ކ. މާލެ
|
8 ފެބްރުއަރީ 2024 | ބުރާސްފަތި 13:58
އެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގެރެސްގެ ތެރެއިން
އެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގެރެސްގެ ތެރެއިން
ރާއްޖެއެމްވީ
އެފްއޭއެމް
އެފްއޭއެމްގެ ކޮމިޓީތައް ނަގައިފި
 
މެންބަރުން އައްޔަނުކޮށްފައި ވަނީ އިލެކްޓޯރަލް ކޮމިޓީ، އިލެކްޓޯއަލް އެޕީލްސް ކޮމިޓީ، ޑިސިޕްލިނަރީ ކޮމިޓީ އަދި އެޕީލްސް ކޮމިޓީ އަށް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވާ، ކޮމިޓީތަކަށް މެންބަރުން އައްޔަނުކޮށްފި އެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ އެފްއޭއެމްގެ އަސާސީ ޤަވާއިދުގަައި ބުނެފައިވާ ކޮމިޓީތަކަށް މެންބަރުން އައްޔަނުކޮށްފަ އެވެ. އެއީ އިލެކްޓޯރަލް ކޮމިޓީ، އިލެކްޓޯއަލް އެޕީލްސް ކޮމިޓީ، ޑިސިޕްލިނަރީ ކޮމިޓީ އަދި އެޕީލްސް ކޮމިޓީ އެވެ.

އިލެކްޓޯރަލް ކޮމިޓީ އަށް އައްޔަނުކޮށްފައިވާ ތިން ތިން މެންބަރުންނަކީ، ޠައްލަތު ސައީދު، އިބްރާހީމް އަފީފް އަދި މުޙައްމަދު ރަޝީދު އެވެ. އިލެކްޓޯރަލް އެޕީލް ކޮމިޓީ އަށް އައްޔަނުކޮށްފައިވާ ތިން މެންބަރުންނަކީ، ޝަޒީމް ވަހީދު، އަލީ އަމްޖަދު އަދި ޢަބްދުﷲ އާމިރު އެވެ.

މީގެ އިތުރުން ޑިސޕްލިނަރީ ކޮމިޓީ އަށް އައްޔުންކުރި ފަސް މެންބަރުންނަކީ، އަލީ ޝާހް، މޫސާ ފާރިޝް އަޙުމަދު، އަލީ އަފްޒަލް، އިބްރާހީމް އާޒިމް އަދި އަބްދުއް ސަލާމް އަޙުމަދު އެވެ. އެޕީލް ކޮމިޓީ އަށް އައްޔަނުކުރި ފަސް މެންބަރުންނަކީ، މުޙައްމަދު އަޒްމީ، މަރިޔަމް ޝަޒަން، އަލީ ޝާން އައްބާސް، ފާތިމަތު ރިފްގާ ޙުސެއިން އަދި އަޙުމަދު ރިޔާޒް އެވެ.

އެފްއޭއެމުން އެންމެ ފުރަތަމަ މަސައްކަތް ކުރީ އޮންލައިންކޮށް، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށެވެ. އޮންލައިންކޮށް ކޮންްގްރެސް ބާއްވަން ނިންމުމުން، ބައެއް ކުލަބުތަކުން ވަނީ ރަޖިސްޓްރީ ކުރުމާ ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ބައެއް ކުލަބުތަކުގެ އެދުމުގެ މަތިން، އޮންލައިންކޮށް ބާއްވަން ނިންމި ނިންމުން ފަހު ވަގުތު ވަނީ ބަދަލުކޮށްފަ އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ޗަމްޕާ ސެންޓްރަލް ހޮޓެލުގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރްސް ފެށުމުގެ ކުރިން ވަނީ، ޙާޟިރުވެ ތިބި މެންބަރުންގެ ވޯޓަކަށް އަހައިފަ އެވެ. އެއީ މުއްދަތު ހަމަވީއިރު ވެސް، ރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ ނެތް ކުލަބުތަކުން، އަލުން ކޮންގްރެސްގައި ބައިވެރިވުމަށް އެދިފައިވާތީ، އެކަމާ ގޮތެއް ނިންމުމަށެވެ. މި ވޯޓަށް އެހީ، އެކްސްޓްރާާ އޯޑިނަރީ ކޮންގްރެސް އޮބްސާވް ކުރުމަށް ވަޑައިގެންނެވި، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ)ގެ މަންދޫބުންގެ ލަފާގެ ވެސް މަތިން ކަމަށް، އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު) ވަނީ ވިދާޅުވެފަ އެވެ. ވޯޓަށް އެހުމުން، ޙާޟިރުވެ ތިބި މެންބަރުންގެ އިންތިފާގުން ނިންމީ، އެ ކުލަބުތަކަށް ފުރުސަތު ނުދިނުމަށެވެ.

ފުރަތަމަ ބައްދަލުވުމުގެ ކޯރަމް ހަމައެއް ނުވި އެވެ. އެހެންވެ، އެ ބައްދަލުވުން ފެށޭ ގޮތެއް ނުވި އެވެ. ކޯރަމް ހަމަވޭތޯ ވަގުތު ކޮޅަކަށް ބެލުމަށްފަހު، 15 ވަރަކަށް މިނެޓު ފަހުން އަނެއްކާ ވެސް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ފަށަން ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް، ކޯރަމް ހަމަނުވުމުގެ ސަބަބުން ފެށޭ ގޮތެއް ނުވި އެވެ. ދެން ބާއްވާފައި ވަނީ، އެފްއޭއެއެމްގެ އަސާސީ ޤަވާއިދުގެ 24 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތީންނެވެ. އެއީ 24 ގަޑިއިރުގެ ތެރޭގައި ބޭއްވޭ ގޮތަށް ބަޔާންކޮށްފައި އޮންނަ މާއްްދާގެ ދަށުން ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. އަދި ވަކި ކަންތައްތަކެއް އެޖެންޑާގައި ނެތް ނަމަ، އެ ބައްދަލުވުމުގެ ކޯރަމް ކޮންމެހެން ހަމަވާން ނުޖެހޭ ކަމަށް އެ މާއްދާގައި ބުނެފައިވާ ކަމަށް ވެސް ވަނީ އިއުލާން ކުރި އެވެ.

ބައްދަލުވުމުގެ ކޯރަމް އަކީ 13 އެވެ. 14 ފަރާތަކުން ކޮންގްރެސް އަށް ރަޖިސްޓްރީކޮށްފައި އޮތް ނަމަވެސް، ޙާޟިރުވީ ނުވަ ފަރާތަކުންނެވެ. އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ޙާޟިރުވީ ފުރަތަމަ ޑިވިޝަންގެ ހަތަރު ކުލަބާއި، ދެ ވަނަ ޑިވިޝަންގެ އެއް ކުލަބެވެ. އެއީ ކުލަބު އީގަލްސް، ބުރު ސްޕޯޓްސް ކުލަބު، ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް)، ޔުނައިޓެޑު ވިކްޓްރީ (ޔޫވީ) އަދި ޖޭޖޭ ސްޕޯޓްސް ކުލަބެވެ. ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކުން ދެ މެމްބަރުން ޙާޟިރުވެފައިވާއިރު، ދެ ވަނަ ޑިވިޝަންގެ ކުލަބުން އެއް މެންބަރެވެ. މީގެ ތެރެއިން ޔޫވީ ބައިވެރިވީ އޮންލައިން ކޮށެވެ.

މީގެ އިތުރުން ޤަައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަދު ޠާރިޤް (ޓޮމް) އަށް ތާއިދު ކުރާ ކުލަބުތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވެފައެއް ނުވެ އެވެ. އެއީ މާޒިޔާ ސްޕޯޓްްސް އެންޑް ރެކްރިއޭޝަން، ކުލަބު ވެލެންސިއާ، ޓީސީ ސްޕޯޓްސް ކުލަބު، މަހިބަދޫ ސްޕޯޓްސް ކުލަބު، ބީޖީ ސްޕޯޓްސް ކުލަބު، ޓެންޓް ސްޕޯޓްސް ކުލަބު، ކުޑަ ހެންވެއިރު ޔުނައިޓެޑު، ކުލަބު ބްލޫ ލެޕާޑްސް ސްޕޯޓްސް، ޕީކޭ އަދި ދަ ގްރާންޑޭ އެވެ.

އަނެއްކޮޅުން ފުރަތަމަ ޑިވިޝަންގެ ކުލަބު ގްރީން ސްޓްރީޓްސް އިން ވެސް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވެފައެއް ނުވެ އެވެ. ގްރީން އަކީ، އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރަން ނިންމި މުފާވިޒް ހާޝިމް (މުފާ) އަށް ތާއީދު ކުރި ކުލަބެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް