ކ. މާލެ
|
10 ޖެނުއަރީ 2024 | ބުދަ 12:21
ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން
ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން
ރާއްޖެއެމްވީ
އައްމަޓީގެ މައްސަލަ
އައްމަޓީއަށް ކުރާ ދައުވާތަކާއި ގުޅިގެން 24 މިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލު ހިމެނޭ: ޕީޖީ
 
ރާއްޖެއިން ފަރުވާ ކުރެވެން އޮވެމެ، ރާއްޖެއިން ބޭރަށް ދިއުމަށް ދައުލަތުން އިއުތިރާޒު ކުރޭ
 
އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ކުރަން ޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ވަނީ ނިންމާފައި

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ކުރަން ޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ.

އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ކުރަން ޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނީ 26 ޑިސެމްބަރު 2023 ގައެވެ.

އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން އޭނާ ފުރުން މަނާކުރުމުގެ ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން ވަނީ ނެރެފައެވެ.

ހައިކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ދައުލަތުން ވަނީ އެކަމަށް ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ. އެގޮތުން އައްމަޓީ ފިލައިގެން ދިއުމުގެ އިހުތިމާލު އޮތްކަމަށް ބެލެވޭތީ، އެ ހާލަތުގައި ރާއްޖެއިން ފަރުވާ ކުރެވެން އޮވެމެ، ރާއްޖެއިން ބޭރަށް ދިއުމަށް ދައުލަތުން އިއުތިރާޒު ކުރާކަމަށް ދައުލަތުން ތަކުރާރުކޮށް ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމުގެ ސަބަބުން އައްމަޓީ މިހާރު ހުރީ މުޅިން ބަންދުން މިނިވަންވެފައިކަން ފާހަގަކުރައްވައި ދައުލަތުގެ ވަކީލު ވަނީ އެކަމުގެ ސަބަބުން އައްމަޓީ ފިލައިގެން ދިއުމުގެ އިހުތިމާލު އޮތްކަން ދައުލަތުގެ ހެކިތަކާއި، މި މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެނގޭކަމަށް ހައިކޯޓުގައި ވިދާޅުވެފައެވެ.

ބުދަ ދުވަހު އިސްތިއުނާފީ އަޑުއެހުން ސުޕްރީމް ކޯޓުގައި ބާއްވާފައިވާއިރު، ހައިކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ބުނެ ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް 1 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އަމުރު މުރާޖައާކޮށް ނިންމި ގޮތް، ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމަށެވެ.

އެ މާއްދާގައި އޮންނަނީ، މަތީ މަރުހަލާގެ ނިންމުންތަކަށް ދަށު މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކުން އަމަލުކުރަންޖެހޭނެ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އައްމަޓީ ފިލައިގެން ދިއުމުގެ އިހުތިމާލު އޮތްކަމަށް ބެލެވޭތީ، އެ ހާލަތުގައި ރާއްޖެއިން ފަރުވާ ކުރެވެން އޮވެމެ، ރާއްޖެއިން ބޭރަށް ދިއުމަށް ދައުލަތުން އިއުތިރާޒު ކުރާކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އައްމަޓީ ކުރިންވެސް ލަންކާއަށް ގޮސް ހުއްޓައި ގެނެވުނީ، ޕާސްޕޯޓުގެ މުއްދަތު ހަމަވުމުންވެސް ވަކި ދުވަސްތަކެއްވަންދެން މަޑުކޮށްގެން ހުއްޓައި، ވިސާގެ މުއްދަތު ހަމަވުުމުންކަމަށެވެ.

ދައުލަތުން ވަނީ ފިލާފާނެކަމަށް ބެލެވޭ މީހެއްގެ އަތްމައްޗަށް އޭނާގެ ޕާސްޕޯޓު މުތުލަގަށް ދޫކުރި ކުރުމަށްވެސް އަލިއަޅުވާލައްވައި، އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ހައިކޯޓުގައި ރައުޔު ތަފާތުވި ފަނޑިޔާރު ދައުލަތުގެ ނުކުތާއަށް ތާއީދު ކުރެއްވިކަމަށެވެ.

މި މައްސަލައިގައި ހައިކޯޓުގައި ރައުޔު ތަފާތުވީ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދުއެވެ. އެގޮތުން ފަނޑިޔާރު ހުސައިން މަޒީދު ވަނީ އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ކުރަން ޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

ފަނޑިޔާރު މަޒީދުގެ ރައުޔުގައި ވިދާޅުވެފައިވަނީ އައްމަޓީގެ ފަރާތުން ފާހަގަކުރި ބައްޔަކީ ފައިގައި ރިއްސުމާއި، ބުރަކަށީގައި ރިއްސުމާއި، މައިބަދައިގައި ރިއްސުން ކަމަށާއި، މިކަމުގައި މައިބަދައިގެ އޮޕަރޭޝަނެއް ކުރަންޖެހޭކަމަށް ޑޮކްޓަރ ލަފާދީފައި އޮތުންކަމަށެވެ.

އެހެންނަމަވެސް އެއީ ރާއްޖެއިން ފަރުވާ ލިބެންނެތް ބައްޔެއްކަން އެނގޭކަށް ނެތްކަން ފާހަގަ ކުރައްވައި ފަނޑިޔާރު މަޒީދު ވިދާޅުވެފައިވަނީ، ޕާސްޕޯޓު ދޫކޮށްލިއިރު މިއީ ރާއްޖެއިން ނުލިބޭ ފަރުވާއެއްތޯއާއި ކުއްލި ފަރުވާ ލިބެންޖެހޭ ހާލަތެއްތޯ ދަށުކޯޓުން ކަށަވަރުކޮށްފައި ނުވާކަމަށެވެ.

