ރާއްޖޭގެ އިގްތިސާދަށް ކުއްލި އަވަސް ފަރުވާއެއް ބޭނުންވޭ: ރައީސް މުއިއްޒު
17 ނޮވެމްބަރު 2023 | ހުކުރު 13:22ދިވެހި ދައުލަތުގެ ދަރަނި ޖުމްލަ 119 ބިލިއަން ރުފިޔާއަށް އަރާ


ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރާއްޖޭގެ އިގްތިސާދަށް ކުއްލި އަވަސް ފަރުވާއެއް ބޭނުންވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ހަވީރު ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ޤައުމާ މުޚާތަބް ކުރައްވާ ތަޤްރީރުކުރައްވަމުން، ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ދައުލަތުގެ ދަރަނި ޖުމްލަ 119 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، މިއީ ރާއްޖޭގެ މުޅި މާލީ ހަޔާތުގައި ވެސް ދިވެހި ތާރީހު ދުށް އެންމެ ބޮޑު ދަރަނި ކަމަށެވެ. މިކަންކަމުން އަރައިގަތުމަށް ވަރަށް ހަރުދަނާ ވަރަށް ހަލުހި ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދަށް ކުއްލި އަވަސް ފަރުވާއެއް ބޭނުންވެފައިވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު އަވަހަށް ނިންމައި، ހުޅުވާނެ ކަމަށާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ހަރަދު ކުޑަކުރެވޭނެ އައު ގޮތްތައް އިޖާދުކުރައްވާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ އެންމެ އުސް ތަނބަކީ ފަތުރުވެރިކަން ކަމަށެވެ. އަދި ވިދާޅުވީ ފަރުދީ ފެންވަރުގައި އާއިލީ ފެންވަރުގައި ގައުމީ ފެންވަރުގައި ފަތުރުވެރިކަމުގެ ނަފާ ދިވެހި އެތައް އާއިލާއަކަށް ލިބޭ ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.
އެގޮތުން އެދާއިރާގެ މަސައްކަތްތައް ފުޅާކުރައްވައި، ފަތުރުވެރިކަމާއި ގުޅުންހުރި ޒަމާނީ އައުގޮތްތައް ތައާރަފް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެދާއިރާގައި މަސައްކަތް ކުރާ ޚިދުމަތްތެރިންނަށް ގެދޮރުވެރިކަން ހޯދާދެއްވުމަށް ލުއިފަސޭހަ ގޮތްތައް ފަހިކޮށްދެއްވާނެ ކަމަށެވެ.









