ކ. މާލެ
|
12 ނޮވެންބަރ 2023 | އާދީއްތަ 14:55
ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް
ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް
މުހައްމަދު ޝަރުހާން
ޝިޔާމްގެ ކޮރަޕްޝަން މައްސަލަ
މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައި މީހުން ބޭތިއްބުމަށް ލިޔެކިޔުމުން ވަކި އުސޫލެއް ނެތް: ހެކިވެރިޔާ
 
އެތަނުގައި މަޑުކުރުމަށް ކަނޑައެޅިފައިވާ ވަކި މުއްދަތެއް ނޯންނަކަމަށްވެސް އޭނާ ވިދާޅުވި
 
މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައި މީހުން ބޭތިއްބުމަށްވެސް ލިޔެކިއުމުން ވަކި އުސޫލެއް ނެތް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ބައްޕާފުޅު އެމްއެންޑީއެފްގެ ވީ.އައި.ޕީ އިމާރާތެއްގައި ދިރިއުޅުއްވި މައްސަލައިގައި އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައަކީ ޝިޔާމް ޗީފް އޮފް ޑިފެންސް ފޯރސްގެ މަގާމުގައި ހުންނެވިއިރު، ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑުގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި (އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް) އޭނާގެ ބައްޕާފުޅު ދިރިއުޅުއްވުމަށް ބަހައްޓަވައި، އެ މުއްދަތުގައި އޭނާގެ ބައްޕާފުޅު ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާއި ހަވާލުކުރެއްވި މައްސަލައެކެވެ.

މި މައްސަލައިގެ ދިފާއީ ހެއްކެއްގެ ގޮތުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުލް ލަތީފް ވަނީ ހެކިބަސް ދެއްވާފައެވެ.

މޭޖަރ ޖެނެރަލް އަބްދުއްރަޙީމް ވިދާޅުވީ، ސިފައިންގެ އިސް އޮފިސަރުންނަށް ޚާއްސަ އިނާޔަތްތައް ބޭނުން ކުރެވޭ ގޮތަށް ހުންނަ ކަމަށެވެ. މިސާލަކަށް އެ އޮފިސަރުންނަށް ދީފައި ހުންނަ ކާރުކޮޅުގައި ރަސްމީ ބޭނުންތަކުގައާއި، އާއިލީ ބޭނުންތަކުގައި ދަތުރު ކުރެއްވޭކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް އެކިއެކި މަސައްކަތްތަކާއި ގުޅިގެން ލިބިވަޑައިގަންނަވާ ޚާއްސަ އިނާޔަތްތައް ހުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ދިރިއުޅޭވޭގޮތަށް ހަމަޖައްސާފައި ހުންނަ އެކޮމޮޑޭޝަންތައްވެސް ހުންނަކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އޭރިއާ ކޮމާންޑުތަކުގައިވެސް ބައެއް ރޭންކުތަކުގެ އޮފިސަރުން ތިއްބަވާއިރު، އާއިލާ ބޭފުޅުންނަށް ބޭނުން ކުރެވޭ ކަމަށާއި، ނަމަވެސް އެކަމާ ގުޅޭ ލިޔެވިފައިވާ ވަކި އުސޫލެއް ނޯންނާނެކަަމަށް އޭނާ ވިދާޅުވިއެވެ.

އޭރިއާ ކޮމާންޑަރުންގެ އެކޮމޮޑޭޝަންއާބެހޭ އުސޫލުތަކެއް ވަކިން ލިޔެވިފައެއް ނޯންނަކަން ފާހަަގަ ކުރައްވައި އޭނާ ވިދާޅުވީ، މިސާލަކަށް ކާރުކޮޅު ބޭނުން ކުރެވޭނެ އަދަދާއި، ބޭނުން ކުރެވޭނެ ގޮތާއި ގުޅޭ ވަކި އުސޫލެއް ނޯންނަނަމަވެސް، އަބަދުވެސް އަމަލުކުރާ އުސޫލުތަކެއް ސިފައިންގެ ތެރޭގައި އަބަދުވެސް ގެންގުޅޭކަމަށެވެ.

މި މައްސަލައިގައި ދައުވާލިބޭ ޝިޔާމް ސިފައިންގެ ވަޒީފާއަށް ގުޅިވަޑައިގަތީވެސް އަދި ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީވެސް އަބްދުއްރަޙީމް ސިފައިންގޭގައި އުޅުއްވަނިކޮށްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑުގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައި މީހުން ބޭތިއްބުމަށްވެސް ލިޔެކިއުމުން ވަކި އުސޫލެއް ނޯންނަ ކަމަށާއި، ނަމަވެސް އެތަނުގައިވެސް އޮފިސަރުންގެ އާއިލާ މެމްބަރުން ތިއްބަވާކަމަށް އޭނާ ވިދާޅުވިއެވެ.

އެތަނުގައި ތިބެވެނީ ޗީފް ނުވަތަ ވައިސް ޗީފްގެ ހުއްދަ ލިބިގެންކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތަށް އަމަލުކުރިނަމަވެސް އެއީ ލިޔެވިފައި އޮންނަ އުސޫލެއް ނޫންކަމަށް ވިދާޅުވިއެވެ.

މިއަދާ ހަމައަށްވެސް މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައި މީހުން ބޭތިއްބުމަށްވެސް ލިޔެވިފައިވާ ވަކި އުސޫލެއް ނޯންނާނެކަަން އޭނާ އިތުރަށް ފާހަގަ ކުރެއްވިއެވެ.

ބައެއް އިނާޔަތްތަކަކީ ސިފައިންގެ ޤާނޫނާއި، ޤަވާއިދުގެ ދަށުން އަދި އާދަކާދައިގެ ތެރެއިން ސިފައިންނަށް ލިބެމުން އަންނަ އިނާޔަތްތައްކަމަށް ހެކިބަސް ދެއްވަމުން އޭނާ ވިދާޅުވިއެވެ.

އެތަނުގައި މަޑުކުރުމަށް ކަނޑައެޅިފައިވާ ވަކި މުއްދަތެއް ނޯންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއަށްފަހު ދައުލަތުންވެސް ވަނީ ސުވާލު ކުރުން ކުރިއަށް ގެންގޮސްފައެވެ.

އާދިއްތަ ދުވަހު އިތުރު ހެއްކެއްގެ ހެކިބަސް ނެގުމަށްވެސް ތާވަލު ކުރެވިފައިވީނަމަވެސް، އެ ހެކިވެރިޔާގެ ހެކިބަސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

މި މައްސަލައާއި ގުޅިގެން ޝިޔާމުގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް