އަންނަ އަހަރު, އުރީދޫ ނޭޝަނުން އިންޓަރ އޮފީސް، އިންޓަރ ކޮލެޖް އަދި އިންޓަރ ސްކޫލް އީ ސްޕޯޓްސް މުބާރާތްތަކެއް ބާއްވަން ނިންމައިފިއެވެ.
މިކަން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އިއުލާން ކުރެއްވީ މިދިޔަ ހަފުތާ ބަންދުގައި ކުރިއަށްދިޔަ އުރީދޫ ނޭޝަން ގޭމާސް ލޭންޑް– ދަ އަލްޓިމޭޓް ގޭމިންގް ފެސްޓިވަލް ނިންމާލުމަށް ބޭއްވި އުރީދޫ ނޭޝަން ގޭމަރސް އެވޯޑްސް 2023ގައެވެ. އެގޮތުން، ގޭމު ކުޅުމަށް ލޯބި ކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހުޅުވާލުމުގެ ގޮތުން އަންނަ އަހަރު އިންޓަރ ސްކޫލް، އިންޓަރ ކޮލެޖް އަދި އިންޓަރ އޮފިސް އީސްޕޯރޓްސް މުބާރާތްތައް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ ގޭމިން މިހާރު ނިމުމެއް ނެތް ފުރުސަތުތަކުން ފުރިފައިވާ އިންޑަސްޓްރީއަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ޕްރޮފެޝަނަލް ކުޅުންތެރިން ގޭމިންގެ ދުނިޔޭގައި ކުރިއަރަމުން އަންނައިރު އުރީދޫ ނޭޝަން ގޭމަރސް އެވޯޑްސް 2023 ގައި ފަހާގަކުރެވިގެން ދިޔައީ ރާއްޖޭގެ ހުނަރުވެރި އީސްޕޯޓްސް ގޭމަރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އުރީދޫ ނޭޝަން ގޭމާރސް ލޭންޑަކީ ފެސްޓިވަލް އެއްގޮތުގައި ރާއްޖޭގައި ބޭއްވުނު ފުރަތަމަ ގޭމިންގް އިވެންޓުކަން ފާހަގަކުރައްވައި ނިޔާޒު ވިދާޅުވީ އެ އިވެންޓްގެ ކާމިޔާބީއާއެކު އެކި އުމުރުފުރައިގެ ގޭމަރުންނަށް އިތުރު ފުރުސަތުތައް ހުޅުވާލުމަށް މުބާރާތްތައް ބޭއްވިގެންދާނެ ކަމަށެވެ. އަދި ގޭމަރސް ލޭންޑްގެ ތެރެއިން ގޭމިންގ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ހުނަރުވެރި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި މިއަހަރު ފެށުނު އުރީދޫ ނޭޝަން ގޭމަރސް އެވޯޑް ވެސް ކޮންމެ އަހަރަކު ކުރިއަށް ދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސް ހެޑްކުއަރޓާސް ގައި ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ގޭމިންގް ފެސްޓިވަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އީ ސްޕޯޓްސްއަށް ޝައުގުވެރިވާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އެ ފެސްޓިވަލްގައި ތަފާތު މުބާރާތްތައް ކުރިއަށް ދިޔައިރު، އޭގެ ތެރޭގައި 100،000 ރުފިޔާގެ ގެ ޕްރައިޒް ޕޫލަކާއެކު ކުރިއަށް ދިޔަ ޕަބްޖީ މުބާރާތުގެ ފައިނަލް މެޗުތަކާއި، ޓެކްކެން މުބާރާތާއި ފީފާ، ރޭސިންގް ޗެލެންޖް އަދި ކޮސްޕްލޭ ޝޯ ހިމެނެއެވެ.
މި މުބާރާތްތަކުން މޮޅުވި ފަރާތްތަކަށް ފައިސާގެ އިނާމުގެ ގޮތުގައި އުރީދޫ ނޭޝަން އިން ވަނީ ޖުމްލަ 185،000 ރުފިޔާގެ އިނާމު ދީފައެވެ.
އުރީދޫ ނެޝަނުން ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އައު ފުރުސަތުތަކާ ގުޅުވާލުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސް އިން އަރުވައެވެ.