އިންޑިއާ ރައްޔިތުންގެ ކުރިމަތީގައި ބިނާ ކޮށްފައި އޮތް ގޮތުން އިންޑިއާގެ ސިޔާސީ މަސްރަހުން ލީޑަރެއްގެ ގޮތުގައި އިތުރު މޫނެއް ފާއްދާލުމަށް ޖާގަ އޮތް ކަމަކަށް ސިޔާސީ ތަޖުރިބާކާރުން ނުދެކެއެވެ. އެހެން ނަމަވެސް ވޯޓަކީ ފާޑެއްގެ އެއްޗެކެވެ. ފެންނަ މަންޒަރާ ނުކުންނަ ނަތީޖާ އާ އެއީ މުޅިން ދެ އެއްޗަކަށް ވެގެން އަންނަ ތަންވެސް ފެންނަނީ މަދެއްކޮށް ނޫނެވެ.