ދިއްގަރު ފަޅު ހިއްކައިގެން ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރަނީ
18 ޑިސެމްބަރު 2023 | ހޯމަ 07:43މިމަޝްރޫއުގެ ދަށުން ދިއްގަރު ފަޅުން 10 ހެކްޓަރު ހިއްކާ 150 ކޮޓަރި އަޅާނެ


މ. ދިއްގަރު ފަޅު ތަރައްގީކުރާ މަޝްރޫއުގެ ކުރެހުން
މ.އަތޮޅު ދިއްގަރު ފަޅު ހިއްކައިގެން ޓޫރިޒަމް ޒޯނެއް ތަރައްގީކުރަން ހަވާލުކޮށްފި ކޮށްފިއެވެ.
ދިއްގަރު ކައުންސިލުން މިމަސައްކަތް ހަވާލުކުރީ ފްލެކްސިން ޕްރައިވެޓް ލިމިޓެޑާއެވެ. މިމަޝްރޫއުގެ ދަށުން ދިއްގަރު ފަޅުން 10 ހެކްޓަރު ހިއްކާ 150 ކޮޓަރި އަޅާނެއެވެ. މަސައްކަތް ނިންމަން ދީފައިވަނީ 30 މަސްދުވަހެވެ. މިމަޝްރޫއާއެކު ފްލެކްސިންގ ޕްރައިވެޓް ލިމިޓެޑްގެ އިޖުތިމާއީ ޒިންމާގެ ދަށުން ދިއްގަރު ފަޅުގައި ޕިކްނިކް އައިލެންޑެއްވެސް ތަރައްގީ ކުރާނެއެވެ.
މިމަޝްރޫއާ ގުޅޭގޮތުން ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން ވިދާޅުވީ މިފުރުސަތު ތަނަވަސްވެގެން ދިޔައީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު މުހިންމު ބަދަލުގެ ސަބަބުން ކަމަށެވެ. އަދި މިއީ ކައުންސިލް ބާރުވެރިކުރުވުމަށް ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ކަމަށް ނިޝާން ފާހަގަކުރެއްވިއެވެ.
ނިޝާން ވިދާޅުވީ މައިގަނޑު އަމާޒަކީ ދިއްގަރު ރައްޔިތުން ބޭނުންވާ ގޮތަށް ރަށް ތަރައްގީ ކުރުން ކަމަށެވެ. މި ތަރައްގީކުރެވޭ ޓޫރިޒަމް ޒޯނާއެކު ކައުންސިލްގެ ބަޖެޓަށް ކުރިއަށް އޮތްތަނުގައި އަހަރެއްގެ މައްޗަށް 12 މިލިއަން ރުފިޔާ ވަންނާނެ ކަމަށާއި، އެއީ ރަށަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ނިޝާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ދިއްގަރުގައި މިވަގުތު 150 އަށްވުރެ މީހުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކަމަށާއި، ރަށާއި ދުރުގައި ޚިދުމަތް ކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި ރަށާ ކައިރިން ނުވަތަ ރަށުގައި ހުރެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ފްލެކްސިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ނަޖާހު ޝަރީފް ވިދާޅުވީ ލާމަރުކަޒީ ގާނޫނުން އަދި ބާރު ލިބުނަސް ކައުންސިލްތަކަށް މިފަދަ މަޝްރޫއުތައް ހިންގާ ކާމިޔާބު ހޯދޭނީ އެފަދަ ވިސްނުމުގައި މަސައްކަތްކުރާ ކައުންސިލްތަކަށް ކަމަށެވެ. އަދި ދިއްގަރު ކައުންސިލްގެ މި އިސްނެގުމާމެދު އުފާކުރާ ކަމަށާއި، މިއީ އިންޓަރގްރޭޓެޑް މަޝްރޫއެއް ކަމުން ޒުވާނުންނާއި ކައިރިން މަސައްކަތް ކުރާނެ ކަމަށް ނަޖާހު ވިދާޅުވިއެވެ.
ނަޖާހު ވިދާޅުވީ ފަޅު ހިއްކަން ބޭނުންވާ ސާމާނު މިހާރުވެސް ހުރީ ތައްޔާރަށް ކަމަށާއި، މާގިނަ ދުވަސްތަކެއް ނުވެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.







