މޭޔަރުކަމަށް އިންތިޚާބުކޮށްފިނަމަ، މާލެސިޓީއަށް ދިމާވެފައިވާ ބުޅަލުގެ މައްސަލަ ހައްލުކޮށްދޭނަން: އާޒިމް
6 ޖެނުއަރީ 2024 | ހޮނިހިރު 08:44މިހާތަނަށް ލިބުނު މައުލޫމާތުން އެނގޭގޮތުގައި ހަމައެކަނި މާލޭގައި 3000 ބުޅާ އުޅޭ


ބުޅާތަކެއް މަގުމަތީގައި
މާލޭގެ މޭޔަރުކަމަށް އިންތިޚާބުކޮށްފިނަމަ، މާލެސިޓީއަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް، އެމްޑީޕީގެ ކެންޑިޑޭޓް އެމްޓީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ފަށާއިރު ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ މާލެސިޓީ ވަރަށް ބޮޑަށް މުޑުދާރުވެ، ހަޑިވެފައިވާކަމަށެވެ. ބުޅަލުގެ މައްސަލަ ވަރަށް ބޮޑުކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މޭޔަރުކަމަށް އިންތިޚާބު ކޮށްފިނަމަ ހަ މަަސްދުވަހުގެ ތެރޭގައި ހައްލު ގެނެސްދެއްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކަމާ ގުޅުންހުރި ބޭފުޅުންގެ ފަރާތުން މައުލޫމާތު ހޯއްދަވާ ކަމަށެވެ. އެގޮތުން މިހާތަނަށް ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ހަމައެކަނި މާލޭގައި 3000 ބުޅާ އުޅޭކަމަށެވެ.
އެންމެފަހުން ރާއްޖެއަށް ކުރި ވިއްސާރާގައި މާލެސިޓީ ފެންބޮޑުވެ، ހިނގައިދިޔަ ބައެއް ކަންކަމަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ، ވަރަށް ބޮޑަށް މާލޭގެ އެކި ސަރަހައްދުތައް ފެންބޮޑުވެގެން ދިޔަކަމަށެވެ. އަދި ބުޅަލުގެ ނަޖިހުގެ ސަބަބުން މީހުންނަށް ވަރަށް ބޮޑެތި އުދަނގޫތަކާ ކުރިމަތިލާންޖެހުނު ކަމަށާއި، ސިއްހީ ގޮތުންވެސް ނުރަނގަޅު އަސަރު ކޮށްފައިވާކަމަށެވެ.
އާޒިމް ވިދާޅުވީ ބުޅަލުގެ މައްސަލައަށް މީގެ ކުރިންވެސް ހައްލު އަންނަންޖެހޭ ކަމަށެވެ. ނަމަވެސް މޭޔަރުންނާއި، ކައުންސިލުން އިންތިޚާބު ކުރެވިގެން ދިޔަނަމަވެސް، މިމައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައި ނުވާކަމަށް އާޒިމް ވިދާޅުވިއެވެ. މި ފާއިތުވި ދުވަސްތަކުގައި ކައުންސިލުން ރައްޔިތުންނަށް މުހިންމު ކަންކަމުގައި އަޅާނުލާ ކަމަށާއި، މަސައްކަތް ކޮށްފައިވަނީ މަގުތައް ވިއްކައިގެން ފައިސާ ހޯދުމަށް ކަމަށެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ، މޭޔަރު ކަމަށް އިންތިޚާބުކޮށްފިނަމަ ޕާކުތަކާއި، މަގުތައް ސާފުކުރުމުގެ އިތުރުން ޕާކިންގއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ޕާކިންގއަށް ބިލްޑިންގތައް ގާއިމްކުރެވޭނެ ކަމަށެވެ. އަދި ކަންކަން ކުރުމުގެ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ރައްޔިތުންނަށް އުދަނގޫވާ ކަންކަން ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.







