ރާއްޖޭގައި އެކުއައިޑް އިމިއުނޯޑެފިޝެންސީ ސިންޑްރޯމް (އެއިޑްސް) ޖެހި މިހާރު ފަރުވާ ހޯދަމުންދަނީ 22 މީހުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ. ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅިގެން ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުގައި ބުނެފައިވަނީ 31 ޑިސެމްބަރު 2022 ގެ ނިޔަލަށް މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 40 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 6 އަންހެނުންނާއި 34 ފިރިހެނުންނެވެ. މީގެތެރެއިން 15 މީހުން މިހާރު ދުނިޔެ ދޫކޮށްފައިވާއިރު މި ވަގުތު 22 މީހުން ބައްޔަށް ފަރުވާހޯދަމުން އެބަދެއެވެ.
އެޗް.އައި.ވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީމަންޓެވެ. 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް މިފަރުވާ އަންނަނީ ދެމުންނެވެ. މިއީ މުޅިން ހިލޭ ފޯރުކޮށްދެވޭ ފަރުވާއެކެވެ. އަދި އެޗް.އައި.ވީ އިން ރައްކާތެރިވުމުގެ ގޮތުން ދެވޭ ފަރުވާ "Pre-exposure prophylaxis or PrEP" ވެސް ރާއްޖެގައި ލިބެން ހުރެއެވެ.
ޓެސްޓް ކުރުމުގެ މުހިއްމުކަން
- ޓެސްޓްކޮށް، ބަލި ނެތްކަން އަމިއްލައަށް ޔަޤީންކަން ހޯދުމުގެ މުހިއްމުކަން
- ކާކުކަން ނޭންގޭގޮތަށް ވެސް ޓެސްޓް ކުރެވޭ، އަދި ނަތީޖާ އެއްވެސް ފަރާތަކަށް ހާމައެއް ނުކުރެވޭނެ
- ބަލިވެ އިންނަތާ، އެންމެ ލަސްވެގެން ފުރަތަމަ ތިން މަސް ތެރޭގައި އެޗްއައިވީ ޓެސްޓް ހެދުން ވަރަށް މުހިއްމު އަދި މީގެ ސަބަބުން މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ ވާސިލްވުން ހުއްޓުވޭނެ
އެޗް.އައި.ވީ އާ ބެހޭ އާއްމު މައުލޫމާތު
- އެޗް.އައި.ވީ އަކީ ރައްކާތެރިވެވޭ ބައްޔެކެވެ.
- އެޗް.އައި.ވީ އަށް ފަރުވާ ލިބެން ހުރެއެވެ.
- އެޗް.އައި.ވީ އަކީ އެއްކޮށް ފަސޭހަ ކުރެވޭ ބައްޔެއް ނޫނެވެ. ނަމަވެސް ކަނޑައެޅިފައިވާ ފަރުވާ ޤަވާއިދުން ލިބިގަނެގެން ސިއްޙަތު ރަނގަޅު މީހެއްގެ ގޮތުގައި އާއްމު ދިރިއުޅުމެއް އުޅެވެއެވެ.
- ބަލާބެލުމަށް ސިއްހަތު ރަނގަޅު މީހެއް ކަމުގައި ވިޔަސް، އޭނާއަށް އެޗް.އައި.ވީ ޖެހިފައި ހުރެދާނެއެވެ.
ބަލި ފެތުރޭ ގޮތްތައް
- ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގައިފިނަމަ، އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު އޮވެއެވެ.
- ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާ ތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުމުން އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު ބޮޑުވާނެއެވެ.
- އެޗް.އައި.ވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރުއާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް އެޗްއައިވީ ޖެހިދާނެއެވެ.
- އެޗް.އައި.ވީ ޖެހިފައިވާ މީހެއްގެ ލެޔަށް ހުށަހެޅުން
ބަލި ނުފެތުރޭނެ ގޮތްތައް
- މަދިރި ހެފުންފަދަ ކަންކަމުން އެކަކު ގައިން އަނެކަކު ގަޔަށް އެޗް.އައި.ވީ ނުފެތުރެއެވެ.
- އެޗް.އައި.ވީ ޖެހިފައިވާ މީހަކާ އެއް ތަށިން ކެއުން ނުވަތަ އެކުގައި ކެއުމުން އެޗް.އައި.ވީ ނުފެތުރެއެވެ.
- އެޗް.އައި.ވީ ޖެހިފައިވާ މީހަކު ބޭނުން ކުރާ ފާޚާނާއެއް ބޭނުން ކުރުމުން އެޗް.އައި.ވީ ނުފެތުރެއެވެ.
- އެޗް.އައި.ވީ ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ އަންނައުނު ބޭނުން ކުރުމުން އެޗް.އައި.ވީ ނުފެތުރެއެވެ.
އެޗް.އައި.ވީ އިން ރައްކާތެރިވެވޭނެ ގޮތްތައް
- އެޗް.އައި.ވީ ޖެހިފައިނުވާ ވަފާތެރި އެއް ބައިވެރިއަކާ އެކު ޖިންސީ ގުޅުން ހިންގުމުން އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު ކުޑަކުރެވެއެވެ.
- ޖިންސީ ގުޅުން ހިންގާއިރު ހުރަސް ބޭނުންކުރުމެވެ.
- އެކަކު ބޭނުންކޮށްފަ ހުންނަ ސިރިންޖު / ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ނުކުރުމެވެ.
