Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޣައްޒާގެ ޞިއްޙީ ނިޒާމް އޮތް ޙާލަތު

ޣައްޒާގެ ޞިއްޙީ ނިޒާމު އޮތީ ކުޑަކަކޫ މައްޗަށް ތިރިވެފައި: ޑަބްލިއުއެޗްއޯގެ ވެރިޔާ

ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑުވެފައި ވާއިރު، އިސްރާއީލުން އަދިވެސް ގެންދަނީ ޙަމަލާތައް ވަރުގަދަކުރަމުން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 11 ނޮވެމްބަރު 2023 | ހޮނިހިރު 06:34
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އިސްވެރިޔާ، ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އިސްވެރިޔާ، ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް

ޣައްޒާގެ ޞިއްޙީ ޚިދުމަތުގެ ނިޒާމު އޮތީ ކުޑަކަކޫ މައްޗަށް ތިރިވެފައި ކަމަށް ވިދާޅުވެ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އިސްވެރިޔާ ހުކުރު ދުވަހު އިންޒާރު ދެއްވައިފިއެވެ.

ސަލާމަތީ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް، ޣައްޒާގެ ހާލަތު ސިފަކުރެއްވީ މާޔޫސްވާފަދަ ކަމެއްގެ ގޮތުގައެވެ.

އެހެން ނަމަވެސް އެފަދަ ނާޒުކު ޙާލަތުގައިވެސް ފުރާނަ ސަލާމަތްކުރުމުގެ ޚިދުމަތް، ޙާލަތު ނިޔާކުރާ މިންވަރެއްގައި ދެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ، ޣައްޒާއާއި ހުޅަނގު އައްސޭރީގެ ހޮސްޕިޓަލްތަކަށާއި ކްލިނިކްތަކަށާއި އެމްބިއުލާންސްތަކަށާއި ބަލިމީހުންނަށާއި އަދިވެސް އެފަދަ ޞިއްޙީ ޚިދުމަތްތަކަށް އަމާޒުކޮށް 250ށްވުރެ ގިނަ ޙަމަލާ އިސްރާއީލުން ދީފައިވާކަމަށެވެ.  

ގޮތްހުސްވެފައިވާ ޞިއްޙީ ޚިދުމަތްތެރިންނާއި ޚިދުމަތް ހޯދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެންމެ ރަނގަޅު ގޮތަކީ، އެ މީހުންނަށް ބޭނުންވާ ވަސީލަތްތައް (ބޭހާއި މެޑިކަލް އިކުއިޕްމަންޓާއި ހޮސްޕިޓަލް ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ފަދަ ތަކެތި) ފޯރުކޮށް ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިޞްރާއެކު އޮންނަ ރަފަޙް ކްރޮސިންގގެ ތެރެއިން އެހީ ގެނައުން އިތުރުކުރުމަށާއި، ހަނގުރާމަ ހުއްޓާލުމަށް އދ.ން ގޮވާލި ގޮވާލުން ތަކުރާރުކުރުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

އިތިއޯޕިއާގެ ޓިގްރޭ ސަރަޙައްދަށް ނިސްބަތްވާ، ޑަބްލިއުއެޗްއޯގެ ވެރިޔާ ވިދާޅުވިގޮތުގައި، ޣައްޒާގެ ކުދިންނަށް ކުރިމަތިލާންޖެހޭނެ ހިތްދަތި އިޙްސާސްތައް އޭނާއަށް ވިސްނިވަޑައިގަންނަވައެވެ. އަދި އޭނާ އަށްވެސް ތުއްޕުޅުއިރު ދިމާވީ ހަމަ އެކަހަލަ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ.

ބަޑީގެ އަޑާއި ބޮންތައް ވައިގެ ތެރޭގައި ގުގުމަމުން ދިޔަ އަޑެވެ. އެތަކެތި ގޮވުމަށްފަހު، ދުމުގެ ވަހެވެ. ރޭގަނޑުގެ ވަގުތުގައި އުޑުމަތިން ފެންނަ ގަދައަލީގެ ވިދުވަރުތަކެވެ. އެ ބިރުވެރިކަމެވެ. މުޅި ޙަޔާތްޕުޅުގައި ވެސް މިކަންކަން އޭނާގެ ހަނދުމަފުޅުގައި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޙަމާސްގެ ހަނގުރާމަވެރިން ދިން ބިރުވެރި، އަނިޔާވެރި، އަދި ބޭއިންސާފު ހަމަލާތައް ކުށްވެރިކޮށް، ހަނގުރާމަވެރި ޖަމާޢަތުން ހިފަހައްޓާފައިވާ މީހުން ދޫކޮށްލުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

ފަލަސްޠީނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ ވެރިޔާ، މަރުވާން ޖިލާނީވެސް ވަނީ ސަލާމަތީ މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް ތަގުރީރު ކުރައްވައި، "އިތުރު މަރުތަކާއި ތަކުލީފުތަކުން ޣައްޒާ ސަލާމަތްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް" މެމްބަރުންނަށް ގޮވާލައްވާފައެވެ.

ސަލާމަތީ މަޖިލީހުގައި މިފަދަ ބަޙުސްތަކެއް ހިނގަމުންދާއިރު، ހަނގުރާމައާމެދު ކައުންސިލް ބައިބައިވެ، އެކަމާގުޅޭ ޤަރާރެއް ނެރުމުގައި ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

ހުކުރު ދުވަހު އިސްރާއީލުގެ ސްނައިޕަރުން ހަމަލާދިން ކަމަށް ރެޑް ކްރެސެންޓުން ބުނި، ޣައްޒާ ސިޓީގެ އަލްޤުދުސް ހޮސްޕިޓަލުގެ ޙާލަތު ވަރަށް ބޮޑަށް ޖިލާނީ ފާހަގަކުރެއްވިއެވެ.

ސަލާމަތީ މަޖިލީހުގެ ބައްދަލުވުން ފެށީ ޙަމާސްގެ ޙަމަލާގައި މަރުވި މީހުންނާއި އިސްރާއީލުން ޣައްޒާއަށް ދިން ރައްދުގެ ޙަމަލާތަކުގައި ޝަހީދުވި އާންމުންގެ އިތުރުން، ހަނގުރާމައިގައި މަރުވި ނޫސްވެރިންނާއި އދ.ގެ ސިފައިންގެ އަގު ވަޒަންކުރުމަށް އެއް މިނެޓުގެ ސުކޫތަކަށްފަހުއެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސްއިން ބުނީ، ފާއިތުވި ދުވަސްތަކުގައި އެ ޖަމާޢަތުގެ ޓީމުތަކުން ޣައްޒާގެ އެކި ކަންކޮޅުތަކުގައި ހުރި މެޑިކަލް ސްޓްރަކްޗަރތަކަށް މުހިންމު ސާމާނު ބަހާފައިވާކަމަށާއި، ވަރުގަދަ ހަނގުރާމައިގެ ސަބަބުން މިހާރު ގޯސްވެފައިވާ ޣައްޒާގެ ޙާލަތު އިތުރަށް ގޯސްވެފައި ވާކަމަށެވެ.

މިކަމުގެ ސަބަބުން ހޮސްޕިޓަލްތަކަށާއި އެމްބިއުލާންސަށް ވަރަށް ބޮޑަށް އަސަރުކޮށް ޢާންމުންނާއި ބަލިމީހުންނާއި މެޑިކަލް ސްޓާފުންނަށް ވަރަށް ބޮޑަށް އަސަރު ކުރަމުންދާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އިސްރާއީލުން ޙަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން، ޣައްޒާގެ އެކި ކަންކޮޅުތަކުގައި ހުރި މެޑިކަލް ފެސިލިޓީތަކަށާއި ސިފައިންނަށް ދަނީ ތަކުރާރުކޮށް ޙަމަލާދެމުންނެވެ.

އައިސީއާރްސީން ބުނީ މިފަދަ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ޞިއްޙީ ނިޒާމަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށާއި، މަހަކަށްވުރެ ގިނަ ދުވަސް ވަންދެން ހިނގި ވަރުގަދަ ހަނގުރާމަތަކަށްފަހު ވަރަށް ބޮޑަށް ބަލިކަށިވެފައި ވާކަމަށެވެ.

ޣައްޒާގައި ހުންނަ އައިސީއާރްސީގެ ސަބް ޑެލިގޭޝަންގެ ވެރިޔާ ވިލިއަމް ޝޮމްބާގް ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޣައްޒާގެ ހޮސްޕިޓަލްތަކަށް ލިބިފައިވާ ގެއްލުންތައް ކެތްނުކުރެވޭ ވަރުގެ ހާލަތަކަށް ބަދަލުވަމުންދާކަމަށާއި، އެކަން ހުއްޓުވަންޖެހޭ ކަމަށެވެ. އަދި އެތައް ހާސް ޢާންމުންނާއި ބަލިމީހުންނާއި މެޑިކަލް ސްޓާފުންގެ ފުރާނަ ވަނީ ނުރައްކަލަށް ހުށަހެޅިފައި ކަމަށެވެ.  

ހަމަނުޖެހުންތަކުން ކުޑަކުދިންގެ ހޮސްޕިޓަލްތައް ސަލާމަތްވެފައި ނުވާކަން އައިސީއާރްސީން ފާހަގަކުރިއިރު، އޭގެ ތެރޭގައި ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު އައްނާޞިރު ހޮސްޕިޓަލާއި އޮޕަރޭޝަންތައް ހުއްޓާލަން މަޖުބޫރުވި އައްރަންތިސީ ހޮސްޕިޓަލް ހިމެނެއެވެ.

އައިސީއާރްސީން ބުނީ، ހޮސްޕިޓަލްތަކުގެ ވަށައިގެން އަސްކަރީ އޮޕަރޭޝަންތައް ހިންގާއިރު، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުގެ ދަށުން ޙިމާޔަތް ލިބިފައިވާ ޢާންމުން ތިބިކަން ވިސްނަންޖެހޭނެ ކަމަށެވެ.

އިންސާނީ ޚިދުމަތްތެރިންނާއި، ޞިއްޙީ ޚިދުމަތްތެރިން ހިމެނޭގޮތަށް ޢާންމުންނަށް ޙިމާޔަތް ދިނުމަކީ ހަމައެކަނި ޤާނޫނީ ވާޖިބެއް ނޫންކަމަށާއި، އެއީ މި ނުރައްކާތެރި ދަނޑިވަޅުގައި އިންސާނުންގެ ފުރާނަ ޙިމާޔަތްކުރުމަށްޓަކައި އަޚްލާޤީގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އައިސީއާރްސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2018

ދެން ނަގާ ރާޅު ބޮޑުވާނެ! އަދި ވެސް ބޯޅަ އޮތީ އިދިކޮޅުގައި!

19 އެޕްރީލު 2018
ދެން ނަގާ ރާޅު ބޮޑުވާނެ! އަދި ވެސް ބޯޅަ އޮތީ އިދިކޮޅުގައި!
18 އެޕްރީލު 2018

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

18 އެޕްރީލު 2018
އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
27 މާރިޗު 2018

ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!

27 މާރިޗު 2018
ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!
24 ނޮވެމްބަރު 2017

މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

24 ނޮވެމްބަރު 2017
މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި
10 އޮކްޓޯބަރު 2017

ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟

10 އޮކްޓޯބަރު 2017
ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު