ކ. މާލެ
|
20 ޑިސެންބަރ 2023 | ބުދަ 11:08
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް
ރާއްޖެއެމްވީ
މަޖިލިސް މެންބަރުންގެ މުސާރަ
މުސާރައިގެ ބަދަލަކީ އެމްޑީޕީގެ ފައިދާއަށް ކުރި ކަމެއްނަމަ އެކަން ކުރާނީ ދައުރު ނިމެންވީމައެއް ނޫން: ޔާސިރު
 
އެއްބަޔަކަށް މުސާރަތައް ކަނޑައެޅުމުގެ ޒިންމާ މަތިކުރެވިފައި އޮންނަނީ ރައްޔިތުންގެ މަޖިލީހަށް
 
މުސާރަތައް ކަނޑައެޅުމުގައި ދައުލަތުގެ މާޤާމްތައް އެތުރިފައިވާ ގޮތަށްވެސް ރިޢާޔަތްކުރެވިފައި ވާނެ
 
އަމިއްލަ ފައިދާއަށް ކުރައްވާ ކަމެއްނަމަ އެކަން ކުރައްވާނީ ދައުރު ނިމެންވީމައެއް ނޫން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާއިރު، މުސާރައިގެ ބަދަލަކީ އެމްޑީޕީގެ ފައިދާއަށް ކުރި ކަމެއްނަމަ އެކަން ކުރާނީ ދައުރު ނިމެންވީމައެއް ނޫންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކަށް ރައްދު ދެއްވައި ޔާސިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2024 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓުގައި ދައުލަތުގެ މުސާރަދޭ ފަރާތްތަކުގެ ޕޭ ހާރމަނައިޒޭޝަން ބަޖެޓު ކުރެވިފައިވާނެކަމަށެވެ.

އެކަމަކީ މިހާރުގެ މާލީ ވަޒީރަށް ވެސް އެނގިވަޑައިގަންނަވާނެ ކަމެއްކަން ޔާސިރު ފާހަގަކުރެއްވިއެވެ.

މެންބަރު ޔާސިރު ވިދާޅުވީ، އޭގެ ތެރެއިން އެއްބަޔަކަށް މުސާރަތައް ކަނޑައެޅުމުގެ ޒިންމާ މަތިކުރެވިފައި އޮންނަނީ ރައްޔިތުންގެ މަޖިލީހަށްކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ނައިބްރައީސް، މަޖިލީހުގެ ރައީސް، މަޖިލީހުގެ ނައިބްރައީސް، އުއްތަމަ ފަނޑިޔާރު، މަޖިލީހުގެ މެމްބަރުން، ވަޒީރުން، ގަވަރުނަރު، އޮޑިޓަރ ޖެނެރަލް، ޕްރޮސެކިއުޓަރ ޖެނެރަލް، ފަނޑިޔާރުން، ގާޒީން، މެޖިސްޓްރޭޓުން، މޭޔަރުން، ރަށުކައުންސިލު ރައީސުން، ކައުންސިލު މެންބަރުން، މިނިވަން މުއައްސަސާތަކާއި ކޮމިޝަނުގެ ރައީސުންނާއި މެންބަރުން ފަދަ މަޤާމުތަކަށް މުސާރަތައް ކަނޑައެޅުމުގެ ޒިންމާ މަތިކުރެވިފައި އޮންނަނީ ރައްޔިތުންގެ މަޖިލީހަށްކަން ޔާސިރު ފާހަގަކުރެއްވިއެވެ.

އަދި މުސާރަތައް ކަނޑައެޅުމުގައި ދައުލަތުގެ މާޤާމްތައް އެތުރިފައިވާ ގޮތަށްވެސް ރިޢާޔަތްކުރެވިފައި ވާނެކަމަށް ޔާސިރު ވިދާޅުވިއެވެ. އަދި އެ މުސާރަތަކާމެދު ހިޔާލުތަފާތުވާނަމަ، ބަހުސްކޮށް ތަޅުމުގައި އިސްލާޙު ހުށަހެޅޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަބަބަކީ މާލިއްޔަތު ކޮމިޓީން މުސާރަތައް ބޮޑުކުރަން ފާސްކުރި ނަމަވެސް މިކަމާ މެދު ފަހުގެ ނިންމުން ނިންމާނީ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު މަޖިލީހުގެ ތަޅުމުންނެވެ.

ޔާސިރު އިތުރަށް ވިދާޅުވީ، އަންނަ އަހަރު ކުރަން ކަނޑައެޅި ކަންތައްތައް މަޖިލިސް ރިސެސްއަށް ދިއުމުގެ ކުރިން ނިންމަންޖެހޭ ކަމުގައި ގަބޫލުކުރައްވާ ކަމަށާއި، އެކަން ކުރެވުނީ އަދި ކިރިޔާ ކަމަށެވެ.

ޔާސިރު ވިދާޅުވީ، މި މަސައްކަތަކީ އެމްޑީޕީގެ މެންބަރުން އަމިއްލަ އެދުން ބޮޑުވެގެން ކުރަންއުޅޭ ކަމެއް ކަމުގައި ސަރުކާރުގެ އިސްމަގާމެއްގައި ހުންނަވައިގެން ރައްޔިތުންނަށް ވިސްނަދެއްވަން އުޅުއްވުމަކީ ދެރަކަމެއް ކަމަށެވެ. އެގޮތުން އެމްޑީޕީގެ މެންބަރުން މިކަން ބޭނުންވި ނަމަ މިކަން ކުރައްވާނީ 2020 އަހަރު ނޫންތޯ ޔާސިރު ވަނީ ސުވާލު ކުރައްވާފައެވެ.

އަދި މެންބަރުންގެ އަމިއްލަ ފައިދާއަށް ކުރައްވާ ކަމެއްނަމަ އެކަން ކުރައްވާނީ ދައުރު ނިމެންވީމައި ނޫންކަމަށް ވެސް ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވަނީ ސަރުކާރުން ޕޭހަަމަނައިޒޭޝަންގެ މަސައްކަތް ނިންމަވާ، ދައުލަތުގެ ދެންތިއްބެވި މުވައްޒަފުންގެ މުސަަރާތަކަށް އެބަދަލު އަވަހަށް ގެނެސްދެއްވުމަށް ވެސް ގޮވާލައްވާފައެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އަޣްލަބިއްޔަތުން ވަނީ މެންބަރުންގެ މުސާރަ 80،000ރ އަށް ބޮޑުކުރަން ފާސްކޮށްފައެވެ. މި ބަދަލާއެކު މެންބަރުންނަށް ކުރިއެކޭ އެއްގޮތަށް ކޮމިޓީ އެލަވަންސް ވެސް ލިބޭނެއެވެ. އެހެން ކަމުން ކޮމިޓީ އެލަވަންސަށް ދޭ 20،000ރ ހިމަނައިގެން މެންބަރެއްގެ މުސާރައިގެ ގޮތުގައި އެއް ލައްކަ ރުފިޔާ ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް