ތ.ކިނބިދޫ އާއި ވޭމަންޑޫ އެއްފަސްކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ހުށަހަޅައިފިއެވެ.
ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮޅުމަޑުލު ކިނބިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ކިނބިދޫ ސްކޫލުގައެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، ރަށުގެ ތަރައްގީއަށް ބޭނުންވާކަންކަން ރައީސްއާ ހިއްސާކުރައްވާފައެވެ.
އެގޮތުން ކިނބިދޫ އާއި ވޭމަންޑޫ އެއްފަސްކުރުމާއި، ސްކޫލުގެ މަލްޓިޕާޕަސް ހޯލް ގާއިމުކުރުމަށް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ރައްޔިތުންނަށް އާސަންދަ ނިޒާމުގައި ހުރި ކަންބޮޑުވުންތައް ތަފުސީލީ ގޮތެއްގައި ކައުންސިލުން ހިއްސާކުރެއްވިއެވެ. ހަމަ އެއާއެކު ރަށުގެ ކުރިއެރުމަށް ފަތުރުވެރިކަން ތަރައްގީކުރުމަށް ބޭނުންވާކަމަށާއި، ކިނބިދޫގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ހުރި ގޮންޖެހުންތަކާއި، އިޖުތިމާއީގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ކިނބިދޫގެ ޒުވާނުންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގައި ކުޅިވަރު ކުޅެވޭނެ ރަނގަޅު ވަސީލަތްތައް ގާއިމުވެފައި ނެތުންކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.
ކިނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިންވެސް އެކަނބަލުންގެ ކަންބޮޑުވުންތަކާއި އެންމެ ބޭނުންވާ ކަންތައްތައް ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން ބަޖެޓުގެ ދަތިކަމާއި، ރަށުގެ އަންހެން ކަނބަލުން އުފައްދާ ތަކެތި މާކެޓަށް ނެރުމުގައި ހުރި ގޮންޖެހުންތައް ރައީސްއާ ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކޮށްދެއްވާނެކަމަށެވެ. އަދި ރަށަށް އާމްދަނީ ހޯދައިދިނުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތުތަކުގެ ބޭނުން ހިފައި ރައްޔިތުންގެ އާމްދަނީ ތަނަވަސްވާނެ މަގު ފަހިކުރުމަށް ކައުންސިލުގެ ފަރާތުން މަސައްކަތްކުރެއްވުމަށް ބާރުއެޅުއްވިއެވެ. މީގެ އިތުރުންވެސް އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ވިދާޅުވެދެއްވައި، އަންހެނުން އުފައްދާތަކެތި ގަނެ ވިއްކައި ކަނބަލުންގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ފުޅާ ފުރުސަތުތަކެއް މި ސަރުކާރުން ފަހިކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.