އެ ދެމީހުންވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި


މި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީ ދެ އަންހެނަކު ޑީޕޯޓު ނުކޮށްލެވި ދިގުލައިގެންދާތީ، އެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ތިބުމާމެދު މައްސަލަ ބައްލަވާ ގާޒީ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހީމް އިޙްސާންއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ބްރެޒިލްގެ ރައްޔިތެއްކަމަށްވާ ލުޒިއާ ރިކާލާޑީ އަދި ކެންޔާގެ ރައްޔިތެއްކަމަށްވާ ޖެޑިޑާ އެންކުޑޫ ކިންގޫގެ މައްޗަށެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ.
މި އަޑުއެހުމުގައި ގާޒީ ވިދާޅުވީ، ދައުލަތުން އެމީހުން ޑީޕޯޓު ކޮށްލުމަށް ބޭނުންވާކަމަށް ބުނެފައިވާތީ މައްސަލައިގެ ޝަރީއަތްތައް މަޑުޖައްސާލާފައިވާ ކަމަށެވެ.
އެހެންނަމަވެސް އެކަމަށް މިހާރު އެކަށީގެންވާ މުއްދަތަކަށްވުރެ ދިގު މުއްދަތެއް ހޭދަވެފައިވާތީ، އެކަމަށް ގޮތެއް ކަނޑައަަޅަން ޖެހޭކަމަށް ގާޒީ ވިދާޅުވިއެވެ. އެގޮތުން ޝަރީއަތް ކުރުމެއް ނެތި ބަޔަކު ބަންދުކޮށްގެން ގެންގުޅުމަކީ އިންސާފެއް ނޫންކަން ގާޒީ ފާހަގަ ކުރެއްވިއެވެ.
އެ ދެމީހުންވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ އެމީހުން ފޮނުވާލުމުގައި ކުރިމަތިވެފައިވާ ދަތިތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން ބްރެޒިލް މީހާ އަނބުރާ ފޮނުވާލުމަށް ޓިކެޓު ނަގަންޖެހޭއިރު، އިމިގްރޭޝަނުން އެކަމަށް ބަޖެޓުގެ ދަތިތަކެއް ހުރިކަމަށް އަންގާފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އޭނާ އަތުގައި އޮތީ 1100 ޑޮލަރެވެ. ބާކީ 700 ޑޮލަރު އަދި ބޭނުންވެއެވެ.
ފައިސާ ހަމަނުޖެހި، ޑިޕޮސިޓެއްވެސް ބަހައްޓާފައިނުވާ މީހުން އަނބުރާ ފޮނުވާލަން ޖެހޭއިރު، އެކަން އުސޫލުގެ ތެރެއިން ކުރެވޭނެ ގޮތެއް މިވަގުތު އިމިގްރޭޝަންގައި ނެތް ކަމަށާއި، އައު ބަޖެޓު ފާސްވެގެން އަންނައިރު އެފަދަ ޙާލަތްތަކަށް ބަޖެޓެއް ކަނޑައެޅޭނެކަމަށް އިމިގްރޭޝަނުން ބުނެފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އިމިގްރޭޝަންގެ ފެސިލިޓީގައި އެމީހުން ވަކިން ބަންދުގައި ބެހެއްޓޭނެ ޖާގަވެސް ނެތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ކެންޔާ މީހާގެ މައްސަލައިގައި ދިމާވެފައިވަނީ އޭނާގެ ޓްރެވަލް ޑޮކިއުމަންޓާ ގުޅޭ މައްސަލައެއްކަން ދައުލަތުން ފާހަގަކުރިއެވެ. އޭނާގެ ޓްރެވަލް ޑޮކިއުމަންޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އޭނާ އަތުގައި ފައިސާ ހުރިނަމަވެސް، ކާޑުގެ ޑޮލަރު ލިމިޓާހެދި އެ އަދަދުގެ ޓިކެޓެއް ނެގެން ނެތްކަން ދައުލަތުން ފާހަގަކުރިއެވެ.
އެމީހުން ބަލަހައްޓަން ދުވާލެއްގެ މައްޗަށް އެތައް ފައިސާއެއް ޚަރަދުވާއިރު، އެމީހުންގެ ޓިކެޓަށް ދައްކަންޖެހޭ ފައިސާ ނުދެއްކިގެން އެއަށްވުރެ ބޮޑު ޚަރަދެއް ދައުލަތުން ކުރަމުންދާންޖެހޭތީ އެކަމުގެ ކަންބޮޑުވުންވެސް ގާޒީ ވަނީ ފާހަގަކުރައްވާފައެވެ.
ގާޒީ ވަނީ އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެކަންކަން ހަމަނުޖެހިއްޖެނަމަ އެމީހުން ބަންދުން ދޫކޮށްލައްވާނެކަމަށް ވިދާޅުވެފައެވެ. ސަބަބަކީ މައްސަލަ އަނބުރާ ގެންގޮސް އެމީހުން ޑީޕޯޓު ކޮށްލަން ދައުލަތުންވެސް ބޭނުންވާތީއެވެ. ނަމަވެސް އެއީވެސް މި މައްސަލައިގެ ޙައްލެއް ނޫންކަން ގާޒީ ފާހަގަ ކުރެއްވިއެވެ.
ގާޒީ ވިދާޅުވީ، އެހާތަނަށް އެމީހުން ދޫކޮށްލަން ދައުލަތުން ބޭނުންނުވާނަމަ، ދެން އޮތް ގޮތަކީ މައްސަލައިގެ ޝަރީއަތް އަނެއްކާވެސް ކުރިއަށް ގެންދިއުން ކަމަށެވެ.
މި އަޑުއެހުމުގައި ދައުވާލިބޭ ފަރާތްތަކުންވެސް ވަނީ މައްސަލަ ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ގިނަ ޝަކުވާތަކެއް ކޮށްފައެވެ.