އޭގެ އިތުރުން، މައުޟޫޢީ މައްސަލައެއްގެ ތެރެއިން ބަންދުން ދޫކޮށްލަން ނުވަތަ ޕާސްޕޯޓް ދޫކޮށްލަން ފަނޑިޔާރަކު ނިންމަވާއިރު، މުޅި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ފަނޑިޔާރު ދެލޯ މަރާލައިގެން ނުވާނެކަމަށްވެސް ފަނޑިޔާރު މަޒީދު ވިދާޅުވެފައިވެއެވެ. އެގޮތުން އައްމަޓީއަކީ ފިލާފާނެ ކަމުގެ އިހްތިމާލް އޮތް މީހެއް ކަމަށް މަތީ މަރުޙަލާގެ ކޯޓުތަކުގެ މީގެ ކުރީގެ ނިންމުންތަކަށް ރިޢާޔަތް ކުރާއިރު އެނގެން އޮތްކަންވެސް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

އަދި އައްމަޓީ ފިލުމުގެ އިހްތިމާލް ކުޑަކުރެވޭނެ އެކަށީގެންވާ ފިޔަވަޅެއް ކްރިމިނަލް ކޯޓުން އެޅުމަކާ ނުލައި އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރެއްވި ގޮތުގެ ސަބަބުން އެކަށީގެންނުވާ ކަމެއް ނުވަތަ ބޭއިންސާފެއް މެދުވެރިވާކަމުގައި ދެކިވަޑައިގަންނަވާކަމަށް މަޒީދު ވިދާޅުވިއެވެ.

ސަބަބަކީ އައްމަޓީއަށް ނުފިލޭނެހެން އެކަށީގެންވާ ފިޔަވަޅު އެޅުމަށްފަހުގައި މެނުވީ އޭނާ މިނިވަން ނުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ޤަޟިއްޔާއެއްގައިވެސް ކަނޑައަޅާފައިވާތީއެވެ. ވީއިރު، މިކަމަކީ ފަނޑިޔާރަކަށް ލިބިގެންވާ އިޚްތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓަކުން ވަދެވޭނެ ޙާލަތެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކާ ޙަވާލާ ދެއްވައި ފަނޑިޔާރު މަޒީދު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި 200 އެއްހާ މީހުންނަށް ގެއްލުން ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން ތަހުގީގުކޮށް އައްމަޓީގެ މައްޗަށް ދައުވާކޮށްފައިވަނީ 42 މީހެއްގެ މައްސަލައެއްގައި ކަމަށެވެ. ކޮންމެ މީހެއްގެ ބައިގައިވެސް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހިމެނޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެ ދައުވާތަކާއި ގުޅިގެން 24 މިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލު ގެއްލުން ލިބުނު ފަރާތްތަކަށް އެބައޮތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނޭ ބައެއް މީހުންނަށް ދައުލަތުގެ ފައިސާއިންވެސް ގެއްލުމުގެ ބަދަލު ދީފައިވާކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

ދައުލަތުގެ ވަކީލު ވަނީ މި މައްސަލައިގައި އައްމަޓީގެ ބަންދާމެދު ކްރިމިނަލް ކޯޓަށް ނިންމެން އޮތީ 2 ގޮތެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ. އެއީ އައްމަޓީގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދު ކުރުން ނުވަތަ އޭނާގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާ ކުރުމަށްފަހު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުންކުރެ އެއް ގޮތެއްކަމަށް ވަކީލު ވިދާޅުވިއެވެ.

އައްމަޓީގެ ފަރާތުންވެސް ވަނީ އެ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން ދައުލަތުން ދަށު ކޯޓުގައި ދައްކާފައިނުވާ ވާހަކަތައް ހައިކޯޓުގައި ދައްކާފައިވާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

އައްމަޓީގެ ފަރާތުން ވަނީ ދައުލަތުން ހުށަހަޅާފައިވާ މައްސަލައަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާ ކުރެވޭނެ ޒާތުގެ މައްސަލައެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.

ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ނިއުޕޯޓް ހިންގި ބިން ސަރުކާރުން އަތުލީ ރަނގަޅަށްކަމަށް ސްޕްރީމް ކޯޓުންވެސް ނިންމައިފި
މިރުޒާގެ ވާރިސުންގެ މައާފާއެކު މަރުގެ އަދަބުން ސަލާމަތްވި ނަޒީފަށް ޤާނޫނީ އަދަބު ދިނުމުގެ މައްސަލައިގެ އަޑުއެހުން ކެންސަލް
ސުޕްރީމް ކޯޓުގެ އެސްޖީ މަގާމުން ވަކިކުރި މައްސަލައިގައި ބަދަލުދޭން އެންގި އެންގުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ސުޕްރީމް ކޯޓުގެ ޙުކުމާއެކު އީސީންވެސް ޝިޔާމްގެ ނަން އުނިކޮށް އަލުން ލިސްޓު ނެރެފި
ސާބިތު ދަރަންޏެއް އޮތުމުން ހަސަން ޝިޔާމަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
އިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި
"ކޯޓުތަކަށް ވަސީލަތްތައް ހޯދައިނުދީ ޝަރީޢަތްތައް އަވަސްކުރަން އުއްމީދުކުރުމަކީ، ބިމުގައި ހުރެގެން ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
ސުޕްރީމް ކޯޓުން މަޖިލީހުގެ ބާރުތަކަށް އަރައިގަނެފައިވާކަމަށް ބުނެ މެންބަރުންގެ ކަންބޮޑުވުން