މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު ދަށްވި ނަމަވެސް ބޭރަށް ހިންގުން އިތުރުވި
18 ނޮވެމްބަރު 2023 | ހޮނިހިރު 08:47އަރިދަފުސް ރޯގާ ޖެހިގެން ސެޕްޓެންބަރު 2023ގައި 39481 ކޭސް، އޮކްޓޫބަރު 2023ގައި 35111 ކޭސް ރިޕޯޓުކޮށްފައިވޭ


އައިޖީއެމްއެޗް
މިއަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު އޮކްޓޫބަރު މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯރޓް ކުރެވުނު އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ބޭރަށް ހިންގުން ޖެހިގެން ސެޕްޓެންބަރު 2023 ގައި 7160 ކޭސް، އޮކްޓޫބަރު 2023 ގައި 9743 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ސެޕްޓެންބަރު 2022 ގައި 3533 ކޭސް، އޮކްޓޫބަރު 2022 ގައި 3835 ކޭސް ރިޕޯޓުކޮށްފައިވެއެވެ.
އެޗްޕީއޭއިން ބުނީ މިއަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު އޮކްޓޫބަރު މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު އިތުރު ވެފައިވާތީ، ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަބަދުވެސް އެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ މިއަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު އޮކްޓޫބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ވަނީ ދަށަށް ގޮސްފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ އަރިދަފުސް ރޯގާ ޖެހިގެން ސެޕްޓެންބަރު 2023 ގައި 39481 ކޭސް، އޮކްޓޫބަރު 2023 ގައި 35111 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އިންފްލުއެންޒާއަށް އިޝާރާތްކޮށް އެޗްޕީއޭއިން ބުނީ މިއަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު އޮކްޓޫބަރު މަހު އިންފްލުއެންޒާގެ ޢަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު އަދަދު އިތުރުވެފައިވާ ކަމަށެވެ. މިއަހަރު މިހާތަނަށް ޓެސްޓް ކުރެވުނު 1963 ސާމްޕަލްގެ ތެރެއިން 361 ސާމްޕަލްވަނީ ޕޮޒިޓިވް ވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ މިފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެކެވެ. އަދި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ މީހުންގެ ތެރެއަށް ނުދިއުމަށް އިލްތިމާސްކޮށްފައިވެއެވެ.