- ޞިއްޙީ ޚިދުމަތްތެރިންގެ ލަފާގެ މަތިން އެޗް.އައި.ވީ އިން ރައްކާތެރިވުމަށްޓަކައި ދެވޭ ފަރުވާ ކަނޑައެޅިފައިވާގޮތުގެ މަތިން ފުރިހަމަކުރުމެވެ.
- މާބަނޑު ދުވަސްވަރު ދުރާލާ އެޗް.އައި.ވީ އަށް ޓެސްޓުކޮށް ޕޮޒިޓިވް ވެއްޖެނަމަ ކަނޑައެޅިފައިވާ ފަރުވާ ފުރިހަމަކުރުމުން ދަރިފުޅަށް އެޗް.އައި.ވީ ވާސިލްވުމުން ރައްކާތެރި ކުރެވެއެވެ.
2023 ވަނަ އަހަރުގެ އެއިޑްސް ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "Let Communities lead" މި ޝިއާރެވެ. މި ޝިޢާރުގެ މަގްސަދަކީ އެއިޑްސް ބައްޔަށް ފަރުވާދިނުމުގައްޔާއި، ބަލި ޖެހިފައިވާ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަދި ބޭނުންވާ ސަޕޯޓް ދިނުމުގައްޔާއި ބަލިންރައްކާތެރިވުމުގެ ގޮތުން ހިންގޭ ހަރަކާތްތަކުގައި އެންމެން އެއްބައިވެ، އާއްމުން އިސްނަގައިގެން ކުރިއަށްދިއުމެވެ. މި ޝިއާރުގެ ދަށުން މިއަހަރު ދުނިޔޭގޭ އެއިޑްސް ދުވަހާގުޅުވައިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ސިޓީ ކައުންސިލް، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން، މިޝަން ފޯރ މައިގްރަންޓްސް މޯލްޑިވްސް، ވައިބް ޔޫތު އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން އެކި އެކި ޙަރަކާތްތައް ހދ އަތޮޅުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން ކުރިއަށް ގެންދެވޭ ޙަރަކާތްތަކުގެ ތެރޭގައި ސިއްހީ މަސައްކަތް ތެރިންނަށް (ޑޮކްޓަރުންނާއި ނަރުހުން، އަދި ލެބޯރެޓަރީ ޓެކްނޮލޮޖިސްޓުންނަށް) އަމާޒުކޮށްގެން ވޮލެންޓްރީ ކައުންސިލިންގ އެންޑް ޓެސްޓިން ތަމްރީނެއް 2023 ނޮވެމްބަރު 26 ން 30ށް ހދ. ހަނިމާދޫގައި ކުރިޔަށް ގެންގޮސްފައިވެއެވެ. މި ތަމްރީނުގައި ޓެސްޓުކުރުމުގައާއި ޓެސްޓުގެ މައުލޫމާތު ދިނުމުގައި ގެންގުޅޭ އުޞޫލުތަކާއި ޓެސްޓުކުރާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި ކައުންސެލިންގ ދިނުމުގެ މައްޗަށް މައުލޫމާތުދީ ތަމްރީނު ދިނުން ހިމެނެއެވެ.
މީގެ އިތުރުން މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކަށް އަމާޒު ކޮށްގެން ޕިއާރ އެޑިއުކޭޝަން ތަމްރީނަކާއި ޕީއަރ އައުޓްރީޗް ޕްރޮގްރާމެއް ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަނާއި ގުޅިގެން ކުޅުދުއްފުށި ސިޓީގައި ކުރިޔަށް ގެންދިއުން ހިމެނޭ އިރު، ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އެމްއާރް ވެކްސިން ކެމްޕެއިން ލޯންޗްކުރުން ހިމެނެއެވެ.
އަދި ކުޅުދުއްފުށީގައި ތިބޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން މިޝަން ފޮރ މައިގްރެންޓް ވޯރކާރސް އިން މޯލްޑިވްސް (އެމްއެމްޑަބްލިޔުއެމް) އާއި ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން ގުޅިގެން ހެލްތު ކޭމްޕެއް ކުރިޔަށް ގެންދިއުމާއި، ހދ. ކުޅުދުއްފުށީގައި އެޗް.އައި.ވީ އަދި ހެޕަޓައިޓިސްއަށް ޓެސްޓް ކުރުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމާއި، އާއިލާތަކަށާއި ޒުވާނުންނަށް ޚާއްސަކޮށްގެން ދުވަހާ ގުޅޭ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުން ހިމެނެއެވެ.
މީގެ އިތުރުން ހދ. އަތޮޅުގެ ސިއްޙީ ހިދުމަތްތެރިންނަށް އަމާޒުކޮށްގެން އެޗް.އައި.ވީ، ހެޕަޓައިޓިސް ބީ އަދި ޖިންސީ ގުޅުމުން އަރާ އެހެން ބަލިތަކާއި ފަރުވާ އާއި ގުޅޭ ގޮތުން 1 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް އައި.ޖީ.އެމް.އެޗްގެ އެހީތެރިކަމާއެކު ކުޅުދުއްފުށި ސިޓީގައި ކުރިޔަށް ގެންދިއުމާއި ބަލިމީހުން ބެލުމުގެ ސްޕެޝަލިސްޓް ކޮންސަލްޓޭޝަން ކުރިއަށް ގެންދިއުން ވެސް ހިމެނެއެވެ.