ކ. މާލެ
|
10 ފެބްރުއަރީ 2024 | ހޮނިހިރު 05:10
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އަވަސް
އެފްއޭއެމް
ތުހުމަތުތަކާ ގުޅިގެން ކުރި ސުވާލަށް ޖަވާބު ދޭން ބައްސާމް ދެކޮޅު ހައްދަވައިފި
 
އެ ސުވާލަށް ޖަވާބު ދެއްވަމުން އެންމެ ފުރަތަމަ ބައްސާމް ވިދާޅުވީ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއާ ގުޅުވައިގެން ސުވާލުތައް އަމާޒު ކުރުން ރަނގަޅު ކަމަށް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން، ބައްސާމް ދެކޮޅު ހައްދަވައިފި އެވެ.

ބައްސާމްގެ މައްޗަށް އުފުލާފަައިވާ ޚިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތްތައް މިދިޔަ ބުދަ ދުވަހު ވަނީ ކްރިމިނަލް ކޯޓުގައި ފަށައިފަ އެވެ. ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހާއި ދިވެހި ފުލުހުން ގުޅިގެން ކުރިއަށްގެންދާ މި ތަހުގީގުގައި ބައްސާމާ ގުޅުން ހުރި އެހެނިހެން މައްސަލަތަކެއް ވެސް ދަނީ ބަލަމުންނެވެ.

ޝަރީއަތް ފަށާފައިވާއިރު، ބައްސާމް ވަނީ އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް ވެސް ކޯޓުގައި އެދިވަޑައިގަންނަވާފަ އެވެ. އެއީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށާއި މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕްގެ ފައިނަލް މެޗު ބައްލާލެއްވުމަށް ލިބުނު ދައުވަތުގައި ޤަތަރަށް ވަޑައިގެންނެވުމަށެވެ. ނަމަވެސް، ޝަރީއަތުން ނިންމާފައި ވަނީ ބައްސާމްގެ ޕާސްްޕޯޓު ދޫނުކުރުމަށެވެ.

އެފްއޭއެމުން ބުރާސްފަތި ދުވަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ބައްސާމާ އެ ސުވާލު އަމާޒު ކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އެންމެ ފުރަތަމަ ބައްސާމް ވިދާޅުވީ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއާ ގުޅުވައިގެން ސުވާލުތައް އަމާޒު ކުރުން ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް، އާންމު ގޮތެއްގައި ބައްސާމާއި ދިމާ ނުވާ ކަމަށާއި، ފޯނަށް ވެސް ނުވަތަ މެސެޖަށް ވެސް ޖަވާބު ނުދެއްވާތީ، އެކަމަށް ކޮމެންޓެއް ހޯދަން އުނދަގޫ ކަމަށް ނޫސްވެރިން ވަނީ ބުނެފަ އެވެ.

އެއާއެކު ބައްސާމް ވިދާޅުވީ އެ ކަންތައްތަކީ ކުރިއަށްދާ ކަންތައްތަކެއް ކަމަށާއި، އެކަމުގެ ތެރެއިން ވަގުތު އައިސް ޖެހުމުން އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށެވެ. އެހެންކަމުން، މިވަގުތު ބޭނުން ވަނީ ކުރިއަށްދާ ކަންކަން، ކުރިއަށް ދިޔުމަށް ފުރުސަތު ދޭން ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެކަމާ ގުޅޭ ގޮތުން މިވަގުތު ވާހަކައެއް ނުދައްކަވާނެ ކަމަށާއި، ފަހުން ވާހަކަ ދައްކަވާނެ ކަމުގައި ވެސް ބައްސާމް ވިދާޅުވި އެވެ.

އަޅުގަނޑަށް ހީވަނީ މިއަދުގެ ޕެރެސް، މިއަދުގެ ކޮންގްރެސްއާ ގުޅުވުން ވަރަށް ރަނގަޅުހެން. އިތުރު ކަންކަން އަޅުގަނޑަށް ހީވަނީ ދެން ވަރަށް ބޮޑަށް.. ދެން ތި ފާހަގަ ކުރި ކަންތައްތައް ތިއީ އޮންގޮއިން ކަންތައްތައް. އެހެންވީމާ އެކަންތަކުގެ ތެރެއިން އަޅުގަނޑަށް ހީ ވަނީ އެ ވަގުތު އައިސް ޖެހުނީމަ، އެކަމާ ބެހޭ ގޮތުން އަޅުގަނޑު މަޝްވަރާ ކުރާނަން. މިވަގުތު ހަމަ އެ ކުރިއަށްދާ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ހަމަ ފުރުސަތު ދީފައި، އިތުރު ވާހަކައެއް އެކަމާ ބެހޭ މިވަގުތު އަޅުގަނޑު ދައްކާކަށް ނެތިން.
ބައްސާމް އަދީލް ޖަލީލް / އެފްއޭއެމްގެ ރައީސް

ތަކުރާރުކޮށް ނޫސްވެރިން ވަނީ ބައްސާމާ އެ ސުވާލު އަމާޒުކޮށްފަ އެވެ. ބައްސާމާ ދެކޮޅަށް ކުރާ ތުހުމަތު ތަކަކީ ސީރިއަސް ތުހުމަތަކަށްވާއިރު، އެކަމާ ގުޅިގެން ކޮންމެ ވެސް ޖަވާބެއް ދިނުމަށް ވެސް ވަނީ އެދިފަ އެވެ. ބައްސާމް ވިދާޅުވީ، އޭނާގެ ސްޓޭންޑުގައި ހިފަހައްޓަވާނެ ކަމަށެވެ. އިތުރަށް ބައްސާމް ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ ކުރިއަށް އޮތް ތަނުގައި ކަންތައްވާނެ ގޮތެއް ބަލަން ތިބުން ކަމަށެވެ.

އެފްއޭއެމްގެ ރައީސްކަމުގައި ދެ ވަނަ ދައުރެއް ފުރުއްވަމުންް ގެންދަވާ ބައްސާމާާ ދެކޮޅަށް އުފުލާފައި ވަނީ ސީރިއަސް ދައުވާތަކެކެވެ. އެގޮތުން، ބައިނަލްއަޤުވާމީ އެކި އެކި އިދާރާތަކުން އެފްއޭއެމަށް ދެމުން އަންނަ ފައިސާ އަށް ޚިޔާނާތްތެރިވެ، އެ ފައިސާ ބަައްސާމްގެ އަމިއްލަ ކަންކަން ބޭނުންކޮށްފައިވާ ކަމަށް ވަނީ ތަހުގީގަށް ފާހަގަވެފައި ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް