ހަމަ އެކަނި ފޮތްފޮތުން ފެނުނު އަނިޔާތައް ހަމަލޮލަށް!
އެންމެ އާދައިގެ ބެންޑޭޖާއި މަލަންކޮޅެއްވެސް މިއަދު ޣައްޒާގައި ތަދު އެއްޗަކަށް އޮތީ ވެފައި


ޣައްޒާގައި ރެކޯޑްތަކުން ދައްކާ މީހުންނަށްވުރެ އަނިޔާ އަދި މަރުވި މީހުންގެ އަދަދު ގިނަވާނެ
ނިރުބަވެރި ޔަހޫދީ އިޒްރޭލުން ވަރުގަދަ ޤަތުލުޢާންމެއް ހިންގަމުން އަންނަ ފަލަސްޠީނުގެ ޣައްޒާއިން މިއަދު ފެންނަނީ ވަރުބަލިވެފައި ވާ މޫނުތަކެކެވެ. ނަމަވެސް އެ އަޚުންނާއި އަޚުތުންގެ ހިތްތަކުގައި އޮތް އީމާންތެރިކަމާއި، ސާބިތު ޢަޒުމަށް ކުޑަ ނަމަވެސް ހީނަރުކަމެއް ނުވަތަ އުނިކަމެއް އައިސްފައި ނުވާ ކަން ކިތަންމެ ހާ ވެސް ސާފެވެ. ޣައްޒާގެ ކޮންމެ ހިސާބަކަށް ބަލައިލި ކަމުގައި ވީ ނަމަވެސް އެފަދަ އެތައް ބަޔަކު ފެނެއެވެ. އެފަދަ އެކަކީ ނިއުރޯސަރޖަން، ޑރ ނަޖްލާ އަބޫ ޖަމީޢީއެވެ.
ނާރުތަކުގެ ނިޒާމުގެ އޮޕަރޭޝަންތަކާ ބެހޭ ޚާއްޞަ ޑޮކްޓަރު، ޑރ. ނަޖްލާ މަސައްކަތް ކުރަނީ ޚާން ޔޫނިސްގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލުގައެވެ. އެއްގަމާއި ވައިގެ މަގުން އިޒްރޭލުން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި އަނިޔާ ލިބިގެން އެ ހޮސްޕިޓަލަށް ގެންނަ މީހުންނަށް ފަރުވާ ދިނުމުގައި ޑރ ނަޖްލާ އުފުލަމުންދާ ތަކުލީފުތަކާއި ބުރައަކީ، ދުނިޔޭގެ އެހެން ހިސާބެއްގައި ހުރި އެއްވެސް ޑޮކްޓަރަކު ކުރިމަތިލާނެ ކަންކަމެއް ނޫން ކަމުގައި ބުނަން ކެރިދާނެއެވެ.
ނިރުބަވެރި ޔަހޫދީންގެ އުދުވާންތަކުގައި 3 މަސްދުވަސް ކަޑަތު ކޮށްފައިވާ ޣައްޒާގެ އާބާދީ 2.3 މިލިއަނަށް އަރާއިރު މިއަދު އެ އެންމެންހެން ވަނީ އަމިއްލަ ފަސްގަނޑުގައި ރެފިއުޖީންނަށް ވެފައެވެ. ޚުދު ޑރ ނަޖްލާއާއި އޭނާގެ 2 ދަރިންނާ އެއްބަނޑުއެއްބަފާ ކުދިންގެ ޙާލަކީވެސް އެއީއެވެ. ޑރ ނަޖްލާއާއި އޭނާގެ 2 ދަރިންނާއި ޢާއިލާއިން މިއަދު ވަގުތީ ޙިޔާވަހިކަން ހޯދަމުން ދަނީވެސް ޑރ ނަޖްލާ މަސައްކަތް ކުރާ ހޮސްޕިޓަލުގައެވެ.
ދުވަހަކީ ޖެނުއަރީ މަހުން 11 ވީ ބުރާސްފަތި ދުވަހެވެ. އިޒްރޭލުގެ ރަޙުމެއް ނެތް ޢުދުވާންތަކުގައި ޣައްޒާ ހަފުސް ކުރަން ފެށިތާ 97 ވަނައަށް ވީ ދުވަހެވެ. ނުވަތަ 3 މަހާއި 5 ވަނައަށް ވީ ދުވަހެވެ. ޑރ ނަޖްލާ ދިޔައީ އޭނާގެ ތަޖުރިބާތައް، ރޮއިޓަރޒްއާ ހިއްސާ ކުރަމުންނެވެ. އޭނާއަށް މަސައްކަތް ކުރަން ޖެހިފައި އޮތް ޙައްސާސް ޙާލަތުގެ ވާހަކަތައް ކިޔައިދެމުން ދިޔައެވެ. ޞިއްޙީ ޢާލާތްތަކުގެ ދަތިކަމުގެ ޝަކުވާއެވެ. އެންމެ އާދައިގެ ބެންޑޭޖާއި މަލަންކޮޅެއްވެސް މިއަދު ޣައްޒާގައި ތަދު އެއްޗަކަށް އޮތީ ވެފައެވެ.
ޞިއްޙީ ޢާލާތްތަކާއި ވަޞީލަތްތަކުގެ ދަތިކަމުގެ އިތުރަށް، ކުރިމަތިލާން ޖެހިފައި އޮތް ބޮޑު ގޮންޖެހުމަކީ، ޞިއްޙީ ޚިދުމަތްތެރިންގެ ޢަދަދު މަދުވުންކަން ޑރ ނަޖްލާ ފާހަގަ ކުރިއެވެ. ބައެއް ފަހަރު 24 ގަޑިއިރުގެ ޝިފްޓެއްގައި އެންމެ ޑޮކްޓަރަކަށްވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ޑރ ނަޖްލާ ބުންޏެވެ.
ހޮސްޕިޓަލުގައި ހުރި އެނދުގެ ޢަދަދާ، އޮޕަރޭޝަން ތިއޭޓަރުގެ ކެޕޭސިޓީއަށް ބަލާއިރު، ފަރުވާ އެދިގެން އަންނަ ބަލި މީހުންގެ ޢަދަދު އިންތިހާއަށް ގިނައެވެ.
ކުލިނިކަލް ޑެތުގެ ޙާލަތޭ ބުނެވެނީ، ހަށިގަނޑުގެ މުހިންމު ގުނަވަންތަކުގެ މަސައްކަތް ހުއްޓި، ހަރަކާތް ހުއްޓޭ ޙާލަތަށް ދިއުމުންނެވެ. ޢާންމުކޮށް ހިތުގެ ތެޅުމާއި ނޭވާލާ ނިޒާމުގެ މަސައްކަތް ހުއްޓުމުންނެވެ. ނަމަވެސް ޒަމާނީ ޞިއްޙީ އުކުޅުތަކާއި މެޝިންތަކުގެ އެހީގައި، ވަކި މުއްދަތަކަށް އެމީހާ 'ދުނިޔޭގައި ބޭއްވެ' އެވެ.
ސީރިއަސް ޒަޚަމްތަކާއެކު ހޮސްޕިޓަލަށް ގެންނަ މީހުންނަށް ފަރުވާން ދޭން ޖެހެނީ ބިންމަތީގައި ބާއްވައިގެންނެވެ. ގިނަ ފަހަރަށް، އެމީހާ ހޭނައްތާނެ ގޮތެއްވެސް ނޯވެއެވެ.
އިޒްރޭލުގެ ޢުދުވާންތަކުގައި ޣައްޒާގެ ޞިއްޙީ ނިޒާމު މުޅިން އިނދަޖައްސައިފިއެވެ. އެއްގަމާއި ކަނޑާއި ވައިގެ ޙަމަލާތަކުގެ ތެރޭގައި ޚިދުމަތް ދިނުމުގެ އިތުރަށް، ދެންވެސް އެތައް ތަކުލީފެއް އުފުލަން މަޖޫރު ޙާލަތުގައި ޑޮކްޓަރުންނާއި ޞިއްޙީ މަސައްކަތްތެރިން ވަމުން ދާ ޤުރުބާނީއަށް ސެލިއުޓް ޙައްޤެވެ. ކަރަންޓުގެ ސަޕްލައިގެ ކަށަވަރު ކަމެއް ނޯވެއެވެ. އޮޕަރޭޝަންތައް ކުރަން ޖެހެނީވެސް ފިޔަ ޖަހަޖަހާ ހުންނަ ބޮކި އަލީގައެވެ. ފެނުގެ ދަތިކަން އެހާމެ ބޮޑެވެ. ބޭހުގެ ސަޕްލައި އެހާމެ ތަދެވެ.
ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް މި ދުނިޔެއިން ފޮހެލާނެ ކަމަށް ބުނެ ނިރުބަވެރި އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ދޮވެލުމުގެ ޤަތުލުޢާންމުގައި މަރުވި ފަލަސްޠީނު މީހުންގެ ރަސްމީ ޢަދަދު، 23400 އަށް ވުރެ މައްޗަށް އަރައެވެ. އެޔެއް މިޔެއް ބެލުމެއް ނެތި އިޒްރޭލުން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ބިމާ ހަމަކޮށްފައި ވާ ޢިމާރާތްތަކުގެ ދަށުވެ މަރުވެފައި އަދިވެސް އެތައް ބައެއްގެ ހަށިތައް ވާނެ ކަމަށް ޣައްޒާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.






